ދުޅަހެޔޮ ގުޅުމެއް ނަމަ ދެ މީހުންގެ ދެމެދުގައި އޮންނާނީ އެއްވަރެއްގެ ލޯތްބެއް

ލޯބި

ތިމާ ލޯބިވެފައި އޭނާ ލޯބިނުވާ ނަމަ ދެން ހަދާނީ ކިހިނެއް؟

އެއްކޮޅުން ލޯބިވާ ނަމަ ފެންނަ ބައެއް ކަންކަން ހުރޭ، މިކަން މެދުވެރިވާ ސަބަބުތަކެއް ވެސް ވޭ
12 އޮކްޓޯބަރު 2023

މުހިންމު ނުކުތާތައް

ބައެއް ފަހަރަށް މީހެއް ދެކެ އިންތިހާއަށް ލޯބިވެވެނީ ސިކުނޑީގައި އެ މީހާ ތަސައްވުރު ކުރެވޭ ގޮތަކުން، އަސްލު މީހާ އެއާ މުޅިން ތަފާތު ވެދާނެ

އޭނާ ލޯބިނުވާ ނަމަ، ތިމާ ދެނެގަންނަން މަސައްކަތެއް ނުކުރާނެ

ހިތްކިޔާ މީހާ އެވަރަށް ލޯބިނުވާ ނަމަ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރޭ

ތިމާ އޭނާ ދެކެ އިންތިހާއަށް ލޯބިވެ އެވެ. އެކީގައި ވަގުތާއި ދުވަސްތައް އަދި މުޅި އުމުރު ހޭދަ ކުރަން ބޭނުންވެ އެވެ. އެކަމަކު އޭނާ، ތިމާއާ ދޭތެރޭ ދެކޭ ގޮތް ތަފާތެވެ. ތިޔަ އިހްސާސެއް، ލޯތްބެއް ނެތެވެ. މިއީ ވަރަށް ގިނަ މީހުންގެ ހަގީގަތެކެވެ.

'ވަން ސައިޑެޑް އެކްސްޕީރިއަންސް' ނުވަތަ އެއްކޮޅުން ލޯބިވުމުން އެކަމުގެ ނަތީޖާ ގިނަ ފަހަރަށް ހިއްޗެވެ. ކުރިމަތިލާންޖެހެނީ ހިތާމަ އާއި ހިތްދަތިކަމާ އެވެ. އަދި ބައެއް ފަހަރަށް މިކަމުގެ ސަބަބުން ލަދުގަންނަން ވެސް ޖެހެ އެވެ.

އެކަކު އެކަނި ލޯބިވުމުގެ ނަތީޖާ ހިތި

އެކަކު ލޯބިވެފައި އަނެކަކު ލޯބިނުވާކަން ފަސޭހައިން ދެނެގަނެވިދާނެއޭ ހީވެދާނެ އެވެ. އެކަމަކު ހަގީގަތަކީ މިއެއް ނޫނެވެ. ހީކުރާހާ މިކަން ސާފުނުވެދާނެ އެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެންޖެހި ފުން އަސަރުތަކެއް މިކަމުގެ ސަބަބުން ކުރެ އެވެ.

މިފަދަ ހާލަތެއް ތިމާއަށް ކުރިމަތިވެއްޖެ ނަމަ ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި މިފަދަ ހާލަތަކާ ކުރިމަތިލާން އެނގޭނެ ހެއްޔެވެ؟

ދެނެގަންނަންވީ މުހިއްމު ކަންކަން ތިރީގައި މިވަނީ އެވެ.

ލޯބި އަނބުރާ ލިބެން ނޯންނަ ހާލަތްތައް

އެއްކޮޅުން ލޯބިވުމާއި ލިބެން ނެތް ލޯތްބެއްގެ ހާލަތު އެކި ގޮތްގޮތަށް ފެނެ އެވެ. މީގެ ތެރޭގައި ހިމެނޭ ކަަންކަމަކީ:

  • މީހެއް ދެކެ ލޯބިވެ، އެމީހާ ތިމާއާ މެދު އެފަދަ ގޮތަކަށް ނުދެކުން

  • ތިމާ ލޯބިވެގެން އުޅޭ މީހާ އަކީ ހުސް މީހެއް ކަމުގައި ނުވުން

  • ދެ މީހުންނަކީ ވެސް އެހެން މީހަކާ ގުޅިގެން ނުވަތަ ކައިވެނިކޮށްގެން އުޅޭ ބަޔަކަށް ވުން، އެކަމަކު ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވުން

  • ގުޅުން ނިމުމަށް ފަހު ވެސް ކުރީގެ ބައިވެރިޔާ ދޫކޮށްލަން ބޭނުންނުވުން

މިފަދަ ހާލަތްތަކަކީ ވަރަށް އާއްމުކޮށް މެދުވެރިވެދާނެ ކަންކަމެވެ. މި ހާލަތްތަކުން އަރައިގަނެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް، މި ކަންކަމުގެ ނިޝާންތައް އެނގުން މުހިއްމެވެ.

އެކަކު ލޯބިވެ، އަނެކަކު ލޯބިނުވާކަން ދެނެގަންނާނެ އަލާމާތްތަކެއް ހުރޭ

ކައިރީގައި އެކީގައި ގިނަ ވަގުތު ހޭދަކުރިޔަސް މާނަވީ ގުޅުމެއް ނެތި ހިނގައިދާނެ އެވެ. އުޅުމާއި ގުޅުމުން ލޯބިވާކަން އިހުސާސްނުކުރެވެނީ އާއްމުކޮށް، އެއްކޮޅުން ލޯބިވާ ނަމަ އެވެ. މީގެ އިތުރުން ތިރީގައި މިވާ ކަންކަން ފެންނާނެ އެވެ.

ގުޅުން ބަަދަހި ކުރުމަށް މަސައްކަތް ކުރަނީ ހަމައެކަނި ތިމާ

ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް އަބަދު މަސައްކަތް ކުރަނީ ތިމާ ހެއްޔެވެ؟ ހާލު ބަލާލާ، ދުވަސް ހޭދަވި ގޮތާއި ހަޔާތުގައި ދިމާވާ މުހިއްމު ކަންކަން ބަލާ އޮޅުންފިލުވާ ހަދަނީ ހަމައެކަނި ތިމާ ހެއްޔެވެ؟

މިގޮތަށް އޭނާގެ ހާލު އަބަދު ބަލާ، ވަގުތު ނަގާލައިގެން ގުޅުން ބާއްވަން މަަސައްކަތް ކުރަނީ ހަމަ އެކަނި ތިމާ ނަމަ، އޭގެ މާނައަކީ ތިމާ ދޭ އަޅާލުމާއި ލޯބި އަނބުރާ ނުލިބޭ ކަމެވެ.

ދުޅަހެޔޮ ގުޅުމެއް ނަމަ، ދެ މީހުން މުއާމަލާތް ކުރުމާއި އެކަކު އަނެކަކަށް އަޅާލުމާއި ލޯބި ދެނީ ވަރަށް ހަމަހަމައަށް އެއްވަރަކަށެވެ. ގުޅުން ދަމަހައްޓަން ހަކަތަ ހޭދަ ކުރާނީ ދާދި އެއްވަރަކަށެވެ. އަދި ގުޅުން ވަރުގަދަކޮށް ކުރިއަށް ގެންދިއުމަކީ އެކަކުގެ ޒިންމާއެއް ނޫނެވެ. މި ޒިންމާ ދެ މީހުން އެއްވަރަކަށް ނަގާނެ އެވެ.

ދުޅަހެޔޮ ގުޅުމެއްގައި ދެ މީހުން އެއްވަރަކަށް ގުޅުދން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރޭ

ގާތްވާން ބޭނުންނުވުން

ބައިވެރިޔާގެ އަތުގައި ހިފާލައި ބައްދާލާ އަދި ގާތްވެލަން ބޭނުންވޭ ހެއްޔެވެ؟ ގުޅުން ބަދަހިވަނީ ފިޒިކަލް ކޮންޓެކްޓްއާ ވެސް އެކު އެވެ. އެކަކު އަނެކަކަށް ކަމުގޮސް، ހިތްކިޔާ، ޝައުގުވެރިވާ ނަމަ މިކަން ވެސް ދެ ފަރާތުން ވެސް ފެންނާނެ އެވެ.

މިކަމުގައި އަބަދު ތިމާ އިސްނަގަަންޖެހި، އަދި އޭނާ ތިމާއާ ގާތްވުމަށް ދެކޮޅުހަދާ ނަމަ ދޭހަވަނީ ތިމާ ދެކެ އޭނާ ލޯބިނުވާ ކަމެވެ.

ހަގީގީ ލޯބި ނަމަ ދެ މީހުން އެކަކު އަނެކަކު ބޭނުންވަނީ ދާދި އެއްވަރަކަށް

އަނެކާގެ އެއްވެސް މައްސަލައެއް ނުފެނުން

ދެ މީހެއްގެ ދެމެދުގައި ދުޅަހެޔޮ ގުޅުމެއް އޮތަސް، މައްސަލަތައް ހުންނާނެ އެވެ. އަނެކާގެ ރަނގަޅު ނޫން ކަންކަން ފެންނާނެ އެވެ. އަނެކާއަށް އެންމެ އަސަރުކުރާ ކަންކަމާއި ނާޒުކު ހާލަތްތަކަކީ ކޮބާކަން އެނގޭނެ އެވެ.

ދުޅަހެޔޮ ގުޅުމެއްގައި ވެސް ދެ މީހުންނަށް ކުށްކުރެވޭކަން ގަބޫލު ކުރެ އެވެ. އަދި އެ ކަންކަމުން ފިލާވަޅު ލިބިގަނެ، ދަސްކުރުމަށް ޖާގަ އޮވެ އެވެ. މީގެ ބަދަލުގައި، އެކަކު މާ ބޮޑަށް ލޯބިވާ ނަމަ އަދި އެ ލޯބި އަނެކާ އަނބުރާ ނުދޭ ނަމަ، ލޯބިވާ މީހާއަށް އަނެކާގެ އެއްވެސް މައްސަލައެއް ދުވަހަކުވެސް ނުފެންނާނެ އެވެ. 

އޭނާ ތިމާ ދެނެގަތުމަށް މަސައްކަތެއް ނުކުރޭ

ހަގީގީ ލޯތްބެއް ނަމަ އޭނާ ތިމާ ދެނެގަންނަން މަސައްކަތް ކުރާނެ

ހަމައެކަނި ތިމާ އޭނާ ދެކެ ލޯބިވާ ނަމަ، އޭނާ ތިމާ ދެނެގަތުމަށް މަސައްކަތެއް ނުކުރާނެ އެވެ. އެހެން މީހަކު ދެނެގަތުމަކީ ވަގުތު ނަގާ ކަމެކެވެ.

ދުޅަހެޔޮ ގުޅުމެއްގައި އެކަކު އަނެކަކާ އެކު ގިނަ ތަޖުރިބާތަކެއް ކުރެ އެވެ. އަބަދު ތިމާ މިކަން ކުރާ ނަމަ، އަދި އަނެކާއަށް ތިމާއާ ގުޅޭ ގިނަ ކަންކަން، މިސާލަކަށް ޝައުގުވެރިވާ ކަންކަމާއި އަމާޒުތައް ނޭނގޭ ނަމަ އަދި ދެނެގަތުމަށް މަސައްކަތްނުކޮށް، މާނަހުރި ވާހަކައެއް ނުދައްކާ ނަމަ މިއީ ބޮޑަށް އެކަކުގެ ފުށުން ފެންނަ ލޯތްބެކެވެ.

އަނެކާއަށް ތިމާގެ ވާހަކަތައް ކިޔައިދޭން ބޭނުންވެދާނެ އެވެ. އެކަމަކު ދުވަހަކުވެސް އެ ފުރުސަތު ނުލިބޭ ކަމުގެ އިހުސާސްތައް ކުރެވޭނެ އެވެ.

މިކަން މެދުވެރިވަނީ ކީއްވެ؟

ގިނަ ފަހަރަށް އަނެކާ ތިމާ ދެކެ ލޯބިނުވެ، ތިމާ ބަހައްޓާ ގާތްކަން ނުބާއްވަނީ ތިމާގެ މައްސަލައެއް އުޅޭތީއެއް ނޫނެވެ. އެކަމަކު މިކަމަށް ތިމާ އިޖާބަދޭ ގޮތް މުހިއްމުވެ އެވެ.

ބައެއް ފަހަރަށް މީހެއް ދެކެ ލޯބިވެވެނީ ބޮލުތެރޭ އެމީހަކާ މެދު ގެންގުޅޭ ހިޔާލުތަކާ ގުޅިގެންނެވެ. ހަގީގަތުގައި އެމީހާ އަކީ ހީކުރާހާ ފުރިހަމަ މީހަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިގޮތް މެދުވެރިވަނީ އެމީހަކު 'އައިޑަލައިޒް' ކޮށް ހަދާ ނަމަ އެވެ. ހުޝާމަދު ކުރާ ނަމަ އަނެކާގެ އުނި ސިފަތައް ނުފެނި ހިނގައިދެ އެވެ. އަދި އޭނާގެ މިޒާޖުގައި ހުންނަ ކަންކަމަކީ އަސްލު ތިމާ ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަން އެދޭ ސިފަތައް ނުވަތަ މިޒާޖަކަށް ނުވިޔަސް، އެކަން ފާހަގަނުވެ ހިނގައިދެ އެވެ.

ބައެއް ފަހަރު ލޯބިވެވޭ މީހާއަކީ ހީކުރާ ކަހަލަ މީހަކަށް ނުވުން އެކަށީގެންވޭ

އަނެއްބައި މީހުން މީހަކު ދެކެ ލޯބިވެގެން އެ މީހަކާ ހެދި އުޅެނީ ދުވަހަކުވެސް އެމީހަކާ އެކު ގުޅުމެއް ނުފެށޭނެކަމުގެ ޔަގީންކަން އޮންނާތީ އެވެ. ނުލިބޭ އެއްޗެހި ބޭނުންވާ އުސޫލުންނެވެ. އަދި ބައެއް މީހުންގެ 'އެޓޭޗްމަންޓް ސްޓައިލް' ހުންނަ ގޮތުން، ލޯބިވަނީ ތިމާއަށް އެ ލޯބި އަނބުރާ ނުދޭ މީހެއް ދެކެ އެވެ.

ސަަބަބަކީ ހަޔާތުގެ ބައިވެރިއެއް ހޯދައި އެކަކަށް ހުސްވާން ބޭނުންނުވަނީ އެވެ. ގާތްކަމެއް ނެތަސް މައްސަލައެއް ނެތީ އެވެ. އަނެކާ ދެކެ ދުރުން ލޯބިވާން ބޭނުންވަނީ އެވެ. އަދި އެހެން ގުޅުމެއް ފަށަން ވެސް ބޭނުންނުވަނީ އެވެ. 

މީހެއް ދެކެ ލޯބިވުމަކީ އަދި މީހަކު ތިމާ ދެކެ ލޯބިވުމަކީ އޭގެ ސަަބަބުން ފައިދާ އާއި ރިސްކުތަކެއް ވެސް އެކުލެވޭ ކަމެކެވެ. އަމިއްލަ ނަފްސުގެ ނާޒުކުކަން އަނެކާއަށް ފެންނާނެ އެވެ. އަދި ގުޅުން ކުރިއަށް ގެންދެވޭނީ ކޮމިޓްމަންޓް ވެސް ދީގެންނެވެ.

މީހަކު ތިމާ ދެކެ ލޯބިވާ ނަމަ ފައިދާއާ އެއްވަރަށް ރިސްކުތައް ވެސް ހުރޭ

މީހެއް ދެކެ ލޯބިވެގެން އަދި އެ ލޯބި އެމީހެއްގެ ފަރާތުން އަނބުރާ ނުލިބޭ ނަމަ، އެއީ ހަގީގީ ރިލޭޝަންޝިޕެއް ނޫނެވެ. ސަަބަބަކީ ތިމާގެ ނާޒުކު ހާލަތު އަނެކާއަށް ބުނެނުދެވި، ރިސްްކު ނަގަން ނުޖެހި އަދި އޭނާއަށް ކޮމިޓްވާން ވެސް ނުޖެހުމެވެ.

އެއްކޮޅުން ލޯބިވާ ނަމަ ކުރާ އަސަރު

މީހެއް ދެކެ އިންތިހާއަށް ލޯބިވެ އެ މީހަކު ތިމާ ދެކެ އަނބުރާ ލޯބިނުވާ ނަމަ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ އެވެ. ބަލައިނުގަތް ކަމުގެ އިހުސާސް ކުރެވި އަދި ތިމަންނާ އަކީ އެހެން މީހެއްގެ ލޯބި ހައްގުނުވާ މީހެއް ކަމުގެ އިހުސާސް ކުރެވެ އެވެ.

އަނެކާގެ ލޯބި ނުލިބޭ ނަމަ އެކަނިވެރިކަން އިހުސާސް ކުރެވެ އެވެ. ހާއްސަކޮށް އެހެން މީހުންނާ އޮންނަ ގުޅުން ކުޑަ ނަމަ މިކަން އިހްސާސް ކުރެވޭ މިންވަރު ބޮޑެވެ.

މީހެއް ދެކެ ލޯބިވެފައި އެމީހާގެ ފަރާތުން އެ ލޯބި ނުލިބޭ ނަމަ އެކަނިވެރިކަން އިހުސާސް ކުރެވޭ

އަނެކާ ދެކެ ލޯބިވެ އޭނާ އެ ލޯބި ނުދޭ ނަމަ ހިތްދަތިކަން އިހުސާސް ކުރެވިދާނެ އެވެ. ނަމަވެސް ދަންނަން ޖެހެނީ، މި ތަޖުރިބާ އިން އަރައިގަނެވިދާނެ ކަމެވެ. އަދި މި ހާލަތުން ކަންކަން ދަސްކޮށްގެން އެހެން މީހަކާ އެކު، ތިމާ ދެކެ ލޯބިވާ މީހަކާ އެކު، ދުޅަހެޔޮ ގުޅުމެއް ފެށިދާނެ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް