ގުޅުން ވަރުގަދަ ކުރުމަށް އެކަކު އަނެކަކު އަބަދުވެސް އިސްކުރަންވީ އޯގާތެރިކަން

ބައިވެރިޔާ ތިމާއަށް އިހުތިރާމް ކުރޭތަ؟

ދެ މީހެއްގެ ގުޅުމުގެ އެންމެ މުހިއްމު އެއް ކަމަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުން
15 ސެޕްޓެމްބަރު 2023

މުހިންމު ނުކުތާތައް

ބައިވެރިޔާ ތިމާއަށް އިހުތިރާމް ނުކުރާ ނަމަ ފެންނަ ބައެއް އަލާމާތްތައް ހުރޭ

އިހުތިރާމް ނުކުރާ ނަމަ ގުޅުން ކުރިއަށް ގެންދަން އުނދަގޫވޭ

ގުޅުން ވަރުގަދަ ކުރުމަށް، މުއާމަލާތް ކުރުން އިސް ދައުރެއް އަދާ ކުރޭ

ދުޅަހެޔޮ ގުޅުމެއްގައި އެއް ބައިވެރިޔާ އަނެކާގެ އިހްސާސްތައް ދެނެގަނެ އެވެ. ތިމާ ކުޑަކޮށްލާ، ލަދުގަންނުވާލާ އަދި އެއްވެސް އެއްޗެއް ނޭނގޭ މީހެއްގެ ގޮތުގައި ހަދާފައި ހުންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.

ތިމާ ބުނާ އެއްޗަކަށް ތިމާގެ އާއިލާ ކުރިމަތީގައި ބައިވެރިޔާ ފާޑުކިޔުމަށް ފަހު ނުވަތަ އޮފީސް މީހުންނާ އެކު ބާއްވާ ބައްދަލުވުމަކަށް ބައިވެރިޔާ ނުގޮސްފައި، އެއީ ސަމާސާ ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ކަމަށް ބުނެ ބަހަނާ ދައްކާ ފަހަރު އާދޭ ހެއްޔެވެ؟ އެގޮތަށް ކަންކަން ކުރަނީ ތިމާއަށް އިހުތިރާމް ނުކުރާތީތޯ އަހާށެވެ؟

ބައިވެރިޔާ ތިމާއަށް އިހުތިރާމް ނުކުރާ ނަމަ އާއްމުކޮށް ފެންނަ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

 • ތިމާގެ ވަގުތަށް އިހުތިރާމް ނުކުރުމާއި ތިމާއަށް ޖާގަ ނުދިނުން

 • ތިމާ ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުން

 • ތިމާ ވާހަކަ ދައްކާ އިރު އަޑުނޭހުން ނުވަތަ ވާހަކަ މެދުކަނޑުވާލުން

 • ތިމާގެ އެއްވެސް އަގެއް ނެތް ކަމުގައި ދުށުން

 • ތިމާއަށް ދޮގު ހެދުން

 • ތިމާއާ އަޅާނުލާ ހުރުން

 • ބޭވަފާތެރިވުން

 • މުހިއްމު ނިންމުންތައް ތިމާއާ ނުލާ ނިންމުން

 • ތިމާއަކީ އެހެން މީހުންނަށް ވުރެ މުހިއްމު މީހެއް ކަމުގައި ނުދެކުން

ބައިވެރިޔާ އިހުތިރާމް ނުކުރާ ނަމަ ގުޅުން ކުރިއަށް ގެންދިއުމަށް އުނދަގޫވޭ

އިހުތިރާމް ނުކުރުމުގެ އަސަރުތައް

ދެ މީހެއްގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާ އެއް ކަމަކީ އިހުތިރާމް ނުކުރުމެވެ. އެކަން ރައްދުވާ މީހާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ އެވެ. އަދި އޭނާއާ މެދު އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހި، ރުޅިގަދަވެ، އެއްވެސް އަގެއް ހުރި މީހަކު ކަމުގައި ބަލައިނުގަންނަ ކަމުގެ އިހްސާސް ކުރެވެ އެވެ. 

މިކަމުގެ ސަބަބުން ބައިވެރިޔާއާ މެދު ނަފުރަތު އުފެދުމަށް މެދުވެރިވެ އެވެ. ކައިވެންޏާއި ދެމަފިރިއެއްގެ ދެމެދުގައި އޮންނަ ގުޅުމާ ބެހޭގޮތުން 50 އަަހަރުގެ ތަޖުރިބާ ހޯދާފައިވާ ސައިކޮލޮޖިސްޓެއް ފާހަގަ ކުރާ ގޮތުން ދެ މީހަކު ވަރިވުމުގެ އެންމެ އާއްމު އެއް ސަބަަބަކީ ނަފްރަތެވެ.

ބައިވެރިޔާ ތިމާއަށް އިހްތިރާމް ނުކުރާ ކަމަށް އިހުސާސް ކުރެވޭ ނަމަ އެކަން ރަނގަޅު ކުރުމަށް ދެ ގޮތަކަށް އަމަލު ކުރެވިދާނެ އެވެ.

1. ދެ މީހުންގެ މެދުގައި މުއާމަލާތް ކުރުން ރަނގަޅު ކުރަންވީ

އެެންމެ ފުރަތަމަ ކަމަކަށް، އެކަކު އަނެކަކާ މުއާމަލާތް ކުރާ ގޮތް އިސްލާހު ކުރުމަށް މަސައްކަތް ކުރާށެވެ. ހާއްސަކޮށް މައްސަލަޖެހޭ އިރެއްގަ އެވެ. އެކަކު އަނެކެއްގެ ވާހަކަތައް އަޑުއަހައި އިހުސާސްތައް ދެނެގަތުމަށް 'އެކްޓިވް ލިސްނިން' އަކީ ބޭނުން ކުރެވިދާނެ އުކުޅެކެވެ.

ބައިވެރިޔާ ވާހަކަ ދައްކާ އިރު އޭނާގެ ވާހަކަ އަޑުނާހާ ޑިފެންސަށް ކުޅުން ހުއްޓާލާށެވެ. ވާހަކަ ދައްކާ އިރު އަޑުހަރުކޮށް ހަޅޭއްލެވުމުގެ ބަދަލުގައި ހަމަޖެހިލައިގެން މަޑުމައިތިރިކަމާ އެކު ވާހަކަ ދައްކާށެވެ.

2 އިންތަކެއް ސާފުކޮށް ބަޔާންވެފައި ހުރުން މުހިއްމު

ދުޅަހެޔޮ ގުޅުމެއް ނަމަ ކޮންމެވެސް ހައްދުތަކެއް ހުރެ އެވެ. ކައިވެނީގެ ގުޅުމުގެ ތެރޭގައި ބަހައްޓަން ރަނގަޅު ބައެއް ހައްދުތަކަކީ:

 • ބައިވެރިޔާގެ އަމިއްލަވަންތަކަން ނުގެއްލޭނެ ގޮތަށް އުޅުމަށް ޖާގަ ދިނުން

 • ރުޅި އަންނަ ކޮންމެ ވަގުތެއްގައި ހަޅޭއްނުލެވުން

 • ބައިވެރިޔާ މަސައްކަތް ކުރާ އިރު ނުވަތަ އެހެން ވެސް ބޭނުންވާ ވަގުތެއްގައި މަޑުޖެހިލައި ހަމަޖެހިލާނެ ވަގުތު ދިނުން

ރިލޭޝަންޝިޕެއްގައި ގެންގުޅޭ އިންތައް ނުވަތަ މިންތައް ސާފުވާން ޖެހޭ

މިސާލެއް ދައްކާ ނަމަ، ތިއީ ގެއިން މަސައްކަތް ކުރާ މީހެއް ނަމަ، މަސައްކަތް ކުރާ މޭޒު ބޭނުން ކުރުމަށް ފަހު، ބައިވެރިޔާ ތިމާއަށް އެތަން ބޭނުން ކުރުމަށް ފަސޭހަ ވާނެ ގޮތަށް ސާފުކޮށްދޭން ޖެހެ އެވެ. މިއީ އަބަދު ތަރުކާރުކޮށް ކިޔައިދޭން ޖެހޭނެ ކަމެއް ނޫނެވެ.

ހައްދުތަކާއި މިންތައް ގެންގުޅޭ ގޮތުން ދެ މީހެއްގެ ދެމުގައި މައްސަލަ ޖެހެ އެވެ. ނަމަވެސް ދުޅަހެޔޮ ގުޅުމެއްގައި ދެ މީހުން އެކަންކަމާ މެދު މަޝްވަރާ ކުރާނެ އެވެ.

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވަނީ އިހުތިރާމާއި ބައިވެރިޔާގެ އަގުވަޒަން ކުރުމާއި ބައިވެރިޔާއަށް ދޭން ޖެހޭ ސަމާލުކަން ދިނުމުގެ ތެރެއިންނެވެ.

ގުޅުން ވަރުގަދަވަނީ އެކަކު އަނެކަކަށް އިހުތިރާމް ކުރާ ނަމަ

ކައިވެންޏެއްގައި އެކަކު އަނެކަކަށް އިހްތިރާމް ކުރުން މުހިއްމުވާ އިރު، މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ދެ މީހުންނަކީ ތަފާތު ދެ މީހުންނެވެ.

ތިރީގައި މިވަނީ ބައިވެރިޔާއަށް އިހްތިރާމް ކުރާކަން ބުނެދިނުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

 • 1-

  އަބަދުވެސް އޯގާތެރިކަން އިސްކުރުން

 • 2-

  އޭނާގެ އަގުވަޒަން ކުރާކަން ބުނެދިނުން

 • 3-

  އޭނާގެ އިހުސާސްތައް އަޑުއަހާ ދަތުން

 • 4-

  އޭނާ ޝައުގުވެރިވާ ކަންކަމަށް ހިތްވަރުދިނުން

 • 5-

  އޭނާ ބޭނުންވާ ވަގުތާއި ޖާގަ ދިނުން

 • 6-

  ބައިވެރިޔާއާ ގުޅޭގޮތުން އެހެން މީހުން ގާތު ވާހަކަ ދައްކާއިރު އިހުތިރާމް ކުރުން

 • 7-

  އަބަދުވެސް ބުނާ ބަހުގައި ހިފެހެއްޓުން

ކޮންމެ ގުޅުމެއްގައި ވެސް އިހުތިރާމް މުހިއްމެވެ. އަދި ކޮންމެ މީހަކަށް ވެސް އިހުތިރާމް ހައްގެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް