ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމުގައި އަންހެންމީހާ އާއި ފިރިހެންމީހާގެ އުމުރު ތަފާތުވުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ބޮޑު މައްސަލައެއް

ގުޅުމެއްގައި އަންހެންމީހާ ދޮށިވުމަކީ މައްސަލައެއްތަ؟

ފިރިހެންމީހާ އަށް ވުރެ އަންހެން މީހާ ދޮށިވުމަކީ ގިނަ ފަހަރަށް މުޖުތަމައު ގަބޫލު ކުރާ ކަަމެއް ނޫން
31 އޯގަސްޓު 2023

މުހިންމު ނުކުތާތައް

މުހިއްމުވަނީ އެހެން މީހުން އެ ގުޅުމަކާ މެދު ދެކޭ ގޮތެއް ނޫން

މިކަމުގައި ގޮތް ނިންމަންވާނީ ގުޅުމުގައި ހިމެނޭ ދެ މީހުން

އުމުރުގެ ތަފާތާ މެދު ވިސްނާއިރު، ހަޔާތުގައި ދެ މީހުން ތިބި ހިސާބު މުހިއްމު

"އަހަންނަކީ 37 އަހަރުގެ އަންހެނެއް. އަހަރެންގެ ބައިވެރިޔާ އަކީ 29 އަހަރުގެ މީހެއް. އަހަރެންނަށް ކަމުދާ ބައިވަރު ކަންކަން އެބަހުރި އޭނާގެ ކިބައިގައި. އެކަމަކު އަހަރެންގެ ސިކުނޑީގައި އެނބުރެނީ އެންމެ ހިޔާލެއް. އަހަރެމެން ދެ މީހުންގެ އުމުރުގެ ތަފާތު ބޮޑުކަން. އެކަމާ މެދު ވިސްނޭ. އުނދަގޫވޭ. މިކަން ހައްލު ކުރަނީ ކިހިނެއް؟" މިއީ މީހަކު އޭނާގެ ގުޅުމާ މެދު ތަޖުރިބާކާރެއްގެ ހިޔާލު ހޯދުމަށް ކުރި ސުވާލެކެވެ.

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމުގައި ފިރިހެންމީހާ އަށް ވުރެ އަންހެން މީހާ ދޮށި ވުމަކީ ވަރަށް ގިނަ ފަހަރަށް މުޖުތަމައު ގަބޫލު ކުރާ ކަަމަކަށް އޮންނަނީ ނުވެފަ އެވެ. މިއީ މިފަދަ ގުޅުމެއްގައި އުޅޭ އަންހެނުން ކަންބޮޑުވެ ލަދުގަންނަ ކަމެކެވެ.

މިކަމާ މެދު ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ މުޖުތަމައުގެ ޕްރެޝަރު ހެއްޔެވެ؟ މުޖުތަމައު އިން ދެކޭ ގޮތް އަދި މީހުންގެ މަލާމާތް ރައްދުވެދާނެތީ ހެއްޔެވެ؟ ނުވަތަ އުމުރު ތަފާތުވުމުން ކާމިޔާބު ހަޔާތެއް ދެ މީހުންނަށް ހޭދަނުކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭތީ ހެއްޔެވެ؟

ފިރިހެން މީހާއަށް ވުރެ އަންހެން މީހާ ދޮށިވުމަކީ އުފާވެރި ހަޔާތެއް ހޭދަ ނުކުރެވޭނެ ސަބަބެއް ނޫން (ފޮޓޯ/ފޭސްބުކް/ކައިވެނީގެ ރަން)

މުހިއްމުވަނީ އެހެން މީހުން އެ ގުޅުމަކާ މެދު ދެކޭ ގޮތެއް ނޫނެވެ. މުހިއްމީ އެކަކު އަނެކަކާ ގުޅޭ މިންވަރެވެ. ދެ މީހުން ދިރިއުޅުމާ މެދު ގެންގުޅޭ ތަސައްވުރުތައް އެއްގޮތްވުން މުހިއްމެވެ. ދެ މީހުން ދިރިއުޅުން ބައްޓަން ކުރާ ގޮތް އެއްގޮތް ނަމަ އެ ގުޅުން ކުރިއަށް ދާނެ އެވެ.

މިވަރަށް ގުޅޭ އަދި ބޭނުންވާ ހުރިހާ ޝަރުތެއް ހަމަވާ މީހެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ތިމާއާ ގުޅޭ މީހަކު ފެނުމުން މުޖުތަމައު ބުނެފާނެ އެއްޗަކާ ހެދި،  އެމީހަކު ދޫކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

އުމުރުގައި ތަފާތެއް ހުއްޓަސް ނުވަތަ ނެތަސް އެންމެ މުހިއްމީ މައުނަވީ ގުޅުމެއް ބައިވެރިޔާއާ އެކު ބޭއްވުމެވެ. ގާތްކަމާއި ލޯބި އޮތުމެވެ. އަޅާލުމާއި އިހްތިރާމް ކުރުމެވެ. ދެ މީހުން އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދުމެވެ. އެކަކު އަނެކަކުގެ ކުށްތައް ނުދައްކައި އެއް މިސްރާބަަކަށް އެއް ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރުމެވެ. އުފާވެރި ހަޔާތެއް ލިބެނީ އޭރުންނެވެ.

އުމުރުގެ ތަފާތު "މާ ބޮޑު" ކަމަށް ބެލެވެނީ ކިހާ މިންވަރަކުން ހެއްޔެވެ؟ އުމުުރުގައި ތަފާތު ހުއްޓަސް އެވަރު ތަފާތެއް "އޯކޭ" ކަމުގައި ނިންމަނީ ކާކު ހެއްޔެވެ؟

މިކަމުގައި ގޮތް ނިންމަންވާނީ އެ ގުޅުމެއް ބިނާވެފައިވާ ދެ މީހުންނެވެ. އެހެން މީހުންގެ ފާޑުކިޔުންތައް ބޭނުމެއް ނުވެ އެވެ. އެކަމަކު އެއް ކަމެއް ސާފުކޮށްދޭނަމެވެ.

އުމުރު ތަފާތު ނަމަ، ބައިވެރިޔާ އާއި ތިމާ ހަޔާތުގައި ތިބީ ކޮން ހިސާބެއްގައިތޯ ވިސްނުން މުހިއްމު

އުމުރުގެ ތަފާތާ މެދު ވިސްނާއިރު، ބައިވެރިޔާ އާއި ތިމާ ހަޔާތުގައި މިހާރު ތިބީ ކޮން ހިސާބެއްގައިތޯ ބެލުން މުހިއްމެވެ. ހަޔާތުގެ އެކި މަރުހަލާތަކުގައި މުހިއްމުވާ ކަންކަން ތަފާތެވެ. 

މި ލިޔުމުގެ ފެށުމުގައި ދެއްކި މިސާލުގައި 37 އަހަރުގެ އަންހެނަކު ވަރަށް އަވަހަށް ދަރިއެއް ހޯދަން ބޭނުންވެދާނެ އެވެ. އެކަމަކު ފިރިހެން މީހާ އޭނާގެ އުމުރުގެ ގޮތުން އަދި ދަރިއެއް ހޯދަން ބޭނުންނުވެދާނެ އެވެ. މިކަހަލަ ކަންކަން ދިމާވާ ނަމަ އުމުރުގެ ތަފާތު ހުރުން އެއީ ތަންކޮޅެއް ފުޅާކޮށް ވިސްނަން ޖެހޭ ކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި އާއްމުކޮށް އުމުރުގެ ތަފާތުގެ ގޮތުގައި ގުޅުންތަކުން ފެންނަނީ އެވްރެޖްކޮށް 2.3 އަހަރެވެ. ގިނަ ފަހަރަށް އަންހެން މީހާއަށް ވުރެ ދޮށީ ފިރިހެންމީހާ އެވެ. އެއީ ގުޅުންތަކުގެ %64 އެވެ.

އާއްމުކޮށް، ފިރިހެންމީހާ ދޮށިވުމަކީ މައްސަލައެއް ކަމަކަށް ނުބަލާ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މުޖުތަމައުތައް ވަރަށް ގިނަ ގޮތްގޮތުން ވަނީ ކުރިއަރާފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްްރަމްްޕް އާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕްގެ އުމުރު 24 އަހަރު ތަފާތެވެ. އެކަމަކު މި ކަމާ މެދު މީހުން ހައިރާންވެގެނެއް ނޫޅެ އެވެ. ނަމަވެސް އަންހެނެއް އޭނާގެ ބައިވެރިޔާއަށް ވުރެ މިހާތަން ދޮށި ނަމަ އެއީ ވަރަށް ބޮޑު ކަމަކަށްވެ އެވެ.

ހިޔާރު ކުރަން އުޅޭ ބައިވެރިޔާއާ އެކު އުމުރުގައި ބޮޑު ތަފާތެއް ހުރި ނަމަ އަމިއްލަ ނަފްސާ ކުރަންވީ މި ސުވާލެވެ. ކަންބޮޑުވުން ހުރީ ހަޔާތުގައި ދެ މީހުން ބޭނުންވާ ކަންކަން ތަފާތު ވެދާނީ ހެއްޔެވެ؟ ނުވަތަ ހަޔާތުގައި ދެ މީހުން ތިބި މަރުހަލާތައް ތަފާތުވުމުން ގުޅުން ކުރިއަށް ނުގެންދެވިދާނެތީ ހެއްޔެވެ؟ ނުވަތަ ބައިވެރިޔާ ދޫކޮށްލަން ތިޔަ ނިންމަނީ އޭނާގެ އުމުރުގެ ތަފާތާ މެދު އެހެން މީހަކު ބުނެފާނެ އެއްޗަކާ ހެދި ހެއްޔެވެ؟

ދިވެހި ސަގާފީ ތީމަށް ހަދާފައިވާ ވެޑިން ކޭކެއް: މުޖުތަމައު ދެކޭ ގޮތާ މެދު ކަންބޮޑުވެ ބައިވެރިޔާ ދޫކޮށްލުމަކީ ހެދޭ ގޯހެއް ކަމަށް ވެދާނެ (ފޮޓޯ/އީޓް އެންޑް ޓްރީޓްސް ފޭސްބުކް)

މުޖުތަމައު ދެކެފާނެ ގޮތާ މެދު ކަންބޮޑުވެ، ބައިވެރިޔާ ދޫކޮށްލަން ވިސްނާ ނަމަ ތިއީ ހެދޭ ގޯހެއް ކަމަށް ވެދާނެ އެވެ. ސަބަބަކީ މުޖުތަމައުއިން ކަންކަމުގެ މިންގަނޑުތައް ކަނޑައަޅަނީ މީހުންގެ އުމުރާ ގުޅޭގޮތުން އެކަނި ނޫން ކަމުންނެވެ. އެހެން ބައިވަރު ކަންކަމުގައި ވެސް ދެކޭ ގޮތާއި ގަބޫލުކުރާ ކަންކަން ހުރެ އެވެ. މި ހުރިހާ ކަމަކަށް ލެނބިގެން އުފާވެރި ހަޔާތެއް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟

ލިޔުމުގެ ފެށުމުގައިވާ ސުވާލަށް ތަޖުރިބާކާރު ދިން ޖަވާބަކީ މިއީ އެވެ. "ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ކުރިއަރައިގެން އުފާވެރި ހަޔާތެެއް ހޭދަ ކުރެވެނީ ހަމައެކަނި އުމުރު ދިމާވާތީއެއް ނޫނެވެ. އެ ނޫން ބައިވަރު ކަންކަން ހުރެ އެވެ. ބުއްދިވެރި ގޮތަކީ 'ހުންނަންޖެހޭ' އުމުރުގެ ތަފާތަށް ނުބަލައި ދެ މީހުން އެކަކު އަނެކަކާ ގުޅޭތޯ ބެލުމެވެ."

އަންހެންމީހާއަށް 29 އަދި ފިރިހެންމީހާއަށް 37 އަހަރު ނަމަ، ދެ މީހުންގެ އުމުރުގެ ތަފާތާ މެދު ކަންބޮޑުވާ މީހުން އެހާ ގިނައެއް ނުވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް