Majlis 2024
އާޓް

ޝިމްހާގެ ކުރެހުންތަކުން ދައްކައިދެނީ ރާއްޖެއިން ނެތެމުންދާ މަންޒަރުތަކެއް

އާޓިސްޓް ޝިމްހާ ޝަކީބްގެ ކުރެހުންތައް ގައުމީ އާޓް ގެލެރީގައި އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފެންނަން ހުންނާނެ

އާޓިސްޓް ޝިމްހާ ޝަކީބްގެ ފެންކުލައިގެ ކުރެހުންތަކަކީ ސޯޝަލް މީޑިއާގައި ގިނައިން ދައުރުވާ، މަގުބޫލު ކުރެހުންތަކެކެވެ. ރާއްޖޭގެ ރީތި، ހިތްފަސޭހަ ގޮނޑުދޮށްތަކާއި ގަދަ ފިޔާތޮށި ބޯގަންވިލާ މާ ކޯނިތަކުން ޖަރީ ވެފައި ހުންނަ ކުދި ގޭގެ އާއި ވަޅުދޮށަށް ފެންބަލާ ދާ މަންޒަރުތައް ޝިމްހާގެ ފިހިން ފުރިހަމައަށް ދައްކައިދީފައިވެ އެވެ.

ޝިމްހާގެ މި ސްޓައިލްގެ ކުރެހުންތައް ހިމެނޭ، އޭނާގެ އަމިއްލަ މައުރަޒު އާއްމުންނަށް ބަލާލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމީ އާޓް ގެލެރީގަ އެވެ. މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 

  • އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން 

  • ނެޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ)ގެ އިސް ވެރިން 

  • ގައުމީ އާޓް ގެލެރީގެ އިސް ވެރިން 

  • އާޓިސްޓުން

'ސީކިން ސިމްޕަލް'ގެ ނަން ދީފައިވާ މި ކުރެހުމުގެ މައުރަޒަކީ، ގައުމީ އާޓް ގެލެރީ ގިނަ އަހަރުތަކެއް ފަހުން މަރާމާތުކޮށް މި މަހުގެ މެދު ތެރޭގައި ރަސްމީކޮށް ހުޅުވި ފަހުން ބާއްވާ ފުރަތަމަ ސޯލޯ ކުރެހުމުގެ މައުރަޒެވެ. މި މައުރަޒުގައި ޝިމްހާގެ 53 ކުރެހުމެއް ދައްކާލަ އެވެ. 

މި ކުރެހުންތަކުން ދައްކައިދެނީ ތޮށްޖެހިފައިވާ މާލެއިން ބޭރުވެ، ރާއްޖެތެރޭގެ ހިތްގައިމު އަދި ނެތެމުންދާ ހިތްފަސޭހަ މަންޒަރުތަކެވެ. ތަރައްގީގެ ނޭދެވޭ އަސަރުތަކުންނާއި މި ޒަމާނުގެ ހަލަބޮލިކަމުން ދުރުވެ، ތަޖުރިބާކޮށްލެވޭނެ މަންޒަރުތަކެކެވެ. ތާރު އެޅި މަގުތަކުގެ ބަދަލުގައި ދޮންވެލި ގޮނޑުދޮށްތަކާއި ތެޅިގަލުން ރާނާފައިވާ ފާރުތަކުގެ މެދުން ދަމާލާފައިވާ މަޑުވެލި މަގުތައް ޝިމްހާގެ ކުލަތަކުން ފުރިހަމައަށް ދައްކައިދެ އެވެ.

"މި ކުރެހުންތަކަކީ ވޯޓާކަލާ ވަރަށް ފުރިހަމަކޮށް، ޓެކްނިކަލީ ވަރަށް ރަނގަޅު ކުރެހުންތަކެއް. ދެން ކުރެހުންތަކުން ދައްކައިދޭ މަންޒަރުތަކަކީ ދުވަސްކޮޅެއް ފަހުން އަޅުގަނޑުމެންނަށް ނުފެންނާނެ މަންޒަރުތަކެއްހެން ހީވަނީ. އެހެންވީމާ، ވަރަށް ގިނަ ބެލުންތެރިން ފާހަގަކުރޭ މިއީ ވަރަށް މުހިއްމު އެގްޒިބިޝަނެއްގެ ގޮތުގައި،" ގައުމީ އާޓް ގެލެރީގެ ކިއުރޭޓަރު އަހްމަދު ނައީމް ވިދާޅުވި އެވެ.

ޝިމްހާގެ މި އޮރިޖިނަލް ފެންކުލަ ކުރެހުންތަކަކީ 2021 އިން ފެށިގެން މިހާތަނަށް އޭނާ ކޮށްފައިވާ މަސައްކަތްތަކެވެ. އޭނާގެ މި މަސައްކަތްތައް އާޓް ގެލެރީގައި އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފެންނަން ހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް