Majlis 2024

ސްކޮޓްސް ހެދުމުގައި ސަމާލުވާންވީ ކަންކަން ހުރޭ

ލިވިން

ސްކޮޓްސް ތި ހަދަނީ ރަނގަޅަށްތަ؟

ސްކޮޓްސް އަކީ ހަށިގަނޑުގެ ތިރީކޮޅު ޓޯނުކޮށްލަން އެންމެ ފަސޭހައިން ކުރެވޭނެ އެއް ކަސްރަތު. ސަމާލުވާންވީ ރަނގަޅަށް ސްކޮޓްސް ހަދަން

އެންމެ ތުއްތު އިރު ހިނގަން ފެށުމުގެ ކުރިން، އަހަރެމެން ސްކޮޓްސް ހަދާ އުޅުނީމެވެ. ނަމަވެސް ބޮޑެތި މީހުންގެ ގޮތުގައި އަލުންބަލުން މި އޮންނަނީ ސްކޮޓްސް ހަދަން ދަސްކުރަން ޖެހިފަ އެވެ. 

ސްކޮޓްސް އަކީ ވަރަށް ގިނަ ހަރަކާތްތަކުގައި ހިމެނޭ ބައެކެވެ. ގޮނޑިއެއްގައި އިށީނުން ނުވަތަ ބަރު އެއްޗެއް އުފުލާ އިރު ސްކޮޓް ކުރެވެ އެވެ. ނަމަވެސް ފިޓްނަސްގެ ބޭނުމުގައި ސްކޮޓް ކުރާއިރު ވަރަށް ގިނަ މީހުންނަށް ކޯޗެއްގެ އެހީތެރިކަން ބޭނުންވެ އެވެ. އެއީ މި ހެދެނީ ރަނގަޅަށް އަދި ރައްކާތެރިކޮށްތޯ ޔަގީންކުރުމަށެވެ.

ބުރަކަށި ބޭނުންނުކޮށް ފައިން ސްކޮޓް ކުރުމުން ވޯކްއައުޓްގެ އަސަރު މީހާއަށް ރަނގަޅަށް ކޮށް އާއްމު ދިރިއުޅުމުގައި ވެސް އޭގެ ފައިދާ ފެންނާނެ އެވެ. ސްކޮޓްސްގެ އެންމެ ބޮޑު ފައިދާއަކީ މީހާގެ ހަށިގަނޑުގެ ތިރީކޮޅުގެ ބައްޓަން ރީތިކޮށްލާ ވަރުގަދަކޮށްލަދޭ ކަސްރަތެކެވެ.

ހަށިގަނޑުގެ ތިރީކޮޅުގެ ހުރިހާ މަސަލް ގުރޫޕެއް ބޭނުންކޮށްގެން ކުރާ މި ކަސްރަތުގެ ސަބަބުން، ގިނައިން ސްކޮޓްސް ހަދާ ނަމާ ދުވުން، ޓެނިސް ކުޅުން ނުވަތަ ނެށުމުގެ ޕާފޯމަންސް ރަނގަޅުވެ އެވެ. 

ސްކޮޓްސް ހަދާއިރު ހުންނަންވާ ގޮތް

ރަނގަޅު ފޯމެއްގައި ސްކޮޓްސް ހަދާ ނަމަ ފަސޭހައިން ހަށިގަނޑުގެ ތިރީކޮޅު ޓޯނުވޭ

1. އެންމެ ފުރަތަމަ މީހާ ކޮޅަށް ތެދުވާށެވެ. ކޮޅަށް ހުންނަ އިރު ފައި ހުންނަންވާނީ އުނަގަނޑުގެ ފުޅާ މިނަށް، ފައި ދުރުކޮށް ބަހައްޓާށެވެ. ފައިގެ އިނގިލިތައް ހުންނާނީ ކުރިމައްޗަށްވާ ގޮތަށެވެ. ދެ އަތުން އުނަގަނޑުގައި މަޑުމަޑުން ދެ ފަރާތުން ހިފާލާށެވެ.

ކޮޅަށް ހުންނަ އިރު މީހާގެ ކޮނޑު ހުންނަންވާނީ ފަހަތުގައި ބުރަކަށި ސީދާކޮށެވެ. މޭ ހުންނަންވާނީ ބޭރަށް ނެރެފަ އެވެ. ބުރަކަށި ހިފެހެެއްޓުމަށް ފޫޅު އެތެރެއަށް ލާ ބަނޑުގެ މަސްތައް ރަނގަޅަށް ހިފަހައްޓާލާށެވެ.

2. އުނަގަނޑު ފަހަތަށް ގެންގޮސް ތިރިވާށެވެ. ކަކޫ ހުންނަންވާނީ ލެނބިފައި އަދި ކުޑަކޮށް ހުޅުވިފަ އެވެ. މިގޮތަށް ތިރިވާއިރު މޭ ސީދާކޮށް ބަހައްޓާށެވެ. ކޮނޑު ވެސް އެއްވެސް ގޮތަކަށް ކުރިއަށް ނުގެންނާށެވެ.

3. ފައިގެ ފުންނާބާއި އިނގިލިތައް ބިންމަތީ ރަނގަޅަށް ޖައްސާ ގޮނޑިއެއްގައި އިށީންނަ ގޮތަށް ސްކޮޓްއަކަށް ތިރިވާށެވެ.

4. ދެން ވިސްނަންވީ ކަކޫ 90 ޑިގްރީއަށް ލަނބާލައި، ފައިގެ ފަލަމަސްގަނޑު ސީދާ ބިމާ ޕެރަލަލްކޮށް ބެހެއްޓުމަށެވެ.

5. ފައިގެ ފުންނާބަށް ބާރުލާ ފައިގެ ކަކޫ މަޑުމަޑުން ސީދާކޮށް (ކަކޫ ނާޅުވާ) އަލުން ތެދުވާށެވެ.

ދުވާލަކަށް ހަދަންވީ ކިތައް ސްކޮޓްސް؟

ކޮންމެ ދުވަހަކު ސްކޮޓްސް ހެދިޔަސް އޭގެ ގެެއްލުމެއް ނެތެވެ. ބަރު ބޭނުންކޮށްގެން ނަހަދާ ނަމަ މައްސަލައެއް ނޫނެވެ. ދުވާލަކު ސްކޮޓްސް ހަދަންވީ ކިހާވަރަކަށްތޯ ސުވާލުކުރުމުގެ ބަދަލުގައި ވިސްނަންވީ ކޮންމެ ހަފްތާއަކު ތިން ދުވަހު 20 ރެޕްގެ 3 ސެޓުވަރު ހެދުމަށެވެ. މިގޮތަށް ހަދައިފި ނަމަ ހަށިގަނޑަށް ރަނގަޅު ވޯކްއައުޓެއް ލިބި ރިކަވާ ވުމަށް ފުރުސަތު ލިބެ އެވެ.

ސްކޮޓްސްގެ ފައިދާ ހަށިގަނޑަށް ބޮޑު

ސްކޮޓްސްގެ ފައިދާ އަކީ ކޮބާ؟

ބުރަކަށީގެ ބަދަލުގައި މީހާގެ ހަށިގަނޑުގެ ތިރީގެ މަސްތައް ބޭނުންކޮށްގެން ބަރު އެއްޗެހި އުފުލަން ދަސްވުމަކީ ސްކޮޓްސްގެ އެންމެ ބޮޑު އެއް ފައިދާ އެވެ.

ބުޑުގެ މަސްތައް ޓޯން ކުރުމަށް ސްކޮޓްސް ވަރެއް ނެތެވެ. އެހެން އެއްވެސް ކަސްރަތަކަށް ވުރެ އަވަހަށް ބުޑުގެ މަސްތައް މި ކަސްރަތުން ޓޯންކޮށްލަދެ އެވެ. ފައިގެ ފަލަމަސްގަނޑުގެ ކުރިމައްޗާއި ފަހަތުގެ މަސްތައް އަދި ބުޑުގެ ހުރިހާ މަސްތަކެއް މި ކަސްރަތު ކުރުމުގަ ބޭނުންކުރެ އެވެ. އެހެންކަމުން ރަނގަޅަށް ސްކޮޓްސް ހަދައިފި ނަމަ އަވަހަށް ޓޯންވުމަށް އެހީތެރިވެ އެވެ.

ކަސްރަތުކުރާއިރު އަނިޔާވުން ވެސް ރަނގަޅަށް ސްކޮޓްސް ހަދާ ނަމަ ދުރުކޮށްދެ އެވެ. ހަށިގަނޑުގެ ސްޓްބިލައިޒާ މަސަލްސް، ލިގަމަންޓްސް އަދި ކަނެކްޓިވް ޓިޝޫ ސްކޮޓްސްގެ ސަަބަބުން ވަރުގަދަކޮށްދެ އެވެ. ކަކުލުގައި ރިއްސާ ނަމަ ވަރަށް ގިނަ މީހުން ސްކޮޓްސް ހެދުމުން ދުރުވެ އެވެ. ނަމަވެސް ސްކޮޓްސް ހަދައިގެން ކަކުލުގެ ސްޓްބިލިޓީ އާއި ކަނެކްޓިވް ޓިޝޫތައް ވަރުގަދަކޮށްދީ އަނިޔާއާ ދުރުވުމަށް، ރަނގަޅު ފޯމުގައި ހަދަންވާ ގޮތަށް ސްކޮޓްސް ހަދައިފި ނަމަ، އެހީތެރިވެދެ އެވެ.

ސްކޮޓްސް އަކީ ހަމައެކަނި ޖިމެއްގައި އިކުއިޕްމަންޓްތަކެއް ބޭނުންކޮށްލުމަށް ވުރެ ބޮޑަށް ފަންކްޝަނަލް ކަސްރަތުތަކެވެ. މީހާގެ ހަރަކާތްތެރިކަމާއި، މީހާގެ ފްލެކްސިބިލިޓީ އަދި ބެލެންސްކުރުމަށް ސްކޮޓްސްގެ ސަބަބުން ފައިދާ ކުރެ އެވެ.

ސްކޮޓްސްގެ އެކި ކަހަލަ ވައްތަރުތައް ހުންނަ އިރު އެންމެ އާދައިގެ ސްކޮޓްސް އަކީ ކޮންމެ ތާކު ހުރެފައި ވެސް ހަށިގަނޑުގެ ބަރުދަނުގެ އެހީތެރިކަމުގައި ހަށިގަނޑަށް ކަސްރަތު ހޯދަން އިކުއިޕްމަންޓަކާ ނުލައި ފަސޭހައިން ހެދިދާނެ ކަސްރަތެކެވެ. މިއީ ވެސް މި ކަސްރަތުގެ އެއް ފައިދާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް