ކައިވެނިކޮށްގެން އުޅޭއިރު ވެސް އެކަނިވެރިކަން އިހުސާސް ކުރެވޭ

ލޯބި

ކައިވެނިކޮށްގެން، އެކަމަކު އެކަނިވެރިކަން އިހުސާސްކުރެވެނީ ކީއްވެ؟

ބައިވެރިޔާއާ އެކު އޮންނަ ގުޅުން ކުޑަ ނަމަ އުފާވެރިކަމަށް ހުރަސްއެޅޭ

އެކަނިވެރިކަން އިހުސާސް ކުރެވެނީ ހުސްކޮށް ތިބޭ މީހުންނަށް އެކަންޏެއް ނޫނެވެ. އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ އަވަހަށް ކައިވެންޏެއް ކުރުމުން އެކަން ރަނގަޅުވާ ކަމަށް ހީވެފައި އޮވެދާނެ އެވެ. އެކަމަކު ކައިވެނިކޮށްގެން އުޅޭއިރު ވެސް އެކަނިވެރިކަން އިހުސާސް ކުރެވެ އެވެ.

އެކަނިވެރިކަމީ މީހާ އަށް ކުރެވޭ އިހުސާސެކެވެ. އެހެން މީހުންނާ ގުޅުން ބަަދަހިކުރަން ބޭނުންވި ނަމަވެސް އެކަހެރިކަން އިހުސާސް ކުރެވުމެވެ. ބޮޑަށް މިއީ ތިމާ އާއި އެހެން މީހުންނާ އޮންނަ ގުޅުމެވެ. މީހުންގެ ތެރޭގައި އުޅޭއިރު ވެސް އެކަނިވެރިކަން އިހުސާސް ކުރެވިއްޖެ ނަމަ އެނގޭ އެއް ކަމަކީ އެކަނިވެރިކަން ކޮންމެހެން މީހުންގެ ތެރޭގައި އުޅުނީމަ އިހުސާސްނުވެ ނުދާ ކަމެވެ.

އެކަނިވެރިކަން އިހުސާސް ކުރެވެނީ ހަމައެކަނި ސިންގަލް މީހުންނަކަށް ނޫން

ބައިވެރިޔާއާ އެކުގައި ވަގުތު ހޭދަކުރި ކަމުގައި ވިޔަސް އެކަނިވެރިކަމުގެ އިހުސާސް ކުރެވިދާނެ އެވެ. އެކަނިވެރިކަމުގެ ސަބަބުން ތިމާއަށް ކުރެވޭނީ ހުސްކަން، ތިމާ އަކީ ބޭނުމެއް ނެތް ބޭކާރު މީހެއްކަން އަދި ތިމާގެ އިހުސާސް ބައިވެރިޔާއަށް ނޭނގޭ ކަމުގެ އިހުސާސެވެ.

އެކަނިވެރިކަން އިހުސާސް ކުރެވޭ ކަމުގެ އަލާމާތްތައް

އެހެން މީހަކާ އެކު ދިރިއުޅުމަކީ އެކަނިވެރިކަމަށް ފަރުވާއެއް ނޫނެވެ. ބައިވެރިޔާއާ ގުޅިފައިވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ އެކަހެރިކަމާއި އެކަނިވެރިކަން އިހުސާސެއް ނުކުރެވޭނެ އެވެ. ތިރީގައި މިވަނީ ކައިވެނީގައި އެކަނިވެރިކަން އިހުސާސް ކުރެވޭ ކަމުގެ ބައެއް އަލާމާތްތަކެެވެ.

އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ ބައެއް އަލާމާތްތައް ފެނޭ

ދެ މީހުން އެކީގައި ވަގުތު ހޭދަ ކުރާ އިރު ވެސް އެކަނިވެރިކަން އިހުސާސް ކުރެވުން

ބައިވެރިޔާ އާއި ތިމާއާ ދެމެދު ދުރުކަމެއްވާ ކަމުގެ އިހުސާސް ކުރެވެ އެވެ. އަދި މިކަން ރަނގަޅު ކުރާނެ ގޮތެއް ނޭނގެ އެވެ.

އެކަކު އަނެކަކާ ވާހަކަ ނުުދެއްކުން

ތިމާ ދައްކަން އުޅޭ ވާހަކައަށް ބައިވެރިޔާގެ ޝައުގެއް ނެތް ކަމުގެ އިހުސާސް ކުރެވެ އެވެ. އަދި ތިމާގެ ދުވަސް ހޭދަވި ގޮތާއި ހިނގި ކަންކަން އޭނާއާ އެއްވެސް ވަރަކަށް ހިއްސާ ކުރާކަށް ބޭނުމެއް ނުވެ އެވެ. މި ދެ ގޮތް ކުރިމަތިވެ އެކަކު އަނެކަކާ ވާހަކަ ނުދެއްކި، ގުޅުމުގައި މުއާމަލާތް ކުރުން ކުޑަވެ އެވެ. އަދި މިކަމުގެ ސަބަބުން އެކަނިވެރިކަމާއި ހިތްހަމަނުޖެހުން އިހުސާސް ކުރެވެ އެވެ.

އެކަކު އަނެކަކާ ވާހަކަ ނުދައްކާ ނަމަ އެކަނިވެރިކަން އިހުސާސް ކުރެވޭ

ބައިވެރިޔާއާ އެކު ވަގުތު ހޭދަނުކޮށް ދުރުގައި ވަގުތު ހޭދަ ކުރުން

މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރުން، އެހެން ކަންކަން ކުރުމުގައި ޝާމިލުވެ އުޅުން، ނުވަތަ ގޭގައި ހުއްޓަސް ސޯޝަލް މީޑިއާ އަދި ފޯނަށް ގެއްލި ގިނަ ވަގުތު ހުރުމަކީ ބައިވެރިޔާއާ އެކު ވަގުތު ހޭދަނުކުރުމަށް ކުރާ ކަންކަމެވެ.

 ގުޅުން ހިންގުން މަދުވުން ނުވަތަ އެއްވެސް ވަރަކަށް ގުޅުމެއް ނެތުން

ބައިވެރިޔާގެ އެދުންތައް ފުއްދާ ނުދޭ ނަމަ އެކަނިވެރިކަން އިހުސާސް ކުރެވޭ

ބައިވެރިޔާއާ އެކު އޮންނަ ގުޅުމުގެ ތެރޭގައި އެކަކު އަނެކަކާ ދެމެދު އޮންނަ ޖަޒުބާތީ ގުޅުން ނެތުމުގެ އިތުރުން ޖިސްމާނީ ގޮތުން އެކަކު އަނެކަކުގެ އެދުންތައް ފުއްދާނުދެވުމަކީ އެކަނިވެރިވާނެ ކަމެކެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން ކައިވެނީގައި އެކަނިވެރިކަން އިހުސާސް ކުރެވިދާނެ އެވެ. އަދި މިކަމުގެ އަސަރު އެކަކަށް މާ ބޮޑަށް ކޮށްފާނެ އެވެ. ދެ މީހުންނަށް އެކަނިވެރިކަން އިހުސާސް ކުރެވި، ބައިވެރިޔާއާ ގުޅުން ކެނޑި ގާތްކަމެއް ނެތްކަން އިހުސާސް ކުރެވިދާނެ އެވެ.

އެކަނިވެރިވަނީ ކީއްވެ؟

ކައިވެނިކޮށްގެން އުޅޭ އިރު އެކަނިވެރިކަން އިހުސާސް ކުރެވެނީ އާއިލާއާ އެކު އުފާވެރިކޮށް ނޫޅެވޭ މީހުންނަށް

ދިރާސާތަކުން ބުނާގޮތުގައި މީހުންގެ އެކަނިވެރިކަން ދަނީ ބޮޑުވަމުންނެވެ. އަދި އާއިލާއާ އެކު އުފާވެރިކޮށް ނޫޅެވޭ މީހުންނަށް އެކަނިވެރިކަން އިހުސާސް ކުރުވޭ މިންވަރު ބޮޑު ކަމަށް 2018ގެ ދިރާސާ އަކުން ދައްކާފައިވެ އެވެ.

މަސައްކަތާއި އާއިލާ 

މަސައްކަތާއި އާއިލާގެ ޒިންމާތަކާ އެކު ދެމަފިރިންގެ ގުޅުން ކުޑަވޭ

ދެމަފިރިން އެކަކު އަނެކަކާ ދުރުވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަަބަކީ މަސައްކަތާއި އާއިލާގެ ތެރެއިން ކުރިމަތިވާ ޕްރެޝަރެވެ. ދެ މީހުންނަކީ ވެސް އާމްދަނީ ހޯދަން މަސައްކަތް ކުރާ، ދަރިންގެ ކަންތައްތައް ބަލަހައްޓާ އަދި އެހެނިހެން ޒިންމާތައް އުފުލަންޖެހިފައިވާ ބައެއް ކަމުގައިވާ ނަމަ، އެކަކު އަނެކަކާ ދިމާނުވެ އެއް ކަނޑެއްގައި ދަތުރުކުރާ ދެ އުޅަނދު ކަމުގެ އިހުސާސް ކުރެވިދާނެ އެވެ. ބައިވެރިޔާއާ އެކު އެކަނި ވަގުތު ހޭދަކުރުމަށް ފުރުސަތު ނުލިބޭ ނަމަ އެކަކު އަނެކަކާ ގާތްކަން ގެއްލި ބޮޑަށް ދުރުވާ ކަމުގެ އިހުސާސް ކުރެވޭނެ އެވެ.

ސްޓްރެސް ބޮޑު ކަންކަން

ސްޓްރެސް އަކީ ގުޅުންތަކަށް ބުރޫ އަރާ ކަމެއް

ބައެއް ފަހަރަށް ދެ މީހެއްގެ ގުޅުމުގައި ކުރިމަތިވާ ކަންކަމުގެ ސަބަބުން އެކަކު އަނެކަކާ ދުރުވާން މެދުވެރިވެ އެެވެ. ކިތަންމެ ވަރުގަދަ ގުޅުމަކަށް ވިޔަސް، ބޮޑު ކަމެއް ލައިގެންފި ނަމަ ކައިވެނީގެ ތެރޭގައި ހުރި މައްސަލަތައް ބޮޑަށް ފާޅުވާން މެދުވެރިވެ އެވެ. މިސާލަކަށް ވަޒީފާ ގެއްލުން ކަހަލަ އުނދަގޫ ދަނޑިވަޅެއްގައި ބައިވެރިޔާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ކަމުގެ އިހުސާސްވާ ނަމަ އެކަން ހައްލުވިޔަސް ފަހުން އެ ކަމެއްގެ އަސަރު ކުރެ އެވެ.

އުއްމީދުތައް މާ ބޮޑުވުން

ބައިވެރިޔާއާ މެދު ކުރާ އުއްމީދު މާ ބޮޑުވުމަކީ އެކަނިވެރިކަމުގެ އިހުސާސްކުރެވެން މެދުވެރިވާ އެއް ސަބަބު

ބައެއް ހާލަތްތަކުގައި ތިމާގެ އެކަނިވެރިކަން ގުޅިފައިވަނީ، ބައިވެރިޔާއާ އޮންނަ ގުޅުމަށް ވުރެ ބޮޑަށް ތިމާގެ އެހެން އެދުންތަކާ އެވެ. އެހެން މީހުުންނާ ރަހުމަތްތެރިކަން ނޯންނަ ނަމަ އަދި އިޖްތިމާއީ ހުރިހާ ބޭނުންތަކެއް ފުއްދުމަށް ބައިވެރިޔާއަށް ބަރޯސާވާ ނަމަަ އޭނާ އަށް އެކަން ނުކުރެވުން އެކަށީގެންވެ އެވެ. މިއީ ހިތްހަމަނުޖެހުން ކުރިމަތިވެދާނެ ކަމެކެވެ.

ނަފްސު ފާޅުނުކުރުން

ބައިވެރިޔާ އަށް ތިމާގެ އަމިއްލަ ނަފްސުގެ ހުރިހާ ކަަމެއް ފާޅުކޮށް ނުދެވޭ ނަމަ އެކަނިވެރިކަން އިހުސާސް ކުރެވެ އެވެ. 

އަމިއްލަ ނަފްސުގެ ހުރިހާ ވާހަކައެއް ބައިވެރިޔާއަށް ކިޔައިނުދެވޭ ނަމަ އެކަނިވެރިކަން އިހުސާސް ކުރެވޭ

ތިމާގެ އެންމެ ބޮޑެތި އުއްމީދުތަކާއި އެންމެ ބޮޑަށް ހާސްވެ ޖެހިލުންވާ ކަންކަން ބައިވެރިޔާ އަށް ބުނެދޭން ޖެހެ އެވެ. ތިމާގެ އެންމެ ނާޒުކު ހާލަތު ބައިވެރިޔާ އަށް ފެންނަން ޖެހެ އެވެ.

މިގޮތަށް ނުވާ ނަމަ، އެންމެ ގާތް މީހާ އަށް ތިމާގެ ހަޔާތުގެ އެންމެ ބޮޑެތި ކަންކަން ނޭނގޭކަން އިހުސާސް ކުރެވެ އެވެ. ފުން ޖަޒުބާތުތައް ބައިވެރިޔާއާ ހިއްސާނުކުރެވުމަކީ އެކަނިވެރިކަން އިހުސާސްވުމަށް މެދުވެރިވާ ސަބަބެކެވެ.

ސޯޝަލް މީޑީއާ އަދި އަޅާބެލުން

ސޯޝަލް މީޑީއާ އިން ފެންނަ މީހުންގެ ދިރިއުޅުމާއި ތިމާގެ ދިރިއުޅުން އަޅާބަލާ ނަމަ އެކަނިވެރިކަމުގެ އިހުސާސް ކުރެވެ އެވެ. ފަހުގެ ދިރާސާއެއް ބުނާގޮތުގައި ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަ ކުރާ މީހުންގެ އެކަނިވެރިކަން މާ ބޮޑެވެ.

އެކަނިވެރިކަން އިހުސާސްވާ މިންވަރު ކޮވިޑްގެ ބަލިމަޑުކަމާ އެކު އިތުރުވެގެން ދިޔަ އެވެ. ރަހުމަތްތެރި ގިނަ ގުރޫޕްތަކުގެ އިޖްތިމާއީ ދައުރު ބަލިމަޑުކަމުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް ކުޑަވެގެން ދިޔަ އެވެ. މިކަމުގެ ސަަބަބުން  ދެމަފިރިންނަށް ޕްރެޝަރު އިތުރުވެގެން ދިޔަ އެވެ.

ކައިވެނީގައި އެކަނިވެރިކަން އިހުސާސްވާ ނަމަ ހަދަންވީ މިހެން

ކައިވެނިކޮށްގެން އުޅޭ އިރު އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެވިދާނެ

ކައިވެނީގައި އެކަނިވެރިކަން އިހުސާސްވާ ނަމަ ގުޅުން ވަރުގަދަކޮށް ބަދަހި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. މައްސަލައިގެ އަސްލަކީ ކޮބާތޯ ބަލާ، ބައިވެރިޔާއާ ވާހަކަ ދައްކައި އެކީގައި ކޮލިޓީ ވަގުތު ހޭދަކުރުމަކީ ކުރެވިދާނެ ކަމެކެވެ.

ބައިވެރިޔާއާ ވާހަކަދެއްކުން

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބައިވެރިޔާއާ ވާހަކަ ދެއްކުމެވެ. އަދި އޭނާގެ ތަޖުރިބާ ދެނެގަތުމެވެ. ދެ މީހުންނަށް ވެސް އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ ވާހަކަ ދައްކައިގެން، އެކީގައި މަސައްކަތްކޮށްގެން ދެ މީހުންގެ ގުޅުން ބަދަހި ކުރެވިދާނެ އެވެ.

ވަގުތު ހޯދައިގެން ބައިވެރިޔާއާ ވާހަކަ ދެއްކުން މުހިއްމު

މީގެ ބަދަލުގައި، އެކަކަށް އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ، މި މައްސަލަ ހައްލުކުރުމަށް ތަންކޮޅެއް އުނދަގޫވެދާނެ އެވެ. ބައިވެރިޔާގެ ފަރާތުން ބޭނުންވާ އިމޯޝަނަލް ސަޕޯޓް ލިބޭ އިރު ވެސް އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ އޭގެ މާނަ އަކީ މައްސަލައެއް އުޅެނީ ގުޅުމަކު ނޫނެވެ. 

ކުށްވެރިކުރުން ހުއްޓާލުން

އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ އެކަކު އަނެކަކު ކުށްވެރިކުރުން ހުއްޓާލާށެވެ. ކުށްވެރި ކުރާ ނަމަ ހަމަލާތަކެއް އަންނަ ކަމުގެ އިހުސާސް ކުރެވި ވަގުތުން މީހާ ދިފާއުވުމަށް މަސައްކަތް ކުރެ އެވެ.

އެކަކު އަނެކަކުގެ މައްސަލަތައް ހޯދާ ކުށްދެއްކުން ހުއްޓާލަންޖެހޭ

ބައިވެރިޔާ ނުކުރާ ކަންކަމުގެ ވާހަކަ ނުދައްކާށެވެ. މިސާލަކަށް ތިމާގެ ދުވަސް ދިޔަ ގޮތް ނުވަތަ ކޭތޯ ވެސް ނުބަލާ ކަމަށް ބުނެ ކުށްވެރިކުރުން ހުއްޓާލައި ވާހަކަ ދަައްކަންވީ މި މޭރުމުންނެވެ: "އަހަރެން ވަރަށް އެކަނިވެރިގެން މި އުޅެނީ. އަހަރެންނާ އެކު ވަގުތު ހޭދަކޮށްލައި އިހުސާސްތައް އަދި ތަޖުރިބާތައް އަޑުއަހާލައިފި ނަމަ ލުޔެއް ލިބޭނެ ހެން ހީވޭ."

ތިމާގެ އިހުސާސްތަކާއި ބޭނުންތަކަކީ ކޮބާކަން އޭނާ އަށް ބުނެދޭށެވެ.

އެކީގައި ގިނަ ވަގުތު ހޭދަކުރޭ

އެކީގައި ދެ މީހުން އުފާވާ ކަންކަން ކުރުމަށް ވަގުތު ހޯދަން ޖެހޭ

ބައިވެރިޔާއާ އެއްކޮށް ކޮލިޓީ ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެކެވެ. ދުވަހީ ގޮތެއްގައި ކުރާ މަސައްކަތް އަދި އާއިލާ ބެލެހެއްޓުން އެއީ މީހާގެ ވަރަށް ގިނަ ހަކަތަ ހޭދަވާ ކަންކަމެވެ. އެހެންކަމުން ބައިވެރިޔާ އަށް ދޭންވާ ސަމާލުކަންދީ ދެ މީހުންގެ ގުޅުމަށް ފޯކަސް ކުރަން އުނދަގޫވެދާނެ އެވެ.

ބައިވެރިޔާއާ އެކު ބޭރަށް ގޮސް، އެއް ގަޑިއެއްގައި ނިދަން ގޮސް، އަދި ދުވަސް ދިޔަ ގޮތް ހިއްސާ ކުުރުމަކީ ގުޅުން ބަދަހިވާނެ ކަހަލަ ކަންކަމެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ދޭދޭ މީހުންގެ ގުޅުމަށް އަސަރުތަކެއް ކުރޭ

ސޯޝަލް މީޑީއާއާ ދުރުވުުމަކީ ކުރެވިދާނެ އިތުރު ކަމެކެވެ. އެހެން މީހުންގެ ދިރިއުޅުމުން ދައްކަން ބޭނުންވާ މަންޒަރުތައް އެކަނި ސޯޝަލް މީޑިއާއިން ފެންނަ އިރު އަބަދު ސޯޝަލް މީޑިއާގައި ވަގުތު ހޭދަ ކުރާ ނަމަ، އަމިއްލަ ގުޅުންތަކާ މެދު ޕޮޒިޓިވް އިހްސާސްތަކެއް ނުކުރެވެ އެވެ. ބައެއް މަދުހެން، ކަންކަން އުނިހެން ނުވަތަ ފުރިހަމަ ނުވާކަމުގެ އިހްސާސް ކުރެވެ އެވެ.

ދެމަފިރިންނަށް ލިބޭ ހުސް ވަގުތުތަކުގައި ދެ މީހުން ދެ ސްކްރީނަށް ބަލަން ތިބުމުގެ ބަދަލުގައި ބައިވެރިޔާ އަށް ސަމާލުކަން ދޭށެވެ.

ޕްރޮފެޝަނަލެއްގެ އެހީތެރިކަން ހޯދުން

މި ހުރިހާ ކަމެއް ކުރުމަށް ފަހު ވެސް އެކަނިވެރިކަން އިހުސާސް ކުރެވޭ ނަމަ، ތެރަޕިސްޓެއްގެ އެހީ ހޯދާށެވެ. ބައިވެރިޔާއާ އެކު ތެރަޕީއަށް ގޮސް، އިތުބާރު، ގާތްކަން، އިހުސާސްތައް ދެނެގަންނަން އަދި މުއާމާލާތް ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާށެވެ. ތެރަޕިސްޓެއްގެ އެހީތެރިކަމާ އެކު ގުޅުން ވަރުގަދަކުރުމަށް މަގުފަހިވެ އެވެ. މުއާމަލާތްކުރަން ދަސްކޮށްދެ އެވެ. މީގެ އިތުރުން، ކައިވެނީގައި ހުރި އަސްލު މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް