ދަރިން ކުރިމަތީގައި އަބަދު ޒުވާބު ކުރާ ނަމަ ކުދިންނަށް ބޮޑު އަސަރެއް ކުރޭ

ޕޭރެންޓިން

ދެމަފިރިން ޒުވާބު ކުރުން: ކުދިންނަށް ކުރާ އަސަރު ބޮޑު

މައިންބަފައިން ކުދިން ކުރިމަތީ އަރާރުންވާ ނަމަ ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވޭ

މުހިންމު ނުކުތާތައް

މައިންބަފައިން އަބަދު ޒުވާބު ކުރާ ނަމަ، ކުދިންގެ އުޅުމަށް ބޮޑެތި ބަދަލު އާދޭ

މައިންބަފައިން ޒުވާބު ކުރަން މެދުވެރިވަނީ ކުދިންގެ ސަބަބުންހެން ހީވެފައި އޮވެދާނެ، އެކަމުން ލިބޭ ހާސްކަން ބޮޑު

މައްސަލަތައް ހައްލުކުރުމުގައި އިހުތިޔާރުކުރަން ޖެހެނީ ކުދިންނަށް އަސަރު ނުކުރާ ގޮތްތައް

ދެމަފިރިން އެކަކު އަނެކަކާ ޒުވާބު ކުރުމަކީ ދިރިއުޅުމުގައި ދިމާވާ އާއްމު ކަމެކެވެ. 

ޓީވީ އިން އަޅުވަންވީ ޗެނަލް ކަހަލަ ކުދި ކަންކަމާއި ބޮޑެތި އަދި މުހިއްމު، މިސާލަކަށް ހޯދާނެ ދަރިންގެ އަދަދު ފަދަ، ކަންކަމާ ޒުވާބު ކުރެ އެވެ. މިފަދަ ހާލަތްތަކުގައި ޖަޒުބާތުތައް މައްޗެވެ.

ދެމަފިރިއެއްގެ ދެމެދުގައި ހިނގާ ކޮންމެ ދެބަސްވުމެއް ނުވަތަ ކޮންމެ ހިޔާލުތަފާތުވުމަކީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް، ކުދިން ކުރިމަތީގައި ޒުވާބު ކުރާ ނަމަ ތަފާތު ނަތީޖާތަކެއް ނުކުމެ އެވެ.

މައިންބަފައިން ދަރިން ކުރިމަތީ ޒުވާބު ކުރުމުން ކުދިންނަށް އެކަމުގެ އަސަރު ކުރޭ

މައްސަލަޖެހުމަކީ ކޮންމެ ގުޅުމެއްގައި ވެސް ހިނގާ ކަމެކެވެ. މައިންބަފައިން ޒުވާބުކުރާތަން ކުދިންނަށް ފެނުމަކީ އެކުދިނަށް ސްޓްރެސް ކުރިމަތިވާ އަދި ކަންބޮޑުވާ ކަމެކެވެ. ނަމަވެސް ހުރިހާ ފަހަރަކު ކުދިންނަށް މިކަމުގެ ސަބަބުން ދިގު މުއްްދަތުގެ ބޮޑެތި ގެއްލުންތަކެއް ލިބެނީއެއް ނޫނެވެ.

ދަރިންގެ ކުރިމަތީ މައިންބަފައިން ދެބަސްވާ އިރު ދަރިންނަށް ނޭދެވޭ އަސަރު ފޯރަނީ އަބަދު ޒުވާބު ކުރުމާއި ގަދަ އަށް ޒުވާބުކުރުން، ޒުވާބު ކުުރާ ހާލަތު އަދި އެ ޒުވާބު ހައްލުކުރާ ގޮތުންނެވެ.

ގިނައިން ޒުވާބު ކުރުން

ދެ މީހަކު ޒުވާބު ކުރާތަން އަބަދު ފެންނަ ނަމަ ބޮޑެތި މީހުންނަށް ވެސް އުނދަގޫވެ އެވެ. ކުޑަކުދިންނަށް އަދި މާ އުނދަގޫވާނެ އެވެ. މައިންބަފައިން އަބަދު ރުޅިއައިސްގެން އެކަކު އަނެކަކާ ޒުވާބު ކުރާ ނަމަ އެކަމުގެ ސަބަބުން ކުދިންނަށް ނުތަނަވަސްކަން ލިބި ސްޓްރެސް ހޯމޯން، ކޯޓިސޯލް ދޫކުރާ މިންވަރު އިތުރުވެ އެވެ. 

ކުދިން ތިއްބާ އަބަދު ޒުވާބު ކުރާ ނަމަ ކުދިންގެ ސްޓްރެސް ލެވެލް މައްޗަށް ގޮސް ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރޭ

ޒުވާބުގެ އަޑު އިވެނީ ދޭތެރެ ދޭތެރެއިން ކަމަށްވާ ނަމަ ކުއްޖާގެ ހޯމޯން ލެވެލް އަލުން ތިރިވެ ހަަމައަކަށް އެޅެން ވަގުތު ލިބެ އެވެ. ނަމަވެސް، އަބަދު މައްސަލަޖެހޭ ނަމަ ހަށިގަނޑުގައި ހުންނަ ކޯޓިސޯލްގެ މިންވަރުތަކަށް ބުރޫއަރަ އެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރެ އެވެ. ސިކުނޑި އަށާއި ނިދުމަށް އަސަރުކޮށް ދިފާއީ ނިޒާމް ބަލިކަށިކޮށްލަ އެވެ.

މީގެ އިތުރުން ކުއްޖާގެ އުޅުމަށް ވެސް ބަދަލުތަކެއް އާދެ އެވެ. ކުއްޖާ ރުޅިގަދަވެ، ބުނާ ގޮތް ނުހަދާ އަދި ސުލޫކު ގެއްލެ އެވެ. މިއާ އެކު، ކުދިންނާއި ބެލެނިވެރިންގެ ގުޅުމަށް އަސަރު ކުރެ އެވެ. އަދި ކުދިންނަށް ދަތިއުނދަގޫ ހާލަތެއް އަދި މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމަކަށް މާ އަވަހަށް ރިއެކްޓްކުރެ އެވެ. 

މައިންބަފައިން އަބަދު ޒުވާބު ކުރާ ނަމަ ކުދިންގެ އުޅުމަށް ބޮޑެތި ބަދަލު އާދޭ

އެންޒައިޓީ އަށް ކުއްޖާ ހުށަހެޅި ކަންކަމުން އެކަހެރި ވެސް ވެ އެވެ. ކުއްޖާ އެހެން ކުދިންނާ ބާއްވާ ގުޅުމަށް މިކަމުގެ ސަބަބުން އަސަރު ކުރެ އެވެ. އެއްބަނޑުއެއްބަފާ ކުދިންނާއި ސްކޫލްގައި އެކީގައި އުޅޭ ކުުދިންނާ މައްސަލަޖެހުން އިތުރުވެ އެވެ.

ގަދައަށް ޒުވާބުކުރާ ނަމަ ބޮޑު އަސަރެއް

ކުދިންގެ ކުރިމަތީ ޒުވާބު ކުރުމުން ނަފްސާނީ ބޮޑެތި މައްސަލަތަކާ ކުރިމަތިވޭ

ބެލެނިވެރިން ކުއްޖާ ކުރިމަތީގައި ގަދައަށް ޒުވާބު ކުރާ ނަމަ، ކުއްޖާ އަށް ނުތަނަވަސްކަމާއި ނޭދެވޭ ޖަޒުބާތުތައް ކުރިމަތިވެ ނުރައްކާތަކަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކުން، ޖިސްމާނީ އަނިޔާ އަދި ބިރުދެއްކުމަށް ހުށަހެޅޭ ނަމަ ކުއްޖާ ރުޅިގަދަވުމުން އެފަދަ ކަންކަން ފެންނަން މެދުވެރިވެ އެވެ.

ނަފްސާނީ ގޮތުން ބަލާ ނަމަ، ކުރިމަތިވާ މައްސަލަތަކާއި ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ނޭނގި ކުއްޖާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ އެވެ. މީގެ އިތުރުން ކުއްޖާގެ ރުޅިވެރިކަން އިތުރުވެ ޑިޕްރެޝަނާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް މެދުވެރިވެ އެވެ.

ޒުވާބު ކުރާ ހާލަތު

މައިންބަފައިން ޒުވާބު ކުރަން މެދުވެރިވަނީ ކުދިންގެ ސަބަބުންހެން ހީވެފައި އޮވެދާނެ. އެކަމުން ލިބޭ ހާސްކަން ބޮޑު

ކުދިންގެ ކުރިމަތީގައި ބެެލެނިވެރިން ޒުވާބުކުރާ އިރު ކުއްޖާ އެ ހާލަތަކާ މެދު ދެކޭ ގޮތް އެއީ މުހިއްމު ކަމެކެވެ. ކުއްޖާގެ މަސްލަހަތު ހިމެނޭ ކަމެއްގައި ޒުވާބުކުރާ ނަމަ، އެކަމާ ކަންބޮޑުވެ، ލަދުގަނެ، ހާސްވާ ވަރު އިތުރުވެ އެވެ. އަދި ކުއްޖާއަށް އެކަމުގެ ސަބަބުން ނުރައްކަލެއް އޮތް ކަމަށް ހީ ވެސް ވެދާނެ އެވެ. ބެލެނިވެރިން ޒުވާބު ކުރަނީ ކުއްޖާގެ ސަބަބުން ކަމުގައި ވިސްނިފައި ވެސް އޮވެދާނެ އެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ރުޅިގަދަވުން އިތުރުވެ، އާއިލީ ގުޅުމަށް ބުރޫ އަރަ އެވެ.

މައްސަލަ ހައްލުކުރާ ގޮތް

މައްސަލައެއް ޖެހުމުން އެ މައްސަލަ ހައްލުކުރުން މުހިއްމެވެ. އާއިލާތެރޭ ޖެހޭ މައްސަލަ ހައްލުނުކޮށްދާ ނަމަ ކައިވެނީގައި މައްސަލަޖެހި، ކުއްޖާ އާއި ބެލެނިވެރިންނާ އޮންނަ ގުޅުމަށް އަސަަރު ކުރެ އެވެ.

ޒުވާބު ކުރާ އިރު އެކަކު އަނެކަކު ބަދުނާމުކޮށް، ދަށްކޮށް، ދެރަކޮށްލާ ނަމަ އެކަމުން ކުރާ އަަސަރު ބޮޑެވެ. އެއް ދިރާސާއެއް ބުނާ ގޮތުގައި ކުދިން، ހާއްސަކޮށް ފިިރިހެން ކުދިން، ދެކޭ ގޮތުގައި އާއިލާ ތެރޭ މައްސަލަ ޖެހެން މެދުވެރިވަނީ އެކުދިންގެ ސަބަބުންނެވެ.

ކުދިންނަށް ކުރާ އަސަރު ކުޑަ ކުރާނީ ކިހިނެއް؟

މައްސަލަތައް ހައްލުކުރުމުގައި ކުދިންނަށް އަސަރު ނުކުރާ ގޮތް އިހްތިޔާރު ކުރަންޖެހޭ

ކައިވެންޏެއް ކޮށްގެން އުޅޭ ދެ މީހަކު އެއްގަލަކަށް އަރަން ނޭގި ޒުވާބު ކުރުމަކީ މުޅި އާއިލާ ހައިޖާނުގަނޑަކަށް ވައްޓާލާ ކަމެކެވެ. އާއިލާ އަށް ސްޓްރެސް ކުރިމަތިވާ އިރު ކުދިން ވެސް އެކަމަށް ހޭނެން މަޖުބޫރުވެ އެވެ.

ކޮންމެ ދެބަސްވުމުއްގެ ތެރެއަށް ކުދިން ވައްދާކަށް ނުޖެހެ އެވެ. ތިރީގައިވާ ޓިޕްސް ބޭނުންކޮށްގެން، ކުދިންނަށް ކުރާ ނަފްސާނީ އަސަރު ކުޑަކުރެވިދާނެ އެވެ.

ބޮޑެތި ޒުވާބު ނުކުރަންވީ

ދެ މީހަކު ދެމެދުގައި އެއްވެސް ދެބަސްވުމެއް ނެތި ނުދާނެ އެވެ. ކުދިންގެ ކުރިމަތީގައި އެއްވެސް ވަރަކަށް ދެބަސްވުމަކަށް ނުގޮސް އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބައެއް ކަންކަމާ ކުރިމަތިލައި މައްސަލަތައް ހައްލު ކުރާ ގޮތުން ކުއްޖާއަށް ވެސް ކަންކަން ދަސްވެ އެވެ.

މީގެ ބަދަލުގައި ގަދައަށް ޒުވާބުކޮށް، ހަޑިހުތުރު ބަސް ބޭނުންކޮށް، ނުވަތަ ރުޅިއައިސްގެން އެކަކު އަނެކަކާ އަނގައިން ނުބުނެ، އެކަހެރިވެގެން އަޅާނުލާ ހުރުމުން މިކަމުގެ އަަސަރު ވެސް ކުދިންނަށް ކުރެ އެވެ.

ދެބަސްވުމަކަށް ގޮސްފިއްޔާ އެންމެ ރަނގަޅު ގޮތަކީ އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތްކޮށް ސުލްހަވެރިކަމާ އެކު މައްސަލަތައް ނިންމުމެވެ.

ދެބަސްވާންވީ އިހުތިރާމާ އެކު

ދެ ކުއްޖަކު ތޮޅެން ފަށައިފި ނަމަ، އެކަން ހައްލުކުރަން ބޭނުންވަނީ ކިހިނެއް ހެއްޔެވެ؟ ބައިވެރިޔާއާ އެކު ހޫނުގަދަ ޒުވާބަކަށް ގޮސްފި ނަމަ، އެފަދަ ދެ ކުއްޖަކު އަމަލު ކުރަން ބޭނުންވާ ގޮތް ހަނދާންކޮށް އެގޮތަށް ބަދަލުވާށެވެ.

އަހަރެމެންގެ އަަމަލުތަކުން ކުދިން އަބަދުވެސް ދަސްްކުރާކަން ހަނދާނުގައި ބަހައްޓާށެވެ. ރުޅިއައިސްގެން ދެމަފިރިޔަކު ޒުވާބު ކުރާ ނަމަ ދަރިފުޅަށް އެ ދެއްކެނީ ގޯސް ނަމޫނާއެއްކަން ދަންނާށެވެ. ކުދިންނަށް ދަސްވަނީ ހަޅޭއްލަވައިގެން މައްސަލަ ހައްލުކުރުމަކީ ބޮޑެތި މީހުން ކަން ކުރާ ގޮތް ކަމުގަ އެވެ.

ނަމަވެސް ދެބަސްވުންތަކުގައި ވެސް އިހުތިރާމާ އެކު ވާހަކަ ދައްކާ ނަމަ، ކުދިންނަށް ރީތި ގޮތުގައި މައްސަލަަ ހައްލުކުރުމަށް ދަސްވެ އެވެ. އަދި މައިންބަފައިން ވެސް ރީތިކޮށް ވާހަކަ ދައްކައި މައްސަލަ ހައްލުކުރަން އުޅޭ ނަމަ މައްސަލަ އިތުރަށް ގޯސްވުމުން ދުރުކޮށްދެ އެވެ.

ދެބަސްވާ މައުލޫއުތައް މަދުކުރުން

އުފާވެރި އާއިލާއެއް ބިނާކުރުމަށް އެންމެންގެ މަސައްކަތް  ބޭނުންވޭ

ކޮންމެ މައުލޫއުއަކީ ކުދިންނަށް ކަންބޮޑުވުން ގެންނަ ކަމެއް ނޫނެވެ. ދިރާސާއިން ދައްކާ ގޮތުގައި ފައިސާއާ ގުޅޭ ހިޔާލުތަފާތުވުންތައް، އިގްތިސޯދީ މައްސަލަތައް އަދި ވަގުތު ބަހާ ހޭދަ ކުރާ ގޮތްތަކުން ކުދިންނަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ. އެކަމަކު ދަރިން ތަރުބިއްޔަތު ކުރާ ގޮތާ މެދު އުފެދޭ ހިޔާލުތަފާތުވުންތަކުން ކުދިންނަށް އަސަރު ކުރެ އެވެ.

ކުދިންނާ ގުޅޭ މައްސަލަތަކުގައި ހާއްސަކޮށް ދެބަސްވާ ނަމަ އެކަން ކުރަންވީ ކުދިންނަށް އަޑު ނީއްވަ އެވެ.

ބިނާކުރަނިވި ފާޑުކިޔުން

ޖެހޭ މައްސަލަތައް ހައްލުކުރުމަށް ބިނާކުރަނިވި ފާޑުކިޔުން މުހިއްމު

ބިނާކުރަނިވި ފާޑުކިޔުންތަކުގެ ސަބަބުން ކުދިންގެ ކިބައިން ރަނގަޅު ނަތީޖާތަކެއް ފެނެ އެވެ. ފުރަތަމަ ކަމަކަށް ކުއްޖާއަށް ރައްކާތެރިކަން އިހްސާސް ކުރެވެ އެވެ. އަދި ޕޮޒިޓިވް އިހްސާސްތައް ކުރެވެ އެވެ. ނިދުމާއި ސްކޫލްގެ ނަތީޖާ ރަނގަޅުވެ އިޖްތިމާއީ ގުޅުންތައް ވަރުގަދަވެ އެވެ. މައްސަލަތައް ހައްލުކުރަން ދަސްވެ، ސްޓްރެސްވުމާ ދުރުވެ އުނދަގޫ ހާލާތްތަކުން އަރައިގަންނަން ފަސޭހަވެ އެވެ.

ބިނާކުރަނިވި ގޮތަކަށް މައްސަލަތައް ހައްލުކުރުމަށް:

  • ރުޅިވެރިކަން ދެއްކުމުގެ ބަދަލުގައި ގާތްވެވިދާނެ

  • އިހްތިރާމާ އެކު ދެބަސްވެވިދާނެ

  • ލަދުގަންނުވާލާ ކުށް ހޯދުމުގެ ބަދަލުގައި ބިނާކުރަނިވި ފާޑުކިޔުން އިހްތިޔާރު ކުރެވިދާނެ

  • ހައްލު ހޯދުމަށް ވާހަކަ ދެއްކިދާނެ

  • ވެގެން އުޅޭ ގޮތް ކުއްޖާއަށް އޮޅުންފިލުވައިދީ، އެއީ ކުއްޖާގެ ސަބަބުން ކުރިމަތިވީ ކަމެއް ނޫން ކަން އަންގައިދިނުން މުހިއްމު

ދިމާވާ މައްސަލަތައް ހައްލު ނުކުރުމަކީ ހައްލެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކޮށްގެން ސުލްހަވެރިކަމާ އެކު ކަންކަން ހައްލު ކުުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް