ލޯބީގެ ގުޅުން

އެކްްސްއާ އަލުން ނުގުޅެންވީ މި ސަބަބުތަކާ ހުރެ

ބައިވެރިޔާއާ ވަކިވުމަށް ފަހު އަލުން އޭނާއާ އެކު އުޅެން ބޭނުން ނަމަ ވިސްނަންވީ ބައެއް ކަންކަން ހުރޭ

މުހިންމު ނުކުތާތައް

އެކްސްގެ ކިބައިގައި ހުރި ނޭދެވޭ ސިފަތައް ބަދަލު ނުވަނީސް އަލުން ގުޅުން ބުއްދިވެރިއެއް ނޫން

އޭނާއާ އަލުން ގުޅެން ބޭނުންވަނީ ކޮން ސަބަަބަކާ ހެދިތޯ ދެނެގަތުން މުހިއްމު

އަލުން ގުޅުމުގެ ކުރިން އަމިއްލަ ނަފްސާ ވަކި ސުވާލުތަކެއް ކުރުން ބުއްދިވެރި

ކުރީގެ ބައިވެރިޔާއާ އަލުން އަނބުރާ ގުޅެން ބޭނުން ނަމަ މިއީ ރަނގަޅަށް ވިސްނަން ޖެހޭ ކަމެކެވެ. ސަބަަބަކީ އެކީގައި ލޯބިން އުޅެފައި ހިތްދަތިކަމެއް ދީފައި ދޫކޮށްލި މީހާ އަކީ އަދިވެސް ކުރީގެ މީހާ އަށް ވުން ގާތެވެ. އަދި އޭނާއާ ވަކިވި ސަބަބުތައް އަދިވެސް ބަދަލެއް ނަައިސް އެގޮތުގައި ހުރެދާނެ އެވެ. އަލުން އެނބުރި އޭނާ ގާތަށް ދިއުމަށް، ނުވަތަ ގުޅުން ބަދަހި ކުރުމަށް ތި އުޅެނީ އެންމެ ރަނގަޅު ސަބަބާ ހެދި ކަމުގައި ނުވެ ވެސް ދާނެ އެވެ.

ބައިވެރިޔާއާ ވަކިވުމުން މާޔޫސްވުން އެއީ އާއްމު ކަމެއް

ބައިވެރިޔާއާ ރުޅިވުމުން ހިތްހަމަނުޖެހި، ދެރަވެ، މީހާ މާޔޫސްވުމަކީ އެކަށީގެންވާ ކަންކަމެވެ. ވަގުުތު ފާއިތުވާ ވަރަކަށް އެމީހެއްގެ ހަނދާންތަކާ ދުރަށް ދެވި އެއީ އެންމެ ރަނގަޅު ގުޅުން ނޫން ކަން ދެނެގަނެވެ އެވެ.

ގުޅުމެއް އެންމެ ރަނގަޅު ގޮތުގައި ބަދަހިވެގެން އަންނަނީ ދެ މީހުން އެ ގުޅުން ބޭނުންވެގެންކަން އިހްސާސް ކުރެވޭނެ އެވެ.

އެކްސް ތިމާއާ ރުޅިވެއްޖެ ނަމަ، އަދި ތިމާ އޭނާއާ ރުޅިވެއްޖެ ނަމަ ގުޅުމުގެ ތެރެއަށް ރަނގަޅަށް ނުވަދެވެނީ އެވެ. ކަން މިހެން އޮތް ކަމުގައިވީ ނަމަވެސް، އަދިވެސް ކުރީގެ ބައިވެރިޔާ ދެކެ ލޯބިވާ ކަމުގެ އިހްސާސްތަކެއް ކުރިމަތިވެދާނެ އެވެ. ރުޅިވި ސަބަބާ މެދު ވިސްނައި އަލުން ގުޅުމުގެ ހިޔާލުތަކެއް އައިސްފާނެ އެވެ. ފޯނުގެ ފޮޓޯ ގެލެރީ އެއްކޮޅުން އަނެއްކޮޅަށް ބަލާލާ އިރު ލޯބިން އެކީގައި ހޭދަކުރި އުފާވެރި ވަގުތުތަކުގެ މަތިން ހަނދާންވެ، އެ އުފާވެރިކަމުގެ ލޮލުން އެ ގުޅުމަށް ބެލުން އެކަށީގެންވެ އެވެ.

ކުރީގެ ލޯބިވެރިޔާ އަކީ ތިމާއަށް ވުރެ ރީތި މީހެއް ކަމަށް ގަބޫލު ކުރެވޭ ނަމަ ގިނަ ފަހަރަށް އަލުން ގުޅެން ބޭނުންވޭ

ދިރާސާތައް ބުނާ ގޮތުގައި އެކްސްއާ މެދު ދެކޭ ގޮތުން އޭނާ އަނބުރާ ބޭނުންވެ އެވެ. އޭނާ އަކީ ތިމާއަށް ވުރެ ރީތި މީހެއް ކަމުގައި ދެކޭ ނަމަ އޭނާ އަށް އަލުން ހިތްކިޔައި ގުޅުން އަނބުރާ އާ ކުރުމަށް ގިނަ ފަހަރަށް ބޭނުންވެ އެވެ.

އެކްސްއާ އަލުން ގުޅުން ރަނގަޅުނުވާ 4 ސަބަބެއް

ލޯބީގެ ގުޅުމެއްގައި އުޅޭ ދެ މީހަކު އެކަކު އަނެކަކާ ދުރުވަނީ ސަބަބުތަކަކާ ހުރެ އެވެ. ކުރީގެ ބައިވެރިޔާމަތިން ހަނދާންވުން، ނުވަތަ ނެތްކަން އިހްސާސްވެ ކުރެވޭ އަސަރުތަކަކީ ބައެއް މީހުންނަށް ގަބޫލް ކުރެވޭ ގޮތުގައި އަލުން ގުޅެންވީ ސަބަބެކެވެ. ނަމަވެސް ކުރީގެ ބައިވެރިޔާއާ އަލުން ގުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ އެވެ. ތިރީގައި މިވަނީ މިކަން އަންގައިދޭ ހަތަރު ނިޝާނެވެ.

ބައިވެރިޔާ އަށް އިތުބާރު ނުކުރެވޭ ނަމަ އަލުން ގުޅުން ބުއްދިވެރިއެއް ނޫން

1. އިތުބާރު ގެއްލުން

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގައި އިތުބާރަކީ މުހިއްމު އެއްޗެކެވެ. ބައިވެރިޔާ ބޭވަފާތެރިވުމުން އޭނާ އަށް މާފުކޮށް ގުޅުން ކުރިއަށް ގެންދެވިދާނެ އެވެ. ނަމަވެސް ބައިވެރިޔާއާ މެދު ޝައްކު ކުރެވޭ ނަމަ، އަދި އިތުބާރު ނުކުރެވޭ ނަމަ، ކުރިން އޮތް ގުޅުމެއް އަލަކުން ނުއުފެދެ އެވެ. ތިމާ ހާސްވާ އަދި ބިރުގަންނަ ކަންކަން ބައިވެރިޔާއާ ހިއްސާ ކުރަން އުނދަގޫވެ އެވެ. ތިމާގެ ނާޒުކު ހިތް އޭނާ އަށް ދައްކަން އުނދަގޫވެ އެވެ.

ދެ މީހެއްގެ ދެމެދުގައި ގާތްކަމާއި ލޯބި ނުވަތަ "އިންޓިމެސީ"  އުފެދުމަށް އެންމެ މުހިއްމު ބިންގަލަކީ އެކަކު އަނެކަކަށް ކުރާ އިތުބާރެވެ. އެހެންކަމުން، ބައިވެރިޔާ އަށް އިތުބާރުކޮށް، އޭނާ އަކީ ތިމާއަށް އިތުބާރު ކުރާ މީހެއް ކަމުގައި ވާންޖެހެ އެވެ.

ކުރީގެ ބައިވެރިޔާއާ އަލުން ގުޅުމުގެ ކުރިން މިކަމާ މެދު ފުންކޮށް ވިސްނާލަން ޖެހެ އެވެ. އިތުބާރު ނުކުރެވޭ ނަމަ ގުޅުމުގެ މާނައެއް ނެތެެވެ.

2. މުއާމަލާތް ކުރުމުގެ މައްސަލަތައް

ކުރީގެ ބައިވެރިޔާ އަކީ މައްސަލަ ހައްލުކުރަން މަޝްވަރާ ނުކުރާ މީހެއް ނަމަ އަލުން ގުޅުން ބުއްދިވެރިއެއް ނޫން

ބައިވެރިޔާއާ ވާހަކަ ދެއްކުމަކީ ގުޅުން ބަދަހިވާ ކަމެކެވެ. އޭނާ އަކީ ކަންކަން ބޮއްސުންލައިގެން ދާއިރު ވެސް އެކަމާ އަޅާނުލާ، ދެ މީހުންގެ ދެމެދުގައި މަޝްވަރާތައް ނުބާއްވާ މީހެއް ނަމަ އަލުން އޭނާއާ ގުޅުމުގެ ބޭނުމެއް ނެތެވެ.

އަދި ކުދިކުދި ކަންކަމާ ވެސް އަބަދު އަވަހަށް ރުޅިއަންނަ މީހެއް ނަމަ އަދި ވާހަކަ ދައްކާއިރު ތިމާއަށް އިހްތިރާމް ކުޑަކޮށް ދަށްކޮށްފައި އަޑުލައި ހަޅޭއްލަވާ މީހެއް ނަމަ އޭނާއާ އަލުން ގުޅުން ރަނގަޅެއް ނޫނެވެ.

ހުރިހާ ގުޅުމެއްގައި ވެސް މައްސަލަ ޖެހެ އެވެ. މައްސަލަ ހައްލުކުރުމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ޒުވާބު ކުރާ ނަމަ ގުޅުން ކެނޑުމަށް މެދުވެރިވެ އެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާއިރު އަބަދު ދުވަހީކޮށް ވާ ކަންތަކުގެ ބަދަލުގައި އެކަކު އަނެކަކާ ފުންކޮށް ވާހަކަ ދައްކަން ޖެހެ އެވެ. ގާތްކަން އުފެދެނީ އޭރުންނެވެ.

ދެ މީހުން ދިރިއުޅުމުގައި ބޭނުންވާ ކަންކަމާއި ހަޔާތުގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ކަމެކެވެ. މިގޮތަށް ބައިވެރިޔާ އަމަލު ނުކުރާ ނަމަ އޭނާއާ އަލުން ގުޅުމުގެ ބޭނުމެއް ނެތެވެ. ދިރިއުޅުމުގައި ދެ މީހުން އެއް އަމާޒަކަށް ދާން ބޭނުން ނުވާ ނަމަ އެކަކު އަނެކަކު ދެކެ ފޫހިވެ އަވަސް އަވަހަށް ރުޅިގަދަވެ ރުންކުރުވެ އެވެ. އަދި ދިރިއުޅުމުގައި އުފަލެއް ނުފެންނާނެ އެވެ.

3. ހަމައެކަނި ޖިސްމާނީ ގުޅުމެއް ނޫން، ލޯބި ވެސް މުހިއްމު

ބަދަހި ގުޅުމަކަށް އަދި އެކީގައި ދިގު ހަޔާތެއް ވޭތުކުރުމަށް ސެކްޝުއަލް ކެމިސްޓްރީއާ އެއްވަރަށް އިމޯޝަނަލް ގުޅުން ބަދަހިވާން ޖެހޭ

އުފާވެރި ދިރިއުޅުމަކަށް އަދި ފާގަތި މުސްތަގުބަލަކަށް އެކަކު އަނެކެއްގެ އެދުން ފުއްދާދިނުމަކީ މުހިއްމު ކަމެކެވެ. ކުރީގެ ބައިވެރިޔާ އަލުން ގުޅެން ބޭނުންވަނީ ދެ މީހުންގެ ދެމެދުގައި އޮތް ސެކްޝުއަލް ކެމިސްޓްރީ ވަރުގަދަވުމުންތޯ އެއީ ސުވާލުކުރަންޖެހޭ ކަމެކެވެ.

ބައިވެރިޔާއާ އޮންނަ ގާތްކަމުގެ ތެރޭގައި ސެކްޝުއަލް ކެމިސްޓްރީއާ އެއްވަރަށް އިމޯޝަނަލް ބައި ވެސް އޮންނަންވެ އެވެ. ލޯބިވާންޖެހެ އެވެ. އޭރުން އަދި އެ އުފެދެނީ ހަގީގަތުގައި ވެސް ވަކިވެގެން ނުދާ ފަދަ ވަރުގަދަ ގުޅުމެކެވެ.

ލޯތްބަކީ ކޮބާހޭ އަހައިފިއްޔާ މިއީ ފަސޭހައިން ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ. ނަމަވެސް ދެ މީހެއްގެ ދެމެދުގައި އޮންނަ ސާފު ލޯތްބެއްގައި ވަކި ކަހަލަ ސިފަތަކެއް ހުރެޔޭ ބުނެވިދާނެ އެވެ. އަޅާލުމާއި ވަފާތެރިކަން އަދި ޖަޒުބާތީ ގުޅުމެއް އޮވެ އެވެ.

ސައިންސްވެރިން ވަނީ އިތުރު އެއް ފިޔަވަޅު ކުރިއަށް އަޅާފަ އެވެ. ދާދި ފަހުން 25 ގައުމެއްގައި ކުރި ދިރާސާއެއްގައި ހޯދުނީ ލޯބީގެ ގުޅުމެއް ނަމަ މުހިންމު ތިން ސިފައެއް އެކުލެވިގެންވާ ކެމެވެ. ގާތްކަން، ޝައުގުވެރިކަން އަދި ވަފާތެރިކަމެވެ.

މި ތިން ކަންތައް އަބަދު އެއްވަރަކަށް ނެތަސް، މިއީ ލޯބީގެ މުހިއްމު އަސާސްތަކެވެ. ކުރީގެ ބައިވެރިޔާގެ ފަރާތުން މި ކަންކަން ނުލިބޭ ނަމަ އަދި އޭނާއާ އެކު އޮންނަ ފިޒިކަލް ގުޅުން ބޭނުންވިޔަސް، އަލުން އަނބުރާ ގުޅުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

4. އެކުވެރިކަން ނެތުން

އެކުވެރިކަމަކީ ލޯބީގެ ގުޅުމެއްގެ ފެށުން. އެކުވެރިކަން ނެތް ނަމަ ދިގު މުއްދަތަކަަށް އެކީގައި އުޅެން އުނދަގޫވާނެ

ރަނގަޅު ރަހުމަތްތެރިއެއް ނަމަ ތިމާ ބަލައިގަނެ އެވެ. ގާތްކަން ބާއްވައި އިތުބާރު ކުރާނެ އެވެ. ރަހުމަތްތެރިން އެކީގައި ވަގުތު ހޭދަކުރުން އެއީ އުފަލުގައި ކުރާ ކަމެކެވެ. ލޯބީގެ ގުޅުމުގެ އިތުުރުން އޭނާ އަކީ ތިމާގެ ރަހުމަތްތެރިއެއް ނޫން ނަމަ އަލުން ގުޅުން އިޔާދަ ކުރުމަށް މަސައްކަތް ނުކުރާށެވެ.

ދިގު މުއްދަތަކަށް ދެ މީހަކު ގުޅުމެއް ބަދަހި ކުރުމަށް އެކުވެރިކަން މުހިއްމެވެ. ފިލްމުތަކުން އަހަރެމެންނަށް އަބަދުވެސް ފެންނަނީ އަލަށް ދިމާވާ ދެ މީހަކު ލޯބީގެ ގޮތުން ގުޅޭ މަންޒަރެވެ. އެކަމަކު މިދިޔަ އަހަރު ހެދި ދިރާސާއެއް ބުނާގޮތުން ގިނަ ޖޯޑުތަކަކީ ފުރަތަމަ  އެކުވެރިންނެވެ. ލޯބީގެ ގުޅުމެއް އުފެދެނީ މާ ފަހުންނެވެ.

ދުޅަހެޔޮ ނޫން ގުޅުމެއްގެ ބައެއް އަލާމާތްތައް

ބައިވެރިޔާއާ އެކު އޮންނަނީ ދުޅަހެޔޮ ގުޅުމެއް ނޫން ނަމަ ބައެއް އަލާމާތްތައް ފެންނަން ހުރޭ

ދުޅަހެޔޮ ނޫން ގުޅުމެއްގެ ބައެއް އަލާމާތްތަކަށް ހޭލުންތެރިވާންޖެހޭ މިންވަރަށް ގިނަ ފަހަރަށް ހޭލުންތެރި ނުވެދާނެ އެވެ. އާއިލާ ތެރޭ އެއްވެސް ކަހަލަ ހަމަޖެހުމެއް ނެތި، ހައިޖާނު ބޮޑުކޮށް ބޮޑުވެގެން އަދި ގެވެށި އަނިޔާ ތަޖުރިބާކޮށްފައިވާ މީހަކު ނަމަ ތިމާއާ މެދު އެންމެ ރަނގަޅަށް ނުހިތިޔަސް އެ ގޮތަށް އާދަވެފައި ހުރެދާނެ އެވެ.

 އަނިޔާވެރި ބައިވެރިއެއްގެ ކިބައިން ފެނިގެންދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ފާރަލުން، ގަނާކުރުން، ތިމާގެ ތަޖުރިބާތަކަކީ ނުވާ ކަމެއް ކަމުގައި ހެދުން ހިމެނެ އެވެ. މީގެ އިތުރުން އޭނާގެ ކުރީގެ ބައިވެރިޔާ ދަށްކޮށް ދެރަކޮށްލާ މޭރުމުން ވާހަކަ ދައްކާނެ އެވެ.

ކުރީގެ ބައިވެރިޔާއާ އަލުން ގުޅުމުގެ ކުރިން އަމިއްލަ ނަފްސާ ކުރަންވާ ސުވާލުތައް ތިރީގައި މިވަނީ އެވެ. ވަގުތުކޮޅެއް ނަގައިގެން މި ސުވާލުތަކަށް ތެދުވެރިކަމާ އެކު ޖަވާބުދޭށެވެ.

މިއިން އެއްވެސް ސުވާލެއްގެ ޖަވާބަކީ އާނއެކޭ ނަމަ އޭނާ އެކަން ރަނގަޅުކޮށްފިތޯ ބަލާށެވެ. އެކަމަށް ބަދަލެއް ގެނެސްފައި ނުވުމުގެ ފުރުސަތު ބޮޑެވެ. މީހެއްގެ ކިބައިގައި ކަމެއްގެ ސިފަ ހުރެދާނެ އެވެ. އެކަމަކު އެކަމަށް ހެޔޮ ބަދަލެއް ގެނެސްފައި ނުވާ ނަމަ، އަލުން ގުޅުމާ މެދު ރަނގަޅަށް ވިސްނާށެވެ.

  • ކުރީގެ ބައިވެރިޔާ އަބަދު ތިމާ އަށް ފާޑުކިޔާ ހެއްޔެވެ؟

  • އޭނާގެ ފަރާތުން ބޭނުންވާ ސަޕޯޓް ނުލިބޭ ކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟

  • ކުރީގެ ބަައިވެރިޔާގެ ފުށުން އުނދަގޫވެ ހިތްނުތަނަވަސްކަން ލިބި، ޕްރެޝަރު ކުރިމަތިވެ ބިރުގަނޭ ހެއްޔެވެ؟

  • ތިމާ ދައްކާ ވާހަކަ ބައިވެރިޔާއަށް އަޑުނީވޭ، އަދި އިހްތިރާމް ކުޑަ ކުރާ ކަމާއި ތިމާގެ ހިޔާލުތަކަށް ސަމާލުކަން ނުދޭހެން ހީވޭ ހެއްޔެވެ؟

  • ކުރީގެ ބައިވެރިޔާއާ މައްސަލަޖެހޭ އިރު މައްސަލަތައް އެންމެ ރަނގަޅަށް ހައްލު ނުވާކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟

  • ދެ މީހުންގެ ދެމެދުގައި ރަނގަޅަށް މުއާމަލާތް ކުރުން ކުރިއަށް ނުދާ ކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟

  • އާއިލާ އާއި ރައްޓެހިންނާ ތިމާ އެކަހެރި ކުރުމަށް ކުރީގެ ބައިވެރިޔާ މަސައްކަތްކޮށްފައިވޭ ހެއްޔެވެ؟ އެއްވެސް ގޮތަކަށް ކޮންޓްރޯލް ކުރަން އުޅުނުހެން އިހްސާސް ކުރެވޭ ހެއްޔެވެ؟

  • އެކީގައި އުޅުނު އިރު އެކަށީގެންވާ ވަރަށް ވަގުތު ދިން ހެއްޔެވެ؟

  • ތިމާއާ މެދު އިހާނެތިކޮށް ކަންތައްކޮށްފައި ފަހުން މާ ބޮޑަށް ލޯބި ދޭން އުޅުނުހެން ހީވޭ ހެއްޔެވެ؟

  • އެކީގައި އުޅުނު އިރު ތިމާއަށް ކަންކަން ފޮރުވާކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟

ބާއްޖަވެރި ދިރިއުޅުމަކަށް ކޮންމެ މީހަކީ ވެސް ބައިވެރިޔަކާ އެކީ އުފާވެރި ހަޔާތެއް ބޭނުންވާނެ މީހެކެވެ. ލޯތްބާއި އަޅާލުން، ގާތްކަން އަދި އިތުބާރު ކުރާ ބައިވެރިއެއް ބޭނުންވާނެ އެވެ. ތިމާއާ މެދު އިހާނެތިކޮށް ހިތި ބައިވެރިއެއް ކަމުގައި ވިޔަސް އެކަނިވެރިވާ ހިނދު އޭނާއާ އަލުން ގުޅެން ބޭނުންވާ ކަމުގެ އިހްސާސްތައް ކުރެވުމަކީ ވަރަށް އާއްމު ކަމެކެވެ.

ބާއްޖަވެރި ދިރިއުޅުމަކަށް ބޭނުންވަނީ ލޯތްބާއި އަޅާލުން، ގާތްކަން އަދި އިތުބާރު ކުރެވޭ ބައިވެރިއެއް 

އެކަމަކު އަލުން ގުޅުމަށް ވުރެ އެންމެ ރަނގަޅީ އަމިއްލަ ނަފްސަށް އެ ވަގުތުކޮޅު ދިނުމެވެ. ތިމާ ކުރާހިތްވާ ކަމެއް ކުރުމަށް، ޝައުގުވެރިވާ ކަންކަން ހޯދައިގެން އެ ކަންކަން ކުރާށެވެ. އާ ހުނަރެއް ދަސްކުރެވިދާނެ އެވެ. އަމިއްލަ ނަފްސަށް އުފާވެރިކަން ގެންނަ ކަންކަމުގައި ވަގުތު ހޭދަކުރާށެވެ. ކައިރީގައި ބައިވެރިޔަކު ނެތަސް އުފާވެރި ލޮލަކުން ދުނިޔެ ދެކޭށެވެ.

ކޮމެންޓް (1)

ކެމް

15 މޭ 2023
ކެމިސްޓްރީ ގަދަ ކަމުން ދުރުގަ ނުހުރެވެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް