ލަވަކިއުންތެރިއާ ރިއާނާ މެޓް ގާލާ އިވެންޓުގައި

ބިއުޓީ

މެޓް ގާލާއިން ފެނުނު އެންމެ ހިތްގައިމު އަދި ތަފާތު ބިއުޓީ ލުކްސް

އަހަރުގެ ބޮޑު ފެޝަން އިވެންޓުގައި ތަރިން ވަނީ ތަފާތު ހެދުންތަކާ އެކު ތަފާތު މޭކަޕް، ހެއާސްޓައިލް އަދި މެނިކިއޯ ދައްކާލައިފައި

ނިއު ޔޯކް ސިޓީގެ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި މެޓް ގާލާ ރެޑް ކާޕެޓުން ވަރަށް ގިނަ މަންޒަރުތައް ފެނުނެވެ. މެޓްގެ އަހަރީ ހަފްލާގައި 'ކާލް ލަގަފެލްޑް: އަ ލައިން އޮފް ބިއުޓީ' މައުރަޒު އިފްތިތާހުކުރީ ޝެނެލް، ފެންޑީ އަދި އޭނާގެ އަމިއްލަ ފެޝަން ލައިން ފަދަ ފެޝަން ހައުސްތައް ހިންގާފައިވާ ލަގަފެލްޑްގެ ލެގަސީ ފާހަގަކޮށްފަ އެވެ. 

"ސުޕަ ބޯލް އޮފް ފެޝަން"ގެ ގޮތުގައި ސިފަކުރެވޭ މެޓް ގާލާ އަކީ ފާއިތުވި 10 ވަރަކަށް އަހަރުގެ އެންމެ ވައިރަލް ސެލެބްރިޓީ ރެޑް ކާޕެޓް ލުކްތައް އުފެއްދި އިވެންޓެވެ. މި އަހަރުގެ ސެލެބްރިޓީ މެހެމާނުން ލަގަފެލްޑްގެ ޝަރަފުގައި ހެދުން އެޅުމަށް ވަނީ އަންގާފަ އެވެ.

ރީތި، ޗާލު ހެދުންތަކުން ފެށިގެން އާދަޔާހިލާފު އަދި ހުތުރު ހެދުންތަކާއި އަގު ބޮޑު ޑިޒައިނާ ހެދުންތަކުގެ އިތުރުން ހިތްގައިމު އަދި ތަފާތު މޭކަޕް ލުކްސް އާއި ހެއާ ސްޓައިލްތައް މި އަހަރުގެ އިވެންޓުން ފެނުނެވެ. 

މޭކަޕް

މެޓް ގާލާ ފަދަ ރޭގަނޑު އޮންނަ ބޮޑު ހަފްލާއަކަށް އެކަށީގެންވަނީ ވަރަށް ކްލެސިކް އެކަމަކު ޒަމާނީ ގޮތެއް ހުންނަ ލުކްސް އެވެ. މިފަހަރު ވެސް ގިނަ ތަރިން ބޭނުންކޮށްފައިވަނީ ވަރަށް ސާދާ އަދި ލަތީފީ ބިއުޓީ ލުކްސް އެވެ. މިނަށްވުރެން ގޮތް ބޮޑު މޭކަޕްތައް ނުކޮށް، މެޓް އަދި ނެޗުރަލް ސްޓައިލް ގިނައިން ފެނުނެވެ. އަދި އިސްތަށިގަނޑު ވެސް ގިނައިން ހުރީ ކްލެސިކް ސްޓައިލަށެވެ.

މި އަހަރު އޮސްކާ ލިބުނު އެކްޓްރެސް މިޝޭލް ޔެއޯ، ސުޕަމޮޑެލް ޖިޒޭލް ބަންޗަން އަދި މާގޯ ރޮބީ ވަނީ ވަރަށް ސާދާ، ސާފު މޭކަޕް ލުކްސް ދައްކާލައިފަ އެވެ. ލޮލުގައި ޖައްސާފައި ހުރީ ވަރަށް ނެޗުރަލް އަދި ނިއުޓްރަލް ކުލަތަކެކެވެ. އައިލައިނާ އަޅައިފައި ހުރީ ތުނިކޮށް ސާދާ ސްޓައިލަކަށެވެ. ދެން ތުންފަތުގައި ބޭނުންކޮށްފައި ހުރީ މަޑު ފިޔާތޮށި ކުލަ އެކެވެ. އެމީހެއްގެ އަސްލު ސިފަ ނުގެއްލޭ ޒާތުގެ މޭކަޕް އެކެވެ.

މިޝޭލް ޔެއޯ
މާގޯ ރޮބީ
ޕެނެލޮޕީ ކްރޫޒް

ޑްރެމެޓިކް މޭކަޕް ކޮށްފައި ހުރި މީހުން ގިނައިން ފެނުނީ ރިހި ނުވަތަ މެޓަލިކް ކުލަތައް ލޮލުގައި ޖައްސާފައި ހުރި ތަނެވެ. އަދި ސްމޯކީ އައި މޭކަޕް ވެސް ރަތް ދޫލަ މަތިން ފެނުނެވެ.

ސުޕަ މޮޑެލް ނައޯމީ ކޭމްބެލްގެ ލޮލުގައި ޖައްސާފައި ހުރީ ފިޔާތޮށި ކުލައިގެ މެޓަލިކް އައިޝެޑޯ އެވެ. ޑްރެމެޓިކް އައި މޭކަޕްއަކާ އެކު ތުންފަތާއި މޫނު ފެނުނީ ވަރަށް ސާދާ ކޮށް ބަހައްޓާފައި ހުއްޓަ އެވެ. 

ނެއޯމީ ކޭމްޕްބެލް

'ލިޓްލް މާމެއިޑް' ފިލްމުގެ ތަރި ހެލީ ބެއިލީ ހުރީ އޭނާގެ ހުދު ވިދާ ހެދުމާ ގުޅުވާލައިގެން ރިހި ކުލަ ލޮލުގައި ޖައްސާފަ އެވެ. ޖީޖީ ހަދީދް ވެސް މި ކުލަތައް ބޭނުންކޮށްފައި، ރިހި މިނާ ފޮތިތަކެއް ލޮލުގެ ކައިރީގައި ހަރުކޮށްފައި ހުއްޓެވެ.

ހެލީ ބެއިލީ
ޖީޖީ ހަދީދް

ތުންފަތުގައި ރަތް ކުލަ ޖައްސާފައި ހުރި ތަރީން ރަތް ދޫލަ މަތީގައި މަދެއް ނޫނެވެ. މިއީ އެންމެ މަގުބޫލު ލިޕްސްޓިކް ކުލަ ކަމަށް ފާހަގަވި އެވެ. އެގޮތުން އެކްޓްރެސް ލިލީ ކޮލިންސްގެ ކްލެސިކް ލުކްއާ ގުޅުވާލައިގެން ތުންފަތުގައި ޖައްސާފައި ހުރީ ގަދަ ރަތް ކުލަ އެކެވެ. ލަވަކިއުންތެރިއާ ރިއާނާ ވެސް ހުރީ އޭނާގެ ލައިޓް ސިލްވާ މޭކަޕްއާ ގުޅުވާލައިގެން ގަދަ ރަތް ލިޕްސްޓިކްއެއް ތުންފަތުގައި ޖައްސާފަ އެވެ.

ލިލީ ކޮލިންސް
ރިއާނާ

ހެއާސްޓައިލް

ތަރިންގެ އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުރީ ވަރަށް ހިތްގައިމު ގޮތްގޮތަށެވެ. ގިނަ މީހުންގެ އިސްތަށިގަނޑު ދޫކޮށްލައިފައި ހުރީ ވޭވީ ސްޓައިލަކަށެވެ. އޭޝްލީ ގްރެހެމް، ލިލީ ކޮލިންސް އަދި އޮލިވިއާ ރޮޑްރިގޯ ދައްކާލީ ވިންޓޭޖު ސްޓައިލުތަކެއް ޒަމާނީ ޓްވިސްޓަކާ އެކު އެވެ.

އޭޝްލީ ގްރެހަމް
އޮލިވިއާ ރޮޑްރިގޯ

އެކްޓްރެސް އޭން ހެތަވޭގެ ބޮޑު 'ބީހައިވް' އިސްތަށިގަނޑާ އެކު 90ގެ ޝެނެލް ޝޯއެއްގެ 'ހެއާ ޕީސް' ކެމިއްލިއާއެއް ބޮލުގައި ޖަހައިފައި ހުއްޓެވެ.

އޭން ހެތަވޭ

މޮޑެލް ޕަލޮމަ އެލިއްސާ އާއި ޕްރިޔަންކާ ޗޯޕްރާ ހުރީ ދޫނި ފިޔަ އާއި ރިބަން ބޭނުންކޮށްގެން އިސްތަށިގަނޑު ވަރަށް 'ސްލީކް' ނަލަ ސްޓައިލަކަށް ތައްޔާރު ކޮށްފަ އެވެ. 

ޕަލޮމަ އެލިއްސާ
ޕްރިޔަންކާ ޗޯޕްރާ

މޮޑެލް އެމިލީ 'ހެއާ އެކްސްޓެންޝަންސް' ބޭނުންކޮށްގެން ހުރީ އިސްތަށިގަނޑު އައްސާލައި ކުރު ބޭންގްސްއާ ގުޅުވާލައިފަ އެވެ.

އެމިލީ

މުޅިން ތަފާތު ހެއާސްޓައިލެއް ދައްކާލީ އެކްޓްރެސް ފްލޮރެންސް ޕިއު އެވެ. ބޮލުގައި ވެލެންޓީނޯ ބްރޭންޑުގެ ހެޑް ޕީސްއަކާ އެކު އޭނާގެ ބަޒް ކަޓް ދުނިޔެއަށް ދައްކާލި އެވެ.

މަގުބޫލު އެކްޓްރެސް ޖެސިކާ ޗެސްޓެއިން ހުރީ މުޅި އިސްތަށިގަނޑު ބްލަންޑުކޮށް ޑައި ކޮށްލައިފަ އެވެ. ކާޑީ ބީގެ އަޅި ކުލައިގެ ވިގްއާ އެކު ކަޅު ބޭންޑެއް އަޅާފައި ހުއްޓެވެ.

ފްލޮރެންސް ޕިއު
ޖެސިކާ ޗެސްޓެއިން
ކާޑީ ބީ

މެނިކިއޯ

އިހު ޒަމާނުގެ ބޮޑެތި ރެޑް ކާޕެޓް ހަފްލާތަކުގައި މެނިކިއޯ ނުވަތަ ނިޔަފަތި ޖަރީކޮށް ނަލަކޮށް ބެހެއްޓުމަކީ މާ ބޮޑު އިސްކަމެއް ދިން ކަމެއް ނޫނެވެ. އެކަމަކު މިޒަމާނުގެ ބޮޑެތި ހަފްލާތަކަށް އިސްތަށިގަނޑާއި މޭކަޕްގެ އިތުރުން ނިޔަފަތީގައި ޖައްސާފައި ހުންނަ ކުލަ އާއި ބައްޓަމަކީ އެމީހެއްގެ ލުކް ފުރިހަމަ ކުރަން މުހިއްމު ބަޔަކަށް ވެއްޖެ އެވެ.

މި އަހަރުގެ މެޓް ގާލާ އިވެންޓުން އެކި ޒާތުގެ 'ނެއިލް އިންސްޕޯ' ފެނުނެވެ. 

ރީޓާ އޯރާ
ޑޯޖާ ކެޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް