Majlis 2024

އެންޑޯ މޯލްޑިވްސްގެ ފަރާތުން އެންޑޯ މާރޗް މަހު ކުރިއަށް ގެންދިޔަ ހަރާކާތްތައް

އަހަންނަކީ 10 އަކުން އެކެއް

ގަބޫލުކުރަން ދަތި ނަމަވެސް %80 އަންހެނުން އެދަނީ ކޮންމެ މަހަކު ވެސް އެ ވޭން ތަހައްލަމްކުރަމުން

މުހިންމު ނުކުތާތައް

އެންޑޯމެޓްރިއޯސިސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނުވަތަ ކެންސަރެއް ވެސް ނޫން

ކޮންމެ 10 އަންހެނަކުން އެއް އަންހެނަކީ މިބަލީގެ ޝިކާރައެއް

އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނެތް

ސުވާލަކުން ފަށާނަމެވެ. މައްސަރުގެ ދުވަސްވަރު ބަނޑުގައި ރިއްސާ ވާހަކަ ހިއްސާކުރުމުން އެކަމަަށް ބީރު ކަންފަތެއް ދިނީ ކިތައް މީހުން ހެއްޔެވެ؟ މިކަން މިހެން ވަނީ ގިނަ މީހުންނަށް އެއީ ކިހާވަރެއްގެ ކަމެއްކަން ނުވިސްނޭތީ އެވެ. ބައެއް މީހުންގެ ނަޒަރުގައި ހުރިހާ އަންހެނުންނަށް ދިމާވާ ކަމަކާ ބެހޭ ގޮތުން ޝަކުވާކުރުމަކީ ފިނޑިވުމުވެ. ނުވަތަ ހިތްވަރުގަދަ އަންހެނަކަށް ނުވުމެވެ. އަނެއް ބައެއްގެ ނަޒަރުގައި އަންހެނުން މިފަދަ ޝަކުވާ ކުރަނީ މަސައްކަތުން ރެކެންވެގެންނެވެ. 

ގިނަ މީހުނަށް މިއީ ކިހާ ވަރެއްގެ ކަމެއްކަން ނުވިސްނޭ

މި ބުނެވުނީ ރަނގަޅު ވިސްނުންތަކެއް ހިމެނޭ ވާހަކަތަކެއް ނޫނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މައްސަރުގެ ކަންކަން އާދައިގެ ތަޖުރިބާއަކަށް ވަނީ އަންހެނުންގެ އެންމެ %20 މީހުންނަށެވެ. އަނެއް %80 އަންހެނުންނަށް މައްސަރުގެ ލެއާ ގުޅިގެން ކޮންމެވެސް ކަހަލަ ވޭނެއް އިހްސާސް ކުރެވެ އެވެ. އޭގެ ތެރެއިން ބައެއް އަންހެނުން ތަހައްމަލުކުރާ ވޭނުގެ ބޮޑުކަމުން އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ކަންކަމަށް ވެސް ބުރުއަރާ ހިސާބަށް ދެ އެވެ. ދައްކަން މިއުޅެނީ އެންޑޯމެޓްރިއޯސިސްގެ ވާހަކަ އެވެ. މިއީ ކޮންމެ 10 އަންހެނަކުން އެކަކު ތަހައްމަލު ކުރާ ބައްޔެކެވެ.

ކޮންމެ 10 އަންހެނަކުން އެކަކީ އެންޑޯމެޓްރިއޯސިސްގެ ޝިކާރައެއް

އެންޑޯމެޓްރިއޯސިސް އަކީ ކޮބާ؟

އެންޑޯމެޓްރިއޯސިސް އަކީ ރަހިމުގެ އެތެރޭގެ ފަށަލައިގައި ހުންނަން ޖެހޭ ޓިޝޫއެއް ކަމުގައިވާ 'އެންޑޯމެޓްރިއަމް'، ރަހިމުން ބޭރުން ހަށިގަނޑުގެ އެހެން ތަނެއްގައި އުފެދުމުން ކުރިމަތިވާ ހާލަތަކަށް ދީފައިވާ ނަމެކެވެ. އާންމުކޮށް އެންޑޯމެޓްރިއަމްގެ ޓިޝޫ ރަހިމުން ބޭރުން އުފެދޭ ތަންތަނުގެ ތެރޭގައި ބިސްރަވަ (އޯވަރީ)، ބިސް ދަތުރުކުރާ ހޮޅި (ފެލޯޕިއަން ޓިއުބް)، ޕެލްވިސް އާއި ބަނޑުގެ ލައިނިންގެ އިތުރުން މަދުން ނަމަވެސް ޕެލްވިކް ސަރަހައްދުން ބޭރު ވެސް ހިމެނެ އެވެ.

އެންޑޯމެޓްރިއަލް ޓިޝޫ ރަހިމުން ބޭރުގައި އުފެދިފައިވާ ތަން

އެހާ ބޮޑު ވޭނެއް ކީއްވެ؟

ރަހިމުން ބޭރުގައި އުފެދޭ އެންޓޯމެޓްރިއަލް ޓިޝޫ ވެސް ރަހިމުގެ އެތެރޭގައި ހުންނަ ޓިޝޫއެކޭ އެއްފަދައިން މައްސަރުގެ ދުވަސްވަރު ރިއެކްޓްކޮށް، ބޯވެ، ފަނާވުމުގެ ސަބަބުން ލޭ ފައިބަ އެވެ. ރަހިމުގައި އުފެދޭ ލޭ މައްސަރަގެ ލޭގެ ގޮތުގައި ހަށިގަނޑުން ބޭރުވެގެން ދިޔަ ނަމަވެސް ރަހިމުން ބޭރުގައި މިގޮތަށް އުފެދޭ ލޭ ބޭރުވާނެ ނިޒާމެއް ނޯވެ އެވެ. ތަދު ބޮޑުވަނީ އެހެންވެ އެވެ. އެ ލޭ ހަށިގަނޑުގައި ހަރުލައި، އިންފްލެމޭޝަން އުފެދުމަށް މެދުވެރިވެ އެވެ. މީގެ އިތުރަށް އެންޑޯމެޓްރިއޯސިސްގެ މަރްހަލާގެ ސަބަބުން ގުނަވަންތައް ފާރުވާން ވެސް މެދުވެރި ވުމެވެ.

 އެންޑޯމެޓްރިއޯސިސްއާ އެކު ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި؛

މިބަލީގެ ވޭން އެންމެ ބޮޑުކަމަށް ފާހަގަކުރެވޭނީ މައްސަރުގެ މުއްދަތުގެ ތެރޭގައި
  • ދިގު ލައިގެންދާ ރިހުން: އެންޑޯމެޓްރިއޯސިސްގެ އެންމެ ފާހަގަކުރެވޭ ސިފައަކީ ވެސް މިއީ އެވެ. އާންމުކޮށް މި ރިހުން ފާހަގަވާނީ ދަށްބަނޑާއި އުނަގަނޑާ ވީ ފަރާތުު ބުރަކަށީގަ އެވެ. މައްސަރުގެ މުއްދަތުގައި މި ތަދު އިހްސާސްކުރެވޭ މިންވަރު އާންމުކޮށް ބޮޑެވެ.

  • މާ ގިނައިން ލޭ އައުމުގެ ސަބަބުން އަވަސް އަވަހަށް ޕެޑް ބަދަލުކުރަން ޖެހުން. ގަނޑުވެފައި ހުންނަ ލޭ (ކްލޮޓްސް) ހުރުން  

  • މައްސަރުގެ ލޭ އަންނަ މުއްދަތު އެއްގޮތެއްގައި ތަފާތުވުން 

  • ފަސޭހައިން ވަރުދެރަވެ ބުންވަރު ނެތުން. އެކަން ދިމާވަނީ މާ ގިނައިން ލޭ ފައިބައި ހަށިގަނޑުން ލޭ މަދުވުމުގެ  ސަބަބުން. 

  • ނަފުސާނީ މައްސަލަތަކާ ކުރިމަތިވުން. އެގޮތުން އެންމެ އާންމު ނަފްސާނީ އެއް މައްސަލައަކީ ޑިޕްރެޝަން. ދިގުލައިގެންދާ ވޭނެއް ކޮންމެ މަހަކު ތަހައްމަލު ކުރަންޖެހުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް.

  •  ދަރިމައިވުމުގެ މައްސަލަތައް.  ދަރިމައިވުމުގައި އިސް ރޯލެއް އަދާ ކުރާ ބިސްރަވަ (އޯވަރީ) އާއި ބިސްދަތުރުކުރާ ހޮޅި (ފެލޯޕިއަން ޓިއުބް) ފަދަ ތަންތަނުގައި އެންޑޯމެޓްރިއަލް ޓިޝޫ އުފެދުމުން ދަރިމައިވުމުގެ ފުރުސަތު ކުޑަވޭ

  • ޖިންސީ ގުޅުން ހިނގާއިރު ތަދުވުން. ދިރާސާތަކުން ދައްކާ ގޮތުގައި މިއީ އެންޑޯމެޓްރިއޯސިސް ތަހައްމަލުކުރާ ތިންބައިކުޅަ ދެބައި އަންހެނުންގެ ޝަކުވާއެއް. މިފަދަ ކަމެއް ކުރިމަތިވާ ނަމަ ފަސްނުޖެހި ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު. ޖިންސީ ދުޅަހެޔޮކަމަކީ ވެސް އިންސާނާގެ ސިއްހަތާ ގުޅުން ހުރި ކަމެެއް ކަމުން އޭގެ އަލާމާތެއް ފެންނަ ވާނަމަ ލަދުނުގަނެ އެހީ ހޯދުން މުހިންމު

މި ބައްޔަށް އޮތް ފަރުވާ އަކީ ކޮބާ؟

އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ފަރުވާއެއް ނެތެވެ. އެންޑޯމެޓްރިއޯސިސްގެ ބަލިމީހުންނަށް ފަރުވާދެވެނީ އެމީހެއްގެ ކިބައިން ފެންނަ އަލާމާތްތަކުގެ މައްޗަށް ރިއާޔަތްކޮށެވެ. އެހެންވެ ބަލީގެ އެކި މީހުންނަށް ދޭ ފަރުވާ ތަފާތުވެ އެވެ.

ފަރުވާ ދެނީ ރަހިމުގެ ބޭރުގައި އެންޑޯމެޓްރިއަލް ޓިޝޫ އުފެދިފައިވަނީ ކޮން ތަނެއްގައި، ކިހާ މިންވަރަކަށްތޯ އާއި ފަރުވާއިން ބަލިމީހާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ދެނެގަނެ އެކަމާ އެކަށީގެންވާ ގޮތުގެ މަތިންނެވެ. މިވަގުތު މިބަލި ތަހައްމަލުކުރާ ގިނަ މީހުން ކަނީ ތަދު ކަނޑުވާ ބޭސް ނުވަތަ ހޯރްމޯނަލް ބޭހެވެ. ރަހިމުން ބޭރުގައި އުފެދިފައިވާ އެންޑޯމެޓްރިއަލް ޓިޝޫ ނަގަން ސާޖަރީ ކުރުމަކީ ވެސް ދެވިދާނެ ފަރުވާއެކެވެ.

ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އެންޑޯ މޯލްޑިވްސްގެ މެމްބަރުން

 މާޗު މަހަކީ އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރިކަން ބޮޑުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ 'އެންޑޯ މާޗް' މަހެވެ. މިފަދަ މަހެއް ފާހަގަކުރަނީ މިބަލި ތަހައްމަލުކުރާ މީހުންނަށް ހިތްވަރު ލައިދީ އެފަދަ މީހުންގެ އަޑު އުފުލުމުގެ އިތުރަށް އާންމުންގެ މެދުގައި ވެސް އެކަމާ ގުޅިގެން އެކަށީގެންވާ ހޭލުންތެރިކަން އުފެއްދުމަށެވެ.

ރާއްޖޭގައި އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ޖަމިއްޔާއެއް އެންޑޯ މޯލްޑިވްސްގެ ނަމުގައި 2019 އިން ފެށިގެން އަންނަނީ ހިންގަމުންނެވެ. ބޭނުމަކީ ރާއްޖޭގައި އެބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް ހިލޭސާބަހަށް މަސައްކަތްކުރުމެވެ. މިފަދަ ޖަމިއްޔާތައް ހަރަކާތްތެރިވުން އޭގެ ޒާތުގައި މުހިންމު ވެސް މެ އެވެ.

މިވަގުތު އެންޑޯ މޯލްޑިވިސްގައި 200 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ. އެކަމަކު މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ވަރަށް ކުޑަ ނިސްބަތެކެވެ. 

އެންޑޯމެޓްރިއޯސިސް ޖެހިފައިވާ މީހަކު އެނގޭ ނަމަ ނުވަތަ މި ބަލީގެ އަލާމާތެއް އެއްވެސް މީހެއްގެ ކިބައިން ފެންނަ ނަމަ ވީހާވެސް އަވަހަކަށް އެހީ ހޯދާށެވެ. ނުވަތަ އެފަދަ އެހެން ބަލިމީހުންގެ ތަޖުރިބާ އަޑުއަހާލައި، ހިތްވަރު ހޯދަން ބޭނުން ނަމަ އެންޑޯ މޯލްޑިވްސް އަކީ ރަނގަޅު ހައްލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް