Majlis 2024

ދެ ކުއްޖަކު އޮށްވަޅުގޮނޑި ކުޅެނީ. ފޮޓޯ/އަހުމަދު އާމިރު/ފޭސްބުކް

ރޯދަ 2023

ފޫހިކަމެއް ނެތި އޭރު ކުޅުނު އޮށްވަޅުގޮނޑީގެ ފައިދާ ބޮޑު

ސަގާފީ މި ކުޅިވަރުން ކުޑަކުދިންނަށް ރޭވުންތެރިކަމާ އެކު ވިސްނަން ދަސްވޭ، ހަނދާން ގަދަވޭ އަދި ކަނުލާ ސަމާލުކަން ދޭން ތަމްރީންކޮށްދޭ
28 މާރިޗު 2023

ކުޑައިރުގެ ހަނދާނަކަށް ޖެހިލާނަމެވެ. ރޯދަމަހެއް އަތުވެއްޖެ ނަމަ ރޯދަ ކުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން، ގޭގައި ގެންގުޅޭ ކެރަމް ބޯޑު ނެރެ އެވެ. ދެން ހޯދަނީ ފަސް އޮށް ބައެކެވެ. ހަމަ އެ ގޮތަށް، އޮށްވަޅުގޮނޑީގެ ހިރަފުސް ފޮޅާލައި ބޮލި ނޫނީ މަދޮށި ހަމަކޮށްލަ އެވެ. 

ރާއްޖޭގައި 1970ގެ އަހަރުތަކުގެ ތެރޭގައި ދެ ކުއްޖަކު އޮށްވަޅުގޮނޑި ކުޅެނީ (ފޮޓޯ/ޖޯޖް ކޯބިން)

އޭރާއި މިހާރު ވަރަށް ތަފާތެވެ. މައިންބަފައިންގެ އަތްމަތި އޭރު ތަނަވަހެއް ނޫނެވެ. މިހާރު ގެއެއްގެ ސިޓިން ރޫމަށް ބަލާލައިފިއްޔާ، ކުދިން ކުޅެން ހޯދާފައިވާ ސާމާނުތައް ފިހާރައެއްގެ ހަރެއްހާ ފުރިހަމަވެފައި އެތައް ބައިވަރު އެއްޗެއް އޮވެ އެވެ. ބައެއް ފަހަރު ސިޓިން ރޫމްގައި ފައި އަޅާލާނެ ތަންކޮޅެއް ނޯވެ އެވެ. އެކަމަކު ކުދިން އުޅެނީ ފޫހިވެގެންނެވެ. ކުޅޭކަށް ބޭނުމެއް ނުވެ އެވެ. ތިބެނީ ސްކްރީނެއްގެ އަވައިގައި ޖެހިފަ އެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުމެއް ނޯވެ އެވެ. 

މިހާރު ވިސްނާލީމާ އެނގެ އެވެ. ކުޑައިރު ރޯދަ ކުރުކުރުމަށް ކުޅެމުން އައި ކުޅިވަރުތަކުގެ ފައިދާ ކުދިންނަށް މާ ބޮޑެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ކުޅިވަރަކީ އޮށްވަޅުގޮނޑި އެވެ.

ޅަ ސިކުނޑިތަކަށް އޮށްވަޅުގޮނޑި ހީކުރާ ވަރަށް ވުރެ ފައިދާ ބޮޑު

އޮށްވަޅުގޮނޑި އަކީ، ބެލެވޭ ގޮތުގައި، އެފްރިކާ ބައްރުން ރާއްޖެއަށް އައިސްފައިވާ ކުޅިވަރެކެވެ. ސަބަަބަކީ ދިވެހިން ކުޅޭ ޒާތުގެ އޮށްވަޅުގޮނޑި ޒަމާނުއްސުރެ އެފްރިކާގެ ގައުމުތަކުގައި ވާދަވެރިކަން ބޮޑުކޮށް ކުޅެމުން އަންނާތީ އެވެ. އޮށްވަޅުގޮނޑި އަކީ ރާއްޖެއެކޭ އެއްގޮތަށް އެ ގައުމުތަކުގައި ވެސް ހަމައެކަނި ކުޑަކުދިން ކުޅެ އުޅުނު ކުޅިވަރެއް ނޫނެވެ. ބޮޑެތި މީހުން ވެސް ފޯރިއާ އެކު ކުޅެ އެވެ.

ދިވެހިން ބޭނުންކުރާ އޮށްވަޅުގޮނޑީގައި 16 ވަޅު ހުންނަ އިރު އެފްރިކާ ބައްރުން އާއްމުކޮށް ފެންނަނީ ހަ ވަޅުގެ ގޮނޑިކަން، ކުޑަކޮށް ދިރާސާކޮށްލީމާ ފާހަގަކުރެވުނެވެ. އެފްރިކާގެ އެކި ގައުމުތަކުގައި އެކި ނަން އޮށްވަޅުގޮނޑި އަށް ކިޔާ އުޅެ އެވެ. ގާނާގައި 'އޮވަރެ' އަދި ނައިޖީރިއާގައި 'އަޔޯއަޔޯ' އެެވެ. އެފްރިކާ ބައްރުން މި ކުޅިވަރު ކެރީބިއަން ސަރަހައްދަށް ގޮސް، އެންޓިގާގައި މި ކުޅިވަރަށް ކިޔަނީ 'ވައްރި' އެވެ.

އުމުރުން ދުވަސްވީ ބަޔަކު އޮށްވަޅުގޮނޑި ކުޅެނީ. (ފޮޓޯ/އިމޭޖަސް އޮފް މޯލްޑިވްސް ޕާސްޓް ފޭސްބުކް ގުރޫޕް)

ދެން އޮތީ ބޮޑު ސުވާލެވެ. އޮށްވަޅުގޮނޑި މިހާ މުހިއްމުވެފައި ފައިދާ ބޮޑުވަނީ ކިއްވެ ހެއްޔެވެ؟

ފުރަތަމަ ކަމަކަށް، ޕްރީ ސްކޫލް ނިންމާލާ އުމުރުގެ ކުއްޖަކަށް އޮށްވަޅުގޮނޑީގެ ފައިދާ ބޮޑީ ގުނަން ދަސްވެ، ހޭންޑް-އައި ކޯޑިނޭޝަން ވަރުގަދަކޮށްދޭތީ އެވެ.

ހަމައަށް ވަޅަށް ބޮލި ނުވަތަ މަދޮށި ކުޑަ އަތަކުން ލާ އިރު އަތުގެ ކުދި މަސްތައް ބޭނުންކޮށް ކުއްޖާގެ އަތުގައި ވަރުޖެހެ އެވެ. އެކުއްޖެއްގެ 'ފައިން މޮޓޯ ސްކިލްސް' ވަރުގަދަވެ އެވެ.

ޕްރީ ސްކޫލް ދަރިވަރުންނަށް އޮށްވަޅުގޮނޑިން މި ހުނަރުތައް ދަސްވާއިރު އެއަށް ވުރެ ދޮށީ ކުދިންނަށް ފައިދާ ކުރާ މިންވަރު މާ ބޮޑެވެ.

ލަކުޑިން ހަދާފައިވާ އޮށްވަޅުގޮނޑިއެއް. (ފޮޓޯ/ މުހައްމަދު މުޖާޒު)
ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް އޮށްވަޅުގޮނޑި ކުޅޭތަން ދައްކާލަނީ (ފޮޓޯ/ސަވާދީއްތަ ދަތުރު)

ދެ މީހެއްގެ ދެމެދުގައި ކުޅޭ މި ކުޅިވަރު ފަސޭހައިން ދަސްކޮށްލެވެ އެވެ. ފަރާތެއްގައި އަށް ވަޅު ހުންނަ ގޮނޑީގައި ކޮންމެ މީހެއްގެ ވަޅުތަކުގައި ވެސް އެއްވަރަކަށް ބޮލި ނުވަތަ މަދޮށި ހުރެ އެވެ. ކުޅިވަރުގެ މަގްސަދަކީ އެމީހެއްގެ ފިހާރައިގައި (ނުވަތަ ނުވަވަނަ ވަޅު) ވީހާ ވެސް ބޮލި ގިނަކުރުމެވެ. އެހެންވެ ބުއްދި ބޭނުންކުރަންޖެހެ އެވެ. ހިތު ހިސާބު ހަދަންޖެހެ އެވެ.

އެންޓިގާގެ އުމުރުން 11 އަހަރުގެ ދަރިވަރަކު ބީބީސީ އަށް އިންޓަވިއު ދެމުން ބުނިގޮތުގައި އޭނާ އޮށްވަޅުގޮނޑި ނުވަތަ އެ ގައުމުގެ ނަމުން ނަމަ ވައްރި ކުޅެން ފެށީ އުމުރުން 6 އަަހަރުގަ އެވެ.

"ގޭމުން އަހަންނަށް ދަސްވީ ހިސާބަށް މޮޅުވާން. ސްޓްރެޓެޖައިޒްކޮށް ގުނަކުރަން ދަސްވި. ހަލުވިކޮށް އެއްކުރަން އަދި ގެއްލަން ދަސްވި،" އޭނާ ބުންޏެެެވެ.

އޭނާ އިތުރަށް ބުނީ ކުރިން ވެސް އޭނާ ހިސާބަށް މޮޅު ކަމުގަ އެވެ. ނަމަވެސް މިހާރު އެއަށް ވުރެ ރަނގަޅުވެެއްޖެކަން ފާހަގަވެފައިވާ ކަމަށް ބުންޏެވެ.

"ކުރިން ޕްރޮބްލަމް ސޯލްވް ކުރަން މިނެޓު ކޮޅެއް ނެގިޔަސް މިހާރު އަހަރެންނަށް އެކަން ހަލުވިކޮށް ކޮށްލެވޭ. މަދު ސިކުންތުކޮޅެއް ތެރޭގައި ޕްރޮބްލަމް ސޯލްވް ކުރެވޭ،" އޭނާ ކިޔައިދިނެވެ.

އޮށްވަޅުގޮނޑިއަކަށް ބޮލި އަޅާފަައި (ފޮޓޯ/މުޝް ސްޓްރޯބެރީ ފޭސްބުކް)

މީގެ އިތުރުން، ކަންކަން ކުރުމުގައި ފަރުވާތެރިކަމާ އެކު އޮބްޒާވް ކުރުމަށް ކުދިންނަށް ދަސްވެ އެވެ. އަދި ކުދިންގެ ހަނދާން ވަރުގަދަކޮށްދީ، ދުރަށް ވިސްނުމަށް "ސްޓްރެޓީޖިކް ތިންކިން" ދަސްވެ އެވެ. ގޮނޑީގެ އަނެއް ފަރާތުގައި ވާދަކުރަން އިންނަ މީހާ ދެން ކުޅެފާނެ ގޮތަކާ މެދު ވިސްނަން ދަސްވެ އެވެ. އެހެންކަމުން ކުދިންނަށް ރޭވުންތެރިކަން މި ކުޅިވަރުން ދަސްކޮށްދެ އެވެ.

އޮށްވަޅުގޮނޑި އަކީ ކުދިން ގޭގައި ތިބޭ ހަރު މީހުންނާ އެކު ވަގުތު ހޭދަކޮށްލުމަށާއި ވާހަކަ ދައްކާލުމަށް ކުޅެވިދާނެ ގޭމެކެވެ. މާމައިންނާއި ކާފައިންގެ ޝަކުވާއަކަށް ވެފައި އޮންނަނީ ކުދިން ދިވެހި ބަހުން ވާހަކަ ނުދައްކާ ކަމެވެ. އެމީހުންނާ އެކު ވަގުތު ހޭދަކުރުމަށް އެކުގައި ކުރެވޭނެ ކަމެއް ނެތް ކަމެވެ. ހަމަ ގައިމު ވެސް އޮށްވަޅުގޮނޑިއަކީ ކުދިންނާއި މާމަކާފައިން އަދި އެހެން ހަރު މީހުން ރަނގަޅަށް ގުޅުވާލައިދޭނެ ކުޅިވަރަކަށް ވާނެ އެވެ.

އޮށްވަޅުގޮނޑިން އަހަރެމެންގެ ދަރިންގެ ސިކުނޑި އާއި ވިސްނުން ހީ ވެސް ނުކުރާ ވަރަށް ތަރައްގީވެ، ސަގާފަތާ އަހަރެމެން ގުޅުވައިދޭތީ މިއީ ކޮންމެހެންވެސް އަލުން ބަލުން ގޭގައި ކުޅެންވެއްޖެ ކުޅިވަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް