Majlis 2024

ޕާކިސްތާންގެ ބްލޮގަރު ބިލާލް ހަސަންރާއްޖޭގައި

ޓްރެވަލް

ހަގީގީ ދިވެހިރާއްޖޭގައި ލޯތްބާއި އިހުތިރާމްގެ 36 ގަޑިއިރު

ޕާކިސްތާންގެ ލައިފްސްޓައިލް ބްލޮގަރު ބިލާލް ހަސަން ރެއަކާއި ދުވާލަކަށް ފަހު ފުރައިގެން ދިޔައީ މާލޭގެ އާދަޔާހިލާފުކަމާއި ދިވެހިންގެ ސަގާފަތުން ފެނުނު ކުޑަ މިންވަރުން ހިތް ފުރިގެން
24 އޭޕްރީލު 2023

ޕާކިސްތާނުގެ ކަރާޗީގައި ދިރިއުޅޭ ބިލާލް ހަސަން ޑޮކްޓަރަކަށް އަދި ފޮޓޯގްރާފަރަކާއި ނޫސްވެރިޔަކަށް ވުމުގެ ކުޑަ ވެސް ވިސްނުމެއް އެންމެ ފުރަތަމަ ނުގެންގުޅެ އެވެ. އެ ހުރިހާ ކަމެއް ހިނގީ ވަރަށް ކުއްލި ގޮތަކަށެވެ. އޭނާގެ ތަޖުރިބާތަކުގެ ވާހަކަތައް ކިޔައިދީ، ވަށައިގެންވާ ކަންކަން ޑޮކިއުމެންޓުކުރަން ފެށީ ވީ މާޔޫސްކަމެއްގެ ބޮޑުކަމުންނެވެ.

ޕާކިސްތާނަކީ ގާތްގަނޑަކަށް 220 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ، ބޮޑު ގައުމެކެވެ. ނަމަވެސް، ބައިނަލްއަގްވާމީ މީޑިއާތަކުން އާންމުކޮށް ސަމާލުކަން ދެނީ އެންމެ ކަމަކަށެވެ. ޕާކިސްތާނާ ގުޅޭ ގޮތުން ފަތުރާ ހުރިހާ ހަބަރުތަކެއް ގޮސް ގުޅެނީ ޓެރަރިޒަމްއާ އެވެ.

ޓެރަރިޒަމްގެ އަމަލުތައް ޕާކިސްތާނުގައި ނުހިނގާ ކަމަކަށް ބިލާލެއް ވެސް ނުބުނެ އެވެ. އެ ގައުމުން ގާތްގަނޑަކަށް 70،000 މީހުން ޓެރަރިޒަމްގެ އަމަލުތަކުގައި ދުނިޔެ ދޫކޮށްފި އެވެ.

ނަމަވެސް، ޕާކިސްތާނުގެ ތާރީހާ ގުޅޭ އެއަށް ވުރެ މާ ގިނަ ކަންކަން އެބަހުއްޓެވެ. ބިލާލްގެ ސޯޝަލް މީޑިއާ ޕޭޖުން އަދި އޭނާގެ ދިރާސާތައް މެދުވެރިކޮށް އޭނާ ބޭނުންވީ ބޭރު ދުނިޔެއަށް ޕާކިސްތާނުގެ ހަގީގަތް ދައްކައިދިނުމަށެވެ. ނޫސް ރިޕޯޓުތަކުގެ ހެޑްލައިންތަކުން ބޭރުވެ، ޕާކިސްތާނުގެ މީހުންގެ އާއްމު ދިރިއުޅުމާއި ސަގާފަތް އަދި ވަށައިގެންވާ ތަނަވަސް ވެށި ދައްކާށެވެ.

ހަމަ އެފަދައިން ބިލާލް ވަނީ މިފަހުން ރާއްޖެއަށް އައިސް، ދިވެހިންގެ ދިރިއުޅުމުގެ މިންވަރެއް، އޭނާގެ 85،000 އެއްހާ ފޮލޮވަރުންނަށް ދައްކާލައިފަ އެވެ.

ބިލާލް ރާއްޖެއަށް ޒިޔާރަތް ކުރީ ހަގީގީ ރާއްޖޭގައި ދިވެހިންގެ ދިރިއުޅުން ތަޖުރިބާ ކޮށްލާށެވެ. ބޭރުގެ ގިނަ މީހުންނަށް ދިވެހިން ސިފަވަނީ ރިޒޯޓް ލައިފްސްޓައިލެއްގައި، ވޯޓާ ބަނގަލޯތަކުގައި ދިރިއުޅޭ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް، ބިލާލްއަށް ފާހަވި ގޮތަށް، ރާއްޖެ އަކީ ހަމައެކަނި އަގުބޮޑު ހަނީމޫން މަންޒިލެއްގެ އިތުރުން އެހެނިހެން ހިތްގައިމު އަދި މުއްސަނދި އެތައް ކަމެއް އެކުލެވޭ ގައުމެކެވެ. އަދި ވަށައިގެން ކަނޑު އޮންނަ ތިރި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވުމުން ރާއްޖޭގެ ނާޒުކުކަން ފެނެ އެވެ. އެހެންކަމުން، ރާއްޖޭގައި މީހުން ދިރިއުޅޭ ގޮތް ބަލާލައި ބޭރު ދުނިޔެއަށް ދައްކާލަން ބިލާލް ޝައުގުވެރިވި އެވެ.

އޭނާ މިދިޔަ ނޮވެމްބަރު މަހު މާލެ އައިސް 36 ގަޑިއިރު ހޭދަކޮށް، އެ ވަގުތުކޮޅު ތަޖުރިބާ ކުރި ކަންކަން ސޯޝަލް މީޑިއާގައި ގެނެސްދިން ސަބަބަކީ އެއީ އެވެ.

ބިލާލް 'ދައުރު' އަށް އެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ތިރީގައި މިވަނީ އެ އިންޓަވިއުގެ ބައެއް ސުވާލުތަކާއި ޖަވާބެވެ.

ޕާކިސްތާންގެ ބްލޮގަރު ބިލާލް ހަސަން ރާއްޖެއަށް ކުރި ޒިޔާރަތުގެ ތަޖުރިބާގެ ތެރެއިން ފޮޓޯއެއް

ދައުރު: އަޅުގަނޑުމެންގެ ގައުމާ މެދު ބިލާލްގެ ފުރަތަމަ އިމްޕްރެޝަން އަކީ ކޮބާ؟

ބިލާލް: އަޅުގަނޑު ރާއްޖެއަށް ކުރި ދަތުރަކީ މާ ބޮޑަށް ރާވައިގެން ކުރި ދަތުރެއް ނޫން. މަސައްކަތުގައި ވަރަށް ސްޓްރެސް ބޮޑު ހަފުތާތަކެއް ހޭދަ ކުރަން ޖެހުނީމަ ބޭނުންވީ ތާޒާވެލައި ރީޗާޖް ކޮށްލަން އަވަސް ބްރޭކެއް. ހޮނިހިރު ދުވަހުގެ މެންދުރު ފަހު މާލެ އައިސް އާދީއްތަ ދުވަހުގެ ހަވީރު އެނބުރި ގައުމަށް ދިޔައީ. ރާއްޖޭގައި ހޭދަ ކުރީ 36 ގަޑިއިރު. އެއީ މިހާތަނަށް ނިންމި އެންމެ ރަނގަޅު ނިންމުން.

އަޅުގަނޑު ރާއްޖެ އައިސް އެންމެ ފުރަތަމަ ހިތަށް އެރި ކަމަކީ، ހުރިހާ ތަނެއް ވެސް މޫދާ އެހާ ކައިރި. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާނެ ކަންކަމާ ކުރިމަތިލާން އެންމެ ކުރީ ސަފުގައި އޮތީ މި ގައުމު. މަތިންދާބޯޓު ޖައްސަން ދިޔަ އިރުއްސުރެން ފެށިގެން ފެރީ އަކަށް އަރަން ޖެހުނު ހިސާބުން މިކަން އަޅުގަނޑަށް އިހުސާސުވި. ކޮންމެ ދިމާލަކަށް އެނބުރިލިޔަސް މޫދު ވަށައިގެންވޭ. ދެން އެންމެ ހައިރާންކުރުވި ކަމަކީ މާސިންގާ ކަނޑުގެ މެދުގައި ދިވެހިން ހަގީގަތުގައި ވެސް ހަރުދަނާ އަދި ރަނގަޅަށް މަސައްކަތް ކުރާ މުޖުތަމައެއް ބިނާކުރި ގޮތް.

ފޮޓޯ/ބިލާލް ހަސަން

ދައުރު: މި ގައުމުގައި ހޭދަ ކުރި ވަގުތުގެ ތެރެއިން އެންމެ ކަމުދިޔަ ހަނދާނަކީ ކޮބާ؟

ބިލާލް: މާލެ އަކީ ލެބިރިންތެއް — ހަނި ގޯޅިތަކާއި މަގުތަކުގެ ތެރެއަށް ވަދެ ގެއްލިދާނެހެން ހީވަނީ. އެކަމަކު މާލެ އަކީ ވަރަށް ތަފާތު ސިޓީއެއް. މީގެ ކުރިން އެފަދަ ކަމެއް އަޅުގަނޑަށް ފެނިފައެއް ނުވޭ އަދި ތަޖުރިބާ ކޮށްފައެއް ވެސް ނުވޭ. 

މިއީ ވަރަށް ކުޑަ ސިޓީއެއް ނަމަވެސް އާދަޔާހިލާފު ގޮތަކަށް ވަރަށް ބޮޑު ސިޓީއެއްހެން ވެސް އިހުސާސު ކުރެވޭ. މިއީ ވަރަށް ތަފާތު ވައިބެއް އެކުލެވިގެންވާ ތަނެއް. ދުވާލު ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ވެސް މި ރަށް ހަލަބޮލިވެފައި، ދިރިއުޅުމުން ފުރިގެންވާ ތަނެއް. އަހަރެންނަށް މާލެ ދެކެ ވަރަށް ބޮޑަށް ލޯބި ވެވުނު.

ފޮޓޯ/ބިލާލް ހަސަން

ދައުރު: ރާއްޖޭގެ އެހެން ކޮން ރަށަކަށް ދަތުރުކުރީ؟

ބިލާލް: ވިލިނގިލި (ވިލިމާލެ) އަށް ދިޔައީ ރާއްޖޭގެ ގޮނޑުދޮށްތައް ބަލައިލަން. ވަރަށް ހަމަހިމޭން މާހައުލެއް. މާލެއިން 10 މިނެޓުގެ ތެރޭގައި މުޅިން އެހެން ދުނިޔެއަކަށް ގެންދިޔަހެން ހީވީ.

ޕާކިސްތާނުގެ ބްލޮގަރު ބިލާލް ހަސަން ރާއްޖޭގައި

ދައުރު: ގިނަ މީހުން އިހުތިޔާރު ކުރަނީ ރާއްޖޭގެ މަޝްހޫރު އަގު ބޮޑު ރިޒޯޓުތަކުގައި ޗުއްޓީ ހޭދަ ކުރަން. އެކަމަކު ބިލާލް ދައްކައިދިނީ ރާއްޖޭގެ އެހެން ބައެއް. އެއީ ކީއްވެގެން؟

ބިލާލް: ރާއްޖެ އަކީ އަޖައިބެއް ފަދަ ރީތި ގައުމެއް. ރާއްޖޭގެ ގިނަ ލަގްޒަރީ ހައި އެންޑް ރިސޯޓްތަކުގެ ފޮޓޯތައް އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ފެނޭ. ޑޯންޓް ގެޓް މީ ރޯންގް، އެ ހުރިހާ ތަނެއް ވެސް ވަރަށް ހިތްގައިމު، އެހެން ނަމަވެސް އެ ފޮޓޯތަކުގައި ދިވެހިން ތިބީ ކޮންތާކުތޯ އަހަރެންނަށް އަބަދުވެސް ވިސްނޭ. އެ ގައުމުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ކިހިނެއްތޯ ސުވާލު ކުރެވޭ. އެމީހުން ކަނީ ކޮން އެއްޗެއްތޯ، އެމީހުންގެ ދުވަހުން ދުވަހަށް ދިރިއުޅުން ބައްޓަން ކުރަނީ ކިހިނެއްތޯ؟

ގާތްގަނޑަކަށް 500،000 އެއްހާ މީހުން ރާއްޖޭގައި ދިރިއުޅެމުން އެބަދޭ، އަހަންނަށް ޔަގީން، އެ އެންމެންނަކީ ރިޒޯޓްތަކުގައި އުޅޭ ބައެއް ނޫންކަން. އިންސްޓަގްރާމް ފިލްޓަރެއްގެ ބޭރުން ރާއްޖެ ދެކެން ބޭނުންވި. ހުކުރު މިސްކިތުގައި ނަމާދުކޮށް، މާރުކޭޓުން މޭވާ ގަނެ، ޝޯޓް އީޓްސްގެ ނާސްތާއެއް ކޮށްލާ، ދިވެހި ޓައިޕޮގްރަފީއަށް ލޯބި ޖެހި، މާލެ ކުޑަކޮށް ދުއްވާ ސައިކަލު ސްކޫޓަރުތަކުން ކިރިޔާ ނުޖެހި ސަލާމަތްވި. އެއިން އެއްވެސް ކަމެއް ރިޒޯޓަކުން ދުވަހަކުވެސް ތަޖުރިބާއެއް ނުކުރެވޭނެ.

ފޮޓޯ/ބިލާލް ހަސަން

ދައުރު: ރާއްޖެއަށް ދަތުރުކުރަން ތައްޔާރުވީ ކިހިނެއް؟ ކުރިން ރިސާޗް ކުރިންތަ؟ އައީ އެކަނިތަ؟

ބިލާލް: ރާއްޖެ މަޝްހޫރު ވެފައިވަނީ އަގު ބޮޑު ހަނީމޫން ޑެސްޓިނޭޝަނެއް ނުވަތަ ހަމައެކަނި ގުރޫޕެއް ގޮތަށް ދަތުރުކުރާ މަންޒިލެއްގެ ގޮތުގައި. އަހަރެން ބޭނުންވީ ތަފާތު ގޮތަކަށް މިކަން ތަޖުރިބާ ކުރަން. އެހެންވެ އަހަރެން ރާއްޖެ އައީ އެކަނި. 

ކުޑަ ބަޖެޓަކުން ރާއްޖެއަށް ދަތުރުކޮށްގެން ކުރާނެ ކަންތައްތަކަށް އިރުޝާދުދޭ މާ ގިނަ މެޓީރިއަލްތަކެއް ދަތުރުވެރިންނަކަށް ނުލިބޭ. ހާއްސަކޮށް ސޯލޯ ޓްރެވެލަރެއްގެ ހައިސިއްޔަތުން، އަޅުގަނޑު ބޭނުންވީ އެކަން އިމްތިހާނު ކޮށްލަން. އަހަރެން ރާއްޖެއަށް އައީ ވަރަށް މަދުން ނޫނީ އެއްވެސް މައުލޫމާތެއް ނުލިބި، އަހަރެން އެނބުރި ދިޔައީ މި ގައުމާއި ރައްޔިތުންނަށް ލޯތްބާއި އިހުތިރާމް ފިޔަވައި އެހެން ކަމެއް ނެތި. 

ޕާކިސްތާންގެ ބްލޮގަރު ބިލާލް ހަސަން ރާއްޖެއަށް ކުރި ޒިޔާރަތުގައި ނެގި ފޮޓޯއެއް

ދައުރު: ރާއްޖެއަށް ޒިޔާރަތްކުރަން ގަސްދުކުރާ ކޮންމެ ބިދޭސީއަކަށް ބިލާލް ދޭން ބޭނުންވާ ޓްރެވަލް ނަސޭހަތަކީ ކޮބާ؟

ބިލާލް: މާލެ ދޫކޮށްނުލާށޭ. މަދުވެގެން އެއް ދުވަސް މާލޭގެ މި ހަލަބޮލި މަގުތަކުގެ ތެރޭގައި ގެއްލެން ހޭދަކޮށްލަންވާނެ. ގައުމަކަށް ޒިޔާރަތް ކުރާއިރު އެތަނެއްގެ މީހުން ދެނެގަތުން މުހިއްމު. މާލެ އަކީ ރާއްޖޭގެ ވެރިރަށަށް ވެފައި ނިސްބަތުން ބޮޑު ސިޓީއެއް. އެހެންކަމުން ރާއްޖޭގެ މައި ރަށް ދެނެގަތުމަކީ ހަގީގީ ރާއްޖެ ބަލައިލަން ބޭނުންވާ މީހަކަށް ވަރަށް މުހިއްމު ކަމެއް.

ދައުރު: ބިލާލް ވަނީ ދުނިޔޭގެ އެކި ސިޓީތަކުން ސްޓްރީޓް އާޓް އަދި ގްރެފިޓީ އާޓް ޑޮކިއުމެންޓް ކޮށްފައި. ރާއްޖެއިން ފެނުނު އެންމެ ޝައުގުވެރި ކަމަކީ ކޮބާ؟

ބިލާލް: ރާއްޖޭގެ ސްޓްރީޓް އާޓް ވަރަށް ތަފާތު. ސިޔާސީ ރުޅިވެރިކަމުގެ ގްރެފިޓީއިން ފެށިގެން ޕަބްލިކް ސާވިސް މެސެޖްތައް ހިމެނޭ. އަޅުގަނޑަށް އެންމެ ހައިރާންވި އަދި އުފާވި ކަމަކީ، އެކި ވައްތަރުގެ ފަންނުވެރި ގޮތްގޮތަށް، ފަލަސްތީނަށް އޮތް ލޯބި ހުރިހާ ދިމާލަކުން ވެސް ފެންނަމުން ދިޔަ.

ފޮޓޯ/ބިލާލް ހަސަން

ދައުރު: ބިލާލްއަށް ތާނަ ކަމުދިޔަކަން ފާހަގަ ކުރެވުނު. ދިވެހި ސްކްރިޕްޓުގެ އެންމެ ހިތްގައިމު ކަމަކީ ކޮބާ؟

ބިލާލް: އަޅުގަނޑަށް ވަރަށް ކަމުދޭ ދިވެހި ތާނަ ސްކްރިޕްޓް. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކަމެއް ފެނިފައެއް ނުވޭ. އެއީ އޭގެ ގޮތުގައި އާޓްއެއް. ފުރަތަމަ ނަޒަރުގައި މިއީ ވަރަށް އާދަޔާހިލާފު، އަރަބި/އުރުދޫ ކަހަލަ ސްކްރިޕްޓެއް. ނަމަވެސް ގާތުން ބަލައިލުމުން އެއީ މުޅިން ތަފާތު ލިޔުމެއްކަން އެނގޭ. އަޅުގަނޑަށް މިކަމުގެ ސަބަބުން، ދިވެހިރާއްޖެ އަކީ، އަދި ވަކިން ބޮޑަށް ޝައުގުވެރިވާ ގައުމަކަށް ވެގެންދިޔަ.

ފޮޓޯ/ބިލާލް ހަސަން
ފޮޓޯ/ބިލާލް ހަސަން

ދައުރު: ދިވެހި ކެއުމެއްގެ ރަހަ ބަލައިލެވުނުތަ؟

ބިލާލް: ދިވެހިންގެ ލައިފްސްޓައިލްގެ ތެރެއިން އަހަންނަށް އެންމެ ކަމުދާ ބަޔަކީ ހެދިކާގެ ސަގާފަތް. އަހަރެން ރެންޑަމްކޮށް ސައި ހޮޓަލަކަށް ވަދެ ބައެއް ހެދިކާ ޓްރައި ކޮށްލިން. އަހަންނަށް ވަރަށް ކަމުދޭ ސީފުޑް، ދެން ވަރަށް ފޮނި ކާތަކެތި ކާހިތްވާތީ ރާއްޖެ އަކީ އަހަންނަށް ވަރަށް ރަނގަޅު ގެސްޓްރޮނޮމިކަލް މަންޒިލަކަށް ވި.

އަހަރެން އަޖުމަބެލި ބާވަތްތަކަކީ: ފިޝް ރޯޓީ (ރިހަފޮޅި)، ޓޫނާ އަޅާފައި ހުންނަ ސަމޯސާ (ބަޖިޔާ)، ގުޅަ އަދި އަލުވި ބޯކިބާ. ދެން ފާހަގަކޮށްލަން ބޭނުންވަނީ މާލޭގެ ކޮފީގެ މޮޅުކަން. ކޮފީއެއް ބޯލަން ބޭނުންވާ ނަމަ ކެފޭއެއް މާ ދުރެއް ނުވާނެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް