ބެނެފިޓް އެންޖީއޯގެ އެކްސްކޯ މެންބަރު އައިޝަތު މާވީ: ސަރުކާރުން ފޯރުކޮށްދޭ ހިދުމަތެެއްގެ ގޮތުގައި ޗައިލްޑްކެއާ ހިމެނުމަށް ގޮވާލާ

އަންހެނުން

މި މައިން ގޮވާލަނީ އަތްފޯރާ ޗައިލްޑްކެއާ ހިދުމަތަކަށް

ބެނެފިޓް ޖަމްއިއްޔާގެ 'ޑޭކެއާ ފޯ ޓުމޯރޯ' ކެމްޕޭނުގައި އެކި މީހުން ވަނީ ޑޭކެއާ ހިދުމަތަށް ބޭނުންވެފައިވާ މިންވަރު އަމިއްލަ ތަޖުރިބާއިން ކިޔައިދީފައި
20 މާރިޗު 2023
1

މުހިންމު ނުކުތާތައް

ކުދިން ބެލުމުގެ ހިދުމަތުގެ އަގުބޮޑުކަމުން ގިނަ މީހުންނަށް އެ ހިދުމަތް ހޯދޭ ވަރެއް ނުވޭ

މިއީ އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދުމަށް ހުރަސްއެޅޭ އަދި އާއިލާތަކުން ބޮޑެތި ތަކުލީފުތައް އުފުލަން މެދުވެރިކުރުވާ ކަމެއް

ބެނެފިޓްގެ ކެމްޕޭންގައި މައިން އެދެނީ ސަރުކާރުން މި މައްސަލައަށް ހައްލު ހޯދައިދިނުމަށް

ކުޑަކުދިން ބަލައިދިނުމުގެ ހިދުމަތް ނުލިބުމުގެ ސަބަބުން ހަމަހަމަ ފުރުސަތު ގެއްލޭ އަންހެނުން ރާއްޖޭގައި ގިނަ އެވެ. ބެނެފިޓް ޖަމްއިއްޔާ އިން ވަނީ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ވަކާލަތު ކުރުމުގެ ކެމްޕޭނެއް ފަށައިފަ އެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އިފްތިތާހުކުރި 'ޗައިލްޑްކެއާ ފޯ ޓުމޯރޯ' ކެމްޕޭންގެ ދަށުން، ތަފާތު ވަޒީފާތަކުގައި އުޅޭ އަންހެނުން ވަނީ ޑޭކެއާގެ ހިދުމަތްތައް ހޯދުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެމީހުންގެ ތަޖުރިބާތައް ކިޔައިދީފަ އެވެ.

ކިޔަވައިގެން، މަތީ ތައުލީމް ހާސިލްކޮށްގެން ތިބި މީހުން ވަރަށް ގިނަ. އެކަމަކު މަސައްކަަތަށް ނުކުތުުމަށް އެންމެ ބޮޑު ހުރަހަކަށްވަނީ ދަރިން ބަލާނެ މީހެއް ނުވުން

އާރިޒާ އަލީ
ބެނެފިޓް އެންޖީއޯގެ އެކްސްކޯ މެންބަރު އައިޝަތު މާވީ: ފުލްޓައިމްކޮށް މަސައްކަތަށް ދެވެނީ އޭނާގެ މަންމަ ދަރިފުޅު ބަލައިދޭތީ

އެއްޗެހި ބަދަލުކުރުވައި ކާންދީ ނިމެންދެން އޮފީހުގައި ބަހައްޓަނީ. ދަރިފުޅު ވަރުބަލި ވެސް ވާނެ. ވަރުބަލިވީމަ [އޮފީހުގެ] ނަދާމު ކުރާ ތަނުގައި ދަރިފުޅު ބާއްވަނީ

ފަރީދާ ޔޫސުފް

ޑޭކެއާ ހިދުމަތް މުހިއްމުވިޔަސް، އަތްފޯރާފަށުގައި އެ ހިދުމަތް ހޯދުމަށް ހުރި އުނދަގޫތައް، ޕްރައިވެޓް ކުންފުންޏެއްގައި ވަޒީފާ އަދާ ކުރާ އައިޝަތު މާވީގެ ވާހަކައިން ހާމަވެ އެވެ. ހުޅުމާލޭގައި ދިރިއުޅޭ މާވީ ބުނިގޮތުގައި 1 އަހަރުގެ ދަރިފުޅު ލާނެ ޑޭކެއާކާ މެދު ވިސްނި އިރު، ރަނގަޅު ފެންވަރުގެ ޑޭކެއާއެއް ހުޅުމާލެއަކު ނެތެވެ. ފެންވަރު ރަނގަޅު ޑޭކެއާތައް ހުރީ މާލޭގަ އެވެ.

ނަމަވެސް، ކުޑަ ދަރިފުޅު ގޮވައިގެން ކޮންމެ ދުވަހަކު ޓެކްސީގައި ހުޅުމާލެއިން މާލެ އަށް ދަތުރުކުރުމާއި ޑޭކެއާގެ ހަރަދު އަތްފޯރާ ވަރަށް ވުރެ މާ މައްޗެވެ.

މިހާރު ފުލްޓައިމްކޮށް މަސައްކަތަށް ދެވެނީ އޭނާގެ މަންމަ ދަރިފުޅު ބަލައިދޭތީ ކަމުގައި މާވީ ބުނެފައިވެ އެވެ.

"ވަރަށް ވަރުބަލިވާނެ ކަން އެނގޭ. މަންމައަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ކޮންމެ މީހަކަށް މި އޮޕްޝަން އޮންނާނެހެނެއް ހިއެއް ނުވޭ،" އޭނާ ބުންޏެވެ.

ބެނެފިޓްގެ އެކްސޯގެ މެންބަރެެއްގެ ގޮތުން މާވީ ގޮވާލަނީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތެެއްގެ ގޮތުގައި ޗައިލްޑްކެއާ ހިމެނުމަށެވެ.

ހަތް އަހަރު ތެރޭ 4 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަމައެކަނި ޑޭކެއާ އަށް ހަރަދުކޮށްފިން

އާރިޒާ އަލީ

"މާވީ ގަބޫލުކުރާ ގޮތުގައި ޗައިލްޑްެކެއާ އަކީ އެންމެންނަށް އެކްސެސިބަލް ވާންވީ ކަމެއް. ދަރިއެއް ހުރުމަކީ އެއްވެސް ގޮތަކަށް ފަހަތަށްޖެހެންވާ ސަބަބެއް ކަމުގައި ނުދެކެން. ހާއްސަކޮށް މަސައްކަތް ކުރާ އަންހެނުންނަށް. މަސައްކަތް ކުރާ އަންހެނުންގެ ކެރިއާ ގްރޯތައް އަންނަ ހުރަހެއް ކަމުގައި ވެގެން ނުވާނެ ޗައިލްޑްކެއާ އިންއެކްސެސިބަލް ވުން،" އޭނާ ބުންޏެވެ.

ހަތް އަހަރުގެ ކުއްޖަކު ހުރި އާރިޒާ އަލީ ޑޭކެއާގެ ހިދުމަތް ހޯދަން ފެށީ ދަރިފުޅަށް އެންމެ 6 މަހުގަ އެވެ. އޭނާ އަށް ހަމައެކަނި ބަރޯސާވެވެން އޮތީ ވެސް ޑޭކެއާގެ ހިދުމަތަށެވެ.

"ހަތް އަހަރު ތެރޭ 4 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަމައެކަނި ޑޭކެއާ އަށް ހަރަދުކޮށްފިން،" އާރިޒާ ބުންޏެވެ.

އޭނާ ފާހަގަކުރި ފަދަައިން، އެއީ އާދައިގެ މުސާރައެއް ލިބޭ މީހަކަށް އަތްފޯރާނެ ވަރެއް ނޫނެވެ.

"އަޅުގަނޑަށް ވެސް ދަތި، އެކަމަކު އެފޯޑް ކުރެވޭ. ކިޔަވައިގެން، މަތީ ތައުލީމް ހާސިލްކޮށްގެން ތިބި މީހުން ވަރަށް ގިނަ. އެކަމަކު މަސައްކަަތަށް ނުކުތުުމަށް އެންމެ ބޮޑު ހުރަހަކަށްވަނީ ދަރިން ބަލާނެ މީހެއް ނުވުން،" އާރިޒާ ބުންޏެވެ.

އޭނާ ވެސް ބުނީ ޗައިލްޑްކެއާގެ ހިދުމަތް އެކަށީގެންވާ އަގެއްގައި ސަރުކާރުން ފޯރުކޯށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެއް ކުންފުންޏެއްގައި 18 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރީދާ ޔޫސުފަކީ ވެސް ޑޭކެއާގެ ހިދުމަތަށް ނުހަނު ބޭނުންވެފައި ހުރި މައެކެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރީދާ ދަރިފުޅު ސްކޫލަށް ލާފައި އޮފީހަށް ދާއިރު ދުވާލަކު ގާތްގަނޑަކަށް ފަސް ބުރު ބްރިޖުގައި ޖަހަންޖެހެ އެވެ.

އޭނާ ގޭގައި ދަރިފުޅު ބަހައްޓަނީ، ކެމެރާ ހަރުކޮށް ދުރުގައި ހުއްޓަސް ބެލޭނެ ގޮތަށެވެ. ނަމަވެސް އޭނާގެ ހިތްނުތަނަވަސްކަން ބޮޑު ކަމުގައި ފަރީދާ ބުނެފައިވެ އެވެ. ފާއިތުވި އެއް އަހަރު ދަރިފުޅު ސްކޫލް ނިމުނީމާ އޮފީހަށް ގެންދަން ޖެހޭ ކަމަށް ވެސް ފަރީދާ ބުންޏެވެ.

"އެއްޗެހި ބަދަލުކުރުވައި ކާންދީ ނިމެންދެން އޮފީހުގައި ބަހައްޓަނީ. ދަރިފުޅު ވަރުބަލި ވެސް ވާނެ. ވަރުބަލިވީމަ [އޮފީހުގެ] ނަދާމު ކުރާ ތަނުގައި ދަރިފުޅު ބާއްވަނީ،" އޭނާ ބުންޏެވެ.

ކަރުނަޔާ އެކު ފަރީދާ ދެން ފާޅުކުރީ އޮފީހުގެ ތެރޭގައި ޑޭކެއާ ހުންނަން އެދޭ އެދުމެވެ.

ތިން ކުދިންގެ މަންމަަ ޒޫނާ ވެސް 'ޗައިލްޑްކެއާ ފޯ ޓުމޯރޯ' ކެމްޕެއިންގައި އޭނާގެ ތަޖުރިބާތައް ކިޔައިދިނެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 10 އަހަރު ވެފައިވާ ޒޫނާ ބުނިގޮތުގައި ދަރިން ބެލުމަށް މުޅި އާއިލާގެ އެހީތެރިކަން ހޯދަން ޖެހެނީ ޑޭކެއާގެ ހިިދުމަތަށް އަތްނުފޯރާތީ އެވެ.

"އެންމެ ކުއްޖެއް [ޑޭކެއާއަށް] ލިޔަސް 5،000 [ރުފިޔާ] އަށް ވުރެ ގިނައިން އެބަ ޕޭ ކުރަންޖެހޭ. ގިނަ ވަގުތު ބަހައްޓަންޏާ އަނެއްކާ ގިނައިން ޕޭ ކުރަންޖެހޭ. ގިނަ ކުދިން ވެއްެޖެއްޔާ ގިނައިން ޕޭ ކުރަންޖެހޭ،" އޭނާ ބުންޏެވެ.

ޓީޗަރަކަށް ވުމުން ހެނދުނު 7 ޖަހާ އިރު ވަޒީފާއަށް ނުކުންނަން ޖެހޭ އިރު، އެއްވެސް ޑޭކެއާއަކުން ކުދިން އެ ގަޑީގައި ބަލައިނުގަތުމަކީ ވެސް ގޮންޖެހުމެއްކަން ޒޫނާ ފާހަގަ ކުރި އެވެ.

އެންމެންނަށް ހަމަހަމަ ފުރުސަތު ހޯދައިދޭން ސަރުކާރު ތެރެއިން ޑޭކެއާ ހިދުމަތް ދިނުން މުހިއްމުކަން އޭނާ ވެސް ފާހަގަ ކުރި އެވެ.

ޑޭކެއާގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަކީ ކުދިންނަށް ރައްކާތެރި ތަންތަންކަން ކަށަވަރުކޮށް ގަވާއިދުން ބަލަމުންދާ ހަރުދަނާ ނިޒާމްތަކެއް ރާއްޖޭގައި ނެތުމަކީ ވެސް ބޮޑު މައްސަލައެކެވެ. ބެނެފިޓްގެ މި ކެމްޕޭނާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް ބެލެނިވެރިން ވެސް އެކަން ފާހަގަ ކޮށް ބުނިގޮތުގައި ދަރިން ޑޭކެއާއަށް ނުފޮނުވާ މައިގަނޑު ސަބަބަކީ އެއީ އެވެ.

ކޮމެންޓް (1)

ވޮޗްމޭން

20 މާރިޗު 2023
ބޭބީ ފޯމިއުލާ ނުލިބޭކަން ދިވެހި ސަރުކާރަށް އެގޭތަ؟ ކުއްލި މައްސަލައެއް ހުށަހަޅާނެ މެމްބަރެއް ވެސް ނެތީބާ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް