ސައިކޮލޮޖިކަލް އެސޯސިއޭޓް އަައިޝަތު އިރާޝާ، ވާތް ފަރާތުގައި، އާއި ވައިބް ޖަމިއްޔާގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަ އައިޝަތު އަޒްމީލާ

ޕޭރެންޓިން

ދަރިންގެ ތަރުބިއްޔަތަށް 'ކޮންޝަސް ޕޭރެންޓިން'

'ދަ ވައިބް' ގެ ތަޖުރިބާކާރުން ވަނީ ރަނގަޅު ގޮތުގައި ދަރިން ދަރުބިއްޔަތުކުރާނެ ޒަމާނީ އުސޫލުތައް ކިޔައިދީފައި

ދަރިން ތަރުބިއްޔަތު ކުރަންވީ ގޮތޭ ކިޔައިގެން އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ ވާހަކަ ދެކެވެ އެވެ. ހަގީގަތަކީ ފުރިހަމަ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ބުނެލާހައި ފަސޭހައިން ކޮށްލެވޭ ވަރަށް ވުރެ ބުރަ ޒިންމާއެއް ކަމެވެ. ކޮންމެ މަޔަކާއި ބަފައެއް ވެސް އެމީހަކަށް ކެރިކުޅަދާނަ ވެގެންވާ މިންވަރަކުން މި މަސްއޫލިއްޔަތު އަދާކުރެވޭތޯ މަސަައްކަތް ކުރެ އެވެ. 

ދަރިން ތަރުބިއްޔަތުކުރުމުގައި ކަން ކުރަންވީ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާލަން 'ދައުރު'ން ބައްދަލުކުރީ 'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން'ގައި މަސައްކަތްކުރައްވާ ލައިސަންސްޑް ސައިކޮލޮޖިކަލް އެސޯސިއޭޓް އައިޝަތު އިރާޝާ އާއި ޒުވާނުންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާ 'ދަ ވައިބް'ގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު އަޒްމީލާއާ އެވެ. ދައުރަށް ދެއްވި ހާއްސަ އިންޓަވިއުގައި މި ދެ ބޭފުޅުންނާ އެކު ދެކެވުނު ވާހަކައިގެ ތެރެއިން އަޅުގަނޑުގެ ސަމާލުކަން ދަމައިގަތީ 'ކޮންޝަސް ޕޭރެންޓިން' އާ ބެހޭ ބަ އެވެ.

ކޮންޝިއަސް ޕޭރެންޓިން މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ގެންގުޅޭ ވަކި މިންގަނޑުތަކަކަށް ދީފައިވާ ނަމެކެވެ. ސައިކޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި މިއީ ތަރުބިއްޔަތުކުރުމުގައި ގެންގުޅޭ އެހެނިހެން މިންގަނޑުތަކާ އަޅާބަލާއިރު އެންމެ ބަލައިގަނެވޭ ބާވަތެވެ. 

ކޮންޝިއަސް ޕޭރެންޓިން ހާއްސަވާނީ ކަމެއް ކުރުމުގެ ކުރިން ބެލެނިވެރިޔާ އަމިއްލަ ނަފްސާ ސުވާލުކޮށް ރިފްލެކްޓް ކުރަން ބާރުއަޅާތީ އެވެ. ސައިކޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ބެލެނެވެރިޔާ އޭނާ ކުރާ ކަންކަމުން ދަރިފުޅަށް ކޮށްފާނެ އަސަރަކާ މެދު ވިސްނާ ފިކުރުކުރުން މުހިއްމެވެ. މިގޮތަށް ކަންކުރުން މުހިއްމުވަނީ އަހަރެމެންގެ ހިޔާލާއި ވިސްނުމުން ދައްކާ ނަމޫނާ ދަރިފުޅުގެ ހަޔާތް ބައްޓަން ކުރުމުގައި މުހިއްމު ރޯލެއް އަދާކުރާތީ އެވެ. މިހެންކަމުން ދަރިފުޅަށް ހެވާއި ނުބައި ދަސްކޮށްދޭންވީ ބަހަށް ވުރެ ބޮޑަށް އަމަލުންނެވެ. 

ކޮންޝިއަސް ޕޭރަންޓަކަށް ވުމަށް ސަމާލުކަންދޭންވީ ބައެއް ކަންތައް:

1. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް

ދަރިއެއް ތަރުބިއްޔަތު ކުރުމުގައި ކަންކުރަންވީ ގޮތޭ ކިޔައި ލިޔެފައިވާ 'ޔޫޒާ މެނުއަލްއެއް' އެއްވެސް ތަނަކުން ފެންނާކަށް ނޯންނާނެ އެވެ. ސަބަބަކީ ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ މިންގަނޑަކީ އެ ކުއްޖާއާ ގުޅޭ ގޮތަށް ބައްޓަން ކުރަން ޖެހޭ އެއްޗަކަށް ވާތީ އެވެ. ކޮންމެ ކުއްޖެއް ވެސް އޭނާގެ ޒާތުގައި ތަފާތެވެ. ހެދިބޮޑުވުމަށްޓަކައި ދެ ކުއްޖަކަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަން ވެސް އެއްގޮތެއް ނުވާނެ އެވެ.

ކުއްޖާގެ ކިބައިން ފެންނަ ހުނަރުތައް ކުރިއަރުވައި، އުނިވާ ސިފަތައް އަށަގަތުމަށް މަސައްކަތް ކުރުމަކީ ބެލެނިވެރިޔާ ދަސްކުރަން ޖެހޭ އުކުޅެކެވެ. މިހެންކަމުން ތިމާގެ ދަރިފުޅު 'ރަނގަޅު' ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ބާރު ވަނީ އަމިއްލަ އަތުގަ އެވެ. ކުއްޖާގެ ކިބައިގައި ހުރި، އަދި ނެތް ސިފަތައް ފާހަގަކޮށް އެއާ އެކަށޭނަ ގޮތުގެ މަތިން ތަރުބިއްޔަތު ކުރާނެ 'ގައިޑްލައިނެއް' އަމިއްލައަށް ކަނޑައަޅާށެވެ. 

2. ކުއްޖާ ހެދިބޮޑުވުމަށް އެކަށީގެންވާ ފުރުސަތު ދިނުން

ދިވެހި ހަރުބަހެއްގައި އޮވެ އެވެ. 'ނުފިރުކެވެނީސް ދުވަން ނޫޅޭށެ'ވެ. ފިރުކެން ޖެހޭ އުމުރުގައި ކުއްޖާ ނުހިނގައިގެން އެކަމާ ކަންބޮޑުވާ ބެލެނިވެރިން ވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. މިކަން މިހެންވަނީ ކުއްޖާގެ އުމުރާ ގުޅިގެން ހާސިލްވާން ޖެހޭ ކަންކަމާއި ބެލެނިވެރިޔާގެ އުއްމީދާ ނުބައްދަލު ވާތީ އެވެ. ހެދިބޮޑުވަމުން އަންނަ އިރު ވެއްޔާ ކުޅެ ހެލިފެލިވެ އުޅުމަށް ފުރުސަތު ދިނުމަކީ ހަގީގަތުގައި ކިޔެވުމެކޭ އެއްހަމައެއްގައި އިސްކަން ދޭން ޖެހޭ ކަންކަމެވެ.

ކުުޅިވަރުގައި މަސްއޫލުވެ އުޅުމަކީ ސިކުނޑި ތަނަވަސްކޮށްދޭ ކަމެއްކަން ފަހުގެ ދިރާސާތަކުން ވެސް ދައްކަ އެވެ. މާހިރުން ގަބޫލުކުރާ ގޮތުގައި ކުޅިވަރު ކުޅުމުގައި ދިމާވާ ކުއްލި ހާލަތްތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިކުނޑީގައި އާ 'ނިއުރޯނަލް ޕާތްވޭސް' އުފައްދައި ދެ އެވެ. އިންސާނާގެ ސިކުނޑި ތަނަވަސްވުކުރުމަށް ހަޔާތުގެ ފުރަތަމަ އަށް އަހަރަކީ ވަރަށް މުހިއްމު ވަގުތެކެވެ. ވީމާ ހަމައެކަނި ފޮތުން ލިބޭ އިލްމަށް އެކަނި އިސްކަންދިނުމުގެ ބަދަލުގައި ކުޅިވަރު ކުޅެން ފުރުސަތު ދިނުމަކީ ކުއްޖާގެ ތޫނުފިލިކަން ބޮޑުވާނެ ކަމެކެވެ. 

3. ތާވަލެއް ކަނޑައެޅުމާއި އެއާ އެއްގޮތަށް އަމަލުކުރުން

ހެދިބޮޑުވަމުން އަންނަ އުމުރުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް ފުރިހަމަކުރަން ޖެހޭ މަސައްކަތްތައް ވަކި ތާވަލެއްގެ ދަށުން ރޭވިގެން ކުރަން ދަސްކޮށްދިނުމުން ވަގުތު ސަލާމަތްވާނެ އެވެ. އޭރުން ދުވަސް ނިމިގެން ދާއިރު ބެލެނިވެރިޔާ ކުއްޖާގެ ފަރާތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ސާފުވާނެ އެވެ. މާހިރުން ގަބޫލުކުރާ ގޮތުގައި ތާވަލުކުރުމަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅުން ހުރި ސިފަތައް ކަމަށް ވާ އިމޯޝަނަލް، ސޯޝަލް އަދި ކޮގްނިޓިވް ޑިވަލޮޕްމެންޓްގައި މުހިއްމު ރޯލެއް އަދާކުރާ ކަމެކެވެ.

މިފަދަ ތާވަލެއް ކަނޑައެޅުމުގައި ސަމާލުކަން ދޭން ޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި ކުއްޖާގެ އެޓެންޝަން ސްޕޭން (ކަމެއް ކުރުމަށް ސަމާލުކަން ދެވޭނެ މިންވަރު) އަށާއި ތަވާލު ފޮލޯކުރުމުގައި އަތުވެދާނެ ލަސްތަކަށް ޖާގަދިނުން ހިމެނެ އެވެ. މިގޮތުން ކަންކަން ތާވަލު ކުރުމުގައި ސުންގަނޑިިއެއް ކަނޑަނޭޅުމަށް ސައިކޮލޮޖިސްޓުން އެދެ އެވެ. މިސާލަކަށް 8 ޖަހާއިރު ނިދަން އެނދަށް އަރަން ތާވަލުކުރުމުގެ ބަދަލުގައި 8-9އާ ދެމެދު އެކަން ފުރިހަމަކުރަން ބާރުއެޅުމަކީ އޭގެ އެންމެ ރަނގަޅު ގޮތެވެ. 

ތާވަލްކުރާ އިރު ސީދާ ވަކި ވަގުތެއްގައި ވަކި ކަމެއް ފުރިހަމަކުރަން އުޅެފި ނަމަ އެކަން ނުވެގެން ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދު ނުތަނަވަސްކަން އުފެދޭނެ އެވެ. އެހެންކަމުން މަތީގައި ބުނި ގޮތަށް ގަޑިތައް ހަމަޖައްސައިފި ނަމަ އެ ދުވަހަކަށް ކަނޑައެޅި ކަންކަން ނިންމަން ފަސޭހަވާނެ އެވެ.

4. ޖިސްމާނީ އަނިޔާ، އެއްވެސް ހާލެއްގައި ބަލައެއް ނުގަނެވޭނެ

ކުއްޖާ ތަރުބިއްޔަތު ކުރުމުގެ ނަމުގައި ޖިސްމާނީ އަނިޔާ ދިނުމަކީ، ސައިކޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި، އޭގެ ނުބައި އަސަރު ދިގު މުއްދަތަކަށް ކުއްޖާގެ ސިކުނޑީގައި ހަރުލާނެ އަމަލެކެވެ. އެގޮތަށް ތަރުބިއްޔަތުކުރާ ކުދިންގެ ކޮގްނިޓިވް އާއި އިމޯޝަނަލް ކުރިއެރުން، އެ އުމުރުގެ އެހެން ކުދިންނާ އަޅާބަލާއިރު، ދަށްކަން ފާހަގަކުރެވެ އެވެ. ބައެއް ހާލަތްތަކުގައި ލިބޭ އަނިޔާގެ ޒާތުން، ކުއްޖާގެ ދިފާއީ ނިޒާމް ވެސް ބަލިކަށިވެ ފަސޭހައިން ބަލިތައް ޖެހެން ވެސް މެދުވެރިވެ އެވެ. 

 ބެލެނިވެރިންނަކީ ކުއްޖާއަށް މަގު ދައްކައިދޭން ތިބޭ އާރުކާޓީންނެވެ. މައިންބަފައިން ކަންކަމުގައި ރިއެކްޓްކުރާ ގޮތް ނަމޫނާއެއްގެ ގޮތުގައި ކުދިން ބަލާނެ އެވެ. ރުޅި ގަދަވާ ކޮންމެ ހާލަތެއްގައި އަތް އިސްކުރުމުން ކުއްޖާގެ ކިބައިގައި ވެސް މިއާދަ ހަރުލާނެ އެވެ. ގޭތެރޭގެ މާހައުލުން ދަސްވާ ނޭދެވޭ ކަންކަމުގެ އަސަރު ފެންނަނީ ގިނަ ފަހަރު ކުއްޖާ މުޖްތަމައުއަށް ނުކުމެ، އެހެން މީހުންނާ ބައްދަލުވެ، މުއާމަލާތް ކުރަން ފަށާ ހިސާބުންނެވެ. ކުއްލި ކުއްލިއަށް ރުޅި އައުމާއި، މީހުންނާ ގުޅިގެން އުޅެން ނޭނގި، ކަންކަމަށް ސަމާލުކަން ނުދެވުމަކީ މިފަދަ ކުދިން ބޮޑުވަމުން އަންން އިރު ފެންމަތިވާ ބައެއް މައްސަލަތަކެވެ.  

އެހެންކަމުން ކުއްޖާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ގޯސްވީ ކީއްވެކަން ކިޔައިދޭށެވެ. އަބަދުވެސް ނަސޭހަތްލައިދީ ވިސްނައިދީގެން، ކުއްޖާގެ އުޅުން އިސްލާހުކުރަން މަސައްކަތްކުރާށެވެ. މީގެ އިތުރަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައްތަކުގެ މިންގަނޑެއް ކަނޑައަޅާ، ހުދޫދުން ބޭރުވާ ހާލަތްތަކުގައި ލިބޭނެ އަދަބު ކުއްޖާއަށް ބުނެދޭށެވެ. މިސާލަކަށް މިވެނިކަމެއް ކޮށްފި ނަމަ ޓީވީ ބަލާ ވަގުތު ކުޑަވާނެ އެވެ. މިކަހަލަ ވަގުތާއި، ހާލަތާ ގުޅޭ ކަމެއް ކަނޑައަޅާށެވެ. ޓީވީ ބަލާ ވަގުތު ކުޑަވީ ކޮން ކަމެއް ކޮށްގެންކަން ކުއްޖާއަށް ކިޔައިދީ އޮޅުން ފިލުވައިދިނުން ވެސް މުހިއްމެވެ.

5. ކުއްޖާއާ އެކު ވަގުތު ހޭދަކުރުން

މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބައެއް މީހުން އޮފީހުން ގެއަށް ގޮސް އަވަސް އަރުވާލައިގެން ކުއްޖާ ނިންދަވާލަ އެވެ. ބޭނުމަކީ 'އަމިއްލަ ވަގުތު' ހޯދާލުމެވެ. އެކަމަކު އޭގެ ބަދަލުގައި ކުއްޖާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުން މާ ރަނގަޅެވެ. އޭގެ ސަބަބުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން ބޮޑުވެ އެވެ. ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ މާހިރުން ބާރު އަޅަނީ ދަރިންނާ އެކު 'ކޮލެޓީ ޓައިމް' ހޭދަކުރާށެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުއްޖާއާ އެކު ދުވާލު ހަތަރު ދަމު ހޭދަކުރިޔަސް 'ކޮލެޓީ ޓައިމް' އަކީ މުޅިން ތަފާތު ކަމެކެވެ.

ކޮލިޓީ ޓައިމްއަކީ ކުއްޖާއަށް ކަމުދާ ކޮންމެވެސް ހަރަކާތެއްގައި ދެ ފަރާތުން މަސްއޫލުވެ ބެލެނިވެރިޔާގެ ފުރިހަމަ ސަމާލުކަން ކުއްޖާއަށް ދީގެން ވަގުތުތަކެއް ހޭދަކުރުމެވެ. ދަރިންނާ އެކު ކޮލިޓީ ޓައިމް ހޭދަކުރުމަކީ ބުރަ، އުނދަގޫ ކަމަކަށް ވާކަށް ނުޖެހެ އެވެ. ކުއްޖާ ނިދުމުގެ ކުރިން ކުރު ވާހަކައެއް ކިޔައިދިނުން ނުވަތަ ކުއްޖާގެ ދުވަހާ ބެހޭ ގޮތުން ހިނދުކޮޅަކަށް އަޑުއަހާލުން ވެސް ވާނީ ކޮލެޓީ ޓައިމްއަށެވެ.

ރަނގަޅު ޖީލެއް ބިނާކުރެވޭނީ އެކަށީގެންވާ ގޮތަށް ދަރިން ތަރުބިއްޔަތުކޮށްގެންނެވެ. ކޮންޝިއަސް ޕޭރެންޓިން ފަދަ ސައިކޮލޮޖިސްޓުން ގަބޫލުކުރާ މިންގަނޑުތަކަށް ބެލެނިވެރިން އަހުލުވެރިވާންވީ އެވެ. ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، ހެދިބޮޑުވުމަށް އެކަށީގެންވާ ފުރުސަތު ދޭންވީ އެވެ. ޖިސްމާނީ އަނިޔާ ކުރުމުން ދުރުހެލިވާންވީ އެވެ. 

މި ފުރުސަތުގައި 'ދަ ވައިބް' ފަދަ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން މިފަދަ މައުލޫތަކަށް ހޭލުންތެރިކަން އުފައްދަން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެ ގޮތުގައި ދެމިތިބޭނެ ކަމަށް އުއްމީދުކުރަމެވެ.

  

ކޮމެންޓް (1)

ޕޭރެންޓް އެއް ނޫން

18 މާރިޗު 2023
ލިޔުންތެރިޔާވެސް، ލިޔުންވެސް ވަރަށް ފުރިހަމަ. އިތުރަށް ކުރާނެ ތައުރީފެއް ނެތް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް