މައިކް: ފާޑުކިޔުންތަކުން އަރައިގަތް ގޮތަށް ފަސް ބެލުމެއް ނެތް

މުހައްމަދު މަމްދޫހު ނުވަތަ މައިކް އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޑިމާންޑު ބޮޑު އެއް ހެއާ ސްޓައިލިސްޓު

މުހައްމަދު މަމްދޫހު ނުވަތަ އެންމެން ދަންނަ ނަމުން ނަމަ މައިކް ވަނީ ގިނަ އަދަދެއްގެ ދިވެހިންގެ އިސްތަށިގަނޑު ޒަމާނީ ސްޓައިލުތަކަށް ބަދަލު ކޮށްލައިފަ އެވެ. ބޯކޮށަން ނުވަތަ އިސްތަށިގަނޑުގައި ކުލަ ޖައްސަން ބޭނުންވާ ކޮންމެ މީހަކު ވެސް ފުރަތަމަ ނަގާ ލިސްޓުގައި މައިކްގެ ނަން ހިމެނެ އެވެ.

'ފަންނުވެރި އެކުވެރިން'ގެ މި އެޕިސޯޑުގައި އެހުތެރިންނާ ބައްދަލުކުރަނީ މައިކް އެވެ.

މައިކް ރާއްޖޭގެ ބިއުޓީ ދާއިރާގައި އުޅޭތާ 10 އަހަރު ވެއްޖެ އެވެ. މި ދިގު މުއްދަތުގައި އޭނާ ކުރި ތަޖުރިބާގައި އުސްއަޑިތައް ހިމެނެ އެވެ. އެކަމަކު މިއީ މައިކް ޝައުގުވެރިކަމާ އެކު ކުރާ މަސައްކަތަކަށް ވުމުން، އަޑިގަނޑުތަކަކީ އަނެއްކާވެސް އޭނާއަށް އާ އުއްމީދެއް ގެނެސްދޭ ކަންކަމެވެ. އޭނާ ބޭނުންވަނީ ފަސްޖެހުމެއް ނެތި އަދިވެސް މި ރޮނގުން ކުރިއަށްދާށެވެ.

މައިކް ބުނިގޮތުގައި އޭނާ ފަންނުވެރި ކަންކަމަށް އަބަދުވެސް ޝައުގުވެރިކަން ހުރެ އެވެ. އޭނާގެ ކުޑައިރުގެ ބައެއް ހަނދާންތައް މި އެޕިސޯޑުގައި ކިޔައިދިނެވެ. އޭނާގެ އަންހެން ކޮއްކޮ ބަލަހައްޓަންޖެހޭ ގަޑިތަކުގައި މުނިފޫހިފިލުވަން ބާބީ ޑޯލްގެ ހެދުން ތައްޔާރުކޮށް ހަދައި ޕޭޕާ ޑޯލް ކުރަހައިދީ އުޅުނެވެ.

"އޭރު ކޮއްކޮއަށް ވާނީ ގަތްގަނޑަކަށް 3 ނުވަތަ 4 އަހަރު. ކޮއްކޮއަށް ޕޭޕާ ޑޯލްސް އާއި ބާބީ ހެދުން ހަދާދިނީމަ ކަންނޭނގެ މި ދާއިރާއަށް ލީޑު ކުރީ. އަދި ސްކޫލުގައި އުޅުނު އިރު ވެސް އެނގުނު ފެޝަން އިންޑަސްޓްރީގަކަން މަސައްކަތް ކުރަން ބޭނުމީ،" މައިކް ކިޔައިދިނެވެ.

މިހާރު ހުރި ހިސާބާ މެދު ވަރަށް ހިތްހަމަޖެހޭކަން އޭނާ ފާޅު ކުރި އެވެ.

ފެޝަންއާ ގުޅޭ އެކި ބާވަތުގެ މަސައްކަތްތަކުން މައިކް ވަނީ ތަޖުރިބާ ހޯދާފަ އެވެ. އޭގެ ތެރޭގައި މޮޑެލިން، ރަންވޭ ކޮރިއޮގްރަފީ، ފެޝަން ޑިޒައިން އަދި ފޮޓޯގްރަފީ ހިމެނެ އެވެ. ބްރައިޑް މޯލްޑިވްސްގެ މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ހިސާބުން މި ދާއިރާއަށް ވަދެ، ބްރައިޑް މޯލްޑިވްސްގައި ދައްކާލި ހެދުން ކަލެކްޝަނެއް މައިކް ވަނީ ފަރުމާކޮށްފަ އެވެ. އެކަމަކު ހެދުން ފަރުމާކުރުމަކީ އޭނާގެ އެންމެ ވަރުގަދަ ހުނަރު ކަމަކަށް މައިކް ނުދެކެ އެވެ.

"ހަގީގަތުގައި، ހެއާޑްރެސާ އަކަށް ވާން ހުރީ ތައްޔާރަކަށް ނޫން. ހެއާޑްރެސާ އަކަށް ވާކަށް ބޭނުމެއް ވެސް ނުވި. އަދި ހިތަކަށް ވެސް ނާރާ،" މައިކް ބުންޏެވެ.

އެކަމަކު 2012ގައި މައިކް ބައިވެރިވި ކޯހަކާ އެކު ކަންކަން ބަދަލުވާން ފެށި އެވެ. އެއީ އުޒާނީ ސެލޮންއިން ހިންގި ކުރު ބިއުޓީ ކޯހެކެވެ.

"އެ ކޯހުގައި ކިޔަވައިދޭން އައި ޖަޕާނު ޓީޗަރު މައިކް ގާތު ބުނި، މުސްތަގުބަލުގައި މައިކް ކުރާ މަސައްކަތަކަށް ވާނީ ހެއާސްޓައިލިންއޭ،" މައިކް ބުންޏެވެ.

އޭނާ އެހެން ބުނީ ކޯހުގެ ފުރަތަމަ ހަފުތާގަ އެވެ. އެކަމަކު އޭރު މަައިކް އަކަށް މިކަމެއް ގަބޫލެއް ނުކުރެވުނެވެ. ކޯހުގައި ބައިވެރިވީ މޭކަޕް ކުރަން ދަސްކުރާށެވެ. މުޅި ކޯސް ފުރިހަމަ ނުކުރެވުނަސް މައިކް ވަނީ ހެއާ ސްޓައިލް އަދި މޭކަޕް ކުރާ ގޮތުގެ ބައި ފުރިހަމަ ކޮށްފަ އެވެ.

ފިލްމީ ތަރި ރިޝްމީ، މައިކްގެ ހެއާ ސްޓައިލެއް ދައްކާލަނީ

ދެން 2014ގައި ޕްރޮފެޝަނަލްކޮށް ސެލޮންއެއްގައި ހެއާ ޑްރެސާއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ. އެ ހިސާބުން އެކަމަށް އޮތް ލޯބި އިތުރުވެ އެ ފަންނުގައި އިތުރަށް ކުރިއަރަން މަސައްކަތް ފެށި އެވެ. ކުރާ ކޮންމެ ކަމެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭތޯ އޭނާ ބެލި އެވެ. އަދި 2017ގައި މައިކްގެ އަމިއްލަ ސްޓައިލެއްގެ ހެއާ ކަޓްއެއް ތައާރަފު ކުރި އެވެ. އެއީ 'ބްލެއާޒް' އެވެ.

"އެއީ ބްލަންޓް ކަޓް އަކާއި ލޭޔާޒް އެއްކޮށްގެން ތައްޔާރު ކޮށްލާ ސްޓައިލެއް،" މައިކް ކިޔައިދިނެވެ.

އެ ސްޓައިލު ވީ ގިނަ އަންހެނުންނަށް ކަމުދާ ސްޓައިލަކަށެވެ. ބޯކޮށާފައި ހުންނަ ގޮތުން އިސްތަށިގަނޑު އިތުރަށް ބޯ ހެން ހީވެ އެވެ. އަދި އެއީ ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ ސްޓައިލެއް ވެސް މެ އެވެ.

އިސްތަށިގަނޑު ވަކި ސްޓައިލަކަށް ކޮށާލުމުގެ ކުރިން އަބަދުވެސް ވިސްނަން ޖެހޭނެ މުހިއްމު ކަންތައްތަކެއް ވާކަން މައިކް ކިޔައިދިނެވެ. އެމީހެއްގެ ހަށިގަނޑުގެ ރޫފަ އާއި މޫނުގެ ބައްޓަމާ ގުޅެން ޖެހޭނެ އެވެ. އެމީހެއްގެ މިޒާޖާ ގުޅެން ޖެހޭނެ އެވެ. އަދި އެމީހަކަށް ކަމުދާ ދެތިން ސްޓައިލެއްގެ ފޮޓޯއެއް ހެއާޑްރެސާއަށް ދައްކަން ވާނެ އެވެ.

އިސްތަށިގަނޑު ވަކި ސްޓައިލަކަށް ކޮށާލައި އެއީ ގިނަ ދުވަސްތަކެއް ވަންދެން ހުންނާނެ ލުކް އަކަށް ވުމުގެ ކުރިން ރަނގަޅަށް ވިސްނާލުން މުހިއްމުކަން މައިކް ފާހަގަކުރި އެވެ.

ރާއްޖޭގައި ގިނަ ބަޔަކު އަދިވެސް ގަބޫލު ކުރަނީ ބިއުޓީ ދާއިރާ އަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ދާއިރާއެއް ކަމަށެވެ. އަދި ހެއާޑްރެސާއެއްގެ ގޮތުގައި ފިރިހެނަކު މަގުބޫލު ވުމުން އެމީހާއަށް މަލާމާތް ރައްދުވެ އެވެ.

"ބޭރު ދުނިޔޭގައި ފިރިހެނުންނަކީ ހެއާޑްރެސިން ދާއިރާގައި އެންމެ ހުނަރުވެރި އަދި ފުންނާބުއުސް މީހުން. އަޅުގަނޑަށް ހީވަނީ ރާއްޖޭގައި ގިނަ ބަޔަކު ދެކެނީ ބިއުޓީ އަކީ ހަމައެކަނި އަންހެނުންނަށް އޮތް އެއްޗެއް ކަމަށް. އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ ރީތި ވުމަކީ ފިރިހެނުންނަށް ވެސް މުހިއްމު ކަމެއް ގޮތަށް. ކްލަޔަންޓުންނާ ދިމާވާ އިރު އަޅުގަނޑު ބޭނުންވޭ ރީތިކޮށް ސާފު ތާހިރުކޮށް ހުންނަން. އަދި ޕްރެޒެންޓަބަލްކޮށް ހުރުމަކީ އަޅުގަނޑަށް މުހިއްމު ކަމެއް،" މައިކް ބުންޏެވެ.

މައިކްގެ ހެއާ ސްޓައިލެއް

ބިއުޓީ ކޯހުގައި ބައިވެރިވެ އެ ދާއިރާއިން ކުރިއަށްދާން ފެށުމުން މައިކްއަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.

"މީހުން އައިސް ދިމާލަށް ބުނެފަ އެބަހުރި، އަސްލު ލަދެއްނުގަނޭހޭ މި މަސައްކަތް ކުރާކަށް. ދެން އަޅުގަނޑު ބުނަން ކޮން ލަދެއް ހެއްޔޭ އޮތީ؟ ދެން ބުނަނީ އެހާ ރަނގަޅު ޕޭއެއް ލިބޭ އިންޑަސްޓްރީއެއް ވެސް ނޫނޭ، އަންހެންކުދިން ކުރާ މަސައްކަތަކޭ ތި ކުރަނީ. ދެން އަޅުގަނޑު އަހަން ޔަގީން ހެއްޔޭ މީ ހަމައެކަނި އަންހެންކުދިން ކުރާ މަސައްކަތެއް ކަން؟" މައިކް ބުންޏެވެ.

"މިއީ ހަމައެކަނި ހެއާ ޑްރެސިންގައި ދިމާވާ ކަމެއް ނޫން. ފެޝަން ޑިޒައިން ކިޔަވާ ކުދިންނަށް ވެސް މީހުންގެ ފާޑުކިޔުން އަމާޒުވޭ. މިއީ މިހާރު ހުއްޓަންޖެހޭ ކަމެއް. އެމީހަކު ކުރާ މަސައްކަތަކީ ރަނގަޅު އަދި ބޭނުންތެރި ކަމެއް ވެއްޖެޔާ އެކަން ކުރަންވީ."

މައިކްގެ ހެއާ ސްޓައިލެއް

އަދިވެސް ބައެއް މީހުން އެއްޗެހިކީ ނަމަވެސް މިހާރު ރަނގަޅު ސަޕޯޓެއް ލިބޭ ކަމަށް މައިކް ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ ފިރިހެނުން އަދިވެސް މި ދާއިރާއަށް ވަންނަންވީހެން. މިހާރު މި ދާއިރާއަށް ޝައުގު ހުންނަ ފިރިހެނުން ގިނަކަން ފާހަގަ ކުރެވޭ. އަޅުގަނޑު ބޭނުމެއް ނުވޭ ރާއްޖޭގައި ހެއާޑްރެސިން ކުރާ ހަމައެކަނި ފިރިހެނަށް ވާކަށް. ބޭނުންވޭ ގިނަ މީހުން މި ދާއިރާއަށް ނުކުންނަން،" މައިކް ބުންޏެވެ.

ކޮމެންޓް (1)

ނަން ބުނަން ނުކެރޭ

4 މާރިޗު 2023
ފިރިހެން ބޭފުޅުންގެ ހެއަރ ސްޓައިލް ނުކުރަންތަ؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް