
ބްރެޑް ރަޔާން އަދި އޭނާގެ މާމަ ޖޯއީ ރަޔާން، 2019 ވަނަ އަހަރު އިންޑިއާނާ ޑޫންސް ނެޝަނަލް ޕާކުގައި
92 އަހަރުގެ މާމަ ގޮވައިގެން 63 ނެޝަނަލް ޕާކަށް
މުހިންމު ނުކުތާތައް
މާމަ އާއި މާމަދަރި އެކުގައި ވަނީ ކާރުގައި 50،000 މޭލަށް ދަތުރުކޮށްފައި
ޕާކުތަކުގައި އެ މީހުން ކުރީ ބައެއް މީހުންނަށް މުޅި އުމުރުގައި ވެސް ނުލިބޭނެ ކަހަލަ އާދަޔާހިލާފު ތަޖުރިބާތަކެއް
ދަތުރުތައް ކުރުމަށް ގިނަ ބަޔަކު ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވޭ
"މުޅި އުމުރުގައި ވެސް ދުވަހަކު ވެސް ހަމަލޮލުން ފަރުބަދައެއް ނުދެކެން،" އެމެރިކާގެ ޒުވާނެއް ކަމުގައިވާ ބްރެޑް ރަޔާންގެ މާމަ ޖޯއީ ރަޔާން އޭނާ ގާތު 2015 ވަނަ އަހަރު ބުންޏެވެ.
އޭރު ރަޔާން އައީ އޮހައިއޯ ސްޓޭޓް ޔުނިވާސިޓީގައި ވެޓެރިނަރީ ދާއިރާއިން ކިޔަވަމުންނެވެ. ކިޔެވުމުގެ ފަހު އަހަރު ކަމުގައި ވިޔަސް އޭނާގެ މާމަ އަށް އެ ތަޖުރިބާ ހޯދައިދޭން ރަޔާން އަޒުމްކަނޑައެޅި އެވެ.
ހުވަފަތްވީތާ 20 އަހަރު ވެފައިވާ އަދި އެކަނި ދިރިއުޅޭ 92 އަހަރުގެ މާމަ އަށް، އޮކްޓޯބަރު 2015ގައި ބްރެޑް ދައުވަތު ދިނީ ނޯތު ކެރޮލައިނާ އާއި ޓެނެސީގެ ބޯޑަރުގައި އޮންނަ ގްރޭޓް ސްމޯކީ މައުންޓެއިންސް ނޭޝަނަލް ޕާކު ބަލާލުމަށް ދަތުރު ކުރުމަށެވެ.
"މާމަ އެންމެ ފުރަތަމަ ވެސް ބުނީ 'އަހަރެން ބަލާ އަންނަނީ ކޮން އިރަކު ހޭ؟'" ބްރެޑް، 41، ބުންޏެވެ.

އެއީ މާމަ އާއި މާމަދަރީގެ ދަތުރު ފެށުނު ހިސާބެވެ. އަދި އެއަށް ފަހު އެމެރިކާގެ 63 ނެޝަނަލް ޕާކަށް އެކުގައި ޒިޔާރަތް ކުރުމަށް ބްރެޑް އާއި ޖޯއީ އަޒުމް ކަނޑައެޅި އެވެ.
މާމައާ އެކު ކުރި ފުރަތަމަ ދަތުރުގައި ބްރެޑް އައީ ނަފްސާނީގޮތުން އުނދަގޫތަކަކާ ކުރިމަތިލަމުންނެެވެ. ނަމަވެސް، އޭނާ ބުނިގޮތުގައި، މާމަ ދަސްކޮށްދިނީ ގޮންޖެހުންތަކާ ކުރިމަތިލުމަށެވެ.
"އަހަރެން މަސައްކަތް ކުރީ މާމަ އަށް އެހީތެރިކަމެއް ވެ ދެވޭތޯ. އެކަމަކު މާމަ އަހަރެން ސަލާމަތް ކުރީ. އެ ހިސާބުން އަހަންނަށް އެނގިއްޖެ އެއް ދަތުރުން މިކަން ނިންމާލަންވީ ނޫންކަން. އަދި ދާށާއި ބަލަން ވަރަށް ގިނަ ތަންތަން އެބަހުރިކަން،" ބްރެޑް ބުންޏެވެ.
އެއާއެކު ދެ މީހުން ދަތުރުތައް ރާވާލި އެވެ. އެމީހުން ވަނީ 2015 ވަނަ އަހަރުން ފެށިގެން 62 ޕާކަކަށް ޒިޔާރަތް ކޮށްފަ އެވެ. އެންމެ ފަހުން ދިޔައީ އެލަސްކާގައި އޮންނަ ގޭޓްސް އޮފް ދަ އާޓިކް ނެޝަނަލް ޕާކަށެވެ. ބާކީ އޮތީ އެންމެ ޕާކެކެވެ.
"އެއީ އަހަރެންގެ ހަޔާތުގައި ތަޖުރިބާ ކުރެވުނު އެހެން އެއްވެސް ކަމަކަށް ވުރެ މާ ބޮޑު ކަމެއް،" އޮހައިއޯގެ ޑަންކަން ފޯލްސްގައި ދިރިއުޅޭ ޖޯއީ ބުންޏެވެ.

ޒިޔާރަތް ކުރާ ކޮންމެ ތަނަކުން ތަފާތު އާ ކަމެއް އެ ދެ މީހުން ތަޖުރިބާކުރި އެވެ. ހަވާއީ ވޮލްކޭނޯސް ނެޝަނަލް ޕާކަށް ގޮސް އެ ތަނުގެ ގުދުރަތީ ރީތިކަން ބެލި އެވެ. ކެލިފޯނިއާގެ ޖޯޝުއާ ޓްރީ ނެޝަނަލް ޕާކަށް ޒިޔާރަތްކޮށް އެތަނުގައި އުޑުގެ ތަރިތަކުގެ ދަށުގައި ނިދާ ހެދި އެވެ. ވެސްޓް ވަޖިނިއާގެ ނިއު ރިވާ ގޯޖް ޕާކުގެ ބުރިޖުގައި ހިނގި އެވެ. އަދި ކޮލޮރާޑޯގެ ގްރޭޓް ސޭންޑް ޑޫންސް ނެޝަނަލް ޕާކް އެންޑް ޕްރިޒާވް އަށް ގޮސް އެ ތަނުގެ ވެލި ފަރުބަދަތަކަށް އަރައިހެދި އެވެ. އެލަސްކާގެ ކަޓްމައި ނެޝަނަލް ޕާކުގައި ހުންނަ ބްރޫކްސް ފޯލްސްގައި ބޮޑެތި ސާރިދޯޅު ސޭމަން ހިފާތަން ބެލި އެވެ.
"އަހަންނަށް ދަތުުރުތަކުގެ ތަޖުރިބާ ގަބޫލުކުރަން ވެސް އުނދަގޫ. މާމައާ އެކު ކުރި މި ދަތުރުތަކުން އެމެރިކާގެ ވަރަށް ގިނަ ތަންތަން ފެނި އެތައް ބައިވަރު މީހުންނާ ބައްދަލުވެއްޖެ،" 2018 ވަނަ އަހަރުން ފެށިގެން ޑީސީގެ ވެޓެރިނެރީ ހޮސްޕިޓަލުތަކުގައި ޖަނަވާރުންނަށް ފަރުވާ ދެމުން އަންނަ ބްރެޑް ބުނެފައިވެ އެވެ.
ބްރެޑް އޭނާގެ ބައްޕަ ފަރާތު މާމަ ސިފަކުރީ 'ސުޕަހީރޯ'އެއްގެ ގޮތުގަ އެވެ. އުމުރުން 90 އިން މައްޗަށް ގޮސްފައިވާ މާމަ އެ އުމުރުގެ އެހެން މީހުންނާ ތަފާތު ކަމުގައި ބްރެޑް ބުނެފައިވެ އެވެ.
"މާމަ ހަމައެކަނި ފަރުބަދަތައް ބެލީއެއް ނޫން. އެ ފަރުބަދަތަކަށް އެރީ. ބައެއް ފަހަރު ބޯކޮށް ވާރޭ ވެހޭ އިރު ވެސް މާމަގެ މޫނުމަތިން ފެންނަނީ ހިނިތުންވުން،" އޭނާ ބުންޏެވެ.
ޖޯއީ ބުނިގޮތުގައި ބައެއް މީހުންނަށް ދުވަހަކު ވެސް ނުފެންނަ އެތައް މަންޒަރުތަކެއް އެ ދަތުރުތަކުން އޭނާއަށް ފެނިފައިވެ އެވެ. އެކަމާ އޭނާ އުފާކުރެ އެވެ.

ބްރެޑް ކުޑައިރު ވެސް މާމައާ އެކު ބަދަހި ގުޅުމެއް އޮތެވެ. އޭނާ ކުޑައިރު ގިނަ ވަގުތުތަކެއް ހޭދަކުރީ އެމީހުން ދިރިއުޅެމުން އައި ޑަންކަން ފޯލްސްގެ ޕާކުތަކުގަ އެވެ. އޭނާގެ މާމައާ އެކު ކުޑަ އިރު ބޮއް ހިފަން އުޅުނު ގޮތް އެއީ އޭނާގެ ކުޑައިރުގެ އުފާވެރި ހަނދާނެކެވެ. ޖަނަވާރުންނަށް ލޯބިޖެހުނީ ވެސް މާމާއާ އެކު ބޭރުގައި، ގުދުރަތީ މާހައުލުގައި ކުޅުމުގައި ހޭދަ ކުރި ވަގުތުތަކުގެ ސަބަބުން ކަމަށް ބްރެޑް ގަބޫލު ކުރެ އެވެ.
ކުޑައިރު ގާތްކޮށް އުޅުނަސް އޭނާގެ ކޮލެޖު ދުވަސްވަރު މައިންބަފައިން ވަކިވުމާ ގުޅިގެން ބްރެޑް އާއި އޭނާގެ މާމަގެ ގުޅުން ހީނަރުވެ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވާހަކަ ނުދައްކާ ހޭދަވި ކަމުގައި ބްރެޑް ބުންޏެވެ.
"އޭގެ ފަހުން އަހަރެމެން އަލުން ގުޅުނީ،" އޭނާ ބުންޏެވެ. ދެ މީހުންގެ ގުޅުން އިތުރަށް ވަރުގަދަވީ ޕާކުތަކަށް ޒިޔާރަތް ކުރުމަށް ފެށި ދަތުރުގެ ސަބަބުންނެވެ. އެ ދެ މީހުން އެކުގައި ކާރުގައި ވަނީ 50،000 މޭލަށް ދަތުރުކޮށްފަ އެވެ. މާމައަކާއި މާމަދަރިއެއްގެ ގުޅުމުގެ އިތުރުން މިހާރު އެ ދެ މީހުންނަކީ ގާތް ދެ އެކުވެރިން ކަމުގައި ބްރެޑް ބުނެފައިވެ އެވެ.

ފުރަތަމަ ދަތުރުގެ ހަރަދުތައް ބްރެޑް އަމިއްލައަށް ބެލެހެއްޓި ނަމަވެސް ހުރިހާ ޕާކަކަށް ޒިޔާރަތް ކުރާ ވަރަށް ފައިސާ އޭނާ އަށް ނުލިބޭނެތީ ގޯފަންޑްމީ ޕޭޖެއް ހުޅުވި އެވެ. އެ ޕޭޖް މެދުވެރިކޮށް ފުރަތަމަ ބުރު 3،000 ޑޮލަރު އެއްކުރި އެވެ. އަދި އޭގެ ފަހުން 9،000 ޑޮލަރު ޕޭޖް މެދުވެރިކޮށް ހޯދި އެވެ. އެ ފައިސާ ބޭނުންކޮށްގެން 2017 ވަނަ އަހަރު 21 ޕާކަކަށް އެމީހުން ޒިޔާރަތް ކުރި އެވެ.
އަމިއްލަ ޖީބުން ދަތުރުތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ހަރަދުކޮށްފައިވާ ބްރެޑް ބުނާ ގޮތުގައި ދަތުރުތައް ރޭވުމުގައި ފައިސާއަށް ބަލައިގެން އިގްތިސޯދުކުރުމަކީ އެމީހުން ވަރަށް ސީރިއަސްކޮށް ކުރާ ކަމެކެވެ.
ބްރެޑް 2019 ވަނަ އަހަރު ވަނީ އާއިލާ އާއި ރައްޓެހިންނަށް ދަތުރުތަކުގެ ވާހަކަތައް ކިޔައިދިނުމަށް ސޯޝަލް މީޑިއާގައި ޕޯސްްޓް ކުރަން ފަށައިފަ އެވެ. އެމީހުންގެ ވާހަކަ ހަބަރުތަކުން ފެންނަން ފެށުމާ އެކު، އެކި ކުންފުނިތަކާއި ޓްރެވަލް އެޖެންސީތަކުން އެމީހުންގެ ދަތުރުތައް ސްޕޮންސާ ކުރުމަށް ހުށަހެޅުންތަކާ އެކު ގުޅަން ފެށި ކަމަށް ބްރެޑް ބުންޏެވެ.
"އަހަރެމެންގެ މި ކޯޒްްއަށް ވަރަށް ގިނަ އާއްމު ރައްޔިތުން ވެސް ގެންދިޔައީ ޑޮނޭޓް ކުރަމުން. އަދި ބައެއް މީހުން އަހަރެމެންނަށް ނިދާނެ ތަން އެކި ސިޓީތަކުގައި ދިން. މިކަމުގައި ވަރަށް ގިނަ ބައެއްގެ ދީލަތިކަން ހިމެނޭ،" ބްރެޑް ބުނެފައިވެ އެވެ.
ޖޯއީ ގަބޫލުކުރާ ގޮތުގައި ނުދަންނަ މީހުން ވެސް މި ކަމުގައި އެހީތެރިވާން ބޭނުންވި ސަބަބަކީ، މާމައަކާއި މާމަ ދަރިޔަކު، ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން ދުނިޔެއަށް ދައްކަމުން ގެންދިޔުމެވެ.


ސެޕްޓެމްބަރު 2019ގައި ޖޯއީ އާއި ބްރެޑް ވަނީ 45 ދުވަހުގެ ދަތުރަކަށް ނުކުމެ، 14 ސްޓޭޓެއްގެ 20 ނެޝަނަލް ޕާކަކަށް ޒިޔާރަތްކޮށްފަ އެވެ. އެކަހަލަ ދިގު ދަތުރެއް ކުރެވުނީ ބްރެޑް ވަޒީފާ އިން ވަކިވެގެން އާ ވަޒީފާއެއް ހޯދަމުން ދިޔަ ދުވަސްވަރު ކަމުގައި ވުމުންނެވެ. އެހެން ނޫނީ ކުރު ދަތުރުތަކަށް ބްރެޑް އޭނާގެ ޗުއްޓީ ދުވަސްތައް ބޭނުންކުރެ އެވެ.
އުމުރުން 80ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން ޖޯއީ މަސައްކަތް ކުރީ އޭނާ ދިރިއުޅޭ ސިޓީގެ ސުޕަމާކެޓެއްގަ އެވެ. ޖޯއީ އަށް، ކޮންމެ ދަތުރެއްގައި ވެސް ފަރުބަދަތަކަށް އެރުމާއި ޓެންޓްތަކުގައި ނިދުން އަދި ވައިޓް ވޯޓާ ރާފްޓިން ފަދަ ކަންކަން ކުރަން ޖެހޭތީ ގޮންޖެހުންތައް ކުރިމަތިވި އެވެ.
"އަހަރެން އަބަދުވެސް ތައްޔާރަށް މި ހުރީ ތަފާތު ކަމެއް ޓްރައި ކުރަން،" ތިން ކުދިންގެ މަންމަ އަދި ހަތަރު ކުދިންގެ މާމަ ޖޯއީ ބުންޏެވެ.
"ބްރެޑް އަހަންނާ އެކު މި ދަތުރުތަކުގައި ބައިވެރިވާތީ އަހަންނަށް ރައްކާތެރިކަން އިހުސާސް ކުރެވޭ. އަބަދުވެސް އޭނާ ހުންނަނީ އަހަރެންގެ އަތުގައި ހިފައިގެން. އެއީ އެހެން މީހުންނަށް ބަލާ، އޯގާތެރި ކުއްޖެއް. އަަހަރެން އެދެނީ އެންމެންނަށް ވެސް އެކަހަލަ މާމަ ކުއްޖެއް ލިބުމަށް."

ބައެއް ދަތުރުތައް ބްރެޑް އަށް ޖެހެނީ އޭނާގެ ދޮށީ އުމުރުގެ މާމަ އަށް ފަސޭހަވާނެ ގޮތަކަށް ބަދަލުކޮށްލާށެވެ. އޭނާ ބުނި ގޮތުގައި އެކަމުން ދަސްވާ ވަރަށް ގިނަ ކަންކަން ވެސް ހުރެ އެވެ.
"އަހަރެން މާމާ ގާތު ކަމެއް ކުރަން ބުނެފި ނަމަ %99 ވަގުތުގައި އެ ކަމަކަށް ބުނަނީ އާނއެކޭ،" ބްރެޑް ބުންޏެވެ. ޖޯއީ ބުނާގޮތުގައި އެގޮތަށް އޭނާގެ ޖަވާބު ހުންނަނީ އޭނާ "ކޮންމެ ކަމެއް ކުރާ އިރު ވެސް އަމިއްލަ އުމުރާ ދޭތެރޭ ނުވިސްނާ އެކަމެއް ކުރާތީ" އެވެ.
އެމީހުންގެ ލިސްޓުގައި ހިމެނޭ އެންމެ ފަހު މަންޒިލް، އެމެރިކަން ސަމޯއާގެ ނޭޝަނަލް ޕާކަށް ދިއުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ބްރެޑް އާއި ޖޯއީ ބުނިގޮތުގައި އަންނަ އަހަރު ކުރާ އެ ދަތުރަކީ އުފާވެރި އަދި ދެރަވާނެ ދަތުރަކަށް ވާނެ އެވެ.