ވާހަކަ: އަބްލާޖް

ވާހަކަ

ވާހަކަ: އަބްލާޖް

ފަރިތަކަމާ އެކު ރަފީގް އެކި އިރުޝާދު ދެއެވެ. އިތުބާރުކޮށްފައި އެ ދޭ އިރުޝާދުތަކަށް ތަބާވާން ޒިޔާދުމެންނަށް މިހާރު ފަހެއް ނުޖެހެވެއެވެ. ރަފީގް ބުނާ ގޮތަށް ކަންކަން ދިމާވަމުން ދާތީއެވެ.
21 މާރިޗު 2022

އެޕިސޯޑް 23

ދެތިން ފަހަރު ގުޅުމުން ރަފީގް އައެވެ. އޭރު ރައިޝާ އޮތީ ފާރުގައި ހަތަރެސް ފައި ތަތް ކޮށްލައިގެން ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ރަފީގް އައީ އިތުރު ފަސް މީހުން ވެސް ގޮވައިގެންނެވެ. އެއީ އާދައިގެ އަންހެނުންނަށް ވުރެ ތަންކޮޅެއް ވަރުގަދަކޮށް ތިބި ފަސް އަންހެނުންނެވެ.

އެއީ އުޅުން ރަނގަޅު، ޚުލްގު ހެޔޮ މީހުންނެވެ. ވަގުތަށް ނަމާދު ކުރާ، ގުރުއާން ކިޔަވާ މީހުންނެވެ. މޫނު ނޫން ހުރިހާ ތަނެއް ޖިލްބާބުން ނިވާ ކުރެވިފައިވާ ބައެކެވެ. އެ މީހުން ވަދެގެން އައި އިރު ޒިޔާދާއި ނިޔާފު އަދި ޒުބޭދާ ވެސް ހައިރާންވެފައި ތިއްބެވެ. ނިޔާފު ހުރީ ޒުބޭދާއަށް ވުރެ ވެސް ބިރުގެންފައެވެ. ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ.

އެ މީހުން އައިސް ރައިޝާގެ ހަތަރެސް ފައިގައި ހިފެހެއްޓިއެވެ. އަދި އެނދުމަތީ ބާއްވާފައި ފޮތިގަނޑެއް އަޅައި މުޅި ހަށިގަނޑު ނިވާ ކުރިއެވެ. ރައިޝާ ވަރަށް ގަދަ ހެދިއެވެ. ޒިޔާދު ފޯނުން ޖަހަމުން ދިޔަ ގުރުއާން، ރަފީގްގެ އިޝާރާތަށް ނިއްވާލިއެވެ. ރަފީގް ކިޔަވަން ފެށިއެވެ. އަދި ގެނައި ހުވަނދުމާ ކޮތަޅާއި ހީނާ މާ ކޮތަޅު ހުޅުވާލިއެވެ. ހީނާ މާތައް ރައިޝާ ގައިމަތީގައިވާ ފޮތިގަނޑު މައްޗަށް އުކާލިއެވެ. ބޮޑު ފެން ތަށްޓެއް ގެނައުމަށް ޒުބޭދާއަށް އެންގިއެވެ. ފެން ތަށި ގެނައުމުން ހުވަނދު މާކޮޅު އެއަށް އަޅާލުމަށް ފަހު ފެން ގަނޑުގައި ނުޖެހޭ ވަރަށް އަތްތިލަ އަޅައިގެން ކިޔަވަން ފެށިއެވެ. އޭރު ވެސް ރައިޝާގެ ހަށިގަނޑު ތެޅެނީއެވެ. ފަސް އަންހެނުން ތިބީ ރައިޝާގެ ހަށިގަނޑުގައި ހިފަހައްޓައިގެންނެވެ. ތަދު ނުވާނެ ގޮތަށެވެ. އެ ގޮތުގައި ހަތް މިނެޓް ކިޔެވިތަނާ ރައިޝާ ހަމަޖެހުނެވެ. ނަމަވެސް އޮތީ ލޯ މަރައިގެންނެވެ. ރަފީގްގެ ކިޔެވުމަށް ބަދަލެއް ނާދެއެވެ. ފަންސަވީސް މިނެޓް ކިޔެވި ފަހުން ރައިޝާ ލޯ ހުޅުވާލިއެވެ. އަދި ވަރަށް ކަރު ހިއްކާ ކަމުގައި ބުންޏެވެ. ވުމާއެކު ފެންތައްޓެއް ބޯލިއެވެ. އަނެއްކާވެސް ފެން ބުޔެވެ. އެ ގޮތުގައި ހަތަރު ތަށި ފެން ބުޔެވެ. ރައިޝާގެ ހަށިގަނޑަށް ތާޒާ ކަމެއް އައެވެ.

ރަފީގް ކިޔެވުން ހުއްޓާލިއެވެ. އަދި ހުވަނދުމާ ފެން ތަށި ޒިޔާދު އަތަށް ދިނެވެ.

"މީތި ރައިޝާ ގަޔަށް އަޅާލާ. އެކަމަކު ރައިޝާ ހުންނަން ވާނީ ތައްޓެއްގެ ތެރޭގައި. ރައިޝާގެ ގައިން ފައިބާ ފެންކޮޅު އެހެން ފުޅި އަކަށް އަޅާލާފައި ޖެހޭނެ އޭތި ކަނޑަށް ބޭރު ކުރަން. ރައިޝާ ހުންނަން ވާނީ އުޑު ހާމަ ތަނެއްގައި. މާދަމާގެ ހުކުރު ނަމާދުގެ ކުރިން ތިކަން ކުރަން ވާނެ. ގެއިން ނުކުތުމުގެ ކުރިން ކުރުސި ތިން ފަހަރު ކިޔާލާތި. ފެން ފުޅި ގެންދަން ވާނީ އެތެރެ ނުފެންނަ ކަހަލަ ކޮތަޅަކަށް ލައިގެން،" ކަން ކުރަން ވީ ގޮތް ރަފީގް ކިޔައިދިނެވެ. "ތި ކަން ކާމިޔާބުވިޔަ ނުދޭން އެ މީހުންނަށް ކުރެވުނު ކަމެއް ކުރާނެ. އެކަމަކު ކޮންމެހެން ވެސް ގަޑި ޖެހުމުގެ ކުރިން ތިކަން ކުރާތި. ޖެހިޖެހިގެން ތިން ރޭ މިކަން ކުރަންވާނެ. ފެން އަޅަމުން ކުރުސި، އިޚުލާސް، ފަލަގް، ނާސި ކިޔަވާލާތި. އަދި 'ރައްބަނާ'ގެ އާޔަތްތައް ވެސް. އެއަށް ފަހު އަންނަ ބަދަލަކުން ދެން ކަން ކުރަން ވާ ގޮތް އަހަރެން ބުނެދޭނަން."

"އެހެންވީމަ ރައިޝާގެ ހަށިގަނޑުން އޭތި ނުނިކުމެ އެ އޮތީ. ބަނޑަށް އޭތި އެ ދެމިގަތީ. އެއީ އެ އެއްޗެހިން ވަރަށް ގިނައިން ކުރާ ކަމެއް. ފުރަތަމަ ބަލަންވީ ރައިޝާއަށް ވާ އުދަނގޫތައް ލުއި ކުރެވޭތޯ. އެހެން ނޫނީ ސިހުރު ބާތިލް ކުރަން އުޅޭ އިރު އެކޮޅުން ބާރު ގަދަ ކުރެވޭތޯ ބަލާނެ. ރައިޝާ ހެޔޮ ހާލުގައި ހުރެގެން ނޫނީ މިކަން ކާމިޔާބު ކުރަން އުނދަގޫވާނެ،" ރަފީގް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އެންމެން ވެސް ތިއްބެވެ.

"ރައިޝާ. ހަނދާން ބަހައްޓާތި. އެންމެ ނަމާދެއް ވެސް ނާޅާތި. ފުރަތަމަ ކުރަން އުދަނގޫވާނެ. ބޭކާރު ހިޔާލާއި ވަސްވާސްތައް ހިތަށް އަންނާނެ. ހިތްވަރު ކޮށްފައި އާދައަކަށް ހެދޭތޯ ބަލާ. ގުރުއާނާއި ޒިކުރުތައް ގަވާއިދުން ކިޔާތި. ހަށިގަނޑުގެ ވަނާތައް ފާޅުވާހެން އެ ކޮއި ތިލާ ފޭރާންތައް ބަދަލުކޮށް އިސްލާމީ ރީތި ފޭރާންތައް ލުމަށް އާދަ ކުރޭ. ލަވަ އާއި މިއުޒިކާ ދުރުހެލިވޭ. ކޮންމެ ތަނަކަށް ވަދެ ނުކުމެ ވާއިރު އެކަމަކަށް ހާއްސަކޮށް ކިޔަވަން ޖެހޭ ދުއާތައް ކިޔަވާތި. ގުރުއާން އަބަދުވެސް ގޭތެރެ އާއި ކޮޓަރިތެރޭގައި ޖަހާފައި ބަހައްޓާތި. ދަމު ނަމާދާއި ފަތިސް ނަމާދާ ދޭތެރެއަކީ ޖިންނި ޝައިތާނުން އެންމެ ގިނައިން ސިހުރު ހެދުމަށްޓަކައި ހަރަކާތްތެރިވެ އުޅޭ ގަޑި. ދަމު ނަމާދު ކުރަން އާދަ ކުރެވޭތޯ ބަލާ."

ރަފީގް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ރައިޝާއަށް ވަރަށް ގިނަ ނަސޭހަތް ދިނެވެ. ދެން ތިބި މީހުން ވެސް ކަން ކުރަންވީ ގޮތުގެ ތަފުސީލު ކިޔައިދިނެވެ. އެއަށް ފަހު، ރަފީގްއާ އެއްކޮށް އައީ ކޮން ބައެއްކަން ތައާރަފު ކޮށްދިނެވެ. އެއީ ރަފީގްގެ ދެ ބޮޑުދައިތައިންނާއި ރަފީގްގެ އަންހެނުންނާއި ދެ ދަރިންނެވެ. މި ކަހަލަ ކިތަންމެ ކަމެއްގައި އަބަދުވެސް އެހީތެރިވެދޭން ތިބޭ ބައެކެވެ.

ޒިޔާދު ނުކުތީ ރަފީގް ބުނެފައިވާ ގަޑިއަށް ބުނި ކަންތައް ކުރެވޭތޯއެވެ. ސައިކަލު ސްޓާޓެއް ނުވިއެވެ. ދިހަ ވަރަކަށް މިނެޓް އުޅެގެން ވެސް ކާމިޔާބުވާ ގޮތް ނުވުމުން ނިޔާފުގެ ސައިކަލު ނެގިއެވެ. އެ ސައިކަލެއް ވެސް ސްޓާޓެއް ނުވިއެވެ. ހުކުރު ގަޑި ކައިރި ވަމުން ދާތީ ކާރެއް ލިބުމަކީ ވެސް ނާދިރު ކަމެކެވެ. ވިސްނަން ހުރެފައި ޒިޔާދު ހިނގައިގަތެވެ. ހިނގޭ އެންމެ ބާރަކަށް ހިނގާފައި ދެވުނު އިރު ރަފީގް ބުނި ގަޑި ޖެހެން އިނީ ހަތަރު މިނެޓެވެ. ރަހްމަތްތެރިޔާ ލޯންޗު ސްޓާޓްކޮށްގެން ތައްޔާރުގައި ހުއްޓެވެ. ޒިޔާދު އެންމެ ސިކުންތެއް ވެސް ލަސް ނުވެ ލޯންޗަށް އެރިއެވެ. ގަޑިއަށް ބަލާލުމަށް ފަހު އަވަސް ކުރުމަށް ބުންޏެވެ. ފެންފޮދު ކަނޑަށް އޮއްސާލީ ބަރާބަރު ސުންމިނެޓަށެވެ. ޒިޔާދު ހަމަޖެހުމުގެ ނޭވައެއް ބޭރު ކޮށްލިއެވެ.

"މަންމާ. އަހަރެން ހަމަ ހަގީގަތުގައިވެސް ރައިޝާ ދެކެ ވަރަށް ލޯބިވޭ. އަހަރެން އޭނައަށް ގޯނާ ކުރާކަށް ބޭނުމެއް ނޫން. އެކަމަކު އެ ރާގީ ގެންނާތީ ހުރިހާ ވެސް އުދަނގުލެއް މި ކުރިމަތި ވަނީ،" އަބްލާޖް ވާހަކަ ދެއްކީ އަބްލާޖްގެ މަންމައާއެވެ. ނަމަކީ އަނާލިއާ އެވެ. މާނައަކީ ހެޔޮކަމެވެ. ނުބައި ޖިންނިންނާއި މާރިދުން އަދި އިފުރީތުންނަށް ވެސް މާނަ ރީތި ނަން ކިޔާފައިވެއެވެ.

"ދަރިފުޅާ. ދަރިފުޅަށް އެނގޭނެ ބައްޕައަކީ ކޮން ކަހަލަ މީހެއްކަން. ފުރަތަމަ ވެސް އިސް ކުރާނީ އަހަރެމެންނަށް ހަވާލު ކުރެވިފައިވާ ކަންކަން. އެކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ކުރާކަށް އޭނަ ބޭނުމެއް ނުވާނެ،" ވިސްނައިދޭ ރާގެއްގައި އަނާލިއާ ބުންޏެވެ. "އެހެން ނޫނަސް މަންމަ ވެސް ބޭނުމެއް ނޫން ތި ބުނާ މީހެއް މި އާއިލާ ތެރެއަށް ގެންނާކަށް. އެ ވެސް އިންސާނެއް. އިންސާނުންނަކީ މަންމަ އަބަދުވެސް ވަރަށް ފޫހިވާ ދަރިފަސްކޮޅެއް. އެމީހުންގެ ސަބަބުން އަބަދުވެސް އަހަރެމެންނާއި އަހަރެމެންގެ ދަރިންނަށް ލިބެނީ ގެއްލުމާއި ހަލާކު."

އަބްލާޖްގެ ހިތްވަރު އެލޭ ގޮތްވިއެވެ. ނަމަވެސް އުންމީދު ކަނޑައެއް ނުލިއެވެ.

"އެކަމަކު މަންމާ...،" އަބްލާޖްގެ ވާހަކަ ހުއްޓުވީ އަނާލިއާއެވެ.

"ދަރިފުޅު ބޭނުންވަނީ ބައްޕައާ ހަނގުރާމަ ކުރަންތަ؟ ދަރިފުޅަށް ބައްޕަގެ ވަރުގަދަކަމާ މެދު ޝައްކުވަނީތަ؟ ތި ކަމުގައި މުޅި އާއިލާ އާއި ދަރިފަސްކޮޅު ނެތި ދާން ބޭނުންވަނީތަ؟" އަނާލިޔާގެ އަޑުގަދަ ކަމުން މުޅި ތަން ގުގުމައިގެން ދިޔައެވެ.

ދެމައިން ވާހަކަ ދައްކަން ތިބީ ފަޅު ރަށެއްގެ ބޯކެޔޮ ވަލެއްގައެވެ. ގަސްތައް ވަރަށް ބާރަށް ހެލިގަތެވެ. ވައިގަދަވެ އުޑުމަތި ބަނަ ކޮށްލިއެވެ. ވާރޭ ވެހެން ފެށުމާއެކު ވިދާ ގުގުރަން ފެށިއެވެ. މުޅި ތަނަށް ވެރިވެފައިވީ އަނދިރިކަމެވެ. މައިވަންތަކަން ބަދަލުވެފައިވީ ރުޅިވެރިކަމަށެވެ. ދެ ލޮލުގައި އަލިފާން ރޯވެ ކޮނޑުމަތިން ދެ ކަށި ނުކުތެވެ. ބޮލުން ދެ ފޫޓްގެ ދެ ދަޅު ވެސް ނުކުތެވެ. އަބްލާޖް އެއްވެސް އެއްޗެއް ނުބުނެ އިށީނެވެ. އާދޭސް ކުރާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ރައިޝާ ދޫކޮށްލުމަކަށް ވެސް ބޭނުމެއް ނުވިއެވެ. ގޮތްދޫނުކުރުމަކީ ޖިންނިންގެ އާދައެވެ. ބޭނުން ވެއްޖެ ކަމެއް ކޮށްފައި ނޫނީ ހުއްޓާލާކަށް އެވެރިން ބޭނުމެއް ނުވާނެއެވެ. އާއިލާއާ ހަނގުރާމައަކަށް ދާން ޖެހިއްޖެ ނަމަ އެކަން ކުރުމަށް އަބްލާޖް އަތުކުރި އޮޅާލިއެވެ. އަބްލާޖްގެ ވިސްނުން އަނާލިއާއަށް އިހުސާސް ވިއެވެ. ގަސްތައް މުލުން ލުހިގެން ދާވަރުގެ އަޑަކުން ހަޅޭއްލަވައިގަތެވެ. އަދި އެ ވަގުތު ވިދާލި ވިދުވަރާއެކު އަނާލިޔާ އުދުހިގަތެވެ.

އަބްލާޖް އަބަދުވެސް އެންމެ އުޅޭ ހިތްވާ އުނި ގަހުގެ ގޮފިގަނޑެއްގައި އިށީނދެލައިގެން އިނެވެ. އަބްލާޖްގެ ލޯ ހުއްޓިފައި ހުރީ އުދަރެހަށެވެ. އެ ވަގުތު ކަނޑުން އަރައިގެން އައީ ޖުންދެވެ. އިސްކޮޅުން ބިޔަ ވަރުގަދަ އެ ހަށިގަނޑު ފެނުމުން އިންސާނުންގެ ހިތުގެ ހިނގުން ވެސް ހުއްޓޭނެއެވެ. އަބްލާޖް އުނި ގަހުން ފައިބައި، ފަޅު ރަށުގެ ތުނޑިއަށް ދިޔައެވެ. ޖުންދު ދެ ފިޔަވަޅު އެޅި އިރު ހުރީ އަބްލާޖްގެ ކުރިމަތީގައެވެ. ޖުންދު ފުމެލިޔަސް އަބްލާޖް ވިއްސައިގެން ދާނެކަން އަބްލާޖް ހަނދާން އެބަ ހުއްޓެވެ.

"ބައްޕާ،" ޖެހިލުންވެ ހުރެ، ވާހަކަ ދެއްކުމަށް އަބްލާޖް އަނގަ ހުޅުވާލިއެވެ.

އެ ވަގުތު ޖުންދުގެ ކަނާއަތުގެ އިނގިލިތައް އެކުލަވައި ފަލަ ކައްޓަކަށް މުޅި އަތް ބަދަލުވިއެވެ. އަދި އަބްލާޖްގެ ބަނޑަށް ކަށި ހަރާލިއެވެ. އެ ދެމެދުގައި ހިނގީ އެންމެ ސިކުންތެކެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް