ވާހަކަ: ހިމޭން ލޯބި

ވާހަކަ

ވާހަކަ: ހިމޭން ލޯބި

ކިހިނެއްކަން ނޭނގުނަސް، އެ ކައިވެނި ނުކޮށް ސަލާމަތްވެދާނެއޭ ހައިޝަމްގެ ހިތުގައި އޮވެ އެވެ. ކައިވެނީގެ ދުވަސް ކުޑަތަންވަމުން ދިޔަވަރަކަށް ހައިޝަމްގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައީ އެކަމަށް އަލި މަގެއް ނުފެނި އޮތީމަ އެވެ.
20 ޑިސެމްބަރު 2021

އެޕިސޯޑް 17

"އޭނަ މިގޭގައި އުޅުމުން އަހަރުމެން އެންމެނަށް ވެސް ކިހާ ފަސޭހަ. ގޭތެރޭގައި ކިހާ ގިނަ މަސައްކަތެއް އެ ކުރަނީ. އަހަރެން ނުދެކެން އެމަންޖެ ހުއްޓިގެން ހުއްޓައެއް. އެހެން ނޫނަސް އެއީ އަޅާލާނެ އިތުރު މީހަކު ހުރި ކުއްޖެއް ނޫން. މާތްﷲ އިރާދަކުރެއްވީތީ އަހަރުމެންނަށް ލިބޭ. އެހެންވީމަ އެފަދަ ކުއްޖަކަށް އެހީތެރިވުމުން ދެ ދުނިޔޭގައި ވެސް އެކަމުގެ ދަރުމަ ލިބޭނެ. ނޫންތަ؟" ޝާހިދު އެ ދެއްކީ ރަނގަޅު ވާހަކަތަކެއް ކަމަށް ޒާހިރާ ޤަބޫލުކުރެ އެވެ. ނަމަވެސް ބުނަން ނޭނގޭ ކަހަލަ ހިތްނުތަނަވަސްކަމެއް ޖަންނަތާ ދޭތެރޭގައި ޒާހިރާގެ ހިތުގައި އޮވެ އެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ގޭތެރޭގައި ކުރަމުން ދިޔައީ ސީމާ އާއި ހައިޝަމްގެ ކައިވެނީގެ މަޝްވަރާތަކެވެ. ޕާޓީ ބާއްވާނެ ތަނަކާ މެދު އެވެ. ކެއުމުގައި ހިމަނަންވީ ކޮން ކަހަލަ ބާވަތްތަކެއް ކަމާ މެދުގަ އެވެ. ހެދުން ފަހާނެ ޑިޒައިންތަކެވެ. ދައުވަތު ކާޑު ފަރުމާކުރާނެ ގޮތަކާ މެދުގަ އެވެ. ދައުވަތު ދޭންވީ މީހުންގެ ނަންތައް ލިޔުމުގަ އެވެ. މިހުރިހާ ކަމެއްގައި ވެސް ޖަންނަތު ބައިވެރިވި އެވެ. ހިތުގައި އެއްވެސް ހަސަދަވެރިކަމެއް ނެތި ހިތްހެޔޮކަމާ އެކު އެވެ. ޖަންނަތު ދޭ ހިޔާލުތައް ސީމާއަށް ވަރަށް ކަމުދިޔަ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގައި ހައިޝަމް ބައިވެރިއެއް ނުވެ އެވެ. ކޮންމެ ވާހަކައެއް ނުވަތަ ކޮންމެ ހިޔާލެއް އެހިޔަސް އެ ބަޔަކަށް ފެންނަ ގޮތަކަށް ކުރީމައި ރަނގަޅުވެފައި ފުރިހަމަވާނެ ކަމުގައި ބުނެ ނިންމާލަނީ އެވެ.

މި ގޮތް ޒާހިރާއަށް ބަލައިގަންނަން ފަސޭހައެއް ނުވި އެވެ. ހައިޝަމް ގޮވައިގެން ކޮޓަރިއަށް ދިޔަ އެވެ.

"ދަރިފުޅާ، ކިހިނެއްތަ ތި އުޅެނީ؟ ކީއްވެތަ އެއްވެސް ކަމެއްގައި ބައިވެރިނުވެ ތި އިންނަނީ؟ ތި ގޮތަށް ކަންތައް ކުރީމަ ހަބީބުމެން ކުރިމަތީގައި ދަރިފުޅުގެ އިތުރުން މަންމަމެންގެ އަގެއްނު ވެއްޓޭނީ. ހިތްހަމަނުޖެހޭ ކަމެއް އުޅެންޏާ ވެސް ބުނީމައެއްނު އެނގޭނީ،" ޒާހިރާއަށް ކެތްނުކުރެވިގެން ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށް ތަކުރާރުކޮށް އެހި އެވެ.

"ކަމެއް ވެއްޖެތަ؟ އެއް ކަމެއް ވެސް ނުވޭ. އަހަރެން ނުދެނެހުއްޓާ މަންމަ އާއި ބައްޕަ އަހަރެންގެ ކައިވެނި ތި ހަމަޖެއްސީ. އަހަރެން ބޭނުންވެގެން ކުރާ ކައިވެންޏެއް ނޫން މިއީ."

"އަނެއްކާވެސް އެއްކަލަ ވާހަކަ. ދަރިފުޅު ސީމާ ދެކެ ލޯބި ނުވިޔަސް ސީމާ ކަމުދެއެއްނު، ކައިވެނި ކުރެވުނީމަ ލޯބި ވެސް ވާން ފަށާނެ، މަންމަ މި ބުނާ އެއްޗެއް ޤަބޫލުކޮށްބަލަ،" ޒާހިރާ ވާހަކަ ދެއްކީ މަޑުންނެވެ. ނަމަވެސް ހައިޝަމަށް ވިސްނައިދޭ ރާގެއްގަ އެވެ.

"ދަރިފުޅު މި ކައިވެންޏަށް ތި ވަރަށް ތި އިންކާރު ކުރަނީ ކީއްވެތަ؟ ދަރިފުޅު އަނެއްކާ އެހެން މީހަކު ދެކެ ލޯބިވަނީތަ؟" ޒާހިރާ ހިތުގައި ބިރެއް އުފެދުނެވެ. އެއީ ހަމަ އެވަގުތު ކުއްލިއަކަށް ހިތަށްއެރި އެއްޗެކެވެ. ނަމަވެސް އެކަން ހަގީތަތަކަށް ވާކަށް ހަމަހިލާ ނުކުރޭނެއޭ ވެސް ޒާހިރާ ހިތަށްއެރި އެވެ.

ހައިޝަމް އެއްޗެއް ނުބުނެ މަޑުކޮށްލި އެވެ. ޒާހިރާގެ ހިތުގެ ހިނގުން އަވަސްވި އެވެ. ހައިޝަމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ޒާހިރާ ހުރިއިރު މަޑުމަޑުން ދާހިއްލަން ވެސް ފެށި އެވެ. ޒާހިރާ އަނެއްކާވެސް އެހި އެވެ.

"ދަރިފުޅާ، މަންމަ މިއަހަނީ...."

"އަހަރެން ކައިވެންޏަށް އިންކާރެއް ނުކުރަމެއްނު؟ އަހަރެން މި ބުނަނީ އަހަރެން ބޭނުންވެގެން ކުރާ ކަމެއް ނޫނޭ. ކަންކަމާ މާ ގަޔާވެގެން ނޫޅުނަސް އެއްވެސް ކަމަކަށް ހުރަހެއް ނާޅަމެއްނު، ދެކޮޅެއް ވެސް ނުހަދަމެއްނު؟ އަހަރެން ލޯބިވާ ކުއްޖެއް މި ދުނިޔޭގައި ހުރި ނަމަ އޭނަ އާއި އަހަރެން މިއުޅެނީ...." ހައިޝަމް ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. މީހަކު ދޮރުގައި ޓަކި ޖަހާލި އެވެ. އަދި ދޮރު ހުޅުވާލި އެވެ.

"ހައިޝަމް! އަހަރެން މިގެއަށް އައިމަ ފިލާ ތިއޮތީ ކޮޓަރީގައި. އާދެބަލަ ބޭރަށް މަންމަ އާއި ބައްޕަ އެބަ ހޯދާ ހައިޝަމް،" ސީމާ އައިސް ހައިޝަމްގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. އެ މަންޒަރު ޖަންނަތަށް ފެނުނެވެ. ނަމަވެސް ފެންނަ ކަމަށް ނުހަދައި އަނެއް ފަރާތަށް އެނބުރުނީ އެވެ. ކުރިމަތީގައި ޖަންނަތު ފެންނަން އިންހާ ހިނދަކު ހައިޝަމަށް އެހެން ދިމާލަކަށް ނުބެލެ އެވެ. ޖަންނަތަށް އެކަން ފާހަގަކުރެވެ އެވެ. ވުމާ އެކު އެހެން މީހުންނަށް އެކަން ފާހަގަވެދާނެތީ ހައިޝަމްގެ ލޯމަތިން ވަގުތު ކޮޅަކަށް ޖަންނަތު ދުރަށް ދިޔަ އެވެ.

ކައިވެނި ކުރަން 15 ދުވަހަށް ވީ އެވެ. ދުވަސް ކައިރި ވީ ވަރަކަށް ހައިޝަމްގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔަ އެވެ. ގޭތެރޭގައި ވަރަށް ހަލަބޮލިކޮށް ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔަ އެވެ. އެކަމުން ހައިޝަމަށް ލިބެނީ އިތުރު ހިތްދަތިކަމެކެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމާއި މާޔޫސްކަމެވެ. އެކަން ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް ޖަންނަތަށް އެކަން ފާހަގަކުރެވެ އެވެ.

ނުނިދާ ރޭތައް ތަކުރާރު ވަމުން ދިޔަ އެވެ. ދުވާލުގެ ވަގުތުތަކުގައި ގެއިން ބޭރުގައި އުޅުމާއި ކެއުމާ ވެސް މީހާ ދުރުވާން ފެށި އެވެ. މިހާ ހިސާބަށް ކަންތައް ދިޔުމުން ގޭގައި އުޅޭ އެހެން މީހުންނަށް އެކަން ފާހަގަވާން ފެށި އެވެ. ހައިޝަމަށް އަންނަމުން ދިޔަ ބަދަލުތަކުގެ އަސްލަކީ ކޮބާތޯ ހިތާހިތުން ސުވާލު އުފައްދަމުން ދިޔައީ ޒާހިރާ އެވެ. ކައިވެނީގެ ސަބަބުން އެހާ ބޮޑު ބަދަލެއް ހައިޝަމަށް ނާންނާނެކަމަށް ވެސް އޭނާގެ ހިތް ބުނަމުން ދިޔަ އެވެ. ނަމަވެސް އެއްޗެއް އެހިޔަސް ހައިޝަމް ސަމާލުކަމެއް ނުދެ އެވެ. މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. ހައިޝަމަށް މިވާވަރު ބަލާކަށް ޖަންނަތަކަށް ކެތެއްނުވި އެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ހައިޝަމް ކޮޓަރިން ނުކުތް އިރު ޖަންނަތު ހުރީ ފެން ބޯށެވެ. ފެން ބޮއި ނިމިގެން ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. ފަނޑު އަލިކަމުގެ ތެރެއިން ޖަންނަތަށް ހައިޝަމް ފެނުނެވެ. ޖަންނަތުގެ އަތުގައި ހިފައިގެން ހައިޝަމް ކޮޓަރިއަށް ވަނެވެ.

"ޖަންނަތު، އަހަރެން ހަލާކު ނުވަނީސް މިކަމުން އަހަރެން ސަލާމަތްކޮށްދީ. ކީއްވެތަ ތިގޮތަށް ތި ކަންތައް ކުރަނީ؟ އަހަރެން ކޮން ކުށެއް ކޮށްގެން؟ އަހަންނަށް ކީއްވެ ތި އަނިޔާ ދެނީ؟" ޖަންނަތުގެ ހިތުގައި ޖެހުނެވެ. ހައިޝަމްގެ އާދޭސްތަކުގެ އަޑު އަހާކަށް ޖަންނަތަށް ފަސޭހައެއް ނުވި އެވެ. ޖަންނަތުގެ އެންމެ ފަހުގެ ނިންމުން ހައިޝަމަށް ހުށައެޅި އެވެ. އެއީ ހައިޝަމް ކުރީގެ އުޅުމަށް ބަދަލު ނުވެއްޖެ ނަމަ މުޅި އުމުރަށް ހައިޝަމް ދޫކޮށްލާފައި ދާނެކަމުގެ އިންޒާރެވެ. ހައިޝަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެވަގުތު ކޮޓަރީގެ ބޭރުގައި ހުރި މީހާއަށް ހައިޝަމް ދެއްކި ވާހަކަތައް އަޑު އިވުނު ކަމެއް ހައިޝަމާއި ޖަންނަތަށް ވެސް ނޭނގެ އެވެ. އެމީހަކު، ހައިޝަމް ނުކުންނަން ވާއިރަށް ސިޓިންރޫމުގައި ހުރި ކަބަޑަކާ ނިވާވި އެވެ.

ބުނާނެ އިތުރު އެއްޗެއް ނެތުމުން ހައިޝަމް ކޮޓަރިން ނުކުމެގެން ގޮސް އޭނާ ނިދާ ކޮޓަރިއަށް ވަނެވެ. ފައިލްތަކެއް ހާވައި ގަނޑުތަކެއް ނެގި އެވެ. އެއީ އެންމެ ފުރަތަމަ ހައިޝަމަށް ޖަންނަތު ފެނުނު ދުވަހު ކުރަހާފައިވާ ކުރެހުންތަކެވެ. އެތައް އިރަކު އެ ކުރެހުންތަކާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހަނދާންތަކެއް އާކުރުމުގަ އެވެ. އެކަމުން ވެސް ހިތަށް ހަމަޖެހުމެއް ހޯދުމުގެ ބޭނުމުގަ އެވެ.

ދުވަހުގެ އިރު އުދަރެހުން ފެނިލިއިރު ހައިޝަމް އިނީ މާލޭގެ އާޓިފިޝިއަލް ބީޗްގަ އެވެ. ފަތިސް ނަމާދަށް ފަހު ހައިޝަމް މިތަނަށް އައީ ހިތުގައިވާ އުދާސްތައް ބޭރުކޮށްލައި ދުވަހުގެ ފެށުން އާ ފެށުމަކުން ފެށުމުގެ އުންމީދުގަ އެވެ. އިރުގެ ހޫނުކަން އިހުސާސްވާން ފެށުމުން ހައިޝަމް ގެއަށް ދިޔުމަށްޓަކައި ސައިކަލަށް އެރި އެވެ. މަޑު ދުވެލީގައި ގޮސް ގޭދޮށުގައި ސައިކަލު ޕާކުކޮށްލި އެވެ.

ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތިން އަންހެންވެރިން ބަދިގޭގައި އުޅެނީ އަވަދިނެތި ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގަ އެވެ. ފިރިހެންވެރިންނަށް މީރުހައި ގޮތްގޮތަށް އެކި ރަހަތަކުގެ ކާތަކެތި ހެދުމުގަ އެވެ.

ޝާހިދާއި ހަމްދޫންގެ އިތުރުން ހައިޝަމް ވެސް މިއަދު ސައިބޯން ނުކުތީ އެކުއެކީގަ އެވެ.

"މަންމާ، މިއަދު ހާދަ މީރު ވަހެއް ދުވައޭ. ކޯއްޗެއްތަ ތި ތައްޔާރު ކޮށްލަނީ؟" ހައިޝަމް އައިސް މޭޒު ކައިރީ އިށީންނަމުން ބުންޏެވެ.

"ހޫމމް.. މިހާރު ވެސް މޭ ފުރި އަރާހައިވޭ،" ހައިޝަމަށް އައި ބަދަލު އެންމެންނަށް ވެސް ފާހަގަކުރެވުނެވެ. މިއައި ހެޔޮ ބަދަލާ އެކު ހައިޝަމް ފެނުމުން އެންމެ އުފާވީ ޒާހިރާ އެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް