ވާހަކަ: ހިމޭން ލޯބި

ވާހަކަ

ވާހަކަ: ހިމޭން ލޯބި

ޝައްކުގެ ނަޒަރުން ބަލަމުން އައި ޒާހިރާއަށް ފެންނަމުން އައީ އެ ޝައްކު ޔަގީން ކުރެވޭ ފަދަ މަންޒަރުތަކެވެ. އެންމެ ފަހުން އެ ތުހުމަތު ދިމާލައް ކުރިއެވެ.
27 ޑިސެމްބަރު 2021

އެޕިސޯޑް 19

"ޖަންނަތު. ހާސްނުވޭ. ގޭގައި ނޫޅޭ އިތުރު މީހެއް،" ކުރިއަށް ދެ ފިޔަވަޅު އަޅަމުން އިރުފާނު ބުންޏެވެ. ޖަންނަތު އިހުނަށް ވުރެ ބިރުގަތެވެ. ދެ ލޯ ބޮޑުވި އެވެ.

"މިތާ އިށީނދެބަލަ،" އެނދަށް އިޝާރާތްކޮށްފައި އިރުފާނު ބުންޏެވެ. އަދި މޭޒެއް ކައިރީގައި ހުރި ގޮނޑިއެއްގައި އިރުފާނު އިށީނެވެ.

"ހަމަޖެހިބަލަ. އަހަރެން މިއައީ ޖަންނަތު ގާތު ވާހަކައެއް ދައްކަން. ޖަންނަތު ބުނެބަލަ ތި ގޮތަށް ކަންތައް ކުރުމުން ހައިޝަމާއި ޖަންނަތުގެ އިތުރުން ސީމާގެ ވެސް މުސްތަގުބަލަށް ވާނެ ގޮތް،" ވިސްނައިދޭ ކަހަލަ ގޮތަކަށް އިރުފާނު ބުންޏެވެ.

ޖަންނަތުގެ ހިތުގެ ހިނގުން މަޑުވެ، މީހާ ހަމަޖެހުނެވެ. އިރުފާނު އައީ ޖަންނަތުގެ ނިންމުން ބަދަލުކުރުވާށެވެ. ޖަންނަތު ފުން ނޭވައެއް ބޭރު ކޮށްލުމަށް ފަހު އެނދުގައި އިށީނެވެ.

"ތި ގޮތަށް ކަންތައް ކުރުމުން ތި ތިން މީހުނަށް އެއްވެސް އުފަލެއް ނުލިބޭނެ. ޖަންނަތަށް ހަމަ ނޭނގެނީތަ، ހައިޝަމްގެ އުފަލަކީ ތިއީކަން؟" އިރުފާނު ކުރި އެއްވެސް ސުވާލަކަށް ޖަންނަތު އެއްވެސް އިޝާރާތެއް ނުކުރެ އެވެ. ޖަހާފައި އިން ބުދެއް ހެން އިނީ އެވެ.

"ތިއީ ހަމައެކަނި ހިތްހަމަޖެހުން. ތިއީ ހަމައެކަނި ލޯތްބަކީ ވެސް،" އިރުފާނަށް މިހެން ބުނެވުނު އިރު ޒާހިރާއަށް ޖަންނަތުގެ ކޮޓަރިއާ އަރާ ހަމަވެއްޖެ އެވެ. ކޮޓަރީގެ ދޮރު ހުރީ އެއްކޮށް ނުލެއްޕި އެވެ. އިރުފާނު ބުނި އެއްޗެއް ރީތިކޮށް ޒާހިރާއަށް އަޑުއިވުނެވެ.

"އަހަރެން މި ދެއްކި ވާހަކަތައް ޤަބޫލުކޮށް ޖަންނަތުގެ ނިންމުން ބަދަލުކުރާނެކަމަށް އުންމީދު ކުރަން،" އިރުފާނު ކޮޓަރިން ނުކުންނަން ހިނގައި ގަތެވެ.

ކޮޓަރިން އިރުފާނު ނުކުތް އިރު ހައިޝަމާއި ޒާހިރާ އާއި ޝާހިދުގެ އިތުރުން ހަމްދޫނާއި ޝާލިޔާ ވެސް ތިއްބެވެ.

"މިއީ ދޯ މިވާ ގޮތަކީ. ޝާހިދު އަދިވެސް ބުނާނަންތަ ޖަންނަތަކީ އަހުލާގު ރަނގަޅު ކުއްޖެކޭ؟" އަޑުގަދަކޮށް ޒާހިރާ އެހެން ބުނުމާ އެކު ޖަންނަތު ވެސް ކޮޓަރި ތެރެއިން ނުކުތެވެ. އަދި ވާނުވާ ނޭނގޭ ހާލުގައި ހާސްވެފައި ހުއްޓެވެ.

"އިރުފާނު، ކަލެ އާއި ޖަންނަތާ އޮތީ ކޮން ކަހަލަ ގުޅުމެއް؟" ހިތްހަމަ ނުޖެހިފައި ހުރި ޒާހިރާ ސުވާލުކުރީ އިރުފާނާ ދިމާލަށް އިނގިލި ދިއްކުރަމުންނެވެ.

"ކީކޭ؟ ގުޅުމެކޭ؟ އަހަރެން... އަހަރެންނާ..؟ ހައިޝަމް، ހައިޝަމްގެ މަންމަ ކީކޭ އެކިޔަނީ؟" ހައިޝަމް ގާތަށް ގޮސް އިރުފާނު ސުވާލުކުރީ ހާސްވެ ހުރެގެންނެވެ.

"މަންމާ، ކީކޭތަ ތި ކިޔަނީ؟ ތި ކަހަލަ އެއްޗެއް ހީކުރަން ވެސް ނުވާނެ،" އިރުފާނުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒާހިރާއާ ހައިޝަމް ވާހަކަ ދެއްކި އެވެ.

ޖަންނަތު ހުރީ ބުދެއް ހެންނެވެ. ލޮލުން ކަރުނައެއް ނާންނަތަނުގައި ހަރަކާތް ކޮށްލަން ވެސް ނޭނގިފަ އެވެ. މިއަދު އޭނާގެ އަބުރާ މެދު ސުވާލު ކުރެވޭތީ އެވެ. ފިރިމީހާގެ ކުރިމަތީގައި އެފަދަ ހުތުރު ބަދުނާމެއް އެޅުވުމުގެ ކުރިން މަރުވުން ވެސް މާ ރަނގަޅޭ ޖަންނަތު ހިތަށްއެރި އެވެ.

"ދަރިފުޅަށް އަދިވެސް ނުވިސްނޭތަ މި ޖަންނަތުގެ ގޮތެއް؟ ކީއްވެތަ މަންމަ ބުނާ އެއްޗެއް ޤަބޫލުނުކުރަނީ؟ ގުޅުމެއް ނެތް ނަމަ ކީއްކުރަން ގޭގައި އެންމެން ނޫޅޭ ގަޑި ބަލާފައި އިރުފާނު މި ކޮޓަރިއަށް ވަންނަންވީ؟" ޒާހިރާގެ އަޑު ގަދަ އެވެ.

ކުއްލިއަކަށް ޖަންނަތު އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ.

"ޖަންނަތު،" ހައިޝަމަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ދުއްވައިގަތީ ހަށިގަނޑުގައިވާ ހުރިހާ ބާރެއް ލާފަ އެވެ.

ޖަންނަތު އޮތީ ކޮޓަރީގަ އެވެ. އެ އާއިލާގެ އާއިލީ ޑޮކުޓަރު އައިސް ބެލުމަށް ފަހު ދިޔައީ އެވެ. ޖަންނަތު ހޭއެރީ ގަޑިއެއްހާއިރު ފަހުންނެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު ޒާހިރާ ނޫން ހުރިހާ އެންމެން ޖަންނަތު ގާތުގައި ތިއްބެވެ. ޖަންނަތު އޮތީ ވަރުބަލިވެފަ އެވެ.

ދޮރު ހުޅުވާލާފައި ޒާހިރާ ވަނެވެ. މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ.

"މަންމާ ކީކޭތަ ޑޮކްޓަރު ބުނީ؟" ހައިޝަމް ސުވާލުކުރި އެވެ. ޑޮކުޓަރު ވާހަކަ ދެއްކީ ޒާހިރާއާ އެކަންޏެވެ. ޒާހިރާ އެއްވެސް އެއްޗެއް ނުބުނެ ޖަންނަތާ ދިމާލަށް ބަލަމުން އައިސް އެނދުގައި އިށީނެވެ.

"ޒާހިރާ! ހައިޝަމް އެކުރި ސުވާލަށް ޖަވާބު ދީބަލަ. ކީކޭތަ ޑޮކުޓަރު ބުނީ؟ ޖަންނަތަށް ކިހިނެއްތަ ވީ؟" ޝާހިދު ވެސް ކެތްނުވެގެން ސުވާލު ކުރި އެވެ.

"ޖަންނަތުގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއް؟" ޒާހިރާ ސުވާލުކުރީ ޖަންނަތާ އެވެ. ޖަންނަތުގެ ދެ ލޯ ބޮޑުވި އެވެ. ހައިޝަމަށް ކޮޅަށް ތެދުވެވުނެވެ. ހުރިހާ އެންމެން ހައިރާންވި އެވެ. އެކަކު އަނެކަކާ ދިމާލަށް ބެލި އެވެ. ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.

"ޖަވާބު ދީބަލަ. ކާކުގެ ދަރިއެއްހޭ ތިއޮތީ، ކޮން ކަހަލަ އުޅުމެއް އުޅޭ ކުއްޖެއް ތީ؟ ކޮން ކަހަލަ ތަރުބިއްޔަތެއް ލިބިފައިތަ ތިހުރީ؟ އެއްވެސް އަޚުލާޤެއް، އަދަބެއް ވެސް ހުރި ކުއްޖެއް ނޫނެއްނު،" ޒާހިރާ އަޅުވަން ފެށި އިލްޒާމުން ޖަންނަތަށް ރޮވެން ފެށުނެވެ.

"ތި މަކަރުވެރި ރުއިން ބަލާނެ މީހަކު މިތަނަކު ނެތް. ބުނޭ. ހަމަ މިހާރު ބުނޭ. ކާކުގެ ދަރިއެއްހޭ ތިއީ. ތި ކަހަލަ ފާފައެއް ކުރަން ބިރެއް ވެސް ނުގަނޭތަ؟" ޒާހިރާގެ އަޑެއް މަޑެއްނުވި އެވެ.

"ހައިޝަމް އަދިވެސް ހުންނަނީތަ؟ ހަޤީޤަތް ކިޔާދީބަލަ،" ޝާލިޔާ ބުންޏެވެ. ޝާލިޔާއަށް ޖަންނަތަކީ ކާކުކަން ޔަގީންވީ ޖަންނަތު ގާތު ހައިޝަމް ދެއްކި ވާހަކަތަކާއި ކުރި އާދޭސްތައް އެކި ރޭރޭ މަތިން އަޑުއިވިފައި ވާތީ އެވެ.

ޒާހިރާ އާއި ޝާހިދުގެ އިތުރުން ހަމްދޫނަށް ވެސް ޝާލިޔާއާ ދިމާލަށް ބަލައިލެވުނެވެ.

"ކީކޭ ތި ކިޔަނީ؟ ހައިޝަމަށްތަ އެނގެނީ އެއީ ކާކު ދަރިއެއް ކަމެއް؟" ޒާހިރާ ސުވާލުކުރީ ޝާލިޔާއާ އެވެ.

"އާނ. އަހަރެން ނޫން ކާކަށް އެނގޭނީ؟ އެއީ އަހަރެންގެ ދަރިއެއް. އެއީ ފާފައެއް ނޫން މަންމާ. ޖަންނަތަކީ އަހަރެންގެ އަލަތު އަނބިމީހާ،" ފެންކަޅި ވެފައިވާ ދެ ލޮލުން ކަރުނަ އޮހޮރެން ފެށި އެވެ. ހައިޝަމް ގޮސް މަޑުމަޑުން ޖަންނަތުގެ ބޮލުގައި ފިރުމާލި އެވެ.

ޒާހިރާ ހުއްޓުން އެރި އެވެ. ހީވީ މީހަކު ބޮލުގައި އެތިފަހަރެއް ޖެހިހެންނެވެ. ޝާހިދާއި ހަމްދޫނު ވެސް ތިބީ އަނގައިން ބަސް ހުއްޓިފަ އެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއް ވެސް، އަހާނެ އެއްޗެއް ވެސް ނުވިސްނުނެވެ.

"މަންމަ ތި އިނގިލި ދިއްކުރަނީ ޖަންނަތުގެ ތަރުބިއްޔަތަށް؟ މަންމައަށް ނޭނގޭތަ، އަހަރެންގެ ލޯބިވާ މައިންބަފައިންގެ އަބުރާއި އިއްޒަތް ގެއްލި ދާނެތީ، މަައިންބަފައިންނަށް ކިޔަމަންވުމުގެ ގޮތުން މަންމަ ބުނި ގޮތަށް ސީމާއާ ކައިވެނިކުރަން އަހަންނަށް މަޖުބޫރުކުރީ ވެސް އަހަރެންގެ އަންހެނުން. މަންމަ ތިބުނާ އަޚުލާގެއް ލިބިފައި ނުވާ ޖަންނަތު. އަހަންނާއި ޖަންނަތު އެކަށީގެންނުވާ ކަމަށް ބުނެ، އަހަންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް ސީމާއާ ކައިވެނިކުރުމަށް ބާރުއެޅީ ވެސް ހަމަ ޖަންނަތު. އެވަރުން ވެސް މަންމަ ތިބުނަނީ ޖަންނަތަކީ އެއްވެސް އުޅުމެއް ނެތް ވިޔާނުދާ ކުއްޖެކޭތަ؟" ހައިޝަމް ރުޅިއަ އެވެ. ނަމަވެސް ޒާހިރާއާ ވާހަކަ ދެއްކީ މަޑުންނެވެ. ހައިޝަމްގެ މަންމަ ވީމަ އެވެ.

"ޖަންނަތުގެ ލޯތްބަކީ އަހަރެން. އެކަމަކު އެލޯބި ވެސް ގުރުބާންކޮށް މައިންބަފައިންގެ އެދުން އިސްކުރުމުން ދެ ދުނިޔޭގައި ވެސް ކާމިޔާބު ލިބޭނެކަމަށް ވިސްނައިދިނީ، މަންމަ ތި ފޫހިވާ ޖަންނަތު. އެހެންވީމަ ޖަންނަތަކީ ކޮން ކަހަލަ ކުއްޖެއް؟ މަންމަ އަޅެ ބުނަބަލަ."

ޒާހިރާއަށް އިނީ ރޮވިފަ އެވެ. ހިތުގައި ޖެހުނެވެ. އެހާ އަޚުލާޤު ރަނގަޅު ކުއްޖެއްގެ އަބުރު ކިލަނބު ކުރުމަށް މަސައްކަތް ކުރެވުނީމަ އެވެ. ޒާހިރާ ވިސްނާލި އެވެ. އަދި އެކި ދުވަސް ދުވަހު ވެފައިވާ ކަންކަން ގުޅުވާލި އެވެ. ޖަންނަތު ކުރި ކޮންމެ ކަމެއްގައި ވެސް ވަނީ ހިތްހެޔޮކަމެވެ. މުރާލިކަމެވެ. މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމެވެ.

"ދަރިފުޅާ މަންމައަށް މައާފު...."

"މަންމަ މާފަށް އެދެންވީ ޖަންނަތުގެ ކިބައަކުން ނޫންތަ؟" ހައިޝަމް ޒާހިރާގެ ވާހަކަ މެދުކަނޑާލި އެވެ.

ޒާހިރާ ޖަންނަތާ ގާތްވެލި އެވެ. އަދި އޯގާތެރިކަމާ އެކު ބޮލުގައި ފިރުމާލި އެވެ.

"ދަރިފުޅާ! މަންމައަށް މަޢާފުކުރޭ!" ޒާހިރާ އެހެން ބުނުމުން ބޭއިޚުތިޔާރުގައި ޒާހިރާގެ ގައިގައި ޖަންނަތު ބައްދާލި އެވެ. ޒާހިރާ، ޖަންނަތުގެ ބުރަކަށީގައި ފިރުމާލި އެވެ. މައިވަންތަކަމުގެ އެފިރުމުންތަކަށް ފެންބޮވައި ގަނެފައިވާ ޖަންނަތު ކެތްތެރިކަމުގެ މޭވާ ފޮނިވި އެވެ.

ޝާހިދު ވެސް އައިސް ޖަންނަތު ގާތުގައި އިށީނދެލި އެވެ.

"ޒާހިރާ ބުނެބަލަ. އަހަރެމެންގެ ދަރިއަށް މިއަށް ވުރެ ރަނގަޅު ކުއްޖެއް ވަކި ލިބޭނެތަ؟" ޝާހިދު އެހެން ބުނުމުން ޒާހިރާ ހިނިތުންވެލި އެވެ. ނަމަވެސް ހައިޝަމް ކަމެއް ހަނދާންވި އެވެ.

ސީމާ އާއި ހައިޝަމްގެ ކައިވެންޏެވެ.

"ދަރިފުޅު އެކަމާ ނުވިސްނާ. ބައްޕަ، ހަބީބާ ވާހަކަ ދައްކާނަން،" ހައިޝަމްގެ ނިތްކުރިއަށް ޖަމާވަމުން ދިޔަ ރޫތައް ފެނުމުން، އަންދާޒާ ކޮށްލާފައި ޝާހިދު ބުންޏެވެ. ހައިޝަމް ހިނިތުންވެލި އެވެ.

ހަވީރުގެ ހިތްގައިމު ވަގުތު ހުރިހާ އެންމެން ވެސް ތިބީ ޓެރަސް މަތީގައި ސައިބޯށެވެ. އަލަށް އިތުރުވާން އުޅޭ މެހެމާނަށް ކިޔާނެ ނަމަކާއި ގަންނަންވާ އެއްޗެހި މަޝްވަރާކުރާށެވެ.

ހައިޝަމް އާއި ޖަންނަތު ތިބީ ތަންކޮޅެއް ދުރުގަ އެވެ. އަތު ގުޅާލައިގެން އުނދޯލީގައި ތިބީ އާއިލާ މީހުންގެ މޫނުމަތިން ފެންނަ އުފާވެރި މަންޒަރު ބަލާށެވެ.

"މި އުފާވެރިކަމުގެ އަސްލަކީ ޖަންނަތު،" ހައިޝަމް އެހެން ބުނުމުން ޖަންނަތު ހައިޝަމްގެ ކޮނޑުގައި ބޯ އަޅާލި އެވެ.

- ނިމުނީ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް