ވާހަކަ: ހިމޭން ލޯބި

ވާހަކަ

ވާހަކަ: ހިމޭން ލޯބި

ހައިޝަމް މުޅިން ބަދަލުވި އެވެ. ސީމާއަށް ކުރިން ނުދޭ ސަމާލުކަން ދޭން ފެށުމާއި ކުރިން ނުބަހައްޓާ ގާތްކަން ބަހައްޓަން ފެށުމުން ޖަންނަތު ހިތުގައި ޖެހުނެވެ.
23 ޑިސެމްބަރު 2021

އެޕިސޯޑް 18

"އަވަހަށް އާދޭ. މިއަދު މި ކެއްކީ ކަނޑުކުކުޅު ރިހަ،" އުފަލުން ހުރި ޒާހިރާ ބުންޏެވެ.

"އާނ. މަންމަ ހަދާ ކަނޑުކުކުޅު ވަރެއް ހަމަ ނޯންނާނެ. އިތުރު މީހަކަށް ނޭނގޭނެ މިހާ މީރުކޮށް އެއްޗެހި ކައްކާކަށް،" އެއްލި ކަޅިއަކުން ޖަންނަތަށް ބަލައިލަމުން ހައިޝަމް ބުނެލި އެވެ. ޖަންނަތު ދެރަވި އެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކަ އެވެ.

"މަންމާ، އަހަރެން މެންދުރު ކާން އަންނާނީ ގެއަށް އިނގޭ، މީރު އެއްޗެއް ތައްޔާރު ކޮށްލާތި. ވަރަށް ޚާއްސަ މީހެއް ވެސް ގޮވައިގެން އަންނާނީ،" ފެންތަށީގެ އެއްބައި ބޯލާފައި މޭޒުމަތީގައި ބަހައްޓަމުން، ގޮނޑިން ތެދުވަމުން ހައިޝަމް ބުންޏެވެ. އަދި ނުކުމެގެން ދިޔަ އެވެ. ޖަންނަތާއި އަނގައިން ނުބުނާ ތަނުގައި ބަލައި ވެސް ނުލަ އެވެ. އެހިތަށް ތަދުވި އެވެ. ނަމަވެސް ޝަކުވާއެއް ކުރެވޭނެ ހެއްޔެވެ؟

ނަމާދުކޮށް ނިންމައިގެން ޖަންނަތު އިނީ ޤުރުޢާން ކިޔަވާށެވެ. ގަޑި ބަލައިލުމަށް ފަހު ހަތިމާއި މުސައްލަ އަލަމާރިއަށް ލި އެވެ. އަދި އެނދުގައި އިށީނެވެ. ޖަންނަތަށް ބެލެނީ ގަޑިއަށެވެ. ކޮންމެ ސިކުންތެއް ވެސް މިއަދު ހީވަނީ އެއްގަޑިއިރު ހެންނެވެ. ޖަންނަތު އިންތިޒާރު ކުރަމުން ދިޔައީ މެންދުރު ހައިޝަމް އަންނާނެ ވަގުތަކަށެވެ. ހައިޝަމް އެބުނި ޚާއްސަ މީހަކީ ކާކު ބާ އެވެ؟ އަނެއްކާވެސް ގަޑިއަށް ބަލާލި އެވެ. މިހާރު ހައިޝަމް އަންނަހާއިރު ވެއްޖެއޭ ހިތަށްއެރި އެވެ. އެނދުން ތެދުވެ، ކޮޓަރިން ބޭރު ބަލައިލި އެވެ. ސިޓިންރޫމުގައި ފެންނަން އިނީ ޝާލިޔާ އެކަންޏެވެ. ވުމާ އެކު ކޮޓަރި ދޮރު ލައްޕާލާފައި އަނެއްކާވެސް އެނދުގައި އިށީނެވެ.

"މަންމާ! ބަލާބަލަ އަހަންނާ އެކު ކާކު އައިސް މިހުރީ؟" ހައިޝަމް އެހެން ބުނި އަޑަށް ޒާހިރާގެ ކުރިން ނުކުތީ ޖަންނަތެވެ. އެކަން ހައިޝަމަށް ފާހަގަކުރެވުނެވެ.

ޒާހިރާ ނުކުތީ ލައިގެން ހުރި ދިގުހެދުމުގެ އަތުކުރި ނިއުޅަމުންނެވެ.

"ސީމާ،" ސީމާ ފެނުމުން އުފަލުން ހުރި ޒާހިރާ ބުންޏެވެ. "ހިނގާ އަވަހަށް ދެ ކުދިން ކާން، މަންމަ ހުންނާނެ ވަރަށް މީރު އެއްޗެއް ތައްޔާރު ކޮށްލާފައި،" ސީމާގެ އަތުގައި ހިފައިގެން ހައިޝަމް ހިނގައިގަތެވެ. ހައިޝަމަށް އައި ބަދަލު ސީމާއަށް ވަރަށް ރަނގަޅަށް ފާހަގަވި އެވެ. އަދި އެކަމާ ވަރަށް އުފާވި އެވެ.

ފެންކަޅިވެފައިވާ ދެ ލޮލާ އެކު ވެސް ޖަންނަތު މަސައްކަތް ކުރީ ހިނިތުން ވެވޭތޯ އެވެ. އެކަން މިފަހަރު ފެނުނީ ޝާލިޔާއަށެވެ.

އިރުއޮއްސުނު އިރު ވެސް ހައިޝަމް ގެއަކަށް ނާދެ އެވެ. ޖަންނަތު ކޮންމެ ކަމެއްގައި އުޅުނުކަމުގައި ވިޔަސް ހައިޝަމް މަތިން ހަނދާން ނުވާ އެންމެ ހިނދުކޮޅެއް ވެސް ނުދެ އެވެ. ތެދުވެރި ލޯތްބަކީ ކޮބައިކަން ޖަންނަތަށް ދަސްވީ ހައިޝަމްގެ ފަރާތުންނެވެ. ހަޔާތުގެ އުފާވެރިކަން ތަޖުރިބާ ކުރެވުނީ ވެސް ހައިޝަމާ އެކުގަ އެވެ. ވީ މަދު ދުވަސް ކޮޅުތެރޭގައި ޖަންނަތަށް ދުވަހަކު ވެސް ލިބިފައި ނުވާ ހިތްހަމަޖެހުމާއި ލޯބި ހައިޝަމް ފަރާތުން ވަނީ ލިބިފަ އެވެ. ހައިޝަމާ ދިމާވުމުން ޖަންނަތަށް ދަސްވީ ދިރިއުޅުމަށް ލޯބި ކުރާށެވެ. ކަންކަމުގައި ހިތްވަރު ކުރާށެވެ. ހައިޝަމް ގާތު ކޮންމެ ގޮތަކަށް ކަންތައް ކުރަން ބުނިކަމުގައި ވިޔަސް ޖަންނަތަށް ހައިޝަމާ ނުލައި އުޅެން ވަރަށް އުދަނގޫވާނެ އެވެ. އެކަމަށް ވަގުތު ވެސް ނަގާނެ އެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ހައިޝަމް ނޫން އެންމެން ވެސް ތިބީ ކާމޭޒު ކައިރީގަ އެވެ. ޖަންނަތު އުޅުނީ ކާތަކެތި ތަށިތަކަށް އެޅުމުގަ އެވެ. ނަމަވެސް އިރުކޮޅަކާ ދޮރާ ދިމާލަށް ބަލާލެވެ އެވެ. ހައިޝަމް އާދޭތޯ އެވެ. ނުފެންނަތާ ގިނައިރު ވުމުން ހިތްއެދެނީ އެސޫރަ ދެކިލުމަށެވެ.

"މަންމާ! ކޮބާތަ މިރޭ ހައިޝަމް؟ ކާން ވެސް ނުނިކުމޭތަ؟" ބަތްތަށިން ބަތް އަޅަމުން ހަމްދޫނު އެހި އެވެ.

"އޭނާ ނޫޅޭ ގެއަކު. މިރޭ ސީމާއާ އެކު ވީ ބޭރަށް ގޮސް. ކައިވެންޏަށް ބޭނުންވާ އެއްޗެހި ގަންނަނީ އަދިވެސް. ބުނި ބޭރުން ކައިގެންނޭ އަންނާނީ ވެސް،" ޒާހިރާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ.

"ތި ސަޓަނި ތަށި ދީބަލަ" އަނގައިން ބަސް ހުއްޓި ހިޔާލަކަށް ގެއްލިފައި ހުރި ޖަންނަތު ގާތު ޒާހިރާ ބުންޏެވެ.

"އޭތް، ކޮން ހިޔާލަކަށް ގެއްލިފައިތަ ތި ހުންނަނީ؟" ގޮނޑިން ތެދުވަމުން ޒާހިރާ އެހެން ބުނުމުން ޖަންނަތު ދިޔައީ ސިއްސައިގެންނެވެ. ޖަންނަތު އިސްޖަހައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

"މިއީ ކިހިނެއް ވެފައި ހުންނަ ކުއްޖެއްތަ؟" ޒާހިރާ މަޑުމަޑުން އެހެން ބުނި އިރު ޝާހިދަށް އަޑު އިވުނެވެ.

ޖަންނަތަށް ކޮޓަރިއަށް ވަދެވުނު ގޮތަށް ގިސްލެވެން ފެށުނެވެ. ހައިޝަމް ދުރަށް ދާކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. މިއަދު މިހާވަރު ވާ ނަމަ ހައިޝަމާ ދުރަށް އޭނާއަށް ދެވޭނެ ހެއްޔެވެ؟ ހިތް މައްޗަށް އެއްވެސް ބާރެއް ފޯރުވޭނެ ހެއްޔެވެ؟ ހައިޝަމާ ނުލައި އެންމެ ދުވަހެއް ވެސް ވެއަތު ކުރެވޭނެ ހެއްޔެވެ؟ ޖަންނަތުގެ އަމިއްލަ ނަފުސާ ސުވާލު ކުރި އެވެ. ހިތާއި ސިކުނޑި ދުވަހަކު ވެސް އެއް ގަލަކަށް ނާރަ އެވެ. އަބަދުވެސް ދޭނީ ތަފާތު ދެ ޖަވާބެވެ.

ފަތިސްވީ އިރު ވެސް ޖަންނަތަށް ނުނިދެ އެވެ. ރޭގައި ނުކައި ހުރުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުގެ އިހުސާސް ކުރެވެން ފެށި އެވެ. ނަމަވެސް ކާހިތެއް ނުވި އެވެ.

ގަޑިން ހެނދުނު 11 ޖަހަނީ އެވެ. ޒާހިރާ ހުރީ އިސްތިރި ކުރާށެވެ. ދޮރުގައި މީހަކު ޓަކި ދިން އަޑަށް ޖަންނަތާއި ޒާހިރާއަށް ނުކުމެވުނީ އެކުއެކީގަ އެވެ. ޒާހިރާ ފޫހި ގޮތަކަށް ޖަންނަތަށް ބަލައިލުމަށް ފަހު ދޮރު ހުޅުވި އެވެ.

"އައްސަލާމް އަލައިކުމް،" އިރުފާނު ފެނުމުން ޖަންނަތަށް ކުއްލި ސިހުމެއް ލިބުނެވެ.

"ވައަލައިކުމް ސަލާމް، އަހަނ. އިރުފާނުތަ؟ އާދޭ އެތެރެއަށް. ކޮން އިރަކު މާލެ އައީ، ކޮބާ ފަޒީލާ ރަނގަޅުތަ؟" ޒާހިރާ ސުވާލުތައް ކުރީ ގޭތެރެއަށް ވަނުމަށް ތަން ދައްކަމުންނެވެ.

"އާނ. ފަޒީ ވަރަށް ރަނގަޅު. ހަމަ ދެންމެ މާލެ މިއާދެވުނީ. މިހުރީނު ދަބަސް ވެސް،" ހިނިތުންވެލަމުން އިރުފާނު ބުންޏެވެ.

"ދެން ހިނގާ އެއްޗެއް ބޯލަމާ ދޯ؟ ކޯއްޗެއް ގެންނަންވީ، ކޮފީތަ ނޫނީ ޖޫސްތަ؟" ޒާހިރާ ސުވާލުކުރީ ސޯފާގައި އިށީންނަމުންނެވެ.

"ކޮބާ ހައިޝަމް؟ އޭނާ ގާތު ނުބުނެއޭ މިއައީ. އޮފީހުގައިތަ؟" އިރުފާނު ސުވާލު ކުރީ ޖަންނަތާ އެވެ. ޖަންނަތަށް ސިހުމެއް ލިބުނެވެ. އަދި ކުއްލިއަކަށް ޒާހިރާއާ ދިމާލަށް ބަލައިލެވުނެވެ. އިރުފާނަށް ވެސް އެވަގުތު ވިސްނާލެވުނެވެ. އަދި ދެ ލޯ މަރާލި އެވެ.

"މިހެން މިއެހީ ޖަންނަތު ވެސް އޮފީހަށް ދަމެއްނު ހައިޝަމްއަށް އެހީތެރިވާން އެސިސްޓެންޓެއް ގޮތުގައި. އެއް ދުވަހު ގުޅައިގެން އުޅުނު އިރު ހައިޝަމް ބުނި އެހެން،" ނިތްކުރިން ހިއްލި ދާތައް ފުހެލަމުން އިރުފާނުގެ ވާހަކަ ރީތި ކުރެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މިފަހަރު ޒާހިރާގެ ތޫނު ވިސްނުމަށް އެކަމެއް ނުފޮރުވުނެވެ. އަދި ދެ މީހުންނަށް ބަލާލި އެވެ.

ޖަންނަތު ހުރީ ހާސްވެ، ބިރު ވެސް ގަނެފަ އެވެ. ޒާހިރާއަށް ކޮންމެވެސް އެއްޗެއް އެނގުނުހެން ހީވެގެންނެވެ. އިރުފާނުގެ ސަބަބުން ނޭނގި އޮތް ސިއްރު ފަޅާއަރާފާނެތީ އެވެ.

ހައިޝަމާއި އިރުފާނު ތިބީ ރެސްޓޯރެންޓެއްގައި ކޮފީ ބޯށެވެ.

"ހައިޝަމް ކިހިނެއް ތި ހެދީ؟ މަންމަ ބުނެފި ހައިޝަމް އުޅެނީ ސީމާއާ ކައިވެނި ކުރާށޭ. ދެން ޖަންނަތަށް ކިހިނެއް ވާނީ؟ މަ ހިއެއް ނުކުރަން އެވަރުގެ ނިކަމެތި ކުއްޖަކަށް އިތުރު ނިކަމެތި ކަމެއް ދޭން ތި ގޮތަށް ކަންތައް ކުރާނެ ކަމަކަށް ވެސް،" ކޮފީ ފޮދެއް ބޯލަމުން އިރުފާނު ބުންޏެވެ.

"އިރުފާނުތަ ތިހެން ތި އަހަނީ؟ އިރުފާނަށް އެންމެ ރަނގަޅަށް އެނގޭނީ އަހަރެން ޖަންނަތު ދެކެ ލޯބިވާވަރު. އަހަރެން ކިހިނެއްތަ ހަދާނީ މަޖުބޫރުވީމަ؟" މަޑުމޮޅިވެ، މާޔޫސްވެފައި އިން ހައިޝަމް ބުންޏެވެ.

"އަސްލު ވީ ގޮތް ކިޔާ ދީބަލަ،" ވީ ގޮތް އަޑު އަހަން ކެތްމަދުވެފައި އިން އިރުފާނު ބުންޏެވެ.

ހައިޝަމް ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. ޖަންނަތު ކިތަންމެ ލޯބިވިޔަސް ހައިޝަމްގެ މައިންބަފައިންގެ އިއްޒަތަށްޓަކައި ވާ ޤުރުބާނީ އެވެ. ހައިޝަމަށް ސީމާގެ ލޯބި މާ އެކަށީގެންވާ ކަމަށް ޖަންނަތަށް ދެކެވޭ ދެކެވުމެވެ. އެތައް ގޮތަކުން ޖަންނަތަށް ހައިޝަމް ވިސްނައިދޭން ކުރި މަސައްކަތްތަކެވެ. ޖަންނަތު ގާތުގައި ރޮމުން ކުރި އާދޭސްތަކެވެ. މިހުރިހާ އެއްޗެއް ކިޔައިދީ ނިމުނު އިރު ހައިޝަމް އިސްޖަހައިން އިނދެ ރުޔެވެ. އިރުފާނު އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ހައިޝަމަށް ހިތްވަރު ދިނެވެ. ކެތްތެރިވުމަށް ވެސް ނަސޭހަތްދިނެވެ.

އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދުގެ ހަވީރު ވަގުތުގައި ގޭތެރެ އޮތީ ހިމޭންވެފަ އެވެ. ގޭގައި އުޅެނީ ޖަންނަތު އެކަންޏެވެ. ގޭގައި އުޅޭ އެހެން މީހުން ވީ އެކި މީހުން އެކި ތަންތަނުގަ އެވެ.

ޖަންނަތު ސިއްސައިގެން ދިޔައީ އިރުފާނު އައިސް ކޮޓަރިއަށް ވަނުމުންނެވެ. އޮށޯވެ އޮތް ޖަންނަތު ތެދުވި އެވެ. ވަރަށް ހާސްވެފައި ފަހަތަށް ޖެހެވުނެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް