Majlis 2024

ވާހަކަ: ހިމޭން ލޯބި

ވާހަކަ

ވާހަކަ: ހިމޭން ލޯބި

ޖަންނަތުގެ މަޑުމައިތިރި މިޒާޖު ޒާހިރާއަށް ސިފަވަނީ ނުމޮށޭގުރާ ބާރަށް ދައިގަންނާނޭ ބުނާ ގޮތަށް
16 ޑިސެމްބަރު 2021

އެޕިސޯޑް 16

ކޮޓަރި ތެރޭގައި ޖަންނަތު އިނީ އަޑު ނީވޭތީއެއް ނޫނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވޭތީ އެވެ.

ސީމާ އާއި ހައިޝަމްގެ ކައިވެންޏަށް ހުރަހަކަށް ވާކަށް ފަހަރެއްގައި ވެސް ޖަންނަތު ބޭނުމެއް ނުވެ އެވެ. އެދެ މީހުންގެ ގުޅުން އިތުރަށް ގާތްވާނީ ޖަންނަތާއި ހައިޝަމްގެ ގުޅުން ކުޑަވުމުންނެވެ. ޖަންނަތު ކިތަންމެ މަސައްކަތެއް ކުރިޔަސް ތަގުދީރުގައި ލިޔެވިފައިވީ ގުޅުމެއް ބަދަލެއް ނުކުރެވޭނެ އެވެ.

"އަހަންނަށް އެނގޭ ޖަންނަތު ނުނިދާ ކަން. އަދި އަހަރެން ގޮވާ އަޑު އިވޭކަން ވެސް. ކީއްވެ ތިގޮތަށް ތި ކަންތައް ކުރަނީ؟" ހައިޝަމް މަޑުމަޑުން، ނަމަވެސް ވޭނީ އަޑަކުން ބުންޏެވެ.

ޖަންނަތު ހިތުގައި ޖެހުނެވެ.

ހައިޝަމް އެތައް އިރަކު ދޮރު ކައިރީ ހުރުމަށް ފަހު މާޔޫސްވެގެން ހައިޝަމްގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެލި އެވެ. 'ކީއްވެބާ ޖަންނަތު އެގޮތަށް އެ ކަންތައް ކުރަނީ؟ ހަމައެކަނި އަހަރެންގެ މައިންބަފައިންގެ އުފަލަށްޓަކައިތަ ނޫނީ..؟ އަހަރެންގެ އުފަލަކީ ޖަންނަތުކަން އޭނައަށް ހަމަ ނޭނގެނީތަ؟' ހިތުގައި ފުނި ޖެހެމުން ދިޔަ ސުވާލުތަކަށް ޖަވާބު ލިބޭނެ ގޮތެއް ނުވި އެވެ. ނިދަން އުޅެއުޅެ ނިދޭ ގޮތެއް ވެސް ނުވި އެވެ. އެނދުގައި ދެކޮޅަށް ފުރޮޅިފުރޮޅި އޮއްވައި ފަތިސް ނަމާދަށް ބަންގި ގޮވި އެވެ. ދެން ހައިޝަމް މިސްކިތަށް ދިޔައީ އެވެ.

ޝާލިޔާ އާއި ޖަންނަތު، ބަދިގެ ތެރޭގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި އުޅުނެވެ. ޝާހިދާއި ހަމްދޫން ސައި ބޯން އަ އެވެ.

"ކޮބާ މިއަދު މަންމަ އާއި ހައިޝަމް؟" ޝާހިދު ސުވާލު ކުރީ ޝާލިޔާއާ އެވެ.

"މަންމަ ދިޔައީ ސީމާމެން ގެއަށް. ބުނި ސައި ބޯނީ ވެސް އެގެއިންނޭ. ހައިޝަމް ވަރަށް ހެނދުނާ ނުކުމެގެން ހިނގައްޖެ. ނޭނގެ ދިޔަ ތަނެއް،" ޝާލިޔާ ޖަވާބު ދިނީ ކާމޭޒުމަތީގައި ތަށިތައް އަތުރަމުންނެވެ.

ޖަންނަތު ވިސްނާލި އެވެ. ހައިޝަމް ހުންނާނީ ރޭގައި ވީ ކަންތަކާ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ނަމަވެސް ނުކައި ހުސް ބަނޑާ ހުރެ އެގޮތަށް ނުކުމުގެން ދިޔުމުން ޖަންނަތު ދެރަވި އެވެ. ދިޔައީ ކޮން ތާކަށްތޯ ބަލަން ބޭނުންވި އެވެ.

ޝާހިދާއި ހަމްދޫން ސައިބޮއި ނިމިގެން އޮފީހަށް ދިޔުމަށް ގެއިން ނުކުތެވެ.

"ޖަންނަތު ހިނގާ ސައި ބޯން،" ޝާލިޔާ، ސިންކު ކައިރީ ތަށި ދޮންނަން ހުރެ ބުންޏެވެ.

ޖަންނަތު ދެ ކޮޅަށް ބޯ ހޫރާލި އެވެ. ސައި ނުބޯނަން ކަމުގައި ބުނެދިނެވެ.

ހަގީގަތުގައި ޖަންނަތު ބަނޑުހައި ނުވަނީއެއް ނޫނެވެ. ލޯބިވާ ފިރިމީހާގެ އަރުތެރެއަށް އެއްޗެއް ނުލާހާ ހިނދަކު ޖަންނަތުގެ އަރުތެރެއިން ވެސް އެއްޗެއް ނުދިރޭނެ އެވެ.

ގަޑިން ނުވައެއް ޖެހީ އެވެ. ހައިޝަމް އަދިވެސް ނާދެ އެވެ. ޖަންނަތު ސިޓިންރޫމް ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޝާލިޔާ ވީ ދެ ކުދިން ގޮވައިގެން ޝާލިޔާގެ މަންމަގެއަށް ގޮހެވެ. ވުމާ އެކު ގޭތެރޭގައި ޖަންނަތު ފިޔަވައި އެއްވެސް މީހަކު ނޫޅެ އެވެ. ޖަންނަތު އިންތިޒާރު ކުރަމުން ދިޔައީ ހައިޝަމް އަންނާނެ ވަގުތަކަށެވެ. ހައިޝަމް މިހާރު ވާނީ ކޮން ތާކު ބާ އެވެ؟ އޮފީހަށް ވެސް ނުދަނީ ބާއޭ ޖަންނަތު ހިތަށްއެރި އެވެ.

ޖަންނަތު އެކި ހިޔާލުގައި ހުރެފައި ކޮޓަރިއާ ދިމާލަށް ހިނގައި ގަތެވެ. ނަމަވެސް ހަމަ އެހިނދު ހިނގުމުގެ މިސްރާބު ބަދަލުކޮށްލި އެވެ. ހައިޝަމްގެ ކޮޓަރިއާ ދިމާލަށެވެ. ޖަންނަތު ގޮސް ހައިޝަމް ކޮޓަރިއަށް ވަނެވެ. ހައިޝަމް އެވަގުތު އެތަނުގައި ނެތް ނަމަވެސް ޖަންނަތަށް އިހުސާސް ކުރެވުނީ ހައިޝަމް ޖަންނަތާ އެކު ވާ ކަމަށެވެ. އެނދުގައި އިށީނދެލި އެވެ. އަދި މަޑުމަޑުން ބާލީހުގައި އަތް ކާއްތާލި އެވެ. ބާލީސް ނަގާފައި ބައްދާލި އެވެ. ޖަންނަތު ދެ ލޯ މަރާލި އެވެ.

ޒާހިރާ އައިސް ގެއަށް ވަނެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ކޮޓަރިއަށް ދާން ހިނގައި ގަތެވެ. އެވަގުތު ހައިޝަމްގެ ކޮޓަރިން ޖަންނަތަށް ނުކުމެވުނެވެ. ޖަންނަތު ދިޔައީ ސިއްސައިގެންނެވެ. އަދި ހަދާނެ ގޮތެއް ނޭނގިފައި، ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ޒާހިރާ ދެ ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުއްޓެވެ.

"ޖަންނަތު ކީއް ތިކުރަނީ؟ ކީއްކުރަން މި ކޮޓަރިއަށް ވަނީ؟" ޒާހިރާގެ އަޑުގައި ވަނީ ހަރުކަށިކަމާއި ރުޅިވެރިކަމެވެ.

"އޭތް؟ އަހަރެން ޖަންނަތާއޭ މި ސުވާލު ކުރަނީ؟ ކީއްކުރަން ހޭ މިތަނަށް ވަނީ؟" މި ފަހަރު ޒާހިރާގެ އަޑު ގަދަވި އެވެ.

ޖަންނަތު ފެންކަޅިވި އެވެ. އިސްދަށަށް ޖެހި ގޮތަށް އިސްއުފުލާލަން ވެސް ނޭނގިފައި ހުއްޓެވެ. އެހާ ބިރު ވެސް ގަނެފަ އެވެ. ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟

"ވާހަކަ ނުދެއްކޭ ގޮތަށް އަޑު ވެސް ނީވެނީތަ؟ ޖަވާބު ދީބަލަ. އަނެއްކާ... އަނެއްކާ ވައްކަން ކުރީތަ؟" ޒާހިރާ ޖަންނަތުގެ މުލައްދަނޑީގައި ވަރަށް ބާރަށް ހިފި އެވެ.

"މަންމާ! ހަމަ މިހާރު ޖަންނަތުގެ އަތުން ދޫކޮށްލާ،" އެ ވަގުތު ގެއަށް ވަދެވުނު ހައިޝަމަށް ވަރަށް ބާރަށް ބުނެވުނެވެ.

"މަންމަ ހެޔޮނުވާނެ އޭނާއާ ދިމާލަށް ތިފަދަ އެއްޗެއް ބުނަން،" ހައިޝަމް އައިސް ޒާހިރާގެ އަތް ޖަންނަތުގެ އަތުން ދުރުކޮށްލި އެވެ.

"ދަރިފުޅަކަށް ނޭނގޭނެ. ނުމޮށޭ ގުރާ ބާރަށް ދައި ގަންނާނެ. ކޮން ބޭނުމަކު މި ކޮޓަރިއަށް އޭނާ ވަންނަންވީ؟" ޒާހިރާ ރުޅިވެރި ބަސްތަކުން ޖަންނަތުގެ ބޮލުގައި އިލްޒާމުތަކެއް އަޅުވަން މަސައްކަތް ކުރި އެވެ.

"މަންމަ ވެސް ހަގީގަތް ނުބަލާ ނުވާނެއެއްނު ވާހަކަ ދައްކާކަށް. އަހަރެން ބުނެގެން އޭނާ މި ކޮޓަރިއަށް ވަނީ. އަހަރެން ބުނީ ކޮޓަރި މޭޒުމަތީގައި ހުރި ކުރެހުންތަކެއް ނަގައިދޭށޭ އަހަރެން ގެއަށް އަންނަން ވާއިރަށް،" ހައިޝަމަށް ދޮގު ހަދަން މަޖުބޫރުވި އެވެ. ލޯބިވާ އަނބިމީހާގެ އިއްޒަތަށްޓަކަ އެވެ. "މަންމަ ތި ހީކުރާ ކަހަލަ ވިޔާނުދާ ކުއްޖެއް ނޫން ޖަންނަތަކީ. އެއީ ވަރަށް އަޚުލާގު ރަނގަޅު، ކިޔަމަންތެރި ކުއްޖެއް،"

ލިބޭ ކޮންމެ ދަނޑިވަޅެއްގައި ވެސް ޖަންނަތަށް ތައުރީފު ކުރަން ހައިޝަމް ބޭނުންވެ އެވެ. އެއީ ހައިޝަމަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޒާހިރާ ޗޮކެއް ކަނޑާލާފައި ކޮޓަރިއާ ދިމާލަށް ދިޔަ އެވެ.

ހައިޝަމް ޖަންނަތަށް ބަލައިލި އެވެ. އެ ބެލުމުގައި އެތަކެއް ސުވާލެއް ވެ އެވެ. ޖަންނަތު ރޮމުން ކޮޓަރިއަށް ވަނެވެ. ޖަންނަތުގެ ފަހަތުން ހައިޝަމް ވެސް އެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް ޖަންނަތު ދޮރު ތަޅުލި އެވެ. ވަރަށް ބޮޑަށް ޖަންނަތުގެ ހިތުގައި ޖެހި ގިސްލެވުނެވެ. ރޮވޭ ކޮންމެ ފަހަރަކު މަންމަ ހަނދާނަށް އާދެ އެވެ. ޖަންނަތުގެ އަތުގައި ރައްކާކުރެވިފައިވާ މަންމަގެ ހަމައެކަނި ފޮޓޯގަނޑު ވެސް ވީ ގެއްލިފަ އެވެ. އެހެން ނޫން ނަމަ ރުއިމުގެ ބައިވެރިއަކަށް އެ ފޮޓޯގަނޑު ހެދީހެވެ.

ދުވަސްތައް ހަފުތާތަކަށް ވަމުން ދިޔަ އެވެ. ހައިޝަމް ހުންނަނީ ރުންކުރުވެފަ އެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެ އެވެ. އަބަދުވެސް ޖަންނަތާ ބައްދަލުކުރެވޭތޯ މަސައްކަތް ކުރެ އެވެ. ނަމަވެސް ޖަންނަތު އެ ފުރުސަތެއް ހައިޝަމަކަށް ނުދެ އެވެ. ކޮންމެވެސް ބަހަނާއެއް ދައްކަ އެވެ. ނުވަތަ ކޮޓަރިއަށް ވަދެ އެވެ. ނޫނީ ހައިޝަމްގެ އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރެވޭތޯ ބަލަ އެވެ.

ޒާހިރާގެ ބޮލުގެ ރިހުމަކަށް ފަރުވާއެއް ނުލިބުނެވެ. އެކި ގޮތް ގޮތަށް ވިސްނައިގެން ވެސް ޖަންނަތުގެ މަޤުސަދު ނުވަތަ ޖަންނަތުގެ ހަގީގަތް ހޯދޭ ގޮތެއް ނުވި އެވެ.

"ޝާހިދު، ޖަންނަތު އެއީ ދެން ކީއްކުރަން ބަހައްޓާ ކުއްޖެއް؟ މިހާރު ހައިޝަމާ އެކު އޮފީހަށް ވެސް ނުދެއެއްނު. އޭނާ ރަށަށް ފޮނުވާލަންވީނު،" ޒާހިރާ ނިދަން އޮވެފައި ޝާހިދު ގާތު ބުންޏެވެ.

"އެމަންޖެ ދެން ހުރެދާނެއެއްނު. އޭނާ ހުރެގެން ޒާހިރާއަށް ކޮން އުދަނގުލެއްތަ ވަނީ؟" ޝާހިދު ބުންޏެވެ.

"މަށަށް އުދަނގުލެއް ނުވޭ. އެކަމަކު ދެން، ބޭކާރު މީހުން އާއިލާ ތެރޭގައި ގެންގުޅުނީމަ، ހިތްހަމަނުޖެހޭ ކަންކަން ދިމާވާނީ. އެއްވެސް ބޭނުމެއް ނުހިފޭ މީހުން ކީއްކުރަން ގޭތެރެއަށް ވައްދައިގެން އުޅޭކަށް؟" ޒާހިރާ، މިހެން ބުނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް