"ދޭދަރު ރުއިން"ގައި މުހިންމު ބައެއް ކުޅޭ ނޭޕާލުގެ ޝުޝްމާ ސުބެއިދީ (ފޮޓޯ/އައިފިލްމްސް)
އޮލިމްޕަހުގައި މިދިއަ ބުދަދުވަހުގެ ރޭ އެޅުވި 'ދޭދަރު ރުއިން' ރާއްޖޭގެ ކުށުގެ ވެށި ދައްކާލީ މުޅިން އެހެން ފެންވަރެއްގަ އެވެ.
އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ތައާރަފުވި އަލީ އައްޒާމް އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިއުނީ ވެސް އޭނާ އެވެ.
އިލްޔާސް ވަހީދު ބުނީ މިއީ އައިފިލްމްސް އާއި ކަޒްމިކްއިން މި ދާއިރާއަށް ތަފާތު އާ މީހަކު ޑައިރެކްޓްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޕްރޮޑިއުސްކުރި ފިލްމެއް ކަމަށެވެ.
ފިލްމުގެ ނަން ވެސް އެހާ ތަފާތެވެ. ކިޔުންތެރިންނާއި ބެލުންތެރިން އެންމެ ބޮޑަށް ހޯދަން ބޭނުންވާނީ 'ދޭދަރު ރުއިން' އަކީ ކޮބައިކަމެވެ.
އިލްޔާސް ބުނި ގޮތުގައި 'ދޭދަރު' އަކީ ދިވެހި ބަހުގެ ރަދީފުގައި ހިމެނޭ ދިވެހި ބަހެކެވެ. އެއީ މުރަކައެކެވެ. އޭތި މޫދުގައި އޮއްވާ ނެގުމުން ހަލާކުވީ އެވެ. އެހެންކަމުން 'ދޭދަރު ރުއިން' މިއީ އެ މުރަކަ ހަލާކުވުމުގެ ހިތާމަ އެވެ.
މިއީ ކުށުގެ ވެށީގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމު ފެށިގެން އަންނަނީ ބެލުންތެރިން ނުތަނަވަސްކަން ގެންނަ ހާދިސާއަކުންނެވެ. ކުޑަކުއްޖެއް ގެއްލިގެންނެވެ. މި މަންޒަރާ އެކު އެންމެ ފުރަތަމަ ފަށައިގެން ހިސާބުން ވެސް ބެލުންތެރިން ހާސްކަމެއްގެ ތެރެއަށް ވައްޓާލަ އެވެ.
ލީޑް ތަރި ޝަރަފުއްދީން އަބްދުﷲ (ޝަރަފް) ފެންނަނީ ކުޑައިރު ދިމާވާ ކަމެއްގެ ސަބަބުން ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ހުންނަ މީހަކު އޭނާގެ ސައިކޭޓްރިސްޓް ބަތަލާ މައިހާ އާދަމް (ވީސީ) ކައިރިން ފަރުވާ ހޯދަން އުޅޭ ތަނެވެ. ފިލްމުގައި މި ދެ މީހުންގެ ގުޅުން މުހިންމެވެ.
ޝަރަފުގެ 'ފުރޭތަ'އަށް ފަހު އަނިޔާވެރި ފިލްމު ކުޅެން އޭނާ ޖެހިލުން ނުވާނެކަން ޔަގީނެވެ. މި ފިލްމުން ވެސް އޭނާގެ އެކްޓިން އާއި ކެރެކްޓާ ގެނެސްދެނީ އެހެންނެވެ.
މައިހާގެ ކެރެކްޓާ ވެސް އޭނާއާ ގުޅެ އެވެ. އެ ބައި ކުޅެފައިވާ ގޮތް ވެސް ރަނގަޅެވެ.
ފިލްމުގެ ހާއްސަ އަނެއް ކަމަކީ ރާއްޖެއިން ބޭރު އެކްޓްރެސްއެއް ހިމެނުމެވެ. ނޭޕަލްގެ އަންހެނެއް ކަމަށްވާ ޝުޝްމާ ސުބެއިދީ ކުޅެނީ އިންސާނީ ވަގުފާރީގެ ޝިކާރައެއްގެ ބަ އެވެ. ޝަރަފާއި ޝުޝްމާއާ ބައްދަލުވަނީ އިއްތިފާގަކުންނެވެ.
ފިލްމުގެ ގޭންގުގެ ލީޑް ރޯލް ކުޅެނީ ހާޒިފް މުހައްމަދެވެ. އެ ބައި ގެނެސްދޭ ގޮތް ކަމުދަނީ ކުރަން ޖެހޭ ކަމެއް ކޮށް ނިންމާލެއް ފަސޭހަވެފައި ޖެހިލުންކުޑަ ގޮތްގަނޑުންނެވެ.
ޝަރަފުގެ މަންމަގެ ރޯލް ކުޅެނީ އައިޝާ ގުލްފާ އެވެ. އަނިޔާވެރި ފިރިއެއްގެ ފަރާތުން ލިބޭ އަނިޔާތަކުން ދަރިފުޅަށް ރައްކާތެރިކަން ހޯދައިދޭން މަންމަ ކުރާ މަސައްކަތް ބޮޑެވެ. ޝަރަފުގެ ކުޑައިރުގެ ބައި ކުޅެނީ އައިޝާގެ އަސްލު ދަރިފުޅެވެ.
ޗައިލްޑް އެކްޓަރުން ގޮތުގައި އިތުރު ދެ ކުއްޖަކުު ވެސް ފެނެ އެވެ. އޭގެ ތެރޭގައި 'ކަންބަޅި' ފިލްމުން ފެނުނު ސާރާއަކީ މައިގަނޑު އެކެކެވެ.
ކުށުގެ ވެށީގައި ހިމެނޭ އެކި ކަންކަން ގުޅިފައި އޮންނަ ގޮތާއި އެއް ހާދިސާ އާއި އަނެއް ހާދިސާ ގުޅުވާލަދޭން އައްޒާމްކޮށްފައި ހުރި މަސައްކަތް ރަނގަޅެވެ.
ފިލްމުގައި އުނި ބައެއް ކަންކަން ވެސް ފާހަގަކޮށްލާނަމެވެ. އެގޮތުން ގޭންގު މީހުން އިނގިރޭސިން ވާހަކަ ދެއްކުމާއި ހަޑިހުތުރު ބަސްތައް ހިމެނުމަކީ އުނދަގޫވި ކަމެކެވެ.
ޝުޝްމާގެ އަމިއްލަ ބަހުން ވާހަކަ ދައްކާ އިރު ސަބްޓައިޓްލްސް ނާރާތީ އެ ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ.
'ދޭދަރު ރުއިން'ގައި އެންމެ ލަވައެއް ވެސް ނުހިމެނެ އެވެ. ތަޅާފޮޅުން ގިނަ އެވެ.
ކުށުގެ މާހައުލުގެ ފިލްމުތަކަށް ޝައުގުވެރިވާ މީހުންނަށް މިއީ ބަލަން ރަނގަޅު ފިލްމެކެވެ.
'ދޭދަރު ރުއިން' އޮލިމްޕަހުގައި 13 ޑިސެމްބަރާ ހަމައަށް ކުރިއަށް ދާނެ އެވެ.
ކޮމެންޓް (5)
ހިނދި
އޮލިމްޕަސް
ޔޫން
ހަމްކޮ
ހަމްދޫން