ވާހަކަ: ތަރުބިއްޔަތު
އެޕިސޯޑް 02
މީހަކަށްޓަކައި ފުރަތަމަ މި ހިތުގައި ވިންދެއް ޖެހީ ޒާހިދުއަށްޓަކައެވެ. ނަމަވެސް އޭނާ އެވީ މީހެއްގެ ހައްގަކަށެވެ. ދެރަވިއެވެ. އަސަރުކުރިއެވެ. ހިތަށް އެރި އެއްޗެހި ލޮލުން ބަޔާންކޮށްދެވުނެވެ.
"އެއީ ދޮގެއް. އޭނާ ހަމަ ހުސް،" ކުއްލިއަކަށް ޝާފިޔާ ބުންޏެވެ.
"ދެން ޝާފީ. ވަރަށް ފޫހިވޭ،" ދެ އިހުސާސް އެއް ފަހަރާ ކުރެވުމުން ޝާފިޔާއާ ދިމާލަށް ބާލީހެއް އެއްލީމެވެ.
"ތުއްތައަށް ވާ ވަރެއް ބަލާލީ. އެކަމަކު އޭނާ ހާދަ ކަމުގޮސްފިއޭ ދޯ. ދެން މަންމަ ގާތުގައި ތި ވާހަކަ ބުނަންވީނު،" ހެމުން ހެމުން ޝާފިޔާ ބުންޏެވެ.
"މަށަކަށް ނުކެރޭނެ. އެހެން ނޫނަސް ޒާހިދަށް މަ ކަމުދާނެ ކަމެއް ވެސް ނޭނގެއެއްނު،" ހިތް އަވަސްވެފައި އަހަރެން ބުނީމެވެ.
"ތުއްތަ ކަމުނުދާނީ މޮޔައަކަށް،" ޝާފިޔާ ބުންޏެވެ.
"އެހެންވިއްޔާ އެ މޮޔައަށް ޒާހިދު ކަންނޭނގެ ވާނީ،" ދެ މީހުންނަށް އެއް ފަހަރާ ހިނިގަނޑެއް ޖަހާލެވުނެވެ.
"ދެން ބުނެބަލަ. ތުއްތައަށް އޭނާ އެހާ ކަމުދާން ފެށީ ކީއްވެ؟ ކައިވެންޏާ މެދުއޭ ތި ވިސްނަނީ. ތިއީ އިއްޔެ މެންދުރާ ހަމައަށް ކައިވެންޏާ ދެކޮޅު ހެދި މީހާ،" ޝާފިޔާ އަހާލިއެވެ.
"އޭނާގެ ހުރިހާ ސިފައެއް ވެސް ވަރަށް ކަމުދިޔަ. ހާއްސަކޮށް އެ ހިނިތުންވުން،" ކުޑަދޮރު ކައިރިއަށް ހުއްޓެމުން އަހަރެން ބުނީމެވެ. "އަހަރެން ބޭނުން އޭނާއާ ކައިވެނި ކުރަން."
"އެހެންވެއޭ މި ބުނީ މަންމައާ ވާހަކަ ދައްކަން ހިނގާށޭ."
"ދެން އެކަމަކު ޒާހިދަށް އަހަރެން ކަމުދޭތޯ ބަލާފައެއްނު،" ލަދުރަކި އަޑަކުން އަހަރެންނަށް ބުނެވުނެވެ.
ޒާހިދުއާ ބައްދަލުކުރަން އަހަރެން ދިޔައީ ޝާފިޔާއާ އެކުގައެވެ. ޝާފިޔާގެ ރައްޓެހި އައިންތުއާ ވާހަކަ ދެއްކުމުގެ ނަމުގައެވެ. އެ ވަގުތަކީ ގޭތެރެއިން ޒާހިދު ނުކުތް ވަގުތެވެ. އަހަރެމެން ތިބީ ޖޯލިފަތީގައެވެ. ޒާހިދު ފެނުމުން އަހަރެންނަށް އިސް ޖަހާލެވުނެވެ. ޒާހިދު އައިސް އިށީނީ އަހަރެންނާ ޖެހިގެންނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"ހުރިހާ ކުދިން ކޮން މަޝްވަރާއެއްގައި؟" އިށީންނަމުން ޒާހިދު އަހާލިއެވެ.
"މި ކިޔަނީ މިތާ ކައިރި ފަޅުރަށަކަށް ދަތުރު ދާން. ޒާހިދު ދާނަންތަ؟" އައިންތު އަހާލިއެވެ.
"ޔަގީންތާ. އެކަމަކު މެޗް ނޯންނަ ދުވަހަކަށް ދެވޭނީ،" ޒާހިދު ވަގުތުން ބުންޏެވެ.
އަހަރެން އިނީ މުޅި މީހާ ގަނޑުވެފައެވެ. ޒާހިދުގެ ހަށިގަނޑުގައި ޖެހޭ ހިސާބުގައި އިންނަން ޖެހުމުން އަނގައިން ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް، ދައްކާނެ ވާހަކައެއް ވެސް ވިސްނުމަކަށްނައެވެ. ހިތަށް އަރަމުން ދިޔައެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟ ހުވަފެނެއް ނަމަ އަވަހަށް ނުހޭލެވޭނެ ނަމައެވެ.
"މިއީ އަހަރެންގެ ދެ ރައްޓެހިން. މީނީ ޝާފިޔާ، ދެން އެއިނީ ފައިހާ،" އައިންތު ބުންޏެވެ.
ޝާފިޔާއާ ސަލާން ކޮށްލާފައި އަހަރެންނަށް ސަލާންކޮށްލަން ޒާހިދު އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފަން ބޭނުންވިއެވެ. އެކަމަކު ލަދުން އަހަރެން އިނީ ވިރިވިރިއެވެ. ހިތަށް އެރިއެވެ. އަހަރެންގެ ހިތް ނަގާފައި އެ އަތަށް ލައިދީފާނަމެވެ. އަދި ބުނެފާނަމެވެ. މި އަމާނާތަށް ރައްކާތެރިވާށެވެ. މިއީ އަހަރެންގެ ހިތެވެ. ތިޔަ ޒާހިދަށްޓަކައި ވިންދު ޖަހާ މަޑުމޮޅި ހިތެވެ. އެ އަތުގައި ހިފާލީ މަޑުމަޑުންނެވެ. ކުރެވުނު އިހުސާސް ދުލު ކުރިއަކަށް ނައެވެ. ޒާހިދު ބަލާލާ ކޮންމެ ފަހަރަކު އަހަރެންނަށް އިސްޖަހާލެވެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އަބަދުވެސް އިންނަނީ ހިނިތުންވެފައެވެ. ބައެއް ހަރަކާތްތަކުން އަހަރެންނަށް ފެހި ސިގުނަލެއް ދޭ ހެން ވެސް ހީވިއެވެ. އެއީ ހީވާ ގޮތެއް ނޫނެވެ. އޭނާގެ ލޯ އެ ކަމަށް ހެކިދެއެވެ. އޭނަގެ ހިނިތުންވުން އެކަން ސާބިތުކޮށްދެއެވެ. އަހަރެން އުފާވިއެވެ. ބޭނުންވެފައި ވަނީ ހަމައެކަނި އަހަރެން ނޫންކަން އެނގުމުންނެވެ. އަހަރެންނާ އެއް ވަރަށް ޒާހިދު ވެސް ވަނީ އަހަރެންނަށް ބޭނުންވެފައެވެ. ވާހަކަ ދައްކާލައި ވަގުތުތައް ހޭދަކޮށްލަން ބޭނުންވެފައެވެ.
ހީކުރި ވަރަށް ވުރެ އަވަހަށް އަހަރުމެންގެ ގުޅުން ބަދަހިވިއެވެ. ރައްޓެހިކަން ލޯތްބަށް ބަދަލުވާން ނެގީ މަދު ދުވަސްކޮޅެކެވެ. އެކަން އިސާހިތަކު ދޮންދައިތަ އާއި އާއިލާގެ އެހެން މީހުންނަށް ވެސް އެނގުނެވެ. އަދި އެކަމަށް މަރުހަބާ ކިޔެވެ. އަހަރެންނާ އެއް ގޮތަށް ޒާހިދުގެ ވެސް މައިންބަފައިންނެއް ނެތެވެ. އުޅެނީ މާމައެކެވެ. ޒާހިދަކީ ކައިރި ރަށެއްގެ މީހެކެވެ. މާމަ ޒާހިދު ބަލައި ބޮޑުކުރީ ވަރަށް ލޯބިންނެވެ. އަހަރުމެންގެ ގުޅުން މާމައަށް އެނގުމުން އެކަމާ މާމަ ވެސް އުފާކުރިއެވެ. އަދި ކައިވެނި އަވަސް ކުރުމަށް ބުންޏެވެ. ޒާހިދު ވެސް ބޭނުންވީ އެ ގޮތެވެ.
ކައިވެނީގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. ހީނުކޮށް ހުއްޓައި އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ދާތީ އަހަރެން ހުރީ ޖެހިިލުންވެފައެވެ. އެއްވެސް ހުރަހެއް ކުރިމަތިނުވެ ކަންކަން އެހާ ބާރަށް ދާނީ ކޮންމެވެސް ކަމެއްގެ ކޮޅުމަތި ފެންނަން ކަމުގައި ކުރީގެ މުސްކުޅިން ބުނެއުޅެއެވެ. އެކަން ގަބޫލުކުރަން ބޭނުން ނުވިޔަސް މިއަދު އަހަރެންގެ ހިތް އެ ކަމަށް އެއްބަސްވިއެވެ. ހިތަށް ލިބުނު ހަމަޖެހުމާ އެއް ވަރަށް ބިރުވެރިކަން ވެސް ވަނީ ހިތަށް ވެރިވެފައެވެ.
"ތުއްތަ ދައްކާ ވާހަކަ. ތިއީ ކުރީ ޒަމާނު މީހުން ދައްކާ ފުލޯކު ވާހަކައެއް. އެކަހަލަ ކަންކަން ނުވާނެ ގަބޫލު ކުރާކަށް،" ޝާފިޔާ ބުންޏެވެ.
"އެކަމަކު ޝަފީ. ބައެއް ފަހަރު އަހަރެން ވަރަށް ބިރުގަނޭ. ހީވަނީ މީހެއްގެ އެސްފީނާއެއް ޖެހިދާނެހެން. ބައެއް ފަހަރު އެ ކަހަލަ ކަންކަން ވެސް ދިމާވެއެއްނު؟ އަހަރެން ބޭނުމެއް ނޫން މި ގުޅުމަށް އެ ކަހަލަ އެއްވެސް ކަމެއް ވާކަށް. ޒާހިދު ދެކެ އަހަރެން ވަރަށް ލޯބިވޭ،" އަހަރެންނަށް ބުނެވުނެވެ.
"ތި ކަހަލަ ކަންކަމާ ވިސްނައިގެން ބޯ ގޮއްވާނެ ކަމެއް ނެތް. މިހާރު ވެސް ކަންކަން ވަމުން އެދާ ގޮތަށް ވިޔަ ދީބަލަ. ދެން ތި ކަހަލަ ކަންކަމާ ވިސްނާކަން މަންމައަށް އެނގުނީމަ މަންމަ ވެސް މާ ބޮޑަށް ވިސްނާނީ. އޭރުން ވާނެ ގޮތް އެނގެއެއްނު،" ޝާފިޔާ ބުންޏެވެ.
އެއީ ތެދެކެވެ. ދޮންދައިތައަށް އެނގިއްޖިއްޔާ ދެން ގެންނާނީ ކޮންމެވެސް ކަންވެރިކަން ކުރާ މީހެކެވެ. ތަށި ތަވީދު ލިޔެ އެކަން ބަލަން ދެން އުޅޭނެއެވެ. އެއީ އަހަރެން ވަރަށް ފޫހިވާ ކަމެކެވެ. ގަބޫލުކުރަން ވެސް ބޭނުންވާ ކަންކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ތިމާގެ ހިތާއި ސިކުނޑިއަށް ހަމަޖެހުން ލިއްބައިދިނުމެވެ. ބޭކާރު ވިސްނުންތަކާ ދުރަށް ދިޔުމެވެ.
ޒާހިދު އާއި އަހަރެންގެ ކައިވެނި ކުރެވުނެވެ. ކުލަގަދަކޮށް ނޫނަސް ޒަމާނީ ގޮތަކަށެވެ. އަހަރެން ވަރަށް އުފާވިއެވެ. ކައިވެނީގެ އުފާވެރިކަމަކީ މިހާ ހިތްހަމަޖެހުން ލިއްބައިދޭ ކަމެއްކަން ކުރިއަކުން ނޭނގެއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަހަރެންނަށް ޒާހިދު ދަސްވި މިންވަރަށް ބަލާ އިރު އެއީ ވަރަށް ރަނގަޅު މީހެކެވެ. ބަރާބަރަށް ނަމާދަށް ދެއެވެ. މީހުންނަށް އެހީތެރިވެދެއެވެ. މަޑުމައިތިރިވެފައި ބަސްމަދެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. އޯގާތެރިވެފައި އަޅާލައެވެ. އެފަދަ ފިރިއަކު ލިބޭނީ ނަސީބުވެރިއަކަށޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަށްޓަކައި އަހަރެން ހަމްދުކުރަމެވެ.
ކައިވެނިކޮށްގެން އަހަރުމެން ބަދަލުވީ އަހަރެންގެ މައިންބަފައިންގެ ގެއަށެވެ. ކުދިކުދި މަރާމާތުތައް ކޮށްގެން އެތަނުގައި އުޅެވޭވަރު ކުރީ ވެސް ޒާހިދެވެ. އޭނާއަކީ މަސައްކަތްތެރި ހީވާގި މީހެކެވެ. ރަށުތެރޭގެ މަސައްކަތް ނަގައިގެން ގެދޮރު އިމާރާތްކުރުމާއި ވަޑާން ކުރުމަކީ ޒާހިދު އެންމެ ކުރާ ހިތްވާ ކަންތަކެވެ. ޒާހިދުގެ އެ އުޅުމަށް އަހަރެން ތައުރީފު ކުރަމެވެ. އެކަންކަން އަހަރެން ބަލައިގަނެ ޝުކުރުކުރާ ވާހަކަ އެތައް ފަހަރަކު ބުނަމެވެ. ކައިވެންޏަށް ފަހު އަހަރެންގެ ވިސްނުމާއި އުޅުން ވެސް ބަދަލުވިއެވެ. ހީވާގިވެފައި ގެވެހިވިއެވެ. އަހަރެން ދެކޭ ގޮތުގައި ހަތަރު އަތުން ދިރިއުޅުމުގެ ކަންކަން ކުރުމުން ދިރިއުޅުން ކުރި އަރައިގެން ދާލެއް އަވަސް ވާނެއެވެ. ގޭތެރެ ސާފު ކުރުމާއި ކައްކައި އެއްޗެހި ދޮވެ އިސްތިރި ކުރުމާއި ގޭތެރޭގެ އެހެނިހެން ކަންކަން ކުރުމަކީ އަހަރެން ކުރާ ހިތުން ކުރާ ކަންކަމެވެ. ހުރިހާ ވެސް ޝުކުރެއް ހައްގު ވަނީ ޒާހިދަށެވެ. އަހަރެން ދެކޭ ގޮތާއި ވިސްނާ ގޮތް ވެސް ބަދަލުކޮށްލީ ޒާހިދެވެ.
"މިއުޅެނީ ހުއިފި ލަނޑާ ނަގަން ދާން. އެއްކަލަ ސައިފުމެންނާ އެއްކޮށް. ދެތިން ގަޑިއިރު ވާނެ ކަންނޭނގެ،" ޒާހިދު ބުންޏެވެ. އޭނާ އެހެން ބުނުމުން ޒާތެއްގެ ބިރުވެރިކަމެއް ހިތަށް ވަނެވެ. ބުނެދޭކަށް ނޭނގެއެވެ. ނުދާށޭ ބުނަން ބޭނުންވިއެވެ. ނަމަވެސް ނުބުނަމެވެ.
އެއީ ވަރަށް ކުރިއްސުރެ ޒާހިދު ތަޖުރިބާކުރަން ބޭނުންވެގެން އުޅޭ ކަމެކެވެ. އެހެންކަމުން އެކަން ހުއްޓުވާކަށް އަހަރެން ނެތީމެވެ. އިތުރު އެއްޗެއް ނުބުނެ ހިނިތުންވުމަކުން ފުއްދައިލީމެވެ. ގެއިން ނުކުމެގެން ދިޔަ އިރު ވެސް އަހަރެން ހުރީ ބަލަހައްޓައިގެންނެވެ. ގެއިން ނުކުތުމުން މަގު މައްޗަށް ވެސް އަހަރެން ނުކުތީމެވެ. ސޯޓަކާއި ޓީޝާޓެއް ލައިގެން ޒާހިދު ހިނގަމުން ދިޔައީ މަގުގެ އެއް ކައިރިންނެވެ. އިސް ދަށަށް ޖަހައިގެން ދިޔަ އިރު އަހަރެން ހުރީ ޒާހިދުއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހިތަށް ވަންނަމުން ދިޔަ ބިރުވެރިކަން ހިނދުކޮޅެއް ވީ ވަރަކަށް ދިޔައީ ބޮޑުވަމުންނެވެ. ޒާހިދު ގޮސް އޮބާލަންދެން އަހަރެން ހުރީ ބަލަހައްޓައިގެންނެވެ. އެހެންވީ ކީއްވެ ކަމެއް ޚުދު އަހަރެންނަށް ވެސް ނޭނގެއެވެ.
- ނުނިމޭ -