ވާހަކަ: ތަރުބިއްޔަތު

ވާހަކަ

ވާހަކަ: ތަރުބިއްޔަތު - 01 ވަނަ ބައި

2 ސެޕްޓެމްބަރު 2024

އަހަރެންނަކީ އުމުރުން ވިހި އަހަރުގެ އަންހެނަކީމެވެ. ނަމަކީ ފައިހާއެވެ. އަހަރެންނަކީ ރީތި އަންހެނެކެވެ. މިއީ ޒުވާން ފިރިހެންކުދިން ބުނާ އެއްޗެކެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި އަމިއްލަ ނަފުސަށް ބަލައިލަމެވެ. އަހަރެންނަށް އަހަރެން ވަރަށް ރީއްޗެވެ. ރީތި ގޮތް ގޮތަށް ފުނާ އަޅަމެވެ. ރީތި ފައިވާނަށް އަރަމެވެ. އަންހެންވަންތަ ހެދުން ލަމެވެ. ތަރުކާރީ ކަމެވެ. އުޅެނީ ހަށިގަނޑަށް ވަރަށް ބޮޑަށް ބަލައިގެންނެވެ. އަހަރެންނާ ކައިވެނި ކުރަން ބޭނުންވާ އެތައް ޒުވާނުންނެއް ކިޔޫގައި އެބަ ތިއްބެވެ. ދުވަސްވަރަކީ ނުވަދިހައިގެ އަހަރުތަކެވެ. އަހަރެން ވަރަށް ކުޑަ އިރު ވަނީ މަންމަ އާއި ބައްޕަ ނިޔާ ވެފައެވެ. އަހަރެން ދިރިއުޅެނީ މަންމައާ އެއްބަނޑު ދޮންދައިތަ ގޭގައެވެ. ދޮންދައިތަގެ ތިން ކުދިން ތިބެއެވެ. ހުސް އަންހެން ކުދިންނެވެ. އަހަރެންނާ ދާދި އެއް އުމުރެވެ. ނަމަވެސް ދޮށްޓަށް ތިބި ދެ މީހުން އުޅެނީ ކައިވެނި ކޮށްގެންނެވެ. އަހަރެން ގާތުގައި ދޮންދައިތަ އެންމެ ގިނައިން ދައްކާ ވާހަކަ އަކީ އަވަހަށް މީހަކާ ކައިވެނި ކުރަންވީ ވާހަކައެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަދި އަހަރެން އެ ކަމަކަށް ތައްޔާރެއް ނޫނެވެ. ބޭނުމެއް ވެސް ނުވެއެވެ. ޒުވާން އުމުރު ހޭދަކުރަން ބޭނުންވަނީ މިނިވަންކަމުގައެވެ. މީހެއްގެ އަޅަކަށް ވެގެން މި ދުވަސްތައް ހޭދަކުރަން ޖެހިއްޖެ ނަމަ އަހަރެން ވަރަށް ފޫހިވާނެއެވެ.

އަހަރެންގެ ގިނަ ރައްޓެހިން ވެސް ކައިވެނިކޮށް ނިމިއްޖެއެވެ. ދޮންދައިތަގެ ހަގު ދަރި ޝާފިޔާއަކީ އަހަރެންނަށް ވުރެ އެންމެ އަހަރެއް ހަގު ކުއްޖެކެވެ. އަހަރެންނާ ދިމާލަށް އޭނަ ކިޔާނީ ތުއްތައެވެ. ވަރަށް ވިސްނޭ ހަރުދަނާ ކުއްޖެކެވެ. އަބަދުވެސް އަހަރެންނަށް ނަސޭހަތްދޭނެއެވެ. ކޮންމެ ކަމެއްގައި ވެސް އޮންނަ ހެވާއި ނުބައި ވިސްނައިދޭނެއެވެ. ދޮންދައިތަ އެންމެ ފަހުރުވެރިވާ ދަރިއަކީ ވެސް އެއީއެވެ. މިހެން އަހަރެން ހުސްކޮށް ހުއްޓައި އުމުރު ގޮސްދާނޭ ވެސް ވަރަށް ގިނައިން ޝާފިޔާ ބުނާނެއެވެ. އޭނާގެ ނަޒަރުގައި ލޯބި އެއީ ދިރިއުޅުމަށް ވަރަށް މުހިންމު އެއްޗެކެވެ. ދިރިއުޅުމެއް ފެށޭނީ ވެސް ލޯތްބަކުންނެވެ. ނިމޭނީ ވެސް ލޯތްބަކުންނެވެ. ވަގުތު އޮއްވައި ކޮންމެ ކަމެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފަންވާނެއެވެ. އަހަރެންގެ ހިޔާލު ތަފާތެވެ. ލޯތްބާ ނުލައި ވެސް ދިރިއުޅެވޭނެއެވެ. އެކުގައި ރައްޓެހިން އުޅޭ އުސޫލުން ދެމަފިރިންނަށް ވެސް އުޅެވިދާނެއެވެ. ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި މިނިވަންކަން ދިނުމެވެ. މިނިވަންކަމަކީ އަހަރެން ގަބޫލުކުރާ ގޮތުގައި ގުޅުމަކަށް އެންމެ މުހިންމު ކަންތަކެވެ. އެއާ ނުލައި ދިރިއެއް ނޫޅެވޭނެއެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ކަމެއް ކުރުމުގެ ބާރާއި އިހުތިޔާރު ލިބެން ޖެހޭނެއެވެ. ބޭނުން އެއްޗެއް ބުނެވެން ވެސް ޖެހޭނެއެވެ. އެހެން ނޫން ނަމަ އެ ގުޅުމެއް ދާއިމީ ގުޅުމަކަށް ނުވާނެއެވެ. އަބަދުވެސް ކޮންމެ ވެސް އެކަކު ދޫ ދީގެން ހުންނަން ޖެހުން އެއީ ހިތްހަމަޖެހުމެއް ނޫނެވެ. މިއީ އަހަރެންގެ ވިސްނުމެވެ.

"ތުއްތަ ތި ވިސްނާ ގޮތް މުޅިއަކުން ގޯހެއް ނޫނޭ. އެކަމަކު ދެ މީހުން ވެސް ދޫނުދިމުގެ މާނައަކީ ކޮބާ؟ ގޮތްދޫ ނުކުރުން. ގޮތްދޫނުކޮށް ބޯހަރު ވެގެން ރީތި ދިރިއުޅުމެއް ނޫޅެވޭނެ،" ޝާފިޔާ ބުންޏެވެ.

"އެކަމަކު މަށަކަށް ފިރިމީހާގެ ހުރިހާ ކަމަކަށް އާނ، ހޫނ، ކިޔައިގެންނެއް ނޫޅެވޭނެ. މަގޭ ބަސް ވެސް އޭނާ ކުރިމަތީގައި ވިކެން ޖެހޭނެ. އާނ އެހެންޏަ، މަވެސް ވާނީ އޭނަ އަންހެނުންނަށް ދޯ. ނޯކަރަކަށް ނޫން،" އަހަރެން ބުނީމެވެ.

"ދެން ނޯކަރެއް ނޫނޭ. އެކަމަކު ފިރިމީހާއަށް ޖެހޭނެ އިހުތިރާމް ކުރަން. އޭނާ އެއީ އާއިލާ ބަލަހައްޓާ މީހާ. އޭނައަށް މާ ބޮޑަށް ކަންކަން ވިސްނޭނެ. ކަންކަން އެނގޭނެ. މަށަށް ހީވަނީ އަނބިމީހާ ޖެހޭނެ ހެން ކޮންމެވެސް ވަރަކަށް ގޮތްދޫކުރަން. އެހެން ނޫނީ އެ ހަޔާތެއް އުފާވެރިއެއް ނުވާނެ. އަބަދު މައްސަލަ ޖެހޭނެ. ކުނި ޖެހޭނެ. އެ ގުޅުމެއްގައި ބަރަކާތެއް ނޯންނާނެ،" ޝާފިޔާ ހުރީ ރޮށި ފިހާށެވެ.

"ހޫނ. އެންމެ ރަނގަޅޭ ތީ ޝާފީގެ ހިޔާލު. އެކަމަކު އަހަރެން ތި ހިޔާލަކަށް ތާއީދެއް ނުކުރާނަން. ދިރިއުޅުމުގައި ދެ މީހުން ވެސް ހަމަހަމަވާން ޖެހޭނެ. ވަރިހަމަ އެއީ ކޮންމެ ކަމެއްގައި ވިޔަސް. ވަކި މީހަކު ހައްޕު ކިޔައިގެން ހުރުން އެއީ އޭނާ ދައްކޮށްލުން. މަށަށް ވިސްނެނީ އެހެން،" އަހަރެން ބުނީމެވެ.

"މިއަދު ކޮން ބަހުސެއް؟" ދޮންދައިތަގެ ދޮށީ ދަރި ޝަރަފިއްޔާ ބަދިގެ ތެރެއަށް ވަންނަމުން އަހާލިއެވެ.

"މިއީ އަހަރުމެންގެ އާދައެއްނު ދޯ، ތުއްތާ،" އަހަރެންނަށް ދޯ އެއްލަމުން ޝާފިޔާ ބުންޏެވެ.

ވިއްސާރަ ދުވަސް ދުވަހު މޫދަށް އެރުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެކެވެ. މޫދުގައި ހުންނަ އިރު މޫނުގައި ވާރޭގެ ތިކިތައް ބީހެމުން ދާ އިރު އެ ކުރެވޭ މަޑު އިހުސާސް މުޅި ހަށިގަނޑަށް ކުރުވައެވެ. އެންމެ ހިމަ ނާރާ ހިސާބަށް އެ ފޮނި އިހުސާސް ފޯރުކޮށްލައެވެ. ވާރޭ ވެހެންޏާ އަހަރެން އެކަނި ވިޔަސް މޫދަށް އެރެން ދަމެވެ. ގޮސް މޫދުގައި ވަރަށް ގިނައިރު އުޅެމެވެ. ވާރޭ ނުވެހޭ އިރު މޫދަށް އެރުމަކީ އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. އެއީ އަހަރެންގެ ކުލަ އަލި ހަންގަނޑު އަނދާތީއެވެ. މިއަދު ވެހެމުން ދިޔަ ވާރޭ ވެސް ހުއްޓީ މޫދުގައި އަހަރެން ހުއްޓައެވެ. މޫދުން އަރައިގެން އަންނަނިކޮށް ފެނުނީ ގެއެއްގެ ދޮރާއްޓެއް ކައިރީގައި ހުރި ޒުވާނެކެވެ. ފުރަތަމަ ނަޒަރުން ވެސް އަހަރެންނަށް އޭނާ ކަމުދިޔައެވެ. ބަލާބެލުމަށް އެއީ ރަށުން ބޭރު މީހެކެވެ. ހަށިގަނޑުގައި ތަތްލާފައިވާ އަހަރެންގެ ހެދުން ރީތި ކުރެވޭތޯ މަސައްކަތް ކުރީމެވެ. ނުބަލަން އުޅުނަސް އެ މޫނަށް ބެލެމުން ދިޔައެވެ. ހިނގުން އަވަސްކޮށްލުމުގެ ބަދަލުގައި ލަސްކޮށްލެވުނެވެ. އޭނާއާ އަރާ ހަމަވި ވަގުތު ބޭއިހުތިޔާރުގައި އެ މޫނަށް ބަލާލެވުނެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. އިސްތަށިގަނޑު ހުރީ ކަންފަތާ ހަމައަށް ދިގު ކޮށްފައެވެ. ލައިގެން ހުރީ އަތްދިގު ގަމީހެކެވެ. އޭނާ ވެސް ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެ ވަގުތު އަނެއްކާވެސް ވާރޭ ވެހެން ފެށިއެވެ. އަނބުރާ މޫދާ ދިމާލަށް ދާންވީބާއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ގެއަށް ދިޔުމަށް ވިސްނުން އައެވެ. ޒުވާނާއާ ދިމާލަށް ބަލާލުމުން އޭނާ ހިނިތުންވެލިތަން އެ ބޯ ވާރޭ ތެރެއިން އަހަރެންނަށް ފެނުނެވެ. އަހަރެންނަށް ދުއްވައިގަނެވުނެވެ. މަގުމަތީ ހެދިފައިވާ ފެންގަނޑުތައް ތެރެއިން ދުވަމުން ގެއަށް އައި އިރު މާނޭވާ ލެވެއެވެ.

ގިފިއްޔަށް ވަދެ ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލީމެވެ. ދެ ވަނަ ފަހަރަށް އެ ހިނިތުންވުން ހަނދާން ކުރެވޭތޯ ބެލީމެވެ. އަހަރެންގެ މޫނަށް ލަދުރަކިކަން ވެރިވިއެވެ. މި ވަނީ ކީއްކަން އަހަރެންނަށް އެނގުނެވެ. ކިތަންމެ ބޭނުން ނުވިޔަސް އެ މީހަކު އަހަރެންނަށް ކަމުހިނގައްޖެއެވެ. އެ މީހަކާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވިއެވެ. ކޮން ބޭނުމަކު މި ރަށަށް އައިސް އުޅޭ މީހެއްތޯ ވެސް ބަލަން ބޭނުންވިއެވެ. އަހަރެން އޮތީ ސީލިންގުގައި އެނބުރެމުން ދިޔަ ފަންކާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ހިޔާލުގައި ވަނީ އެ ޒުވާނާއެވެ. އޭނަގެ ސޫރަ ހިތުގައި ބިންވަޅު ނެގިއްޖެއެވެ. މި ކުރެވޭ އިހުސާސަކީ ފޮނި ތަދެއް ކުރުވާ އިހުސާސެކެވެ. ބޭނުންވަނީ އޭނާ ފެންނަ ހިސާބުގައި ހުރެ ވާހަކަ ދައްކާލާށެވެ. އެ ސޫރައަށް ބަލައި ހިނިތުންވެލާށެވެ. އޭނާގެ އިހުސާސްތައް އަޑުއަހާލާށެވެ. އޭނާގެ ސިފައާ އެއް ވަރަށް އެ އަޑު ވެސް އެހައި ހިތްގައިމުވާނެތާއެވެ. އަހަރެންނަށް މޫނުގައި އަތް އެޅުނެވެ.

"ތުއްތަ ހާދަ ކުރިއަކަށް ޖައްސާލައިފިއޭ. އެކަމަކު ތިއީ ކައިވެނި ދެކެ ފޫހިވެގެން އެއަށް ފިލަން ދުވި މީހާ. މިހާރު ކިހިނެއްވީ؟" ސަމާސާ ރަގެއްގައި ޝާފިޔާ އަހާލިއެވެ.

"ޝާފީއަށް ވެސް އޭނާ ފެނުނު ނަމަ...."

"ފެނުނު ނަމަ ކޯއްޗެއް؟ މަށަށް އޭނާ ފެނިއްޖެ ދެތިން ފަހަރު. ތި ބުނާހާ ވެސް ފުރިހަމައެއް ނޫން،" އަނެއްކާވެސް ޝާފިޔާ ސަމާސާކޮށްލިއެވެ.

"އޭނ؟ ނޫން. އެއީ ހަމަ ވަރަށް ފުރިހަމަ މީހެއް. ކޮން ތާކުން އޭނާ ފެނުނީ؟" ކެތްމަދުވެފައި އަހަރެން އަހާލީމެވެ.

"އޭނާ އުޅެނީ އަހަރެންގެ ރައްޓެއްސެއް ގޭގައި. މި ރަށަށް ފުޓްބޯޅަ މެޗަކަށް އައިސް އުޅެނީ. ނަމަކީ ޒާހިދު،" ޝާފިޔާ ކިޔައިދިނެވެ. "އަދިވެސް އިތުރު މައުލޫމާތު ބޭނުން؟"

"ނޫން. ތި ވަރުން ފުދިއްޖެ. އުހުނ. ނުފުދޭ. އަނެއްކާ އޭނާ އުޅެނީ މީހަކާ އިނދެގެންތަ؟" އަހަރެންނަށް އަހާލެވުނެވެ. އޭރު އަހަރެންގެ ހިތް ނެގިނެގިފައި ޖެހެނީއެވެ.

"ކިހިނެއް ހީވަނީ؟ މިހާރު ތުއްތަ ތި ހުންނަހެން މީހަކު ހުސްކޮށް ހުންނާނެތަ؟" ޝާފިޔާ ބުންޏެވެ.

"އަޅޭ. ދެން ނޫން. ތިވީ ހާދަ ދެރަ ގޮތެކޭ،" ހަގީގަތުގައި ވެސް އަހަރެން ހިތުގައި ޖެހުނެވެ. މީހަކަށްޓަކައި ފުރަތަމަ މި ހިތުގައި ވިންދެއް ޖެހީ ޒާހިދުއަށްޓަކައެވެ. ނަމަވެސް އޭނާ އެ ވީ މީހެއްގެ ހައްގަކަށެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް