
ލަވަކިޔުންތެރިޔާ އަދި ރިދަމް ގިޓަރިސްޓް އިގްޔާން ރަފިީއު: އޭނާ ވަނީ ޕްރޮޑިއުސަރު މިރާހުއާ އެކު އާ އަލްބަމެއް ނެރެފައި
ތިން ލަވައިގެ 'އޯލަ': މިރާހު އާއި އިގްޔާންގެ އާ ކޮލެބްއެއް
ތަފާތު ހުނަރު އެކުލެވޭ ފަންނާނުން އެކީގައި މަސައްކަތްކޮށްގެން ނުކުންނަ އުފެއްދުންތަކުގައި ތަފާތު ރީތި ގޮތެއް ހުރެ އެވެ. ބަައެއް ފަހަރަށް ބުނެދޭން ވެސްް ނޭނގެ އެވެ. މިއީ އޯލަ ވާހަކައެއް ނޫނެވެ. ހަގީގަތެކެވެ.
ޑިޖިޓަލް ފްލޮކްގެ ނަމުގައި މިއުޒިކް އުފައްދާ ޕްރޮޑިއުސަރު މިރާހު އަލީ އާއި ލަވަކިޔުންތެރިޔާ އަދި ރިދަމް ގިޓަރިސްޓް އިގްޔާން ރަފީއު ގުޅިގެން މިދިޔަ ހުކުރު ދުވަހު ވަނީ 'އޯލަ'ގެ ނަމުގައި އެކްސްޓެންޑަޑް ޕްލޭ (އީޕީ) އަލްބަމެއް ނެރެފަ އެވެ.

'އޯލަ' އަލްބަމްގައި ހިމެނެނީ މުޅިން އޮރިޖިނަލް ތިން ލަވަ އެވެ. އެއީ:
-
ދަރުބާރު
-
މުރަނު
-
ފަރުވާތައް
ސްޕޮޓިފައި އާއި ޔޫޓިއުބުގައި ހުރި މި ލަވަތައް އަޑުއަހާލުމުން، މި ދެ ފަންނާނުން މި ކިޔައިދެނީ އޯލަ ވާހަކަތަކެއް ނޫންކަން އެނގޭނެ އެވެ.
އިގްޔާން ޅެން ހަދާފައިވާ މި ލަވަތަކުގައި ހިމެނެނީ މާނަ ފުން ވާހަކަތަކެކެވެ. ކުރުކޮށް ބުނާ ނަމަ، ލޯގަނޑަކުން މުޖުތަމައުގެ މޫނު ބަލާލައިފި ނަމަ ފެންނާނެ ކަންކަމެވެ.

'ފަރުވާތައް' މި ލަވައިގައި ކިޔައިދެނީ ފެއިލްވެފައި އޮތް މަތީ ތައުލީމުގެ ނިޒާމެއްގެ ވާހަކަ އެވެ.
"ބިތުފާރުން ފެހިކަހާފަ،
ޖަހާފަތު ބެހެއްޓިތާ
ލަފުގެ އާދަކާދަ ފޮހެލީ
އަރަތުގެ އިލްމީ ޖުވާ"
މިއީ އެ ލަވައިގެ ކަޑިއެކެވެ.
'މުރަނު' އަކީ މުޖުތަމައުގައި މަސްތުވާތަކެއްޗަށް ދެވިހިފުން އޮތްވަރު ކިޔައިދޭ ލަވަ އެކެވެ.
"ހަކުރަށް ގޮސް ހުސްވެގެން މަރާ ގާތްކޮށްދޭ ވަރު، މި ލަވައިން ކިޔައިދޭން މަސައްކަތް ކުރަނީ،" މިރާހު ބުންޏެވެ.
މިރާހު އާއި އިގްޔާންއަކީ ކޮރެލިއަމް ބޭންޑްގައި އެކީގައި މަސައްކަތް ކުރާ ދެ މެމްބަރުންނެވެ. މީގެ ކުރިން ވެސް މި ދެ އާޓިސްޓުން ކޮލެބޮރޭޝަނެއް ހަދާފައިވެ އެވެ. 'މާލިލީ' އަކީ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ލަވައެކެވެ.
އާ އަލްބަމާ ގުޅޭ ގޮތުން މި ފަންނާނުން ބުނީ ކްރިއޭޓިވް ޕްރޮސެސް ވަރަށް ތަފާތު ކަމަށެވެ. އާއްމުކޮށް މިއުޒިޝަނުން މަސައްކަތް ކުރާ ގޮތަށް އެއް ތަނަކުން ބަައްދަލުކޮށް، އެތައް ކޮފީއެއް ބޮއެ، މަޖާކޮށް ހަދާފައެއް ނުވެ އެވެ.
"މަސައްކަތް ކުރީ ދެ މީހުން ވަކިން. ރިމޯޓްކޮށް. މިއުޒިކް ހަދާފައި އަހަރެން ފޮނުވީމަ އިގްޔާން ލަވަ ލިޔެފައި ފޮނުވަނީ. ދެން މުޅި އެތި އެއްކޮށް އަހަރެން އެރޭންޖް ކުރީ،" މިރާހު ބުންޏެވެ.

މީގެ އިތުރުން، ދެ މީހުން އޮތީ އަނެކާގެ ހިޔާލަށް އުނިއިތުރު ނުގެނެސް ބަލައިގަންނަ ގޮތަށް ދުރާލާ ޝަރުތުކޮށް އެއްބަސްވެފަ އެވެ. މިއީ ގޮންޖެހުން ބޮޑު ކަމަކަށް ވިޔަސް، މިއުޒިކް އާއި ޅެން ލިޔެ އުފެއްދުމަށް މަޖާ ގޮތެއް ކަމަށް މިރާހު އާއި އިގްޔާން ދެކެ އެވެ.
"މި ލަވަ އުފެއްދުމަށް އެންނައިން ސްޓޫޑިއޯގައި މަސައްކަތްކޮށްލަން އެއް ދުވަސް ލިބުނު. ޔާމީން ހަމީދު ވަނީ ރިކޯޑިންގެ ސައުންޑް އިންޖިނިއަރިން މަސައްކަތުގައި އެހީތެރިވެފައި. އަދި އަހުމަދު އަހްނާފް ޑްރަމް ކުޅެދިން،" އިގްޔާން ބުންޏެވެ.
ލަވަތައް އުފެއްދުމުގެ ހުރިހާ މަރުހަލާއެއްގައި މި ދެ ފަންނާނުން ހަރަކާތްތެރިވި އެވެ. ބަަޖެޓަކަށް އޮތީ 10 ޑޮލަރެވެ. އެކަމަކު ވެސް 'ފަރުވާތައް' ލަވައަށް ވީޑިއޯއެއް ވެސް ހަދައި އަމިއްލައަށް އެޑިޓްކޮށްގެން ވަނީ ނެރެފަ އެވެ.
"2000 އެސްގެ ސޮނީ ޑިޖިޓަލް ކެމެރާއަކުން ވީޑިއޯގެ މަންޒަރުތައް ނެގީ. އެޑިޓްކުރީ ކެޕްކަޓް ކިޔާ ފްރީ ސޮފްޓްވެއާއެއް ބޭނުންކޮށްގެން،" މިރާހު ބުންޏެވެ.
އަލްބަމްގެ ޕްރޮމޯޝަން މަސައްކަތުގައި ވެސް އުޅެނީ މި ދެ ފަންނާނުންނެވެ. އެ މީހުންގެ ބޭނުމަކީ އަލަށް ނުކުންނަ ފަންނާނުންނަށް ވެސް އޮރިޖިނަލް މިއުޒިކް ނެރުމަށް ހިތްވަރެއް ދިނުމެވެ.
"ހުރިހާ ކަމެއް ހަމަޖެހެންދެން މިއުޒިކް ނުުނެރެ މަޑުކުރާނެ ކަމެއް ނެތް. ހުރިހާ ކަމެއް ހަމަޖެހޭ ދުވަހެއް ދުވަހަކު ނާންނާނެ. އިންޓަނެޓް ކަނެކްޝަން ހުރިއްޔާ ރަނގަޅު ފެންވަރުގެ ރެކޯޑެއް މިހާރު ނެރެލެވޭނެ. އިންޓަނެޓުގައި ހުންނަ ފްރީ ޕްލަގްއިންސް އަދި އެހެން ރިސޯސްތައް ބޭނުން ކުރެވޭނެެ،" މިރާހު ބުންޏެވެ.

ދެ ފަންނާނުން އެކީގައި ހަރަކާތްތެރިވާ ކޮރެލިއަމް ބޭންޑްގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމުގައި މިރާހް ބުންޏެވެ.
"މި އަންނަ އަހަރު އާ ލަވަތަކެއް ފޭނުންނަށް އަޑުއިވޭނެ،" އޭނާ ބުންޏެވެ. މިއީ ޔަގީނުން ވެސް ކޮރެލިއަމްގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ.
ކޮމެންޓް