އޭޝްޓަން ކުޗާ (ކ) މީލާ ކޫނިސް (މ) އަދި ޑެނީ މާސްޓަސަން

ހޮލީވުޑް

ޑެނީ މާސްޓަސަންއަކީ ރަނގަޅު މީހެއް ކަމަށް ބުނެ ފޮނުވި ސިޓީތަކާ ގުޅިގެން އޭޝްޓަން ކުޗާ އާއި މީލާ ކޫނިސް ހޫނު ފެނަށް

'ދެޓް ސެވެންޓީސް ޝޯ' އިން އެކުގައި ފެނުނު ރަހުމަތްތެރިޔާގެ އަދަބު ލުއިކުރަން ފަނޑިޔާރަށް ބާރުއެޅި ސިޓީތަކުގެ މައްސަލައިގައި ކުޗާ އާއި ކޫނިސް މައާފަށް އެދުނީ މީހުން ބަލައިގަތް ގޮތަކަށް ނޫން
12 ސެޕްޓެމްބަރު 2023

އެމެރިކާގެ ޓީވީ ސިލްސިލާ 'ދެޓް ސެވެންޓީސް ޝޯ' އިން މަޝްހޫރުވި އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވުމުން، އޭނާއަކީ ރަނގަޅު މީހެއް ކަމަށް ބުނެ ކޯޓަށް ސިޓީ ފޮނުވި އޭޝްޓަން ކުޗާ އާއި މީލާ ކޫނިސްއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތައް ހައްތަހާ ބޮޑުވެއްޖެ އެވެ.

މާސްޓަސަން އެކި އަންހެނުން ރޭޕްކުރި ކަމުގެ ތުހުމަތުތަކެއް ތަހުގީގުކުރުމަށް ފަހު އުފުލި ތިން ދައުވާގެ ތެރެއިން ދެ ދައުވާއެއް މިދިޔަ މޭ މަހު ސާބިތުވެ، މިދިޔަ ބުރާސްފަތި ދުވަހު ލޮސް އެންޖެލިސްގެ ކޯޓަކުން ވަނީ އޭނާ 30 އަހަރާއި މުޅި އުމުރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

މާސްޓަސަން 'ދެޓް ސެވެންޓީސް ޝޯ' އިން މަގުބޫލުވެގެން އައި ދުވަސްވަރު، 2003ގައި ދެ އަންހެނަކު ރޭޕްކުރުމުގެ ކުށް ސާބިތުވާ ކަމަށް ޖޫރީއަކުން މޭ މަހު ކަނޑައެޅި އިރުން ފެށިގެން އޭނާ ހުރީ ޖަލު ބަންދުގަ އެވެ.

'ދެޓް ސެވެންޓީސް ޝޯ'ގެ ތަރިން

ހޮލީވުޑްގެ އެންމެ ނަންހިނގާ ތަރިންގެ ތެރޭގައި ހިމެނޭ އޭޝްޓަން ކުޗާ އާއި މީލާ ކޫނިސް އަކީ ވެސް، 1998 އާއި 2006އާ ދެމެދު އަށް ސީޒަން ދެއްކި 'ދެޓް ސެވެންޓީސް ޝޯ' އިން މަގުބޫލުވި ދެ އެކްޓަރުންނެވެ.

މިފަހުގެ އަހަރުތަކުގައި ކައިވެނިކޮށްގެން ދަރިން ލިބިފައިވާ މި ދެމަފިރިން ވަނީ، މާސްޓަސަންގެ އަދަބު ލުއިކުރުމަށް ބާރުއަޅައި ފަނޑިޔާރަށް ސިޓީ ފޮނުވައިފަ އެވެ. ދެ މީހުން ބުނިގޮތުގައި މާސްޓަސަންއަކީ އެ މީހުންނަށް ފެނުނު ތަނުގައި ކޮން ކަހަލަ މީހެއްކަން ބުނެދިނުމަށް އެ ދެ ސިޓީ ފޮނުވީ މާސްޓަސަންގެ އާއިލާގެ އެދުމުގެ މަތިންނެވެ.

މީލާ ކޫނިސް (ކ) ޑެނީ މާސްޓަސަން (މ) އަދި އޭޝްޓަން ކުޗާ

އޭޕީ ނިއުސް އޭޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މާސްޓަސަންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން 27 ޖުލައިގައި ކުޗާ ފޮނުވި ސިޓީގައި މާސްޓަސަން ސިފަކޮށްފައިވަނީ މީހުންނާ މެދު އަދަބުވެރިކަމާއި ހަމަހަމަކަމާއި ދީލަތިކަމާ އެކު ހިތާ މީހެއްގެ ގޮތުގަ އެވެ. އަދި މީލާ ކޫނިސްގެ ސިޓީގެ ބުނެފައިވަނީ މާސްޓަސަންއަކީ އެފަދަ ދެވަނައެއް ނެތް ރޯލް މޮޑެލްއެއް އަދި ރަހުމަތްތެރިއެއް ކަމަށާއި ނުހަނު ރަނގަޅު ބޭބެއެއް ފަދަ މީހެއް ކަމަށެވެ.

އެގޮތަށް ސިޓީ ފޮނުވިކަން ހާމަވެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން ދެމަފިރިން ވަނީ މައާފަށް އެދިފަ އެވެ. ނަމަވެސް ދެން ވެސް ކުރިމަތިވީ ފާޑުކިޔުމެވެ.

މީލާ ކޫނިސް (ކ) އާއި އޭޝްޓަން ކުޗާ

ކުޗާ އާއި ކޫނިސް މައާފަށް އެދި ވާހަކަ ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކުރުމުން، މާސްޓަސަންގެ ޝިކާރައަކަށްވި އެއް އަންހެނަކު ބުނީ އެއީ އިހުތިރާމްކުޑަކޮށް ހިތްދަތިކުރާ ވީޑިއޯއެއް ކަމަށެވެ. އަދި އެ މީހުން ފުރިހަމައަށް ޒިންމާ ނަގަން ދަސްކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

އެކްޓްރެސް ކްރިސްޓީނާ ރިޗީ ވެސް ވަނީ މި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ބަޔާނެއް ނެރެފަ އެވެ. އޭނާ ބުނީ އެ މީހަކު ލޯބިވާ އަދި އިހުތިރާމްކުރާ މީހުން ވެސް ބައެއް ފަހަރު ބޮޑެތިވެގެންވާ ނުބައި ކަންކަން ކުރާ ކަމަށާއި ތިމާ ކިތަންމެ ރަނގަޅު މީހެއްގެ ގޮތުގައި ދަންނަ މީހާއަކީ ވެސް ޝިކާރަވެރިއެއް އަދި އަނިޔާވެރިޔަކަށް ވެދާނެކަން ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަދެއްކުމަކީ ޖަރީމާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

'ދެޓް ސެވެންޓީސް ޝޯ'ގެ ސީކުއެލްއެއްގެ ގޮތުގައި ނެޓްފްލިކްސް އިން ނެރެމުން އަންނަ 'ދެޓް ނައިންޓީސް ޝޯ' ސިލްސިލާ އިން ވެސް އޭޝްޓަން ކުޗާ އާއި މީލާ ކޫނިސް ފެނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް