ނުޒުހަތު ޝުއައިބު ފިލްމު 'ނީނާ'ގައި ނީނާގެ ގޮތުގައި
'ނީނާ' އޮލިމްޕަހުގައި ބެލުމަށް ބާކީ 7 ދުވަސް
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓު ކޮށްފައިވާ 'ނީނާ' މި މަހު 6ގައި އޮލިމްޕަހުގައި އެޅުވި ފަހުން އަންނަނީ ތައުރީފު އޮހެމުންނެވެ. އެއް ފަހަރު ބަލައިގެން ހިތްނުފުރިގެން ތަކުރާރުކޮށް ބަލަން ދާން ޖެހޭ ވަރުގެ ސަޅި ފިލްމެއް ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ނަމަވެސް މިހާރު މި އޮތީ އެ ފިލްމު އޮލިމްޕަހުގައި ބަލާލެވޭނެ އެންމެ ފަހު ދުވަސްތައް ފެށިފަ އެވެ. 'ނީނާ'ގެ އެންމެ ފަހު ޝޯތައް މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮލިމްޕަހުގައި ވަނީ ތާވަލްކޮށްފަ އެވެ.
އައިފިލްމްސްގެ 'ނީނާ' އުފައްދާފައި ވަނީ ބަލާމީހާގެ ޝައުގުވެރިކަން ނުފިލާނެހާ މޮޅު ކޮށެވެ. ފިލްމު ނިމެންދެން ވެސް، ދެން ވާނީ ކިހިނެއްކަމާ މެދު ސިކުނޑީގައި ސުވާލު އެނބުރެމުންދާނެ އެވެ.
ނުޒުހަތު ޝުއައިބު މައި ކެރެކްޓާ ނީނާ ތަމްސީލްކޮށްދިނުމަށް އޭނާގެ ހުނަރުގެ އެއްވެސް މިންވަރެއް އެއްކިބާނުކޮށް ހުސްކޮށްލިކަން މުޖައްރިބެވެ. އަދި ފިލްމުގައި އޭނާގެ ލޯބިވެރިޔާ އަދި ފަހުން ފިރިމީހާއަށް ވި ހަމްދުގެ ރޯލް ކުޅުނު ޝަރަފް އަބްދުﷲގެ އެކްޓިން ވެސް ރަނގަޅެވެ.
-
އިތުރަށް ކިޔާލަން - 'ނީނާ' ރިވިއު: ފޫހިކަމެއް ނެތި ބަލާލެވުނު މޮޅު އުފެއްދުމެއް
ތަޖުރިބާކާރު މަރިޔަމް ޝަކީލާ އާއި މަރިޔަމް ރަޝީދާގެ އެކްޓިން އިން މި ފިލްމު އިތުރަށް ސަޅިކޮށް ދިން އިރު، އެކްޓަރު ރަވީ ފާރޫގުގެ ކޮއްކޮ ހަމްދޫން ފާރޫގު ނުބައިބައި އަލްބޯގެ ކެރެކްޓާ ގެނެސްދިނީ އޯޑިއެންސްގެ ހިތުގައި އޭނާ ދެކެ ނަފުރަތު އުފެދޭހާ މޮޅަށެވެ.
ފިލްމުގެ ކުދި ރޯލްތަކުގައި އައިޝާ އަލީ އާއި ނަތާޝާ ޖަލީލް ފަދަ ފާހަގަކޮށްލެވޭ އެކްޓަރުން އުޅޭއިރު، އާ މޫނުތަކެއް ވެސް ފެނިގެންދެ އެވެ. އެއީ ހަސަން ޒިނާން، ހަސަން ޒާއިދު، އިބްރާހިމް ޝާއިފު، އަދި ހަސަން ސާމިހު އެވެ.
ދެން އިތުރަށް ފިލްމާ ބެހޭގޮތުން މާ ބޮޑު ވާހަކައެއް ދައްކާކަށް ނެތީމެވެ.
އޮލިމްޕަހުގައި 'ނީނާ' ބަލާލުމުގެ ފުރުސަތު މިހާތަނަށް ނުލިބި ތިބި މީހުންނަށް އެކަން ކުރުމަށް ދެން އޮތީ ބާކީ ހަތް ދުވަހެވެ.
މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ރޭގަނޑު 8:30ގައި ޝޯއެއް ދެއްކުމަށް ހަމަޖެހިފައި އޮތްއިރު، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ރޭގަނޑު 11:30 ގައި ދެވަނަ ޝޯއެއް ވެސް އޮންނާނެ އެވެ.