ފޫ ފައިޓާސްގެ އާ ޑްރަމަރު ޖޯޝް ފްރީސް

މިއުޒިކް

ފޫ ފައިޓާސްގެ ޓޭލާ ހޯކިންސްގެ މަރަށް ފަހު އާ ޑްރަމަރަކަށް ޖޯޝް ފްރީސް

އާ ޑްރަމަރާ އެކު އާ ޓުއާއެއް އެ ބޭންޑުން މި ހަފްތާގައި ފަށާނެ
23 މޭ 2023

އެމެރިކާގެ މަގުބޫލު ރޮކް ބޭންޑް ފޫ ފައިޓާސްގެ ޒަމާންވީ ޑްރަމަރު ޓޭލާ ހޯކިންސް މިދިޔަ އަހަރު މަރުވުމަށް ފަހު އެ ބޭންޑަށް އާ ޑްރަމަރަކު ނަގައިފި އެވެ.

ފޫ ފައިޓާސް އިން ލައިވްސްޓްރީމެއްގައި އިއުލާންކުރި ގޮތުގައި ބޭންޑުގެ ކުރިއަށް އޮތް ދުނިޔޭގެ ޓުއާގައި އާ މެމްބަރު ޖޯޝް ފްރީސް ބައިވެރިވާނެ އެވެ.

ފްރީސްއަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ ފުންނާބުއުސް ފަންނާނުންނާ އެކު މިއުޒިކް ކުޅެފައިވާ އާޓިސްޓެކެވެ. އޭގެ ތެރޭގައި ޑެވޯ، ގަންސް އެން ރޯޒެސް، ސްޓިންގް އަދި ދަ ވެންޑަލްސް ހިމެނެ އެވެ.

ފޫ ފައިޓާސްގެ ޑްރަމަރުގެ ގޮތުގައި ފްރީސްގެ ފުރަތަމަ ޝޯ އޮންނާނީ މާދަމާ ރޭ ނިއު ހެމްޝާގަ އެވެ. އެއީ އެ ބޭންޑުގެ އާ ޓުއާގެ ފެށުމެވެ. އަދި އެ ޝޯ ވެގެންދާނީ ހޯކިންސްގެ އޭނާގެ ހަނދާނުގައި މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ދެ ޝޯއަށް ފަހު ފޫ ފައިޓާސްގެ ފުރަތަމަ ލައިވް ހުށަހެޅުމަށެވެ. ފްރީސް ވެސް އެ ދެ ޝޯގައި ހޯކިންސްގެ ބަދަލުގައި ޑްރަމް ޖެހި އެވެ.

ފޫ ފައިޓާސްގެ ކުރީގެ ޑްރަމަރު ޓޭލާ ހޯކިންސް

ޓުއާއެއްގައި ކޮލޮމްބިއާގައި އުޅެނިކޮށް ހޯކިންސް އުމުރުން 50 އަހަރުގައި މަރުވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އޭނާ މަރުވި ސަބަބެއް އިއުލާންކޮށްފައެއް ނުވެ އެވެ. އޭނާ މަރުވި އިރު ހަށިގަނޑުގައި 10 ބާވަތެއްގެ މަސްތުވާތަކެތީގެ އަސަރު ހުރިކަން ޓޮކްސިކޮލޮޖީ ރިޕޯޓަކުން ވަނީ ދައްކައިފަ އެވެ.

ފޫ ފައިޓާސްގެ މެމްބަރުން އޮކްޓޯބަރު 2021 ގައި އިވެންޓެއްގައި ބައިވެރިވަނީ

ފޫ ފައިޓާސް އިން ވަނީ ހޯކިންސްގެ މަރަށް ފަހު ބޭންޑު ކުރިއަށް ގެންދާނެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް ހޯކިންސްއާ ނުލައި އެ މީހުން ވާނީ ތަފާތު ބޭންޑަކަށް ކަމަށް ބުންޏެވެ.

ފޫ ފައިޓާސްގެ އާ އަލްބަމް 'ހިއާ ވީ އާ' އަންނަ މަހު 2 ގައި ނެރޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް