ފިލްމު 'ލޯބިވެވިއްޖެ'

ދެ އަނބިން ގޮވައިގެން ގޮސް 'ލޯބިވެވިއްޖެ' ބެލީ 50،000ރ. އަށް

ފިލްމު ބަލަން ދާން ދައުވަތު ދިނީ ހަތަރު އަނބިންނަށް. މި ޕްރައިވެޓް ޝޯގައި ބައިވެރިވީ ޖުމްލަ ތިން މީހުން

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ' އަށް މިދިޔަ އަންގާރަ ދުވަހުގެ ރެއަކީ ވަރަށް ވެސް ހާއްސަ ޝޯއެކެވެ. -- ފިލްމުގެ ހަތް ވަނަ ޝޯ، ހައުސްފުލްނުވެ، އެކަމަކު 'ހައުސްފުލްވީ' އެވެ؛ މީހަކު އޭނާގެ ހަތަރު އަނބިން ދެކެ ވާ ލޯބި ބަޔާންކޮށް ދިނުމަށް އެ ރޭގެ މުޅި ޝޯ 50،000ރ. އަށް ގަނެލީ އެވެ.

ވީ ކިހިނެއް؟

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަތަރު އަނބިންގެ ތެރެއިން ދައުވަތު ގަބޫލުކޮށް އޭނާއާ އެކު ފިލްމަށް ދިޔައީ އޭގެ ތެރެއިން ދެ އަނބިންނެވެ. އެހެންކަމުން މިދިޔަ އަންގާ ދުވަހުގެ ރޭ އޮލިމްޕަހުގައި 'ލޯބިވެވިއްޖެ' ބަލަން ސިނަމާ ހޯލަށް ވަދެ ތިބީ މި ތިން މީހުން އެކަންޏެވެ.

މިއީ ދިވެހި ސިނަމާގެ ތާރީޚުގައި ވެސް މުޅިން އަލަށް ހިނގި ކަމެކެވެ. މި ކާމިޔާބު 'ޕްރައިވެޓް ޝޯ' އަށް ފަހު ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނީ މިގޮތަށް ޕްރައިވެޓް ޝޯއެއް 'ބައްލަވައިގަތުމުގެ' ފުރުސަތު އެކަން ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެބަ އޮތް ކަމަށެވެ.

ލޯބިވެވިއްޖެ ފިލްމް ޕްރިމިއަރ ނައިޓްގައި ޕްރޮޑިއުސަރު ޝާނީޒް (ވ) ޝަރަފްވެރި މެހެމާނާއެކު. (ދައުރު ފޮޓޯ/ހުސައިން ސުނައިން

ޕްރޮޑިއުސަރު ދެން ބުނީ ކީކޭ؟

"ފިލްމުގެ ޝޯއެއް ހައުސްފުލްވެއްޖެ ނަމަ އަޅުގަނޑުމެންނަށް ރެއެއްގެ މައްޗަށް މި ލިބެނީ 62،000ރ. އެކަމަކު މި ޕްރައިވެޓް ޝޯ އަޅުގަނޑުމެން ވިއްކީ 50،000ރ. އަށް. އިތުރު ޝޯއެއް މިގޮތަށް ބައްލަވައިގަތުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށް ވެސް އެބަ އޮތް،" ޝާނީޒް ބުންޏެވެ.

އޭނާ ޕްރޮޑިއުސްކޮށް އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ 'ލޯބިވެވިއްޖެ' އަށް ގާތްގަނޑަކަށް 800،000ރ ޚަރަދުވި އެވެ. ފިލްމުގެ ބަޖެޓް މިވަރަށް ބޮޑުވުމުގެ މައިގަނޑު ސަބަބެއް ކަމަށް ޕްރޮޑިއުސަރު ފާހަގަކޮށްފައި ވަނީ ކޮވިޑްގެ ކުރިން މަސައްކަތް ފެށި ފިލްމުގެ އެ މަސައްކަތް ހުއްޓާލަން ޖެހުމާއި ފަސްކުރަން ޖެހުމުން ދިގުލައިގެން ދިއުމެވެ.

މި ފިލްމުގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަނީ 150ރ. އަށެވެ. އޮލިމްޕަހަށް ފަހު މި ފިލްމުގެ ޝޯތައް އެކި ރަށްތަކުގައި ދެއްކުމުގެ ތައްޔާރީތައް މިހާރު ވެސް އަންނަނީ ކުރިއަށެވެ.

"މިހާރު ވެސް 55 ރަށެއްގައި ފިލްމުގެ ޝޯތައް ކުރިއަށް ގެންދަން އެބަހުރި އެކި ފަރާތްތަކުން ރަޖިސްޓްރީކޮށްފައި. އުއްމީދު މި ކުރަނީ ޖޫން މަހު އެ ޝޯތައް ފެށޭވަރުވާނެ ކަމަށް،" ރަށްރަށުގައި ފިލްމުގެ ޝޯތަކަށް އޮތް ތަރުހީބު ފާހަގަކޮށް ޝާނީޒް ބުންޏެވެ.

މި ފިލްމުގައި ވަނީ ކިހިނެއްތަ؟

އަހުމަދު ޒަރީރުގެ ސްކްރިޕްޓަކަށް ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިރޯޓިކް ތްރިލާއެކެވެ. ފިލްމުގެ ޕްރޮޓޭގަނިސްޓް ތޮލާލް (ސީޒަން) އަކީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި އުޅެމުން އަންނަ މީހެކެވެ. މީހެއްގެ ލޯބި ފިރިއެކެވެ. ޒިންމާދާރު ބައްޕައެކެވެ. މުރާލި މަސައްކަތްތެރިއެކެވެ. އަދި ވިޔާނުދާ މަގަމުން ދާ މީހާ ވެސް ސަލާމަތްކުރަން ތައްޔާރަށް ހުންނަ ކެރެކްޓާއެކެވެ.

ތޮލާލްގެ ސިކުނޑީގައިވި މި ހަމަޖެހުން ނަގާލަނީ އޭނާގެ އަންހެނުން، ހަސްނާ (މަރިޔަމް އައްޒަ) ގެ ކޮއްކޮ، ހަސީބު (އަލީ އާޒިމް ދޮންއައްޔަ)ގެ ގޭންގްސްޓާރު ދިރިއުޅުމާއި ނޭއްދާރުކަމާ ގުޅިގެން ހަމަ ކުއްލިއަކަށެވެ. ތޮލާލްގެ ސިކުނޑި ސުމަކަށް ދިއުމުން އޭނާގެ ގާތް އެކުވެރިޔާ މާޖިދު (އަހުމަދު އީސަ) އޭނާ އަށް ދެނީ ފްރީ ޓިކެޓެކެވެ. އެއީ ލަންކާ އަށް ގޮސް މަޖާކޮށް ބޯހަމަޖައްސާލުމުގެ ދަތުރެކެވެ.

ފިލްމު 'ލޯބިވެވިއްޖެ' ގެ ޕްރިމިއާ ނައިޓުގައި ޑައިރެކްޓަރު އަލީ ސީޒަން ވާހަކަ ދައްކަނީ.

މާޖިދު އޭނާގެ އެންމެ ގާތް އެކުވެރިޔާ ލަންކާ އަށް ފޮނުވާލާ ސަބަބު އަހަރެމެންނަށް އެނގެނީ ތޮލާލް ލަންކާ އަށް ގޮސް ޕާޓީކޮށް މާޝާ (އައިމިނަތު ރިޝްފާ) ނަމަކަށް ކިޔާ ހިލޭ އަންހެނެއްގެ އުނގަށް ގޮސް އޭނާ ވެއްޓި އަޅުދާސްވާ ހިސާބުންނެވެ. މާޖިދުގެ ރޭވުމުގެ އަމާޒަކީ އޭނާ އަބަދުވެސް ހިތްކިޔައިގެން އުޅޭ ތޮލާލްގެ އަނބިމީހާ، ހަސްނާ ޖަހައިގަތުމެވެ.

އެކަމަކު މިއީ އަދި މި ފިލްމުގެ މެއިން 'ސްޓޯރީލައިނެއް' ނޫނެވެ. މި ހިސާބުން އަދި ފިލްމުގެ ކުރި މަރުވާން ގާތް ވެސް ނުވެ އެވެ.

މި ފިލްމުގެ ސްޓޯރީލައިން ކަފިވެގެންދާއިރު އަހަރެމެންނަށް ދައްކުވައި ދެނީ ހަސްނާ ޖަހައިގަތުމަށް މާޖިދު ރާވާ ރޭވުންތަކާއި ގޭންގާއި ރަށުގެ ކޮންޓްރޯލް އަތުލުމަށް ހަސީބު ހިންގާ ހަރަކާތްތަކުން އެހެން އެންމެން ވާ ބޭޒާރެވެ. އަދި ތޮލާލް އޭނާގެ ކައިވެނިން ބޭރުގައި މާޝާއާ އެކު ގޮސް ކުޅޭ ލޯބީގެ ކުޅިގަނޑު ނިއުޅުވަމުން ކެކެމުންދާއިރު އޭގެ އަސަރު މި އެންމެންގެ ދިރިއުޅުމަށް ކުރާ ގޮތެވެ.

ކޮމެންޓް (2)

ނަންވާނީ ހައިވަކަރު

11 މޭ 2023
ނިކަމެތި ބަޔަކަށް ތިޔަފައިސާ ސަދަގާތްކޮށްލިނަމަ އާހިރަތުގަ ހާދަ ސަވާބެއްލިބޭނެޔޭ.
51 3

މިނިސްޓްރީ އޮފް ކައިވެނި

11 މޭ 2023
ފިރިއެއްގެ ފަރާތުން އަންބަކަށް ނޫނީ އަނބިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ތި ދެވުނީ. ވަރަށް މަރުހަބާ
12 13

އިތުރު އާޓިކަލް

އިތުރު އާޓިކަލް