ވާހަކަ: ހަޔާތުގެ ސިއްރު

ވާހަކަ

ވާހަކަ: ހަޔާތުގެ ސިއްރު

އެޕިސޯޑް 22

ރަމްލާ، އެއްވާނަކަށް ހުރިހާ ވާހަކައެއް އަމުނާލި އިރު، ދޮންތަ އާއި އާދިލު ތިބީ ހައިރާންވެ އިތުރު ތަފްސީލަށް ބޭނުންވެފައެވެ.

ކުރިމަތިވި ހުރިހާ ކުދިކިޔުންތަކާއި ނުރުހުމުގެ ބަސްތަކާ ކުރިމަތިލަމުން އައި އައުން ނިމުމަކަށް ގެނެސް، އަމިއްލަ ދިފާއުގައި ނުކުތުމުގެ ހިތްވަރު މިއަދު ރަމްލާގެ އެބަހުއްޓެވެ. ރަމްލާގެ ހަޔާތަށް ކުރިމަތިވި އަނދިރި ރޭތަކުގެ ވާހަކަތައް ދޮންތަ އާއި އާދިލުއަށް ކިޔައިދިނީ އެ ހިތްވަރުގައެވެ. ކިތަންމެ ލަދުވެތި، ހިތްދަތި ކަމެއް ކަމުގައި ވިޔަސް ރަމްލާއަށް އެ ހަގީގަތާ ކުރިމަތިލާން މަޖުބޫރެވެ. އެ ދެ މީހުން ރަމްލާގެ ހަޔާތުގެ އާ ސޮފްހާތައް ލިޔަން އެހީވެދޭނެކަން ޔަގީން ކުރަމުން، އެ މީހުންނަށް އިތުބާރު ކުރަމުންނެވެ.

އެ ދެ މީހުންނަށް ވެސް ރަމްލާ ވިސްނައިދޭން ބޭނުންވި ކަމަކީ، ރަމްލާގެ މަގުސަދަކީ ވަފާތެރި ފިރިމީހާއަށް ފިލައިގެން ދިޔުން ނޫން ކަމެވެ. ފައިސަލްގެ ބޭބެގެ ވާހަކަ އެ އާއިލާއަށް ފަޅާއަރުވާލައިގެން އެ އާއިލާގެ ތެރޭގައި ނުތަނަވަސްކަން ފެތުރުން ވެސް ނޫން ކަމެވެ. އަދި އޮޅުވާލުމެއްގެ ތެރޭގައި ފައިސަލް ނުބަހައްޓައި، އާ ހަޔާތެއް ހޯދުމުގެ ފުރުސަތު ފައިސަލަށް ވެސް ފަހިކޮށްދިނުން ކަމެވެ. އެކަންކަން ހާސިލުވާން އޮތީ ފައިސަލްގެ ހަޔާތުން ދުރަށް ގޮސްގެންނެވެ. އާދިލުމެންގެ ފަރާތުން ރަމްލާ އެހީތެރިކަމަށް އެދުނީ އެކަމަށެވެ.

ދޮންތަ އާއި އާދިލު ވެސް ތިބީ ރަމްލާއަށް ހަމްދަރުދީވެ، ވެވުނު އެހީތެރިކަމެއް ވެދޭން ތައްޔާރަށެވެ. ރަމްލާއަށް ލިބުނު ހިތްހަމަޖެހުމަކީ މަދު ބަޔަކަށް ނަމަވެސް ރަމްލާގެ ކުށެއް ނެތްކަން ވިސްނައިދެވުމެވެ. ނުބައި ނިޔަތެއް ނެތްކަން އަންގައިދެވުމެވެ. މަންމަގެ ހިޔާވަހިކަމުން ނުކުމެގެން އައިސް މިވީހާ ދުވަހު އެހީތެރިވެދީ އުޅުނު ދޮންތަގެ ހިތުގައި ރަމްލާއާ މެދު ހިތްބުރަކަމެއް ނޯންނާނެ ގޮތަކަށް، ދޮންތަގެ ހިތް ހަލާސް ލިބޭގޮތް ވުމެވެ.

އާދިލް ގާތުން އެދުނު ގޮތަށް، ރަމްލާގެ ދެމައިން އާދިލްމެންގެ ރަށަށް ގެންގޮސްދިނެވެ. ހިތްގައިމު ހަނދުވަރުމަތީ ދަތުރުކޮށް، ޖެހިގެން އައި ދުވަހުގެ ވެސް އިރު އޮއްސުނު ފަހުން މަންޒިލަށް ވާސިލްވިއެވެ. އާދިލް އެ ދެމައިން ގެންދިޔައީ އާދިލްމެންގެ ގެއަށެވެ. އެއީ އާދިލްގެ މަންމަ އާއި ދެ ދަރިން ދިރިއުޅެމުން އަންނަ ގެއެވެ. އާދިލްގެ އަންހެނުން ނިޔާވި ފަހުން، ކުދިންގެ ކަންކަން ބަލަހައްޓަމުން އަންނަނީ އާދިލްގެ މަންމައެވެ. ރަމްލާ އެގެއަށް ގެންދިޔުމަކީ މަންމަ އަށް ވެސް ލިބޭނޭ ހިތްހަމަޖެހުމެއް ކަމަށް އާދިލް ގަބޫލު ކުރިއެވެ. އާދިލްގެ މަންމަ ހީކުރީ މީހަކާ އިނދެގެން ގެނައީ ކަމަށެވެ. ރަމްލާގެ އުރުގައިވާ ކުޑަ ދަރިފުޅު ފެނުމުން، މަންމަ އަށް ހައިރާންކަން ލިބުނެވެ.

ރަމްލާއަކީ ރަހުމަތްތެރިއެއް ކަމާއި އެހީތެރިކަން ބޭނުންވެފައިވާ މީހެއްކަން މަންމަ އަށް ކިޔައިދިނެވެ. އެއްވެސް ކަމަކަށް ރަމްލާއަށް ދަތިވިޔަނުދީ ރަމްލާ ބޭނުންހާ ދުވަހެއް ވަންދެން ގޭގައި އުޅެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އާދިލް މަންމަ ގާތުން އެދުނެވެ. އެ ދެމައިންގެ ހެއުކަން ރަމްލާ އަބަދުވެސް ހަނދާން ހުންނާނެއެވެ.

ރަމްލާގެ ހަޔާތް އަލުން ފަށައިގެން ބިނާކުރީ އެ ރަށުގައެވެ. ރަމްލާގެ ހަގީގަތް އެނގޭ މީހަކު އެ ރަށަކު ނޫޅެއެވެ. ރަމްލާއާ މެދު ކަތި ނަޒަރަކުން ދެކޭނޭ މީހަކު ނެތެވެ. އެ ރަށުގައި ބިނާކުރެވޭނީ ރަމްލާ ބިނާ ކުރި ދިރިއުޅުމެކެވެ. މީހުން ރަމްލާއާ ދޭތެރޭ ބަހައްޓާނީ ރަމްލާ އެ މީހުންނާ ދޭތެރޭ ވެސް ބެހެއްޓި ގާތްކަމެކެވެ. މީހުން ރަމްލާއާ ދޭތެރޭ ދެކޭނީ ރަމްލާ އެމީހުންނަށް ކުރަހައިދިން ތަސައްވުރެކެވެ. ރަމްލާގެ ހަޔާތް ބިނާ ކުރީ އެ ވިސްނުމުގައެވެ.

އަމިއްލަ މަންމަ ފަދައިން އާދިލްގެ މަންމަ ރަމްލާއަށް އެހީތެރިވެދެއެވެ. ރަމްލާ އަކީ ޓީޗަރުކަން ކިޔަވައިގެން ހުރި މީހެއް ކަމުން، ސްކޫލުގެ ވަޒީފާއަށް ނުކުތީ ނުހަނު އުފަލުންނެވެ. ރީޝާ ނުހަނު ކުޑައިރު ރަމްލާއަށް ވަޒީފާއަށް ނުކުންނަން ފުރުސަތު ފަހިވީ އެ މަންމަގެ އެހީތެރިކަން ލިބުނީތީއެވެ. ނުވެސް ދަންނަ ހިސާބަކަށް ގޮސް ކުޑަ ދަރިއަކު ގޮވައިގެން އުޅުމަކީ އުނދަގޫ ކަމެއް ނަމަވެސް، އެފަދަ އެހީތެރި އާއިލާއަކާ އެކު އުޅެން ލިބުމަކީ ނިއުމަތެއް ކަން ރަމްލާ ގަބޫލު ކުރެއެވެ.

ރީޝާގެ ހަޔާތުގެ ޅަފަތުގެ ދައުރު ނިމި ތަންދޮރު އެނގި، ހަނދާން ހުންނަ އުމުރަށް އެޅެންދެން ދިމާވި އެކިއެކި ހާދިސާތަކާއެކު ރަމްލާ ހަނދާން ކޮށްގެން ރީޝާއަށް ކިޔައިދިނެވެ. ރީޝާ އޮޅުންފިލުވަން ބޭނުންވި ވަރަށް ވުރެ އިތުރަށް ވެސް ރީޝާއަށް މިއަދު އެނގިއްޖެއެވެ. ރީޝާ މިއަދު ހޯދަން ދާންވީ ރީޝާގެ ބައްޕަތޯ، މަންމަގެ ފިރިމީހާ ފައިސަލްތޯ، ނޫނީ ހިދުމަތް ކުރަންވީ އާދިލްބެގެ އާއިލާއަށްތޯ ރީޝާ އަށް ވިސްނާލަން މަޖުބޫރު ވެއްޖެއެވެ. އެ މީހުންގެ އެހީތެރިކަމާއި ހެއުކަން ރީޝާއަށް ތަޖުރިބާ ކުރެވެއެވެ. ނަމަވެސް އެ ދެމައިން މިއަދު އެ ދެކޭ ހަޔާތުގެ ޅަފަތުގެ އެ މުހިންމު ސޮފްހާތައް ކުރިން ރީޝާއަކަށް ނޭނގެއެވެ.

ހަޔާތުގެ ސޮފްހާތައް ނިއުޅައިގެން ތިބި ދެމައިންގެ ހަމަހިމޭންކަން ގެއްލުވާލީ ގޭގެ ދޮރުގައި މީހަކު ޓަކި ދޭ އަޑެވެ. ބޮޑު ވާހަކާގައި ތިބެވުނު އިރު ވަގުތު ދިޔަ ގޮތް ވެސް ނޭނގުނެވެ. އޭރު އެ ދެމައިން ނޫން އެންމެން ނިދައިފިއެވެ. އެހެން ނޫނީ ގޭގެ ދޮރު ލައްޕައި ތަޅުލާފައެއް ނުހުންނާނެއެވެ. ކާމޭޒު ދޮށުގައި ތިބި ދެމައިން އެކުގައި ގޮސް ދޮރު ހުޅުވާލިއެވެ. އަނދިރިކަން ވެރިވެފައިވީ ނަމަވެސް، ގޭގެ މައި ދޮރާ ދިމާލަށް ވާގޮތަށް ބޭރުގައި ދިއްލާފައި ހުރި ބޮކީގެ އަލިން، ކުރިމަތީގައި ހުރި މީހާ ކިތަންމެހާވެސް ރީތިކޮށް ފެނެއެވެ. ރީޝާއަށް ސާފު ނުވަނީ އެ މީހަކާ މުހާތަބު ކުރަންވީ ކީކޭ ކިޔާފައި ކަމެވެ. ގޯތި ތެރޭގައި ހައްދާފައިވާ ބަގީޗާ ގަސްތަކުގެ ތެރެއިން ފޫދިގެން އަންނަ ވައި ރޯޅީގެ ފިނިކަން ކިތަންމެ ހިތްގައިމު ނަމަވެސް، ރަމްލާގެ ހިތަށް މިއަދު އެ ކުރުވަނީ ކޮން އިހުސާސްތަކެއް ކަމެއް ރަމްލާއަކަށް ވެސް ޔަގީނެއް ނޫނެވެ.

"ރަމީ...! ދަރިފުޅާ...!" ދެމައިންނަށް ވަކިވަކިން ފައިސަލް ގޮވާލިއެވެ. ވިއްސަކަށް އަހަރު ފަހުން ރަމްލާއާ ބައްދަލުވީ ނަމަވެސް، ފައިސަލަށް ރަމްލާއެއް ނޯޅޭނެއެވެ. ރަމްލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރަންވީ ކަމެއް ނުވިސްނިފައެވެ. އެ ދެމެދުގައިވީ ނުތަނަވަސްކަން ފިލުވާލީ ރީޝާ ވާހަކަ ދައްކަން ފެށުމުންނެވެ. ހާލު އަހާލައި، ގެ ހޯދި ގޮތެއް ވެސް ރީޝާ އަހާލިއެވެ. އެ ދެމައިން ފައިސަލް ބަލައިގަންނާނެ ގޮތެއް ފައިސަލް އަށް ނޭނގި ޖެހިލުންވެ ހުރެ، އޯގާތެރިކަމާއެކު ފައިސަލް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

ރީޝާ މާލެއިން ފައިސަލްއާ ދިމާވި ދުވަހު މަންމަ ވީ ރަށާއި ގެ ބުނެދިންކަން ރީޝާ އެ ވަގުތު ހަނދާން ނެތީ ކަންނޭނގެއެވެ.

"ދަރިފުޅާ!" ބައްޕަ އަށް ހުރިހާ ކަމެއް ވެސް އެނގޭ. މަންމަ ބައްޕައާ ދުރަށް އައިސް އުޅޭ ސަބަބު ވެސް ބައްޕަ އަށް އެނގޭ،" ފައިސަލް ޔަގީން ކަމާއެކު ބުންޏެވެ.

ރަމްލާ ހައިރާންވިއެވެ. ދޮންތަ ނޫނީ އާދިލް ފައިސަލްއާ އެވާހަކަ ހިއްސާ ކުރީ ބާވައޭ ރަމްލާގެ ހިތަށް އެރިއެވެ. ހަމަ އެވަގުތު އެއީ ކުށްހީއެކޭ ވެސް ރަމްލާއަށް ހީވިއެވެ. އެމީހުން އެ ވާހަކަ ދައްކާނެ ނަމަ ދައްކާނީ މިއަދަކު ނޫންތާއެވެ.

"ގެއަށް ވަންނާކަށް ވެސް ނުބުނާނަންތަ؟ މިހާރު އަހަރެން މީ ރަމްލާއަށް މުހިންމު މީހެއް ނޫންތަ؟" ފައިސަލް ސަމާސާ ރާގަކަށް އަހާލިއެވެ.

"ނޫނޭ. ތީ ހަމަ ކުރިން ވެސް މުހިންމު މީހެއް. މިހާރު ވެސް މުހިންމު. އެކަމަކު، ފައިސަލް އަށް ކޮން ކަމެއް އެނގުނޭ ތި ބުނީ؟" ރީޝާއަށް ދަރިފުޅޭ ބުނުމުން ރަމްލާ އަށް ވިސްނުނީ އަދި ފައިސަލް އަށް ހަގީގަތް ނޭނގެނީ ކަމަށެވެ.

"ދޮންބެ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. ދޮންބެ މިހާރު ވަރަށް ބަލި. ހޮސްޕިޓަލުގަ މިހާރު ވެސް އޮތީ. ހުރިހާ ވާހަކައެއް ކިޔައިދީފަ މާފަށް ވެސް އެދުނު. އަހަރެން މި އައީ ތި ދެމައިން ބަލާ. ރަމްލާގެ މާފް ވެސް ހޯދަން އެދުނު. އަހަރެން މި އައީ އެ މާފު ހޯދާކަށް ނޫން. އަހަރެން ވެސް ދޮންބެގެ ކުށް ބަލައެއް ނުގަންނަން. އެކަމަކު، މިއަދު ތި ދެމައިންނާ ބައްދަލުވާން ފުރުސަތު މި ލިބުނީ ދޮންބެ އެންމެ ފަހުން އެކަން ވެސް ކިޔައިދިނީމަ. އާދިލްއާ ވެސް ދިމާވެ ތި ދެމައިންގެ ހަބަރުތައް އޮޅުންފިލުވާލިން. ހަޔާތުގެ ބާކީ އޮތް ބައި އަހަރެން ބޭނުންވަނީ ތި ދެމައިންނާ އެކުގަ ހޭދަ ކުރަން،" ފައިސަލްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެކަމަކު، އޭނާ ތި ވާހަކައެއް ކިޔައިދިން ނަމަ ކީއްވެ ރީޝާއަށް ދަރިފުޅޭ ތި ބުނީ؟" ރަމްލާ އަށް އަދިވެސް ފައިސަލްގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ.

"އަހަރެންނަށް އެނގޭ ރަމްލާ ބަލައިގެން ތި އުޅެނީ މިއީ އެކަމާ ގުޅުން ހުރި ދަރިއެއް ކަމަށް ކަން. އެކަމަކު، ދޮންބެ އަކީ މާ ކުރިން ދިމާވި އެކްސިޑެންޓަކަށް ފަހު ކުރަން ޖެހުނު އޮޕަރޭޝަނެއްގެ ސަބަބުން ކުދިން ލިބުމުގެ ފުރުސަތު ގެއްލިފައި ހުރި މީހެއް. އެހެންވީމަ ރަމްލާއަށް ކުރެވިގެން ތި އުޅެނީ ކުށް ހީއެއް."

ރަމްލާ އަށް ކުރެވުނު އިހްސާސް ބުނެދޭނެ ގޮތެއް ނޭނގުނެވެ. އުފަލުން ގޮސް ރީޝާ ގައިގައި ބައްދާލިއެވެ. ފައިސަލް ވެސް އެ ދެމައިންގެ އުފަލުގައި ބައިވެރިވިއެވެ. ހިތާމަ އާއި އެކަނިވެރިކަމާއި ހިތްދަތިކަމުގައި ހޭދަވި ދުވަސްތައް މާޒީއަށް ހަދައި އާ ހަޔާތެއް އާބާދު ކުރުމުގެ އުފާވެރި އުންމީދުގައެވެ.

- ނިމުނީ -

އިތުރު ވާހަކަ

ކޮމެންޓް (1)

މަގޭ

4 މޭ 2023
ހާދަ އަވަސް ކޮށްލާފަ ތިނިންމާލި
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް