Majlis 2024

ވާހަކަ: ހަޔާތުގެ ސިއްރު

ވާހަކަ

ވާހަކަ: ހަޔާތުގެ ސިއްރު

އެޕިސޯޑް 21

ރަށަށް ދާން ބޭނުންވި ނަމަވެސް، މަންމަގެ ހިތްހަމަނުޖެހުމާ ކުރިމަތިލާން އަދި ފައިސަލްގެ މަންމަގެ އާދޭހަށް ގޮންޖަހަން ރަމްލާ ބޭނުންނުވީއެވެ. ރީޝާއަށް ވެސް ރަމްލާ އެކަން ވިސްނައިދިނެވެ. އަދި މޭޒު ކައިރިއަށް ގޮސް، ފެން ތައްޓެއް ބޯލިއެވެ. އަދި ރަމްލާގެ ހަޔާތުގެ ސޮފްހާތަކުން ރީޝާއަށް އިތުރަށް އޮޅުން ފިލުވައިދިނެވެ.

އެ ދުވަހު ރަމްލާ ދާން ބޭނުން ކޮންމެ ތަނަކަށް ދެމައިން ގޮވައިގެން ދާން ފައިސަލް ހުރީ ތައްޔާރަށެވެ. އެ ދެމައިންނަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް ފައިސަލް ފަސް ނުޖެހޭނެކަން ރަމްލާ އަށް ވެސް އެނގެއެވެ. އެކަމަކު ދުވަހަކު ވެސް އެ ދަރިފުޅު އެއީ ފައިސަލްގެ ދަރިއަކަށް ނުވާނެތީ، ފައިސަލް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓަން ރަމްލާ ބޭނުން ނުވީއެވެ. ރީޝާއަށް ވިސްނައިދިނީ އެކަމެވެ. އަދި ފައިސަލްގެ މަންމަގެ އެދުމާ ހިލާފަށް، ފައިސަލްގެ އާއިލީ ދިރިއުޅުމާ ވަކިކޮށް ދުރު ރަށަކަށް ދިރިއުޅުން ބަދަލު ކޮށްފި ނަމަ އެކަމުގެ ހިތްހަމަނުޖެހުން ފައިސަލްގެ މަންމަ އާއި އާއިލާގެ މީހުންގެ އޮންނާނެއެވެ. އެ މީހުންގެ ބަދު ބަހެއް ވެސް ލިބެން ރަމްލާ ބޭނުމެއް ނުވެއެވެ.

ރަމްލާގެ މަންމަގެ ހިތުގައި އޮތް ހިތްހަމަނުޖެހުން އެކި ގޮތްގޮތުން އެނގެން އޮތުމުން، މަންމަ ގާތަށް ދިޔުން ވެސް ރަމްލާއަކަށް ކަމަކު ނުދިޔައެވެ. ރަމްލާ ކަންތައް ކުރަމުން ދާގޮތާމެދު ރަމްލާގެ ކުށެއް ނެތި ކުށްހީ އެންމެން ކުރަމުން ދާތީ ރަމްލާ ބޭނުންވީ އެ އެންމެން ގެ ދިރިއުޅުމާ ދުރަށް ދާށެވެ. ފައިސަލްގެ ހަޔާތުން ވެސް އަބަދުގެ އަބަދަށް ދުރަށް ދާށެވެ. އެއިން އެއްވެސް މީހަކަށް ރަމްލާގެ ސަބަބުން އިތުރު ތަކުލީފެއް ނުޖައްސައި އަމިއްލަ މަގެއް ހޯދާށެވެ. ރަމްލާއަށް އެނޫން ގޮތެއް ނުވިސްނުނެވެ.

އެ އެންމެންގެ ދިރިއުޅުމާ ދުރަށް ދާނެ ގޮތެއް ހޯދަން ރަމްލާ ވަރަށް ވިސްނިއެވެ. ނަމަވެސް ރަމްލާ ހުރި ހާލަތުން އެފަދަ ގޮތެއް އަމިއްލައަށް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރަމްލާ ބޭނުންވާ ފަދައިން، "ފިލައިގެން ދާން" އެހީއަށް އެދޭނީ ވަކި ކާކު ގާތުން ހެއްޔެވެ؟ އެކަމަށް އެހީތެރިވާނެ މީހަކު ހުންނާނެ ބާއެވެ؟ އެކަމުގެ މަގުސަދުގައި ރަމްލާ އެކިއެކި މީހުންނާ ބައްދަލު ކުރެއެވެ. ޕާކުތަކާއި މައިޒާންތަކުންނެވެ. ނުދަންނަ މީހުންނާ ވެސް ވާހަކަ ދައްކާ ހަދައެވެ. ދުރުދުރުންނެވެ. ދުވަސްތައް ފާއިތުވަމުން ދާއިރު ވެސް ރަނގަޅު ސިގްނަލެއް ނުލިބެއެވެ.

ރަމްލާއަށް އާދިލާ ދިމާވީ ވެސް އެފަދަ މައިޒާނަކުންނެވެ. އާދިލަކީ ދޮންތަގެ ވަރަށް ގާތް ރައްޓެއްސެކެވެ. އޭނާ މާލޭގައި ހުރިއްޔާ ދޭތެރެ ދޭތެރެއިން ދޮންތަގެ ގެއަށް އަންނާނެއެވެ. އެގޮތުން ރަމްލާ އަށް ވެސް އާދިލާ ކުރިން އޮތީ ދިމާވެ، ފަރިތަވެފައެވެ. ރަމްލާއަށް ވިސްނުނު ގޮތުގައި ރަމްލާގެ ދިރިއުޅުމުގައި ދެން ދާންވީ މަގުގައި އާދިލަށް އެހީތެރިވެވިދާނެއެވެ. އާދިލުގެ ރަށާ ބެހޭ ގޮތުން ރަމްލާ އާދިލުއާ ސުވާލު ކޮށް އޮޅުންފިލުވިއެވެ. އާދިލު ހީކުރީ އާއިލާ އާއެކު ޗުއްޓީ ދަތުރެއް ރާވަން އުޅެނީ ކަމަށެވެ. ރަމްލާގެ ދޮންތަ ރަމްޒާ ގާތުގައި ވެސް އެރަށަށް ދާން އެތައް ފަހަރަކު އާދިލު ވަނީ ކުރިން ދައުވަތު ދީފައެވެ. ނަމަވެސް އަދި ދެވޭ ގޮތެއް ނުވެއެވެ. އާދިލު ރަމްލާއަށް އެވާހަކަ ވެސް ކިޔައިދިނެވެ. ރަމްލާ ހުރީ ހިތްބިރުގެންފައެވެ. ހިތް އަވަސްވެފައެވެ. ރަމްލާ ހުރީ އަސްލު މައުލޫއަށް އަނބުރާލާނެ ގޮތެއް ނޭނގިފައެވެ. އެކިއެކި ވާހަކަ ދައްކަން ތިއްބާ، އާދިލު ކޮންމެވެސް ތަނަކަށް ދާން ޖެހުނެވެ. އާދިލު ދިޔުމުގެ ކުރިން ރަމްލާމެން އުޅޭ ދޮންތަމެން ގެއަށް އަންނަން އާދިލުއަށް ރަމްލާ ދައުވަތު ދިނެވެ.

ޖެހިގެން އައި ދުވަހު މެންދުރު ރަމްލާ ކޮޓަރިން ނުކުތް އިރު ކާމޭޒު ދޮށުގައި އާދިލު އިނެވެ. އޭރު ދޮންތަ ފެންނާކަށް ނެތެވެ. ރަމްލާ އަވަސް އަވަހަށް ގޮސް މޭޒުކައިރީ އިށީނެވެ. ކުރީ ދުވަހުގެ ވާހަކައިގެ މެދު ތެރެއިން ދާން ޖެހުނީތީ އާދިލު މާފަށް އެދުނެވެ. އަދި ޗުއްޓީގެ ކަންކަން ރާވަމުން ދަނީ ކިހިނެއްތޯ އާދިލު އަހާލިއެވެ. އަދި، ފައިސަލްއާ އެވާހަކަ ދައްކައިފިންތޯ ވެސް އެހިއެވެ.

ހިތްވަރު ކޮށްފައި ރަމްލާ ސީދަލަށް ބުންޏެވެ.

"އަހަރެން ދާން މިއުޅެނީ ޗުއްޓީ ހޭދަކުރާކަށް ނޫން. ފައިސަލް ގޮވައިގެން ދާކަށް ވެސް ނޫން. އަހަރެންނާއި އަހަރެންގެ ދަރިފުޅާ އެކަނި. އާދިލު ބުނެބަލަ އަހަރެމެން ގެންދާނަމޭ."

"އާނ ގެންދާނަން. ފައިސަލް ގާތުން ހުއްދަ ހޯދާ. އަހަރެން ހަމަ މިރޭ ވެސް ފުރާ އެއްޗަކުން ތި ދެމައިން ގެންގޮސްދީފާނަން." އާދިލަށް އަދިވެސް މުޅިއަކުން ނުވިސްނެއެވެ.

"އަހަރެން ދާން މިއުޅެނީ ފައިސަލަށް ނާންގާ. އަންގާކަށް ބޭނުމެއް ވެސް ނޫން. ތިރަށަށް އަހަރެން ދާން ބޭނުންވަނީ ދިރިއުޅެން. ދެން ދުވަހަކު ވެސް އެނބުރި ނާންނަ ގޮތަށް. މުޅި އުމުރަށް،" ރަމްލާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

އާދިލު ދިޔައީ ސިއްސައިގެންނެވެ. ހަދާލެވުނު ގޮތަކުން މޭޒުމަތީގައި ހުރި ފެން ތަށީގައި އަތް ޖެހި ތަށި ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. ކުދިކުދި ފުޅިތޮށިތައް މުޅި ތަނަށް ބުރައިގެން ދިޔައެވެ. ވިއްސައިގެން ދިޔަ ފުޅިތޮށިކޮޅަކުން ޖެހި އާދިލުގެ މުލައްދަނޑިން ލޭ އަންނަން ފެށިއެވެ. އޭނާ، ރަމްލާގެ ކުލަ ފަނޑުވެފައިވާ މޫނަށް ބަލައިލިއެވެ. ފައިސަލްއާ ކައިވެނި ކުރިއިރު ރަމްލާގެ މޫނުން ފެނުނު އުޖާލާކަން ގެއްލިފައިވާކަން އާދިލަށް ފުރަތަމަ ފަހަރަށް ފާހަގަވިއެވެ. ރަމްލާގެ ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނައިގައި ވަރަށް ބޮޑެތި ސިއްރުތަކެއް ފޮރުވިފައި ވާކަން އެނގެއެވެ. އާދިލު އޯގާތެރިކަމާ އެކު ރަމްލާއާ ވާހަކަ ދެއްކިއެވެ.

"ރަމްލާ. ފައިސަލްއާ ވަކިވަނީތަ؟" އާދިލު އެހިއެވެ.

"އާނ. އަހަރެން ފައިސަލްގެ ހަޔާތާ ދުރަށް ދަނީ އަބަދުގެ އަބަދަށް."

"ރަމްލާ ތިޔަ ނިންމީ ފައިސަލް ކައިރިން ވަރިވާންތަ؟ ފައިސަލް އުޅެން ހުއްޓައި ވަރިވާން ރަމްލާ އުޅޭއިރު ދަރިފުޅާ މެދު ވިސްނާލިންތަ؟ އެ ކުއްޖާ، ބައްޕަގެ ލޯބިން މަހުރޫމް ކުރަން ތި އުޅެނީ ރަމްލާއަށް ކޮން މޮޅު ގޮތެއް ފެނުނީ؟ ރަމްލާ ދެން އިންނަ މީހަކު ދަރިފުޅު ދެކެ ފައިސަލް ވީ ލޯބި ވާނެތަ؟ އެންމެ ފަހަރަކު ވެސް ރަމްލާ ވިސްނާލަބަލަ،" އާދިލް ގާތު ރަމްލާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވޭ ހިސާބުގައި ހުރި ރަމްޒާ އައިސް ރަމްލާއާ ސުވާލު ކުރިއެވެ.

"އަހަރެން ހިތަށް އަރާ ރަމްލާ ކީއްވެ އުޅޭ ގޮތެއް ބާއޭ. ރަމްލާއަށް ފައިސަލްއަށް ވުރެ ކަމުދާ އެހެން މީހެއް ފެނުނީ ބާއޭ. ފައިސަލް ރަމްލާޔާ ހެދި ކޮންމެ ގޮތެއް ވަރިހަމަ ވެގެން ވެސް އެއުޅެނީ. އެކަމަކު މީނަގެ ހިތަށް އެއްވެސް އަސަރެއް ނުކުރޭ. އެހާ ހަރުދަނާ، މީހަކު، އެހާ ހިތްތިރި، ސާދާ، އޯގާތެރި މީހަކު އަހަރެން ނުދެކެން. ފައިސަލް މެން ފަދަ މީހުންނާ އިންނާނެ ބައިވަރު ކުދިން ތިބޭނެ. އެކަމަކު އެ ނަސީބު ރަމްލާޔަށް ލިބުނީތީ އަހަރެން ޝުކުރު ކުރިން. ނިއުމަތަށް ޝުކުރު ނުކުރާ މީހެއް ގޮތަށް ރަމްލާ ވާން ބޭނުން ވަނީ. ރަމްލާ ފައިސަލްއާ ވަކިވިޔަސް އެކަމުގެ ހުރިހާ ގެއްލުމެއް ވާނީ ރަމްލާ އާއި ދަރިފުޅަށް،" ރަމްޒާގެ ޝަކުވާތަކެއް ނުހުއްޓުނެވެ.  

"ހުއްޓާލާ ދޮންތާ! ދެން ހެޔޮ. އަހަރެންގެ ކަންފަތަކަށް ކުޅަދާނައެއް ނޫން. އަހަރެންނަށް ފައިސަލްގެ ހުރިހާ ކަމެއް ރަނގަޅު. އަހަރެން ލޯބިވާ ދެވަނަ ފިރިހެނަކު ނުވޭ. ދުވަހަކު ވެސް ފައިސަލް ނޫން މީހަކު އަހަރެންގެ ހަޔާތަކަށް ނުގެންނާނަން. އަބަދުވެސް ރަމްލާ މީ ފައިސަލްގެ އަންހެނުންގެ ގޮތުގައި އިނުން ބޭނުން ވަނީ. ފައިސަލް ވެސް އަހަރެން ނޫން ދެވަނަ މީހެއް ދެކެ ލޯތްބެއް ނުވާނެ. އަހަރެންނަށް އޭނާގެ ފަރާތުން އެއްވެސް ހިތާމައެއް ނުލިބޭ. ފައިސަލްގެ ފަރާތުން ލިބޭ ކޮންމެ އުފަލަކީ އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ބޭނުންވާނެ ކަންކަން. ހުރިހާ ގޮތަކުން ވެސް އަހަރެންނަށް ކަމުދަނީ ފައިސަލް. ފައިސަލްއާ ވަކިން އުޅެން އަހަރެންނަކަށް ފަސޭހައެއް ނޫން. ދެން ވެސް ފަސޭހައެއް ނުވާނެ. އޭނާގެ ކިބައިން ލިބޭ އެއްވެސް އުފަލެއް އެހެން މީހެއްގެ ކިބަޔަކުން އަހަރެންނަކަށް ނުލިބޭނެ. އެކަމަށް އަހަރެންގެ ހިތް ދުވަހަކު ވެސް ނޭދޭނެ. އެކަމަކު އަހަރެންނަށް މިހާރު އެ ހަޔާތާ ވަކިވާން މަޖުބޫރު ވެއްޖެ،" ރަމްލާ، އެއްވާނަކަށް ހުރިހާ ވާހަކައެއް އަމުނާލި އިރު، ދޮންތަ އާއި އާދިލު ތިބީ ހައިރާންވެ އިތުރު ތަފްސީލަށް ބޭނުންވެފައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް