Majlis 2024

ިއިލަސްޓްރޭޝަން: ސައްޔާފު ޒަނީން

ވާހަކަ

ވާހަކަ: ޕަޅަންދީޕާ - ދެ ވަނަ ބައި

ދެވޭނުދެވޭ ތަނެއް ނޭނގި، ދުވަމުން ވަރުބަލިވަމުން ގޮސް ނާޖިލާ އޭނާގެ ދެ ކަކޫ މައްޗަށް ވެއްޓިގަތެވެ. ފަހަތުން މީހަކު އަންނަކަމުގެ އެއްވެސް ލިސާނެއް މިހާރަކު ނުވެ އެވެ. އެކަމަކު އަޔަސް އޭނާއަށް މިހާރު ވަރިހަމައެވެ. ފިލަން ދުވާނޭ ހިތްވަރެއް އަދި ބުންވަރެއް ވެސް އޭނާގެ ނެތެވެ. މާނޭވާލަމުން ގޮސް މާހުއިގެ ތެރޭގައި އޭނާ ޖައްސާލި އެވެ. ތަރިތަކުން ވިދައި ބަބުޅަމުން ދިޔަ އުޑުމަތި އޭނާއަށް އޭރު ފެންނަނީ ކަޅު ހިޔަނިތަކެއްގެ ގޮތުގައި މަޑުމަޑުން ހެލެމުން ދިޔަ ރުކާއި ފަންތަކުގެ ތެރެއިންނެވެ. އޭނާ އެ އޮތީ ބޮޑު ރުއްފަލެއްގަ އެވެ. ހަނދުވަރުގެ ރިހިއަލިކަމެއްގައި ކޮކާހަނދުވަރުގެ ހިމޭން ނެއްޓުމެއްގެ ތެރޭގައި ތާށިވެފަ އެވެ.

އެހެން އޮއްވައި ލޮލުފިޔަޖެހުނު އިރެއް ނޭނގެ އެވެ. ނުވަތަ ޚަބަރު ހުސްވީ ތޯއްޗެވެ.

ނާޖިލާއަށް ހޭވެރިކަންވީ ބަޔަކު މީހުން ވާހަކަ ދައްކާ އަޑަށެވެ. ހިނގާބިނގާވެ އުޅޭ އަޑަށެވެ. ލޯ ހުޅުވައި ބަލައިލުމުން އެންމެ ފުރަތަމަ ފެނުނީ ދޮން ރުއްތަކެއްގެ ފަނެވެ. ފުންމައިގެން ތެދުވިއިރު ކައިރީގައި އޮތް ރުއްގުޅިއެއްގައި ޖައްސާލައިގެން އިނީ ޒުވާން ފިރިހެނެކެވެ. މައުދަނީ ހެދުން އަޅައިގެން ސިލްވަރުގެ ކަނޑިއެއް ހިފައިގެން، އޭނާއާ ދިމާލަށް ކަޅިއަޅައިގެންނެވެ. އޭނާގެ ފަހަތުގައި އިތުރު ދެ މީހަކު މަޑުކޮށްލައިގެން ތިއްބެވެ. ހަމައެގޮތަށް ލޮއިން ދަހަނާ އަޅައިގެންނެވެ. ކަނޑިތައް އުރައިން ދަމައިގަނެ ނާޖިލާއާ ދިމާލަށް ހުއްޓިގެންނެވެ.

އެއީ ހާތޫރު ވަންސައިގެ ތަހުތަށް ވަފާތެރި ސިފައިންނެވެ. ވީރަދޭވާގެ ސިފައިންނެވެ. އެމީހުން ނާޖިލާ ގޮވައިގެން ގެންދިޔައީ ރަސްމަހަލްގެ މައި ޝަހަރަށެވެ. ހިރިގަލުގެ ބޮޑުފާރަކާއި ބުރުޒު ބަޑީގެ ހިމާޔަތުގައިވީ ހާތޫރު ތަހުތުގެ އެތެރެކޮއިލަށެވެ. ސަންގުމަރުމަރު ހިލައިގެ ދަރުބާރަށެވެ. ވީރަދޭވާގެ ތަހުތާ ދެކޮޅު ޖާސޫސެއް ކަމަށް ބުނެ އެވެ. ކޮއިމަލާކަލޯއަށް ވަފާތެރި ހަނގުރާމަވެރިންގެ ފައުޒަކަށް ދިން ހަމަލާއަކަށް ފަހު އަތުލައިގަތް އަސީރެއް ކަމަށް ބުނެ އެވެ.

ނާޖިލާއަށް ހުރެވުނީ ވާނުވާ ނޭނގިފަ އެވެ. ކިޔާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. އަންތަރީސްވެ ހުއްޓުން އަރައިފަ އެވެ. ބޯކިރު ކުލައިގެ އެ ދަރުބާރުގައި ހަމަ ރަނގަޅަށް ވެސް ބޯގޮވައިފަ އެވެ. ލޯމައްޗަށް ސިފަވަމުން ދިޔަ މަންޒަރާއި ވަށައިގެން އޮތް މާހައުލު ތެރެއިން އިވެމުން ދިޔަ އަޑުތައް ހުވަފެނެއްގެ އިހުސާސާ އެކު އޭނާގެ މުޅި ގަޔަށް ހީބިހި އަރުވަމުން ދިޔަޔަސް އެއީ ހުވަފެނެއް ނޫންކަން އޭނާ އަށް ޔަގީންވާތީ އެވެ.

ހަތިޔާރު އަޅައިގެން ރިހިކުލަ އާއި ލޮއި މައުދަނުގެ ހެދުން އަޅައިގެން ނާޖިލާއާ ދިމާލަށް ލޯއަޅައިގެން އެ ތިބީ ދަރުބާރުގެ އެންމެ އެތެރެއިން ފެންނަން އެހެރަ ހާތޫރު ތަހުތުގެ ނުރައްކާ ސިފައިންނެވެ. އަޅައިގެން ތިބި ހެދުންތަކާއި ހަތިޔާރުތަކަށް ބަލާއިރު އެމީހުން އެންމެ ވައްތަރީ ސިފައިންގެ ފައުޒުތަކުގެ އިސް ކޮމާންޑަރުންނާ އެވެ. ސެނާފަތިން ނުވަތަ ޖެނެރަލުންނާ އެވެ.

ކުއްލިއަކަށް ފުމެގަތް ތާޅަފިއްޔެއްގެ ތޫލި އަޑާ އެކު އެމީހުން ސަފުސަފަށް އެތުރިގަތެވެ. އަދި ދަރުބާރު ތެރޭގައި ދެ ފަޅިއަށް، ދެ ސަފަކަށް ބެހިގެން ގޮސް ހިމޭންވެގަތެވެ. އެއާ އެކު މާދުރުން ނާޖިލާގެ ލޮލުގައި އަޅައިގަތީ ބޮޑު ކޮޓަރިއަކުން ނުކުމެގެން ގޮސް، ދުރުން ފެންނަން ހުރި ސަންގުމަރުމަރު ހިލައިގެ ތަހުތަށް އަރާވަޑައިގެންނެވި ދެބައި އުމުރުގެ ފިރިހެނެކެވެ. ޔަގީނަށް ވެސް އެއީ ރަސްކަލެކެވެ. އެއީ ގަދަފަދަވެގެންވީ ހާތޫރު ވަންސައިގެ މަހާރަދުން ވީރަދޭވާ އެވެ. ނާޖިލާއަށް އެކަން ޔަގީންވީ އިއްވަން ފެށި އިއްވުންތަކާ އެކުގަ އެވެ.

ހާސްކަން އައިސް ނާޖިލާގެ ނޭވާގައި ބައްދައިގަތެވެ. އެވަގުތު ފަހަތުން އައި ސިފައިންގެ މީހަކު އޭނާގެ ބުރަކަށީގައި ބާރަކަށް އަތް އަޅައި ކުރިއަށް ކޮށްޕާލި އެވެ. ވެއްޓި ޖެހުނު ގޮތަށް އޮވެފައި އިސްއުފުލައި ބަލައިލުމުން އޭނާގެ ލޮލުގައި އަޅައިގަތީ ވަރަށް ރީތި ފިރިހެނެކެވެ. އެކަމަކު އެއީ މި ދަރުބާރުގައި ކުރިއަށް ދިޔަ ހާއްސަ ސައްލާގެ ބައިވެރިއެއް ނޫނެވެ. އެ ސައްލާގެ މަޖިލީހުގެ މަތީ ފަންގިފިލާއެއްގައި މަޑުކޮށްލައިގެން، ޝައުގުވެރިކަމާ އެކުގައި ނާޖިލާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ޒުވާނެކެވެ. އެންމެ ވައްތަރީ ޝާހީ ޚާންދާނުގެ ބޭފުޅަކާ އެވެ.

ނާޖިލާގެ ސަމާލުކަން އަނެއްކާވެސް ދަރުބާރު ތެރެއަށް އެނބުރިގެން އައީ ކުއްލިއަކަށް ފުމެގަތް ތާޅަފިއްޔެއްގެ އަޑާ އެކުގަ އެވެ. އަދި ސިފައިންގެ ހަރުކަށިކަމުގައި ދަމަމުން، ކޮއްޕަމުން، ކޫއްތަމުން ގެނެސް އޭނާއާ އެއް ސަފަކަށް މުޅި ދަރުބާރު ތެރޭގައި އަތުރަމުން ދިޔަ އެހެން އަންހެނުންނާއި ފިރިހެނުން ފެނިގެންނެވެ. އެއީ ވެސް އަސީރުންނެވެ. ނުވަތަ ތަހުތާ ދެކޮޅު ޖާސޫސުންނެވެ. ތަހުތާ ދެކޮޅު ޖާސޫސުންނަށް އިއްވާ ހުކުމަކީ މަރުގެ ހުކުމެވެ.

އެ ހުކުމަށް ފަހު ބައެއް މީހުންގެ ކަރު ވަގުތުން ބުރިކޮށްލެވެ އެވެ. އަނެއް ބަޔަކު، މުޑުދާރުވެގެންވީ ކުޑަގޮޅިއެއްގައި ބަންދުކޮށްފައި ބައިތިއްބަ އެވެ. ދަންޖައްސައިގެން އެމީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރަނީ އޭގެ ތިރީސް ދުވަސް ފަހުންނެވެ. ނަމަވެސް ނާޖިލާ ވެގެންދިޔައީ އާދަޔާހިލާފު މައްސަލައަކަށެވެ. އާދަޔާހިލާފު އަސީރަކަށެވެ. އަދި ވަކިން ހާއްސަކޮށް ހާތޫރު ތަހުތުގެ ވަލީ އަހުދުގެ ސަމާލުކަން އޭނާއަށް ލިބުނު ހިސާބުން ފެށިގެންނެވެ.

ސަންގުމަރުމަރު ދަރުބާރުގެ އުސް ފަންގިފިލާއެއްގައި މަޑުކޮށްލައިގެން ހުއްޓައި އެ ދުވަހު ނާޖިލާއަށް ފެނުނު ޒުވާނަކީ މި ވަލީ އަހުދެވެ. ނަމަވެސް ވަލީ އަހުދުގެ ޝައުގުވެރިކަން ނާޖިލާއާ ދިމާލަށް ދަމައިގަތީ އެ ދަރުބާރަކު ނޫނެވެ. ވެރިކަމުގެ މި ރަސްމަހަލް ޝަހަރުގެ ބޭރުގައި އޮތް ރުއްފަލުން ހޮވައިގެން ގެނެވުނު ދަބަހެއްގެ ތެރެއިން ފެނުނު ލިޔެކިޔުންތަކަކާއި ގޮތް ނޭނގޭ ކުދިކުދި އާލާތްތަކެއް އުފަންކުރުވި ޝައުގުވެރިކަމަކުންނެވެ. ގޮތް ނޭނގޭ އެ ސާމާނާއި އާލާތުގެ ވެރިޔަކީ ނާޖިލާކަން ވަލީ އަހުދަށް އޭނާގެ އިސް މުޝީރު ކަށަވަރުކޮށްދިން ހިސާބުންނެވެ.

އެއީ ތިރީސް ވަނަ ދުވަހުގެ ރެ އެވެ. ފެންވަރުގައި ނަލަކޮށް، ގަނޑުވަރުގެ މެހެމާނުންނަށް ހާއްސަ ފަށުއީގެ ހެދުމެއް ލައްވައިގެން ނާޖިލާ އެރޭގެ މެންދަމުގައި ގެންދެވުނީ ވަލީ އަހުދުގެ ސިއްރު ކޮޓަރިކޮޅަކަށެވެ. ނާޖިލާއަށް ހުރެވުނީ ބިރުގަނެ ހަދާނެ ގޮތް ހުސްވެފަ އެވެ. އެއްވެސް މީހަކު އޭނާއާ ވާހަކައެއް ނުދައްކަ އެވެ. އަދި ބަޔަކު ވާހަކަ ދައްކާ އަޑު އިވުނަސް އެ މީހުން ދައްކާ ވާހަކައެއް އެންމެ ރަނގަޅަކަށް ފަހުމެއް ވެސް ނުވެ އެވެ. އެވޭލާ ދިވެއްސާ ސިކުނޑިއާ ދެމެދުގައިވީ ބީރައްޓެހިކަން ހީކުރިވަރަށް ވުރެން ގޯސްވީމަ އެވެ.

ނާޖިލާ ގޮވައިގެން ގޮސް ކޮޓަރިކޮޅަށް ވެއްދުމަށް ފަހު ނޯކަރު އަންހެން ކުއްޖާ އަދަބުވެރިކަމާ އެކު އިސް ދަށަށް ޖަހައިގެން އެނބުރި ގޮސް ދޮރު ލައްޕައި އެތަނުން ގެއްލިއްޖެ އެވެ. މިހާރު އެ ކޮޓަރިކޮޅު ތެރޭގައި އެ ތިބީ ނާޖިލާ އާއި ދަނަސޫރާ އެކަންޏެވެ. ދަނަސޫރާ އަކީ ހާތޫރު ތަހުތުގެ ޒުވާން ވަލީ އަހުދެވެ.

އޭނާ ގޮސް މަޑުކޮށްލައިގެން އެ ހުރީ ބޭރަށް ހުޅުވާލާފައި ހުރި ކުޑަދޮރު ކައިރީގަ އެވެ. ދެ ފަރާތަށް ކަހާލާފައިވާ ހުދު ފަށުއީގެ ތުނި ދޮރުފޮތިތައް ފިނި ރޯޅިއެއްގައި މަޑުމަޑުން ހެލެމުންދިޔައިރު މުޅި އެކޮޓަރިކޮޅު ދިއްލިފައި ވަނީ ހަނދުވަރުގެ ރިހި އަލިންނެވެ. ސާދަވިލޭރެއެއްގެ އެ ހަނދުވަރާ އެއްފަދަ އެހެން އެއްވެސް އަލިކަމެއް އެ ކޮޓަރިކޮޅު ތެރޭގައި ނުވެ އެވެ. ނަމަވެސް ވިލާގަނޑެއްގެ ނިވަލަށް ވަދެ ގެއްލުނު ސާދަވިލޭރޭގެ އެ ހަނދު ދަނަސޫރާއަށް ދެން ހީވީ އޭނާގެ ކޮޓަރިކޮޅު ތެރެއިން ކުއްލިއަކަށް ފައުޅުވިހެންނެވެ. ކުޑަދޮރު ކައިރީގައި ހުރެފައި އެނބުރިގަތް ވަގުތު، އުށްބައްތީގެ ރަން ކުލައިން ދިއްލާފައި އޮތް ކޮޓަރިކޮޅު ތެރޭގައި ހުއްޓި އިސް ދަށަން ޖަހައިގެން ހުރި ނާޖިލާ ފެނުނު ހިސާބުންނެވެ. އެ ބުރުސޫރަ އާއި މޫނުގައި ވަނީ އޭނާ ދުވަހަކު ވެސް ދެކެފައިނުވާ ފަދަ ރީތި ކަމެކެވެ. އޮމާންކަމެކެވެ.

ކޮޓަރި ތެރެއަށް ކުއްލިއަކަށް ވަދެ އެނބުރިގަތް ފިނި ރޯޅިއަކާ އެކު ނާޖިލާގެ ފަށުއީގެ ހެދުން ނަށައިގަތެވެ. އޭނާގެ ބޮލުގައި އޮތް ފަން އިސްތަށިގަނޑު ވިހުރިގަތެވެ. ދެ އަތުގެ ހިމަ ދިގު އިނގިލިތަކުން އެ އިސްތަށިގަނޑު މައިތިރިކުރަން ތެޅިގަތް ވަގުތު ދަނަސޫރާއާ ހަތަރު ކަޅި ހަމަވެއްޖެ އެވެ. އުށްބައްތިތައް ނިވި އެ ކޮޓަރިކޮޅު ފަނޑު އަނދިރިކަމެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެ އެވެ.

ނާޖިލާއާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެފައި ދަނަސޫރާ ކޮޓަރިކޮޅު ތެރެއަށް ވަދެގެން ގޮސް އެއްފަރާތުގައި އޮތް އަނދިރިގަނޑެއްގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ. ޓިންޑަރު ބަޑިއަކުން އަލިފާން އަޅައި އޭނާ ރޯކޮށްލީ މޭޒުމަތީގައި ހުރި އުށްބައްތީގެ ޖޯޑެކެވެ. އޭގެ ހުޅުކޮޅުގެ އަލި، ކޮޓަރި ތެރެއަށް ފެތުރިގެން ގޮސް އަނެއްކާވެސް ހަތަރުކަޅި ބައްދަލުވީ ކުރިމަތީގައި ހުއްޓިހުރި ނާޖިލާއާ އެވެ. ވިލާތައް ފަޅާލާފައި ނުކުތް ރިހި ހަނދުވަރުގެ ދަޅަ ވެސް އޭރު ކޮޓަރި ތެރެއަށް އެނބުރި އަތުވެއްޖެ އެވެ.

ދަނަސޫރާ ހުއްޓިލައިގެން އެހެރީ އޭނާގެ ފަތްފޮތްތަކުން ފުރާލާފައިވާ ރަތް ބަބުރުކެލާ ލަކުޑީގެ މޭޒު ކައިރީގަ އެވެ. އޭނާ އަކީ ނުޖޫމީ އިލްމުގެ ޝައުގުވެރިއެކެވެ. ނަމަވެސް ހަނދުވަރުގެ މި ރިހި ކޮޓަރިއަށް ނާޖިލާ ގެނައީ ތަރި ހަނދުގެ ތަރުތީބާއި ނުޖޫމީ ހުސިޔާރުކަން ސާބިތުކޮށްދޭކަށް ނޫނެވެ. މޭޒުމަތީގައި އެއޮތް ދަބަހުގައި ހުރި އެއްޗެހިތަކުގެ ހަގީގަތް ހޯދުމަށް ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމެވެ. އަދި ނާޖިލާގެ ކިބައިން ތަރި އާއި ހަނދާއި އިރުގައި ވެސް ނުވާ ވަރުގެ އާދަޔާހިލާފު ބާރެއް އޭނާ އަށް އިހުސާސުވާތީ އެވެ.

ނާޖިލާ އަކީ އެމީހުންގެ ތެރެއިންވީ މީހެއް ނޫންކަން ދަނަސޫރާއަށް ޔަގީނެވެ. އަދި ކޮއިމަލާކަލޯގެ ޖާސޫސެއް ނޫންކަން ކަށަވަރެވެ. ޕަޅަންދީޕާގެ ރަށްވެއްސެއް ނޫންކަން މުޖައްރިބެވެ. ދަނަސޫރާއަށް ޔަގީން ނުވަނީ ނާޖިލާ ނިސްބަތްވާ ތަރި އެވެ. ވަންސައެކެވެ. އަދި އޭނާގެ ކިބައިގައިވީ ބާރާއި ސިއްރަކީ ކޮބައިކަމެވެ.

އިސް މުޝީރުކަލޭގެ ބުނާ ގޮތުން ނަމަ މި އަންހެން މީހާ އަކީ ނުބައިވެގެންވީ ބާރުގަދަ ސިހުރުވެރިއެކެވެ. މި މުޝީރުކަލޭގެ އަކީ ރުއްފަލުން ނާޖިލާ ހައްޔަރުކޮށްގެން ގެންދެވުނު ހިނދު އޭނާއާ އެންމެ ފުރަތަމައަށް ސުވާލުކޮށް ތަހުގީގު ހިންގި އެންމެ އިސް ފަރާތް ވެސްމެ އެވެ. ނާޖިލާ އަކީ ސިހުރުވެރިއެއް ކަމަށް އޭނާ ގަބޫލުކުރަނީ އެ ތަހުގީގުގައި އޭނާ ދެއްކި ވާހަކަތަކަށް ނިސްބަތްކޮށެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް މަހާރަދުންގެ މުޝީރުންނަކާ އޭނާ ހިއްސާއެއް ނުކުރެ އެވެ. އެ ޚަބަރު އެންމެ ފުރަތަމަ ވެސް ގެންގޮސްދިނީ ވަލީ އަހުދަށެވެ. އަދި ރުއްފަލުން ފެނުނު މި އާދަޔާހިލާފު ދަބަހާއި އޭގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ވެސް ސިއްރިޔާތުގައި އެތެރެކުރެވުނީ ދަނަސޫރާގެ އެންމެ އެތެރެކޮއިލަށެވެ.

މޭޒުމަތީގައި އޮތް ދަބަސް ދަނަސޫރާ ހުޅުވާލި އެވެ. އެއީ ކޮން ދަބަހެއް ކަމާއި އޭގައި ރައްކާކޮށްފައި ވަނީ ކޮން އެއްޗެހިތަކެއްކަން ނާޖިލާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. މާ ކުރިން ވެސް އެނގެ އެވެ. އެއީ ވޭމަންޑޫގައި އެމީހުން ޖެހި ފޭލިގެތަކަށް ގޮސް ވެއްދި އެންމެ މުހިންމު އެއް ދަބަހެވެ.

މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ނާޖިލާ، ރަތް ބަބުރުކެލާގެ އެ މޭޒާ އަރައި ހަމަކޮށްލި އެވެ. އެވަގުތު އުށްބައްތިތައް ފޮށިގަނޑާ ގާތްކޮށް ދަނަސޫރާ އެއަށް ރަނގަޅަށް އަލިކޮށްލި އެވެ. އަލިފާނުގެ ދަޅަ އެޅި ދަބަސްތެރެ ރަން ކުލައަކުން ދިއްލިއްޖެ އެވެ. ދަބަސް ތެރޭގައި އެ އޮތީ މީގެ އެއް ހާސް އެތައް ސަތޭކަ އަހަރެއް ފަހުން ވޭމަންޑޫގެ އުސްބިމަކުން ފާޅުވި އާސާރަކުން ހޮވި 'މާފަނާވަންސަނާމާ' އެކެވެ. އެއީ ނަސަބެއް ނުވަތަ ވަންސައެއް ނެތި ނިމިގެން ދިއުމުން އެ ވަންސައަކަށް ނިސްބަތްވި ޝާހީ ޚާންދާނެއްގެ ދަރިފަސްކޮޅާއި މައުލޫމާތު ރަދުންގެ އަމުރަށް ލިޔެ ރައްކާކުރާ ހަނިދިގު ރަންފަތްކޮޅުތަކެކެވެ.

ދަބަސް ތެރޭގައި އޭގެ ފަސް ފަތްކޮޅު އޮތެވެ. އެއީ މުޅިން ވެސް ވޭމަންޑޫން ފެނުނު ފަތްކޮޅުތަކެކެވެ. އަދި ބޯދާ ދިވެހި ރާއްޖޭގެ ޝާހީ ޚާންދާނުގެ އަސްލުތައް ހޯދުމަށް ނާޖިލާ އާއި އަލާދީދީ ކުރަމުން ދިޔަ ދިރާސާތަކުގައި އެންމެ މުހިންމު ރޯލެއް ވެސް އަދާކުރަމުން ދިޔަ އާސާރީ ތަރިކަ އެވެ.

އެ ރަންފަތްކޮޅުތަކުގައި ލިޔެފައިވަނީ ޕަޅަންދީޕާގެ ރަސްމީ ހުރިހާ ލިޔެކިޔުމެއްގައި ވެސް ބޭނުންކުރާ އެވޭލާ އަކުރުންނެވެ. އެހެންކަމުން އެ ފަތްކޮޅުތަކުގައި ލިޔެފައިވަނީ ކޮން ބައެއްގެ ނަންތަކެއް ކަމާއި ނަސަބުތަކެއްކަން ހޯދުމަށް ދަނަސޫރާއަށް ނާޖިލާގެ އެހީތެރިކަން ބޭނުމެއް ނުވެ އެވެ. އެކަމަކު އޭނާގެ މުޅި ހާތޫރު ވަންސަ ނެތި ނިމިގެން ގޮސްފައިވާ ކަމަށް އެ ރަންފަތްކޮޅުގައި ލިޔެ ސިއްކަ ޖެއްސެވި ރަސްކަލަކީ ކޮބައިތޯ ބަލަން ދަނަސޫރާ އެހެރީ މިހާރު ކެތްމަދުވެފައެވެ.

އޭގައި ލިޔެފައި އޮތް ގޮތުން ނަމަ ހާތޫރު ވަންސަގެ ބައިގަރުނުވީ ތަހުތު ވެއްޓި ނިމިއްޖެ އެވެ. އެ ލޭއޮހޮރުވުން ފެށިގެން އަންނަނީ ސިލޯނު ހަނގުރާމާގައި މަހާރަދުން ވީރަދޭވާ އާއި ސެނާފަތި ލަޝްކަރު ބަލިވެ، ކަތިލައި، އަންތަރަވިއްތިކަ ޗަސްބިމުގައި ވަޅުލި ހިސާބުންނެވެ. އެހެންކަމުގައި ވަނީ ނަމަ ވަލީ އަހުދު ދަނަސޫރާގެ ޒަމާން ނިމިގެން ދާނީ އޭނާގެ ހިތް އަބަދުވެސް ދަހިވެތިވެފައިވާ ތަހުތުގައިވީ އެއްވެސް ބާރެއް މުށުތެރެއަށް ނުވެސް ލެވި އެވެ.

މާފަނާވަންސަނާމާގެ ރަންފަތްކޮޅުތަކުގައި ލިޔެފައިވީ ބިރުވެރި ވާހަކަތަކާ އެކު ދަނަސޫރާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ނާޖިލާއަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ދަނަސޫރާގެ ކިބައިން ސަލާމަތްވުމެއް ނެތްކަން މިހާރު އޭނާއަށް ޔަގީނެވެ. އަދި އެއް ހާސް އެތައް ސަތޭކަ އަހަރެއް ފަހުން ޕަޅަންދީޕާ ބަދަލުވެގެން ގޮސްފައި އޮތްގޮތް ދަނަސޫރާގެ ސިކުނޑިއަށް ވިސްނައިދޭނެ ގޮތެއް އޭނާއަކަށް ނުވިސްނެ އެވެ.

އަދި މި ބޯދާ ދިވެހިރާއްޖެ އަށް އޭނާ ވެއްޓުނު ގޮތް ދަނަސޫރާއަށް ކިޔައިދޭނެ ގޮތެއް އަމުދަކުން ހިޔާލަކަށް ވެސް ނުގެނެވެ އެވެ.

(މި ވާހަކައިގައި ދެން އޮތް ބައި މާދަމާ)

ކޮމެންޓް (4)

ޢެދުރު ފޭން

27 މާރިޗު 2023
ދެން ރީތި ހައްވަ ގެންނަން އުޅޭ. ކޮބާތަ އެދުރު
0 0

ދަންނަސޫރަ

27 މާރިޗު 2023
އޯމައިގޯވޑް… ހަމަ އޮބިނޯވޭ މި ވާހަކަ. ޓައިމްޓްރެވަލްކޮށް ދިވެހި ބޯދާ ޒަމާނަށް ހަމަ ދެވޭހެން ހީވަނީ. ޥަރަށް ވަރަށް ސަޅި މި ވާހަކަ. ހައިލީ ރިކަމަންޑަޑް އެންމެނަށް
0 0

ނަދީމް ބާއި

27 މާރިޗު 2023
@ދަންނަސޫރަ މިއީ އަޅެ ފަހެ ގޭމް އޮފް ތްރޯންސް ތައް؟
0 0

ދަންނަސޫރަ

27 މާރިޗު 2023
@ ނަދީމް ބާއި ގޭމް އޮތް ތުރޯނަށް ވުރެވެސްމާ ރަނގަޅުމިދާ ގޮތް އަދި. ޓައިމްޓްރެވަލްކުރޭވޭތީ އެންމެ ސަޅީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް