އާޓް ވޯކް: އިބްރާހިމް އިފާޒް

ވާހަކަ

ކުރު ވާހަކަ: ކިލަނބު

ކުލާހުގައި އިނދެފައި ޒާނާ ކުއްލިއަކަށް ފުންމައިގެން ތެދުވެ ދުއްވައިގަތެވެ. އަނގަމަތީގައި އެއް އަތް އަޅައި ބާރުކޮށް ނޭވާ ހިފަހައްޓާލައިގެންނެވެ. ނަގައި ދެމުން ދިޔަ ފިލާވަޅު ކަނުލައި އަޑުއަހަން ތިބި ދަރިވަރުންގެ ސަމާލުކަން ވެސް ޖަހައިގެންނެވެ. ބޯޑުގައި އެ ފިލާވަޅުގެ ނޯޓުތައް ލިޔަމުން ދިޔަ މުދައްރިސަށް ވެސް ހުރިހާ ކަމެއް ހުއްޓާލާފައި އެނބުރި ބަލައިލެވުނީ ބޭރަށެވެ. އެއާ އެކު މުށު ތެރެއަށް ލައި ބާރުކޮށްލެވުނީ އަތުގައި އޮތް ޗޯކު ފޯލި އެވެ.

ކުދިކުދިވެ، ފުނޑުފުނޑުވެގެން ދިޔަ ޗޯކު ކުނޑިތައް މުދައްރިސުގެ މުށުތެރެއިން ދެމެމުން ދިޔައިރު، ކްލާހުގެ ބޭރުގައި ހައްދާފައި އޮތް ފިނިފެންމަލުގެ ބަގީޗާއަކަށް ޒާނާ ހޮޑުލަނީ އެވެ.

އެއްވެސް މީހަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. ނުވަތަ ވެގެން އުޅޭ ގޮތް އެންމެނަށް ވެސް އެނގޭތީ އެވެ.

ދެ ކަކުލުގައި އަތް ވިއްދާލައިގެން، ގުދުވެ އޮވެ ވަރުވަރަށް މޭނުބައިކޮށް، ހޮޑުލުމަށް ފަހު ޒާނާ ތެދުވެ، އެނބުރި ބަލައިލީ ކްލާސްތެރޭގައި ހުއްޓުން އަރާފައި ހުރި އިސްލާމް މުދައްރިސާ ދިމާލަށެވެ. ޖެހިގެން ހުރި ކްލާސްތަކުގައި ތިބި ދަރިވަރުންނާއި މުދައްރިސުން ވެސް އޭރު ބޯދިއްކޮށް ބަލަހައްޓައިގެން ތިބީ ހޮޑާއި ކަރުނައިން ތަތްތެޅިފައިވާ ޒާނާގެ މޫނަށެވެ.

ހެނދުނުގެ ރަތްދަކައަވިން އަންދަމުން ދިޔަ އެ މައުސޫމުކަމަށެވެ.

މުދައްރިސާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ޒާނާ ދުއްވައިގަތީ އަނެއްކާވެސް ދުރަށެވެ. އެންމެނަށް ފިލާށެވެ. އެކަމަކު އުމުރުން 15 އަހަރުގައި ޒާނާ ރަށަށް ގިނަވެ ނިމުނީ އެވެ. އަދި ރަށްމެދަށް ވިހެއީ އެވެ.

އެކަމަކު ކާކާ އެކުގައި ހިންގި ގުޅުމަކުން ހެއްޔެވެ؟

އެކަން ބަލަން ބޭނުންވީ މީހަކު ވެސް ނެތެވެ. އެންމެން ވެސް ބަލަން ބޭނުންވީ ދުއްރައިން ތަޅައި ޒާނާ ތައުޒީރުކުރި އަނިޔާވެރި މަންޒަރެވެ. އެއަށް ފަހު ރަށު ތެރޭގައި މީހުން ދެބައޮޑުވަން ފެށި އެވެ. ސްކޫލުން ވަކިކޮށް ގެއަށް ފޮނުވާލުމުން މީހުން ދައްކަން ފެށި ވާހަކަތަކުން އިތުރު ގޮފިތައް ފަޅައި ޒާނާގެ ފަސްފަހަތުން އެ ހިޔަނިތައް ދުވަން ފަށައިފި އެވެ. ވަކިން ހާއްސަކޮށް ޒާނާ އަށް ކިޔަވައިދިން މުދައްރިސުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

އެންމެން ވެސް ހީކުރީ އޭނާއާ ބެހުނީ އޭނާގެ ބައްޕަ ކަމަށެވެ. ކަތީބު އިސްކޮށް ހުންނަވައިގެން ދުވަސްގަނޑެއް ވަންދެން ސުވާލުކޮށް މައްސަލަ ވެސް ބެއްލެވި އެވެ. ނަމަވެސް ރަށު ތެރޭގައި ނެތިމޮށޭ މީހުން ކީ އެއްޗިއްސާއި ދެބައޮޑުވާ މީހުން ހެދިހާ ދޮގަކާ އެކުގައި އެނބުރެމުން ގޮސް އެ މައްސަލައެއް އެންމެ ފަހުން އޮބުނީ އެވެ.

ޒާނާ ނަހަލާލަށް ވިހެއި ފިރިހެން ދަރިއަށް އަހަރު ފުރުނުއިރު އެ އައުލާދުގެ އަސްލާ މެދުގައި ސުވާލު އުފެއްދި ހަމަ އެކަކު ވެސް ރަށަކު ނެތެވެ. އެއީ ކަތީބުގެ ދޮށީ ފިރިހެން ދަރިކަން އޭރު އެންމެނަށް ވެސް އެނގޭތީ އެވެ.

ދަރިފުޅު ފެންވަރުވައި ނަލަކޮށް، ފުނާއަޅުވައި ފުއްޖަހާލުމުން ޒާނާއަށް ވެސް އެ ތުއްތު މޫނާއި ދެ ލޮލުން ފެނުނީ އާރިފް އެވެ. ކަތީބުގެ ދޮށީ ދަރި އެވެ. ނުވަތަ ޒާނާގެ އިސްލާމް މުދައްރިސެވެ.

އާރިފް އާއި ޒާނާއާ ދެމެދު ފައްކާވީ ލޯބީގެ ގުޅުމެކެވެ. އެކަމަކު އެއީ މީހަކާ އިނދެގެން އުޅުނު، ދެ ކުދިންގެ ބައްޕައަކު ކައިވެނިން ބޭރުގައި ހިންގި ބޮޑުވެގެންވީ ފާފައެއް ވެސް މެ އެވެ. އަދި އެއަށް ވުރެ ވެސް މުޑުދާރު އަމަލަކަށް ވަނީ މުދައްރިސަކު އޭނާގެ ދަރިވަރަކާ އެކު ހިންގި ގުޅުމަކަށް ވެސް ވާތީ އެވެ. ބޮޑުމީހަކު ގޮސް ކުޑަކުއްޖަކާ ބެހުނީތީ އެވެ.

އެކަމަކު ޒާނާއަށް އެއީ ލޯބީގެ ވާހަކައެކެވެ. ހާސިލުނުވި އަދި ބޭނުންވި ނިމުމެއް ވެސް ނައި ވާހަކައެކެވެ. އެކަމަކު ވެސް އޭނާގެ ހިތުން ދުވަހަކު ވެސް ފޮހެލަން ބޭނުންނުވި ވާހަކައެކެވެ. ދުވަހަކު ވެސް ދޫކޮށްލަން ބޭނުންނުވި އިހުސާސްތަކެކެވެ. އެކަމަކު ލޯބީގެ އެ ކުޅިގަނޑަށް ފަހު ޒާނާ ދޫކޮށްލާފައި ދިޔައީ އާރިފް އެކަންޏެއް ނޫނެވެ. އެންމެންނެވެ.

އަގެއް، އަގަލެއް، އިލްމެއް، ހިލްމެއް ނެތް އަންހެނެއްގެ ގޮތުގައި ރަށު ތެރެއަށް ގިނަވީމަ އަމިއްލަ އާއިލާގައި ވެސް ބާކީވީ އެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާ މޫނުކެނޑުނުއިރު މަންމަ އާއި ބައްޕަގެ ފަރާތުން ވެސް ލިބުނު ހިމާޔަތެއް އަދި ރައްކާތެރިކަމެއް ނެތެވެ. ލިބުނު ލޯތްބެއްގެ ވާހަކައަކަށް އަމުދަކުން ޖާގައެއް ވެސް ނެތެވެ. ދުވަހަކު ވެސް ނެތީ އެވެ.

މަންމަގެ ހިތުގައި، މަޔަކަށް ވީތީ ކޮންމެވެސް ކަހަލަ ކުލުނެއް ވާހެން ޒާނާއަށް ހީވެ އެވެ. އެކަމަކު ބައްޕައާ އެކު ދުވަހަކު ވެސް ބައްޕައެއްގެ އިހުސާސެއް ނުކުރެވެ އެވެ. ބައްޕައެއްގެ ލޯތްބާއި އަޅާލުމެއް ދުވަހަކު ވެސް ނުލިބެ އެވެ. ޒާނާއަށް އަބަދުވެސް ފާހަގަވީ އެއްބަނޑު އެއްބަފާ އެހެން ކުދިންނާއި އެއްބަފާ އެއް ކުދިންނާ އޭނާ އަބަދުވެސް ތަފާތުކޮށްގެން ބައްޕަ ގެންގުޅުނު ގޮތެވެ. އަދި ދުވަހަކު ޖަވާބު ނުލިބުނު ސުވާލަކީ ވެސް އެއީ އެވެ.

ކުޓުވާ މީހުން ބުނާ ގޮތުން ނަމަ ޒާނާއަކީ އެހެން މީހެއްގެ ދަރިއެކެވެ. އެކަން ޒާނާއަށް އެންމެ ބޮޑަށް އިހުސާސުވީ ބައްޕަގެ މާލުން ކަނޑައި އެއްލާލާފައި އޮތްކަން އެނގުނު ދުވަހެވެ. އޭރު ރަށްމެދަށް ވިހެއި ދަރިއަށް ދޮޅު އަހަރެވެ. ބައްޕަ ނިޔާވެއްޖެ އެވެ. މަންމަ އާއި އެއްބަނޑު އެއްބަފާ އަނެއް ހަތަރު ބެއިންނާ އެކު ޒާނާ ވެސް އޭރު ދިރިއުޅެމުން ދިޔައީ ބައްޕަގެ ގޯތީގަ އެވެ. މޫނުކެނޑިފައި ތިއްބަސް އޭރު އަދި މަގުމަތިނުވާތީ އެވެ.

ބައްޕަ ނިޔާވުމާ އެކު އަނެއް ބަނޑުގެ ތިން ދަރިންގެ ތުރާލާއި އުނދަގުލާ ޖެހިއްޖެ އެވެ. ގޯތި ބަހަން އެންމެން ވެސް ބޭނުންވެއްޖެ އެވެ. އެންމެ ފަހުން ބައްޕަގެ ގޯތި ހުރިހާ ދަރިންނަށް ބަހައި ނިމުނުއިރު ޒާނާވީ ބާކީ އެވެ. މަގުމައްޗެވެ.

ބައްޕަގެ މުދަލުން އެންމެ އެތިކޮޅެއް ވެސް ޒާނާއަށް ދޭކަށް އެ ހިތް ހަލާލެއް ނުވި އެވެ. އަދި އެންމެ ފަހުން ގޯތި ބަހައި ނިމުމުން ޒާނާ އާއި އޭނާގެ ދަރިއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އެއްބަނޑުއެއްބަފާ މީހަކު ވެސް ނުވި އެވެ. ފަހަތު އަޅުވާލައިގެން ފުރައްސާރަކުރަމުން ދިޔަ ބީރައްޓެހި ފިރިހެނަކާ އިންނަން ޒާނާ އެހައި އަވަހަށް އެއްބަސްވި ސަބަބަކީ ވެސް އެއީ އެވެ. ލޯބީގެ ކަނޑަކަށް ނުވިޔަސް ނޭވާ ހިފަހައްޓާލައިގެން ގޮސް އެ ފުންކަމަށް ފުންމާލަން އެއްބަސްވެވުނީ ވަށާލި އެކަނިވެރިކަމާއި ހިތްދަތިކަމުގެ ދުނިޔެއިން ނުކުތުމަށް ކެތްމަދުވެފައި ހުރިވަރު ބޮޑުކަމުންނެވެ.

އެކަމަކު ހަޔާތަކީ އަބަދުވެސް ކެއްސެކެވެ. ނުވަތަ އިބްރަތްތަކުން ފުރިގެންވީ ކަނޑު ގަދަ ދަތުރެކެވެ.

އަލަތު ކައިވެންޏާ އެކު ޒާނާ ބަދަލުވީ ފިރިމީހާގެ ރަށަށެވެ. އޭނާ އަކީ ހީވާގި މަސްވެރިއެކެވެ. އަދަބެއް ސަދަބެއް އިލްމެއް ނެތަކަސް ހިތް ވަރަށް ވެސް ހެވެވެ. ޒާނާ އާއި އޭނާގެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވީ ފިރިއެކެވެ. އަދި ޒާނާގެ ހިޔާމަތުގައި އަބަދުވެސް ފުރާނަ އަތްމައްޗަށް ލައިގެން ކަނޑަށް ނުކުތް މީހެކެވެ. އެންމެ ފަހު ނޭވާ ވެސް ދޫކޮށްދިޔައީ އަނބިމީހާއަށްޓަކަ އެވެ. ރަންޑީ ހާމުންޑިއެކޭ ކިޔައި ޒާނާއަށް ފުރައްސާރަކުރި އެހެން މަސްވެރިޔަކާ ހިންގި މާރާމާރީއެއްގައި ކަނޑަށް ވެއްޓި ފަޒީލް ގެއްލުނީ އެވެ.

އޭރު ޒާނާ އިނީ އޭނާގެ ދެ ވަނަ ދަރިއަށް ބަލިވެ އެވެ. ދިރިއުޅެމުން ދިޔައީ ފިރިމީހާގެ މަންމަގެ ގޯތީގައި ފިރިމީހާ އަމިއްލައަށް އެ ދެ މީހުން ދިރިއުޅެން ހެދި ކުޑަ ކޮޓަރިގަނޑެއްގަ އެވެ. މަންމަގެ މުޅި އެ ގެއަކީ ވެސް އެ އާއިލާގައި އެންމެ ދޮށްޓަށް ހުރި ފަޒީލް މަހަށް ގޮސްގެން ލިބުނު އެއްޗަކުން ހަދައި ހިޔާކޮށްފައި ހުރި ގެއެކެވެ. އެކަމަކު ހުވަފަތްވީ ހިސާބުން ޒާނާގެ ދިރިއުޅުން އަނެއްކާވެސް މަޑުމަޑުން ބަދަލުވާން ފެށީ ބިރުވެރި ހުވަފެނަކަށެވެ. އަދި އާދަޔާހިލާފަށް ބިރުގަންނަ ޒާތުގެ ހުވަފެނެއް ތަކުރާރުކޮށް ފެންނަތާ ތިން މަސް ފަހުން ބަނޑުގައި އޮތް ދަރި ކުއްލިއަކަށް މަރުވީ އެވެ.

ޒާނާ ކައިރީގައި އެ ރަށު އެންމެން ވެސް ބުނީ އެއް ވާހަކައެކެވެ. އެއީ ފަޒީލުގެ މަންމަގެ އެ މުސްކުޅި ބޮޑު ގޯތީގެ ދަހިވެތިކަމުގައި އޭގެ ތެރެއިން ކޮންމެވެސް އެކަކު ހެދި ނުބައި ސިހުރެއް ކަމަށެވެ. އެންމެ ފަހުން ހަތަރު އަހަރުގެ ދަރިފުޅު ގޮވައިގެން އެގެއިން ނުކުމެގެން ދިޔައީ ފަޒީލް އާއިލާގެ މީހުންގެ ދުއްޕާންބޮޑުވެގެންނެވެ.

އެންމެ ފުރަތަމަ ދާނޭ އެއްވެސް ތަނެއް ނެތެވެ. އެކަމަކު އަބަދުވެސް، އެއް ދޮރު ބަންދުވާއިރަށް އަނެއް ދޮރެއް ހުޅުވެއެއް ނޫން ހެއްޔެވެ؟ ދެއްވާ ފަރާތުން އަބަދުވެސް ދެއްވައެއް ނޫން ހެއްޔެވެ؟ ޝުކުރުވެރިނުވަނީ މާއްދިއްޔަތަށް ދަހިވެތިވި، ކިބުރުވެރިވި، ބޮޑާ އިންސާނާ އެވެ.

ފަޒީލްގެއިން ނުކުމެގެން ގޮސް ޒާނާ އެންމެ ފުރަތަމަ އުޅުނީ ފަޒީލްގެ ރަހުމަތްތެރިއެއްގެ ގޭގަ އެވެ. އެ ގޭގައި ހައެއްކަ މަސް ވަންދެން އުޅުނީ ގޭތެރޭގައި ޖެހުނު ހުރިހާ ކަމެއްކޮށްދީގެން އެ ދެމަފިރިންގެ ދެ ދަރިން އަމިއްލަ ދެ ދަރިންހެން ބަލައިގެން އެމީހުންނަށް އެއްވެސް ކަމެއް ނުޖައްސަ އެވެ. ޒާނާގެ މި ހީވާގިކަމުގެ ވާހަކަ ފަޒީލްގެ މި އެކުވެރިޔާގެ ފަރާތުން އެހެން މީހަކާ ހަމައަށް ދިޔަ ހިސާބުން ޒާނާއަށް ހުޅުވުނީ އަނެއްކާވެސް އެހެން ދޮރެކެވެ. އަދި މާ ރަނގަޅު ފުރުސަތެކެވެ. އާމްދަނީއެއް ވެސް ލިބޭ ގޮތަށް ދަރިން ބަލައި ގޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ވަޒީފާގެ ފުރުސަތެކެވެ.

އެ ބޯހިޔާވަހިކަމާއި އާމްދަނީ ދޭން އެއްބަސްވީ ލުތުފީ އާއި ފަޒުނާގެ ކުޑަކުޑަ އާއިލާ އެވެ. ދެ މީހުންނަކީ ސަރުކާރުގެ މަތީ ފެންވަރުގެ މަގާމުތަކެއް ފުރުއްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. ލުތުފީއަކީ ކުޑަ ކަތީބެކެވެ. ފަޒުނާއަކީ އަތޮޅު މަދަރުސާގެ ޕްރިންސިޕަލެވެ. ޒާނާ އެގެއަށް ދިޔައިރު ފަޒުނާ އުޅެނީ ބަލިވެ އެވެ. ބަނޑަށް ހަ މަހެވެ. އަދި އެމީހުންގެ އަލަތު ދަރިފުޅުގެ އުމުރުން ތިން އަހަރެވެ. ނަމަކީ ޒައިރާ އެވެ.

ތިން ކޮޓަރީގެ ތަނަވަސް ބޮޑު ގެއެކެވެ. ޒާނާ އާއި އޭނާގެ ދަރިފުޅު ދިރިއުޅެން ދިނީ އޭގެ ތެރެއިން ވަކި ކޮޓަރިއެކެވެ. އެންމެ ބޮޑު ކޮޓަރީގައި ލުތުފީ އާއި ފަޒުނާ އެވެ. އަނެއް ކޮޓަރި އަކީ އެމީހުންގެ ދަރިފުޅު ޒައިރާގެ ކުޑަކުޑަ ދުނިޔެ އެވެ. އަދި ދުވަސްކޮޅަކުން ޒާނާގެ ފިރިހެން ދަރިފުޅު ވެސް އެ ކޮޓަރި އަށް ބަދަލުކުރުވީ އެވެ. ފަޒުނާ އާއި ލުތުފީ ވެސް އެގޮތް ބޭނުންވެގެންނެވެ. އެއީ ލުތުފީ ދިން ހިޔާލެކެވެ. އެކަމަކު އޭގެ އަޑީގައި އޮތީ ކިހާ ވަރެއްގެ އެދުމެއްކަމެއް އޭރު އަދި ޒާނާއަށް ރޭކާ ވެސް ނުލަ އެވެ.

ނަމަވެސް ލުތުފީގެ އުޅުމާއި އެ އުޅުމުގައި ވީ ވިޔާނުދާކަން ދަސްވެ ފަރިތަވާން މާ ގިނަ ދުވަހެއް ނުނެގި އެވެ. ޒާނާގެ ކޮޓަރިއަށް ދަންވަރު ގަޑީގައި ސިއްރުން ވަދެ ލުތުފީ އޭނާއާ ގަދަކަމުން ގުޅުން ހިންގަން ފެށީ އެވެ. ޒާނާއަށް ހީވީ ސުވަރުގެއަކުން ނަރަކައަށް އޭނާގެ ދިރިއުޅުން ބަންޑުން ޖަހާލިހެންނެވެ. އެކަމަކު އެ ވާހަކަ ދައްކާނެ ބާރެއް ދުލަކަށް ނުލިބުނެވެ. އެ ވާހަކަ ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. މީހެއްގެ އެހީއަށް އެދޭނެ ގޮތެއް ވެސް ނޭނގުނެވެ. އަދި ޒަމާން ބަދަލުވިއިރު ވެސް ބަދަލުނުވި ހާލަތަކީ އޭނާގެ މި ދިރިއުޅުމެވެ.

އެ ވަކިތަކާއި ތޭރިތައް ހަލާކުކޮށްލާނެ ހިތްވަރެއް ޒާނާއަށް ނުލިބުނުއިރު އޭނާ ސަލާމަތްނުވާނެކަން ލުތުފީ އަބަދުވެސް ކަށަވަރުކުރި އެވެ. ސަލާމަތްނުވާނެ ކަމުގެ އިންޒާރު ކޮންމެ ދުވަހަކު ވެސް ދިނެވެ. މަރާލާނެ ކަމުގެ އިންޒާރު ކޮންމެ ރެއަކު ވެސް ދިނެވެ. އަދި ހީވާ ގޮތުން ނަމަ ލުތުފީގެ މި ޖަރީމާއަށް ފަސްއަޅައި ފޮރުވަމުން ދިޔަ އޭނާގެ އެންމެ އިސް އެހީތެރިޔަކީ އޭނާގެ އަންހެނުން ފަޒުނާ އެވެ.

މިހެން ތިއްބައި ދެން އައީ ސިޔާސީ ހަލަބޮލިކަމުގެ ޒަމާނެވެ. ފިކުރުތައް ކަފިވެ، މިނިވަންކަން ފުޅާވެ އިތުރު ދޮރު ދޮރުތައް އެންމެނަށް ވެސް ހުޅުވިގެން އައި ދުވަސްވަރެވެ. ޒާނާ އޭރު ވެސް އުޅުނީ ލުތުފީމެންގޭގައި މީރުކޮށް ކައްކައި އޭނާގެ ދަރިން ބަލައި އޭނަ ބޭނުންވި ހުރިހާ ކަމެއް، ހިތް ކިތަންމެ ނުރުހުނަސް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގަ އެވެ. ފަޒުނާ އިނީ ތިން ވަނަ ދަރިއާ އެކު ބަލިވެ އެވެ. އެހެންކަމުން ޒާނާގެ ޒިންމާތަކަށް އެއީ އަނެއްކާވެސް ހައި ސީޒަނެކެވެ.

އެކަމަކު އެ މޫސުމުން ވެގެންދިޔައީ ޒާނާގެ ދިރިއުޅުމުގައި އެއްކޮށް ވައި ބަދަލުކޮށްލި ނަކަތަކަށެވެ. އެ ނަކަތަކީ ސިޔާސީ އޮޔާއި ވައިގެ ތެރެއިން ބައްދަލުވި މަރްޒޫމް ނަމަކަށް ކިޔާ ޒުވާނެކެވެ. ރިއާސީ އިންތިހާބާއި އާންމު އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކާއި ޖާފަތްތަކުން ބައްދަލުވި ވަރަށް ހިތްހެޔޮ އަދި އެހާމެ މަޖާ ޒުވާނެކެވެ. އަނގަގަދަ، މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ޖެހިލުން ކުޑަ ކެރޭ ލީޑަރެކެވެ. ޒާނާއަށް އޭނާ ފެނުނީ އެހެންނެވެ. ޒާނާއަށް އެ ޒުވާނާގެ ކިބައިން ފެނުނީ އަމިއްލަ ނަފުސުގައި ނެތް ހުރިހާ ސިފައެކެވެ. އަދި އަބަދުވެސް އެންމެ ހިތްކީ ސިފަތަކެވެ. އެންމެ ބޭނުންވި ސިފަތަކެވެ.

ފަހަރުގައި އެ ހިތް އެހާ ފަސޭހައިން އޭނާއަށް ޖަހައިގަނެވުނީ އެހެންވެގެންނެވެ. އަދި ޒާނާ ހީކުރީ އޭނާ ސަލާމަތްކޮށްގެން ރަން ގަނޑުވަރަކަށް ހުދު އަހެއްގައި ގެންގޮސްދޭނެ އަމީރަކާ އެންމެ ފަހުން ބައްދަލުވީ ކަމަށެވެ.

ދެ މީހުން ބައްދަލުވީ ރަށުގައި ބޭއްވި ސިޔާސީ ޖާފަތަކުންނެވެ. މަރްޒޫމްގެ ސަމާލުކަމަށް ޒާނާ އެންމެ ފުރަތަމަ ދަމައިގެންދިޔައީ ޒާނާ ތައްޔާރުކުރި ކެއުން މީރުވެގެންނެވެ. އޭގެ ފަހުން ދެ މީހުންގެ ދެމެދުގައި އުފެދި އެކަކު އަނެކަކާ ދިމާލަށް ދަމަން ފެށި ސަބަބު މި ޖުމްލައަށް ތިލަކުރާކަށް ވެސް ކޮންމެހެން ނުޖެހެ އެވެ.

ކެމްޕޭން ނިމި ޕާޓީއަށް ކާމިޔާބުލިބުނުއިރު މަރްޒޫމް އާއި ޒާނާއާ ދެމެދު އޮތީ ލޯބި އުފަންވެފަ އެވެ. އަދި ލުތުފީގެ ތުރާލާއި އަނިޔާގެ ސިލްސިލާ ވެސް ނިމުމަކަށް އައީ އެވެ. ނަމަވެސް އެއްވެސް ވާހަކައެއް ޒާނާ މަރުޒޫމަށް ކިޔައިދީގެނެއް ނޫނެވެ. ހީވަނީ ލުތުފީމެނަށް ވުރެން ހުރިހާ ގޮތަކުން ވެސް ބާރުގަދަ ސިޔާސީ ބޭފުޅެއްގެ ހިތުން ޒާނާއަށް ހިމާޔަތް ލިބުނުކަން އެނގުމުން ބިރުގަތީހެނެވެ.

ކެމްޕޭން ނިމުނުތަނުން މަރްޒޫމްގެ ޚަރަދުގައި ޒާނާ އާއި އޭނާގެ ދަރިފުޅު މާލެ ގެންގޮސްފި އެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހުޅުމާލެއިން ކުއްޔަށް ހިފައިދީފި އެވެ. އެކަމަކު އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހެ އެވެ. ކުރަން ޖެހޭ އެހެން ހުރިހާ ޚަރަދަކަށް ވެސް ބޭނުންވާ އަދަދުތައް ދިނީ ސީދާ މަރްޒޫމެވެ. އަބަދުވެސް ހާލު ބަލަ އެވެ. ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލުކުރެ އެވެ. އަދި އެ ހުރިހާ ކަމެއް ވެސް އެއްވެސް ލަސްކުރުމެއް ނެތި ފުރިހަމަ އަށް ފުރިހަމަކޮށްދިނެވެ. އެކަމަކު އަހަރު ދެ އަހަރު ވެގެންދިޔައިރު ވެސް މަރްޒޫމް އެއްބަސްނުވީ އެންމެ ކަމަކަށެވެ. ޒާނާއާ އިންނާށެވެ. އަދި ފަހުން ކައިވެނީގެ ވާހަކައާ އެކު ރުޅި ވެސް ގަދަވާން ފެށީ އެވެ.

މަރްޒޫމްގެ އަސްލު ހޯދުމަށް ޒާނާގެ ހިތުގައި ޝައުގުވެރިކަން އުފެދެން ފެށީ އެ ހިސާބުންނެވެ. އޭނާގެ ސިޔާސީ ބާރާއި ފައިސާގެ ބާރުގައިވީ ހަގީގަތް ހޯދަން، ހީކުރިހާ ރަނގަޅު، ހިތްހެޔޮ، ތެދުވެރި މީހަކަށް އޭނާ ނުވެދާނެ ކަމުގެ ބިރާއި ޝައްކުތައް ހިތަށް ޖަމާވާން ފެށީ އެ ހިސާބުންނެވެ. އޭރު މަރްޒޫމްގެ ޚަރަދުގައި ދަރިފުޅު ކިޔަވަން ލަންކާ އަށް ވެސް ބަދަލުކޮށްފި އެވެ. އެކަމަކު ދެން ވެސް ޒާނާއަށް ނުވިސްނުނީ އެ ހުރިހާ ކަމެއް މަރްޒޫމް އޭނާއަށް ކޮށްދެމުން ދިޔަ ހަގީގީ ސަބަބެވެ. އެއީ ލޯބިވާތީ ކޮށްދޭ ކަންތަކެއް ނޫންކަން އޭނާއަށް މިހާރު ވަރަށް ރަނގަޅަށް އެނގޭތީ އެވެ.

ނަމަވެސް މަރްޒޫމަކީ ކާކު ކަމެއް ޒާނާއަކަށް ނުހޯދުނެވެ. އޭނާއަށް ފެނުނީ އަބަދުވެސް އޭނާ ދެއްކި ސިފަތަކެވެ. ކިޔައިދިން މިންވަރެވެ. އަދި އެންމެ ފަހުން ޔަގީންވީ އޭނާގެ ކިބައިން ދުވަހަކު ވެސް ސަލާމަތްވުމެއް ނެތް ކަމެވެ. އަދި އެ ހިތުގައި ދުވަހަކު ވެސް ޒާނާއަށްޓަކައި ލޯތްބެއް ނުއުފެދޭ ކަމެވެ. އެ ހިޔާލާއި އިހުސާސް ވުޖޫދުގައި ވެސް ނެތްކަމެވެ.

މަރްޒޫމް ޒާނާ ގޮވައިގެން ދެން ގެންދިޔައީ ކުރިއަށް ވުރެ ވެސް އަގުބޮޑު އަދި ރީތި އެޕާޓްމަންޓަކަށެވެ. ޕްރައިވެޓް ކޮންޑޯއަކަށެވެ. އެކަމަކު އެއީ ހަމައެކަނި ޒާނާއަށް ހާއްސަ ތަނެއް ނޫނެވެ. އަދި އޭނާއަށް ދިން ހަދިޔާއެއް ވެސް ނޫނެވެ. އޭނާގެ އާ ވަޒީފާ އާއި ވަޒީފާގެ މާހައުލެވެ. އެއީ ނާސިގެއެކެވެ. އެތަނުގައި ތިބީ ކަސްބީ އަންހެން ކުދިންނެވެ. ޒާނާއަކީ އޭގެ ތެރެއިން ވެސް އެންމެ ރީތި އަންހެނާ އެވެ. އަދި އޭނާ ވީ މި ކަސްބީގަނޑުވަރަށް ވަޑައިގަންނަވާ ސިޔާސީ ބޮޑުންގެ މެދުގައި ވެސް އެންމެ މަގްބޫލު މޫނަށެވެ.

ވަކިން ހާއްސަކޮށް ޒާނާގެ ޖާދޫގައި ޖެހުނީ ސަރުކާރުގެ މަޖިލިސް މެމްބަރު، އާރިފް އެވެ. ޒާނާގެ ކުރީގެ އިސްލާމް މުދައްރިސެވެ. ނުވަތަ އެއީ އަނެއްކާވެސް ޒާނާއަށް ހުޅުވުނު އާ ދޮރެކެވެ.

އެކަމަކު ހަޔާތަކީ އަބަދަށް ވެސް ކެއްސެކެވެ. ހުވަފެނަކީ ބިލާހެކެވެ.

ފުންމައިގެން ގޮސް ޒާނާ އާރިފްގެ އުނގަށް ވެއްޓިގަތެވެ. އާރިފް ހިފަހައްޓައިގެން ހުރި ރާތަށި އެވަގުތު އަތުން ދޫވެގެން ގޮސް ބިންމައްޗަށް ވެއްޓި ތެޅިއްޖެ އެވެ. ދެ މީހުން އެ ތިބީ ނާސިގޭގެ އެންމެ އަގުބޮޑު ކޮޓަރި ތެރޭގަ އެވެ. ގިނިމަލުގެ ލައުންޖުގައި އެކަނިމާއެކަންޏެވެ.

މޭގައި ކުދިކުދިވެފައި އޮތް ހިތާ ދިމާލަށް އާރިފް ބަލައިލުމުން އޭނާގެ ދަތްދޮޅީގައި އިނގިލީގެ ބަނޑުފުށް ޖައްސައި ޒާނާ އާރިފްއާ ހަތަރު ކަޅި ހަމަކޮށްލި އެވެ. އެ ލޮލުގައި ވީ ހުރިހާ ސިއްރެއް އަދިވެސް ޒާނާ ހިތު ދަހެވެ.

އެކަމަކު އާރިފަށް ނޭނގެނީ ޒާނާގެ ހިތް މިހާރު އޮތް ގޮތެވެ. އެއީ މީގެ 18 އަހަރު ކުރިން އޭނާގެ ދެ އަތުން ޗިސްޗިސްކޮށް ބޭޒާރުކޮށްލި އަންހެން ކުއްޖާ ކަމެވެ.

އާރިފް ޒާނާގެ ގައިގައި އޮޅުލައި ބައްދައިގަތުމުން އޭނާގެ ހިތް ގިނިހެން އަނދައިގަތެވެ. އަދި ބަދަލުހިފުމުގެ ރޫހު އެ ހިތުގައި ބޮކިޖަހައިގަތެވެ. އެކަމަކު އާރިފަކީ ވީއައިޕީ ކްލައިންޓެކެވެ. އޭނާ އަކީ އެންމެ ބާރުގަދަ ސިޔާސީ ދެ އަތެވެ. އެ ދެ އަތް މައިތިރިކޮށް ބަނދެލަން ޒާނާ ކުޅޭނީ ކޮން ކުޅިވަރެއް ހެއްޔެވެ؟

ގަދަކޮށްލި މިއުޒިކާ އެކު އާރިފްގެ ދެ އަތުން ޒާނާ ކުއްލިއަކަށް ދެމިގަތެވެ. އެކަމަކު ފުންމައިގެން އައިސް އޭނާ އަނެއްކާވެސް އޮޅުލައި ބައްދައިގަތެވެ.

އެ ހުރިހާ މަންޒަރެއް ޒާނާ ދިޔައީ ސިއްރުން ރިކޯޑްކުރަމުންނެވެ. އަނދަވަޅުން ސަލާމަތްވާނެ ދޮރުކޮށަމުންނެވެ.

ކޮމެންޓް (3)

ޢެދުރު ފޭން

25 މާރިޗު 2023
ނަދީމް ތަ ރީތި ހައްވަ ލިޔުނު އެދުރު އަކީ؟
0 0

ޒުބޭރު

26 މާރިޗު 2023
@ޢެދުރު ފޭން ނޫން، ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް
0 0

ޖަލް

25 މާރިޗު 2023
ވާއޮ. މިއީ ހަމަ އައްސްލުވެސް މިހާރު ވާގޮތް. މި ވާހަކަވެސް ވަރަށް ސަޅި. ކީޕް އިޓް އަޕ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް