އާލިއާ ބަޓް އާއި ރަންވީރް ސިންގް 'ގަލީ ބޯއި'ގެ މަންޒަރެއްގައި: ސްޕޮޓިފައި އިން ނެގި ލަވަތަކުގެ ތެރޭގައި އެ ފިލްމުގެ ސައުންޓްރެކް ވެސް ހިމެނޭ

މިއުޒިކް

ޒީ މިއުޒިކާ އެކު އެއްބަސްވުމަކަށް ނުދެވިގެން ސްޕޮޓިފައި އިން ލަވަތައް ނަގައިފި

މަގުބޫލު އެތަކެއް ހިންދީ ލަވައެއް ގެއްލިގެން ބޮލީވުޑް ފޭނުން ގެންދަނީ ޝަކުވާކުރަމުން
22 މާރިޗު 2023

ޒީ މިއުޒިކާ އެކު ލައިސެންސިން އެއްބަސްވުން އާނުކުރެވިގެން ސްޕޮޓިފައިގައި ހުރި އެތަކެއް ބައިވަރު ބޮލީވުޑް ލަވަތަކެއް ފޮހެލައިފި އެވެ.

އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް މިދިޔަ ހަފްތާގައި ފެއިލްވެ، ޒީ މިއުޒިކްގެ ހުރިހާ ލަވަތަކެއް ސްޕޮޓިފައި އިން ނެގުމުން ބޮލީވުޑް މިއުޒިކްގެ ފޭނުން ގެންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ސްޕޮޓިފައި ބޭނުންކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް ބައެއް މީހުން ދިނެވެ.

ބިލްބޯޑް އިން ސްޕޮޓިފައިއާ ހަވާލާދީ ބުނިގޮތުގައި އެ ކުންފުނިން ޒީ މިއުޒިކާ އެކު އެއްބަސްވުމަކަށް ދެވޭތޯ ބެލުމަށް އަދިވެސް މަޝްވަރާކުރަމުން ގެންދާނެ އެވެ.

ސްޕޮޓިފައިގައި ހުރި ޒީ މިއުޒިކްގެ ލަވަތައް ފޮހެލުމުން މަޝްހޫރު އެތައް ލަވައެއް އަޑުއަހާލުމުގެ ފުރުސަތު ގިނަ ބަޔަކަށް މިހާރު ވަނީ ގެއްލިފަ އެވެ. އެފަދަ ލަވަތަކުގެ ތެރޭގައި 'ޖާޒީ'ގެ 'މައިއްޔާ މައިނޫ،' 'ޑްރައިވް'ގެ 'މަކްނާ' އަދި 'ރައީސް'ގެ 'ޒާލިމާ' ހިމެނެ އެވެ. ލޯބީގެ ކޮމެޑީ ފިލްމު 'ވީރޭ ޑި ވެޑިން،' 'ގަލީ ބޯއި،' އަދި ޕީރިއަޑް ޑްރާމާ 'ކަލަންކް'ގެ ސައުންޑްޓްރެކް ވެސް ސްޕޮޓިފައި އިން ވަނީ ނަގައިފަ އެވެ.

ޒީ މިއުޒިކުން މިއުޒިކް އެޕް ގާނާއާ އެކު އެއްބަސްވުން އާނުކޮށްގެން މިދިޔަ އަހަރު އެ ހިދުމަތުން ވެސް ވަނީ ޒީއާ ގުޅުން ކަނޑާލައިފަ އެވެ. އޭގެ މަސްތަކެއް ފަހުން ގާނާ ވަނީ ސަބްސްކްރައިބްކޮށްގެން ނޫނީ ބޭނުންނުކުރެވޭ އެޕަކަށް ބަދަލުވެފަ އެވެ.

ޔޫޓީއުބްގައި ޒީ މިއުޒިކްގެ 93.6 މިލިއަން ސަބްސްކްރައިބަރުން އެބަތިއްބެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް