ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިދިޔަ ހުކުރު ދުވަހު ލޮސް އެންޖެލިސްގައި ވާހަކަދައްކަނީ: ގިނަ މީހުން ސައިޒް 2ގެ ހެދުން ލެވޭހާ ހިކި ނޫންކަން ފާހަގަކުރި.

ހަށިގަނޑަށް ރައްދުވި މަލާމާތެއްގެ ސަބަބުން ރޯން ޖެހުނު: ޕްރިޔަންކާ

އަޑުއަހަން އުނދަގޫ ކިތަންމެ އެއްޗެއް އޭނާއާ ދިމާލަށް މީހުން ބުނާ ކަމަށް ޕްރިޔަންކާ ބުނި
12 މާރިޗު 2023

ލޮސް އެންޖެލިސްގައި މިފަހުން ބޭއްވި އިވެންޓަކަށް ދާން ޖެހުނީ، އޭނާއަށް ހެދުން ހެޔޮވަރުވާ ސައިޒާ ގުޅުވައި ހަށިގަނޑަށް އަމާޒުވި މަލާމާތެއްގެ ސަބަބުން ވަރަށް ދެރަވެފައި ހުރެގެން ކަމަށް ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ބުނެފި އެވެ.

ވެބް ސީރީޒް 'ސިޓަޑެލް' އިން ވަރަށް އަވަހަށް ފެންނާނެ ތަރި ބުނިގޮތުގައި އެ އިވެންޓުގެ އެއް ދުވަސް ކުރިން މީހަކު ވަނީ، އޭނާ "ސާމްޕަލް ސައިޒްޑް ނޫން" ކަމަށް ބުނެފަ އެވެ. އެ ގޮތަށް ބުނީ ކާކު ކަމެއް ޕްރިޔަންކާ ހާމައެއް ނުކުރެ އެވެ.

ލޮސް އެންޖެލިސްގައި ބޭއްވި ސައުތު ބައި ސައުތުވެސްޓް ފިލްމު ފެސްޓިވަލްގައި ހުކުރު ދުވަހު ވާހަކަދައްކަމުން ޕްރިޔަންކާ ބުނިގޮތުގައި އޭނާއަށް އެ ބަސް ރައްދުވުމުން ދެރަވެ، ވަރަށް ބޮޑަށް އަސަރުކުރި އެވެ. އަދި އާއިލާގެ މީހުންނާ އެކަމާ ބެހޭގޮތުން ވާހަކަދައްކައި އޭނާގެ ޓީމާއި ފިރިމީހާ ނިކް ޖޯނަސް ގާތު ރުއި ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޮސް އެންޖެލިސްގައި ބޭއްވި ހަފްލާއެއްގައި ފިރިމީހާ ނިކް ޖޯނަސްއާ އެކު

އެއަށް ފަހު ޕްރިޔަންކާ ވަނީ އޯޑިއެންސްގައި ތިބި މީހުންގެ ތެރެއިން "ސާމްޕަލް ސައިޒް" ނުވަތަ ސައިޒް 2ގެ ހެދުން ލެވެނީ ކިތައް މީހުންނަށްތޯ ސުވާލުކޮށްފަ އެވެ. އަދި، ގިނައިން އުޅެނީ އެހާ ހިކި މީހުން ނޫންކަން އޭނާ ފާހަގަކުރި އެވެ.

"އަޑުއަހަން އުނދަގޫ ކިތަންމެ އެއްޗެއް އަހަރެންނާ ދިމާލަށް ބުނެފައި އެބަހުރި،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އޮސްކާ އެވޯޑަށް ނޮމިނޭޓްވި ދެކުނު އޭޝިއާގެ އުފެއްދުންތަކުގެ ޝަރަފުގައި، އަންޖުލާ އަޗާރިއާއާ ގުޅިގެން ލޮސް އެންޖެލިސްގައި ޕާޓީއެއް ބާއްވާފަ އެވެ. މިއީ އަހަރީ މި އިވެންޓް ބޭއްވި ދެވަނަ އަހަރެވެ.

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޮސް އެންޖެލިސްގައި ބޭއްވި ހަފްލާގައި ދެކުނު އޭޝިއާއަށް ނިސްބަތްވާ ބައެއް ތަރިންނާ އެކު

އިންޑިއާއިން އޮސްކާގެ ތިން އެވޯޑަކަށް ވާދަކުރާ 'އާރްއާރްއާރް،' 'އޯލް ދެޓް ބްރީދްސް،' އަދި 'ދި އެލިފެންޓް ވިސްޕަރާސް' އާއި އެ ނޫން ވެސް ބައެއް ނޮމިނޭޝަންތައް ފާހަގަކުރި ހަފްލާގެ މެހުމާނުންގެ ތެރޭގައި އެ އިވެންޓުގެ ކޯ-ޗެއާ މަލާލާ ޔޫސުފްޒާއީ އާއި މިންޑީ ކޭލިން، ކުމައިލް ނަންޖިއާނީ އަދި އަޒީޒް އަންސާރީ ފަދަ ތަރިން ހިމެނުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް