އެޗޭސިއާ: 'ނޮއިސް' ގައި 17 މާޗުގައި ޕާފޯމްކުރާނެ (ދައުރުފޮޓޯ/ އަބްދުﷲ ޔަޝާއު

މިއުޒިކް

'ނޮއިސް' ގައި އެޗޭސިއާގެ ތަފާތު ލައިންއަޕެއް

ޒުވާން އަންހެން ވޯކަލިސްޓަކު ހިމެނޭ އިރު ޔަމާންގެ ބަދަލުގައި ބޭސިސްޓެއްގެ ގޮތުގައި ފެންނާނީ އެހެން ހުނަރުވެރިއެއް
10 މާރިޗު 2023

މުހިންމު ނުކުތާތައް

އެޗޭސިއާ އިން ހުށަހަޅައިދޭނީ ކްލެސިކް ހިތްގައިމު ރާގުތަކެއް ކަމުގައި ބޭންޑުން ބުނޭ

ދެ ރޭ އޮންނަ 'ނޮއިސް'ގެ ކޮންމެ ޝޯއަކަށް ވިއްކާނީ 400 ޓިކެޓު

އޮލިމްޕަހުގައި ދިވެހި ފަންނާނުންގެ ޝޯތައް ބޭއްވުމުގެ ސަގާފަތް އަލުން ދިރުވުމަކީ އެއްކާފުގެ އަމާޒެއް

އޮލިމްޕަސް މަރާމަތުކޮށް އަލުން ހުޅުވި ފަހުން ފުރަތަމަ ފަހަރަށް އާއްމުންނަށް ވަދެވޭ ގޮތަށް ޓިކެޓް ވިއްކައިގެން ބާއްވާ މިއުޒިކް ޝޯ އަކީ އެއްކާފުން އިންތިޒާމް ކުރާ 'ނޮއިސް' އެވެ.

އަންނަ ހަފްތާ ބަންދުގެ ދެ ރޭ އޮންނަ މި އިވެންޓުގެ ޓިކެޓް މިހާރު އަންނަނީ ވިކެމުންނެވެ. އޮލިމްޕަހުގެ ޖާގައިގެ ނިސްބަތުން ވިއްކާނީ ރެއަކަށް 400 ޓިކެޓެވެ.

އެއްކާފުން އިންތިޒާމްކޮށްގެން މާޗް 17 އަދި 18ގައި ބާއްވާ 'ނޮއިސް' ޝޯގެ ޝެޑިއުލް

އެޗޭސިއާގެ ފުރަތަމަ އިންޑޯ ޝޯ

އެޗޭސިއާ ވޯކަލިސްޓް ހުސެއިން އިންފިތާހް ބައިސްކޯފުން ބޭއްވި 'ޗަނާޗާ' އަށް ޕްރެކްޓިސް ކުރަނީ

'ނޮއިސް' ގައި ޕާފޯމްކުރާ އެއް ބޭންޑަކީ އެޗޭސިއާ އެވެ. މީގެ 10 އަހަރެއްހާ ދުވަސް ކުރިން އުފެދުނު އެޗޭސިއާ އިން އޮލިމްޕަހުގައި ދޭ ފުރަތަމަ ޝޯ އޮންނާނީ ހުކުރު ދުވަހުގެ ރޭގަ އެވެ.

އެޗޭސިއާގެ 'ޗަނާޗާ' ޕާފޯމަންސްގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ ޔާޝާއު)

ބައިސްކޯފުން މިދިޔަ އަހަރު ބޭއްވި 'ޗަނާޗާ' އަށް ފަަހު މި އަހަރު މިހާތަނަށް އެޗޭސިއާ އިން ވަނީ މާލޭގައި ދެ ޝޯއެއްގައި ކުޅެފަ އެވެ. އެއީ 'ކުށެއްނޫން' އަލްބަމްގެ ލަވަކިޔުންތެރިޔާ ޒިޔާ އައްބާސްގެ ހަނދާނުގައި ސަލްޓަން ޕާކުގައި ބޭއްވި ޝޯއަކާއި މި ފަހުން ހުޅުމާލޭގައި ބޭއްވި 'ފަންނުގެ ދަރިން 24' އެވެ.

އޮލިމްޕަހުގައި ޕާފޯމްކުރުމަށް ބޭންޑް އޮތީ ކެތްމަދުވެފަ އެވެ.

"އޮލިމްޕަހުގައި ދޭ ފުރަތަމަ ޝޯ އަށް ވީމަ އުއްމީދު ކުރަނީ ސަޅިވާނެ ކަމަށް. އަދި މިއީ ބޭންޑުން އިންޑޯގައި ވެސް ދޭ ފުރަތަމަ ޝޯ. މިއުޒިކް ދެކެ ލޯބިވާ ކްރައުޑް އޮންނާނެ ކަމަށް ބެލެވޭ،" ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާ ހުސެއިން އިންފިތާހް (ފިއްތި) ބުންޏެވެ.

އޭނާ ބުނިގޮތުގައި 'ނޮއިސް' އިން ފެންނަ އެޗޭސިއާގެ ލައިންއަޕް ކުޑަކޮށް ތަފާތު ވާނެ އެވެ.

ބޭންޑްގެ ޑްރަމަރު އަހުމަދު ނަލީފް އޭނާގެ ރަސްމީ ލުކްގައި ހުސް ގަޔާ، ހަމައެކަނި ޖީންސް ލައިގެން އިނދެ ޑްރަމް ޖަހާނެ އެވެ. ލީޑް ގިޓަރިސްޓް އިބްރާހިމް ޔާފިއު ވެސް ފެންނާނެ އެވެ. އެކަމަކު ބޭސިސްޓް، މުހައްމަދު ޔަމާން (ޔައްމު) މިވަގުތު ހުރީ، ޖަރުމަންގައި ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖެ ތަމްސީލުކުރުމަށް ކަބާންސް ބޭންޑާ އެކު ޕާފޯމް ކުރުމަށް ބާލިންގަ އެވެ. އެހެންވެ، އެޗޭސިއާގެ މިފަހަރުގެ ލައިންއަޕަކުން އޭނާއެއް ނުފެންނާނެ އެވެ.

އެޗޭސިއާ ބޭސިސްޓް މުހައްމަދު ޔަމާން (ފޮޓޯ/އެޗޭސިއާ)

'ނޮއިސް' ގައި އެޗޭސިއާގެ ލައިންއަޕުން 19 އަހަރުގެ އަންހެން ލަވަކިޔުންތެރިޔާ ސާޝާ ފަޒްލޫން ފެނިގެންދާނެ އެވެ. ހުނަރުވެރި ސާޝާ އަކީ އިތުރު ދެ މެންބަރުން ހިމެނޭ ބޭންޑެއް ކަމުގައިވާ ދަ މެލޯ ސެކަންޑްގެ ކީބޯޑިސްޓް އަދި ވޯކަލިސްޓެވެ.

ދަ މެލޯ ސެކަންޑްގެ ސާޝާ ފަޒްލޫން: އެޗޭސިއާއާ އެކު 'ނޮއިސް' އިން ފެންނާނެ

ފިއްތި ބުނިގޮތުގައި ޒުވާން ހުނަރުވެރިންނަށް ކިރިޔާ ވެސް ފުރުސަތެެއް ދެވެން އޮތް ނަމަ، އެކަން ކުރުމަށް އެޗޭސިއާ އިން ބޭނުންވެ އެވެ.

"މަގުސަދަކީ އެ އާޓިސްޓަކު އެޗޭސިއާގެ ވައިބް ތަޖުރިބާކޮށްލައި އަހަރެމެން ވެސް އެމީހަކާ އެކު މިއުޒިކް ކުޅެ ތަޖުރިބާކޮށްލުން،" އޭނާ ބުންޏެވެ.

ސާޝާ ފެންނާނީ އެޗޭސިއާއާ އެކު ލީޑް ވޯކަލިސްޓެއްގެ ގޮތުގަ އެވެ.

 އާކޭޑިއާގެ އަރުހަމް އިބްރާހިމް އާޒިމް: 'ނޮއިސް' ގައި އެޗޭސިއާގެ ލައިންއަޕުން ފެންނާނެ

އެޗޭސިއާގެ ބޭސިސްޓް ޔައްމުގެ ބަދަލުގައި މި ލައިންއަޕުން ފެނިގެންދާނީ ޒުވާން އެހެން ފަންނާނެކެވެ. އެއީ އާކޭޑިއާގެ އަރުހަމް އިބްރާހިމް އާޒިމް އެވެ. އޭނާ އަކީ ސްޓޭޖް ޕްރެޒެންސް ވަރުގަދަ، ޖެންޒީ އަށް ކަމުދާ ކަހަލަ ހަކަތައެއް ހުންނަ މީހެކެވެ. އެހެންކަމުން އެޗޭސިއާއާ އެކު 'ނޮއިސް' ގައި ދައްކާ ޕާފޯމަންސްގައި އެންމެންގެ ސަމާލުކަން އޭނާ ދަމައިގަންނާނެ ކަމަށް ބެލެވެ އެވެ.

"އެޗޭސިއާގެ މެންބަރެއް މަދިއްޔާ، އެ އިންސްޓްރުމެންޓް ކުޅޭ މީހަކު ރިކޮމެންޑް ކުރާނެ ރިޕްލޭސްމަންޓެއް. އެގޮތުން މިފަހަރުގެ ލައިންއަޕްގައި ހިމެނެނީ އަރޫ،" ފިއްތި ބުންޏެވެ.

އޭނާ އިތުރަށް ބުނީ 'ނޮއިސް' ގައި އެޗޭސިއާ އިން ޕާފޯމްކުރާނީ ކްލެސިކް ލަވަތަކެއް ކަމަށެވެ.

އެއްކާފުގެ އިނާޔަތު އަލީ ބުނިގޮތުގައި އެ ކުންފުނީގެ މަގުސަދަކީ، ދިވެހި ފަންނާނުންގެ ހުށަހެޅުންތަކުގެ ދިގު ތާރީހަކާއި ސަގާފަތެއް އޮތް އޮލިމްޕަހުގައި އެކަން އަލުން ދިރުވާ އާލާކުރުމެވެ. އަދި ފަންނާނުންގެ މަސައްކަތުގެ އަގުވަޒަންކޮށް އެމީހުންނަށް އާމްދަނީ ލިބޭ ގޮތަށް އޮލިމްޕަހުގައި ޝޯ ބޭއްވުން މުހިއްމުކަން އޭނާ ފާހަގަ ކުރި އެވެ.

"ފަންނާނުންތަކެއް ލައްވާ ހިލޭ މިއުޒިކް ކުޅުވާ، ހިލޭ ޝޯ ބަލަން ވަނުމުގެ ސަގާފަތް ބަދަލުކޮށްލުމަކީ ވެސް އެއްކާފުގެ މަގުސަދެއް،" އިނާޔަތު ބުންޏެވެ.

"ޓިކެޓެއް ގަނެގެން ޝޯ ބަލަން ދިއުން އެއީ ބޭންޑްތަކަށް ވެސް ލިބޭ ހިތްވަރެއް."

'ނޮއިސް'ގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ. 

'ދައުރު' އަކީ 'ނޮއިސް'ގެ މީޑިއާ ޕާޓްނަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް