ޕެން ބެޖްލީ 'ޔޫ' ސިލްސިލާގެ ސީޒަން 4 ގައި ޖޯ ގޯލްޑްބާގްގެ ގޮތުގައި

ޓީވީ ސިލްސިލާ

'ޔޫ' ސީޒަން 4: ޖޯ ގޯލްޑްބާގްއަށް ކޮންޓްރޯލް ގެއްލިއްޖެ

ޖޯ މިފަހަރު ފެންނަނީ ލަންޑަނުގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކަށް އުޅެނިކޮށް
10 ފެބްރުއަރީ 2023

'ޔޫ'ގެ ފުރަތަމަ ތިން ސީޒަނުގައި އޮތީ ބެލުންތެރިން ދެކެފަރިތަވި ވާހަކަ އެކެވެ. ހިތްދަތި މާޒީއެއް އޮތް، ފޮތްކިޔުންތެރި ޖޯ ގޯލްޑްބާގް، އަބަދުވެސް ކޮންމެވެސް އަންހެނަކާ އަޅައިގަނެ، ފަހަތުން އަޅުވާލައި، އެންމެ ފަހުން އޭނާއާ ރައްޓެހިވެ، ޖެހުނު ކޮންމެ މީހަކު މަރާލައިގެން ވިޔަސް، އެ ގުޅުމެއް ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރެ އެވެ.

ނަމަވެސް، ނެޓްފްލިކްސްގެ މި ތުރިލާ ސިލްސިލާގެ ހަތަރުވަނަ ސީޒަންގެ ފުރަތަމަ ފަސް އެޕިސޯޑު ނެޓްފްލިކްސްއިން އިއްޔެ ނެރުނު އިރު ތަފާތެއް ވަނީ އައިސްފަ އެވެ. ޖޯއަށް ވުރެ ވެސް ގިނައިން މީހުން މަރާފައިވުން އެކަށީގެންވާ، ގޮތްނޭނގޭ ދުޝްމަނެއްގެ ރޭވުންތަކަކާ ކުރިމަތިލާން އޭނާއަށް ޖެހެ އެވެ.

ޕެން ބެޖްލީ (މ) 'ޔޫ' ސިލްސިލާގެ ސީޒަން 4ގައި ޖޯ ގޯލްޑްބާގްގެ ގޮތުގައި

އެމެރިކާގެ ޖޯ މިފަހަރު ފެންނަނީ ލަންޑަނުންނެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނާ ވަކިވި އިރު އުޅުނީ އަނބިމީހާ ލަވް މަރާލުމަށް ފަހު ދަރިފުޅު އެހެން ބަޔަކަށް ދީފައި ގައުމު ދޫކޮށްފައި ގޮހެވެ. އޭނާގެ ހަގީގަތް އެނގި، ބިރުން ފިލައިގެން ޕެރިހަށް ދިޔަ ލޯބިވެރިޔާ މެރިއޭން ހޯދަން އަޒުމު ކަނޑައަޅަ އެވެ.

ސީޒަން 4 ގައި ޖޯއަކީ ލަންޑަންގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރެކެވެ. ޖޯ ހަޔާތުގެ އާ ބާބެއް ފަށައި ހިތާހިތުން މެރިއޭންއަށް ވައުދުވަނީ އޭނާއަކީ "އެ މީހާއެއް ނޫން" ކަން ސާބިތުކޮށްދޭނެ ކަމަށާއި "އަހަރެން ކަލާއަށް ގެއްލުމެއް ނުދޭނަން" ކަމަށެވެ.

ނަމަވެސް ލަންޑަނުން އޭނާއާ ބައްދަލުވާ މުއްސަނދި ރަހުމަތްތެރިންތަކެއްގެ ސަބަބުން އެ ޕްލޭނަށް ހުރަސް އެޅެ އެވެ. ޖޯ ހިތާ ދެކޮޅަށް ގުޅިގެން އުޅޭ އެ ގްރޫޕުން މީހުން މަރުވާން ފަށައި، އެކަން އޭނާގެ ބޮލުގައި އެޅުމުގެ ކުރިން، ގާތިލް ހޯދަން މަސައްކަތްކުރަން ޖެހެ އެވެ.

'ޔޫ' ސީޒަން 4

ކޭބަލް ޓީވީ ޗެނަލް ލައިފްޓައިމްގައި 2018 ގައި ނެރެން ފެށި 'ޔޫ' ބޮޑަަށް މަޝްހޫރުވެގެންދިޔައީ ޖެހިގެން އައި އަހަރު އެ ސިލްސިލާ ނެޓްފްލިކްސް އަށް ގެންދިޔުމުންނެވެ. މީހުން މަރާ ޖޯއަށް ކާމިޔާބީއަށް އެދެންވީތޯ އަދި އޭނާގެ ސިފައަށް ތައުރީފްކުރަންވީތޯ ސުވާލުކޮށް ސޯޝަލް މީޑިއާގައި ބަހުސްކުރެވެ އެވެ.

ތަފާތެއް އަޔަސް، 'ޔޫ'ގެ މި ސީޒަނުގައި ވެސް ފަހަރަކު މީހަކު މަރުވަމުންދެ އެވެ. އަދި ޖޯއަށް ތައުބާވެވޭނެ ގޮތަކާ މެދު އުފެދިފައި އޮތް ސުވާލު ވެސް އަދިވެސް އޮތީ އެވެ.

'ޔޫ'ގެ ސީޒަން 4ގެ ބާކީ އެޕިސޯޑުތައް ނެރޭނީ 9 މާޗުގަ އެވެ.

'ޔޫ' ސީޒަން 4ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް