ވާހަކަ: ކުލަވި މަންޒަރު
ވާހަކަ: ކުލަވި މަންޒަރު
އެޕިސޯޑް 14
އަލި ވިލުމާއެކު ޝަމާން އެނދުން ފުންމައިގެން ތެދުވިއެވެ. ބޭރަށް ނުކުމެ އެކި މީހުންނަށް ވަކި ވަކިން ގޮވިއެވެ. ހުރިހާ އެންމެން ކޮޓަރިތަކުން ނުކުތެވެ. އިޝްފާ އާއި ސަންރާ ވެސް ނުކުތެވެ.
"ބޭބޭ! ކިހިނެއްވީ؟" ރުޅި އައިސް ހުރި ޝަމާންއަށް ބަލާލަމުން އަޝްރަފް ބުންޏެވެ.
"ކީއް ނުވަނީ؟ ކަންކަން މިހާރު މި ދަނީ އަތް ނުފޯރާ ފަށަށް،" ޝަމާންގެ އަޑު ގަދައެވެ. އަނބިދަރިންނާއި އާއިލާ މީހުން ކުރިމަތީގައި އެ ގޮތަށް އަޑު ގަދަ ކުރުމަކީ ޝަމާން ކުރާ ހިތްވި ކަމެއް ނޫނެވެ. ނަމަވެސް މިއަދު ސުވާލު އުފެއްދީ ދަރިފުޅުގެ އަބުރާ ބެހޭ ގޮތުންނެވެ.
"އަޝްރަފް ކީއްވެ ކުރުވި ކަމެއް؟" ޝަމާން އަޝްރަފްއާ ހަތަރު ކަޅި ހަމަ ކުރަމުން އެހިއެވެ. އަޝްރަފް ހުރީ އެ ކިޔާ އެއްޗެއް ނޭނގިފައެވެ. މޫނުމަތިން އެކަން ހާމަ ވާން ހުއްޓެވެ.
"ބޭބެ ތި ކިޔާ އެއްޗެއް ނުވިސްނުނު. އަހަރެން ކޮން ކަމެއް، ކާކު ލައްވާ ކުރުވީ؟" އަޝްރަފް އަނެއްކާވެސް ސުވާލު ކުރިއެވެ.
އަޒްފާ ބެލީ ޝަމާންގެ ރުޅި މަޑު ކުރެވޭ ތޯއެވެ. ނަމަވެސް އެކަމެއް ނުވިއެވެ.
"އަޒޫ ޕްލީޒް. މިކަން ވެއްޖެ މިއަދު ކޮންމެ ވެސް އެއް ކޮޅެއްގައި ޖައްސަން،" އަޒްފާއަށް އިނގިލި ދިއްކޮށްލަމުން ޝަމާން ބުންޏެވެ. ރަފްހާގެ ދެ ލޯ ބޮޑުވިއެވެ. ހިތި ހަގީގަތް ފަޅާ އަރާކަށް މާ ގިނަ އިރެއް ނެތޭ ހިތް ބުނަމުން ދިޔައެވެ.
"ބުނޭ. ކީއްވެ ކުރި ކަމެއް؟ އެއް ފަހަރު ސިހުރު ހަދައިފި. އަނެއްކާ މި ފަހަރު ތި ކުރީ ކޮން ކަހަލަ ވިޔާނުދާ ކަމެއް. އެވެސް އަމިއްލަ ދަރިފުޅު ލައްވާ،" ޝަމާން ވާހަކަ ދެއްކީ އަޑުގަދަ ކޮށެވެ.
ރަފްހާ ހާސްވާ ގޮތްވިއެވެ. ހަގީގަތުގައި ރަފްހާއަށް އެކަން އެނގުނީ ވީޑިއޯ ބެލި ފުރަތަމަ ވަގުތުއެވެ. އެ ވާހަކަ ދައްކާނީ ވެސް ކާކު ގާތު ހެއްޔެވެ؟
"ދޮންބެ ހުއްޓާލާ! ބައްޕައަކަށް ނޭނގޭނެ އެއްވެސް އެއްޗެއް. އެއީ އަހަރެން އެކަނި ކުރި ކަމެއް." އެންމެން އެއް ފަހަރާ ކަހަލަ ގޮތަކަށް ބަލާލިއެވެ. ވާހަކަ ދައްކަން ފެށީ ސަންރާއެވެ.
"އަބަދާއި އަބަދު މި ގޭތެރެއިން އިވެނީ އިޝްފާގެ މޮޅު ވާހަކަ. އިޝްފާ އެހެން، އިޝްފާ މިހެން. އިޝްފާގެ ރަނގަޅު ވާހަކަ، އޭނައަށް ތައުރީފް ކުރާ ވާހަކަ، އޭނަ ދީންވެރި، އޭނަ އަހުލާގު ރަނގަޅު، އޭނަ ހީވާގި، ކިޔެވުމަށް އެއް ވަނަ. މި ނޫން ވާހަކައެއް އަޑެއް ނީވޭ. އަހަރެންގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެހެން. އެންމެ ކުޑަ އިރުއްސުރެ އަހަރެން ހުރީ ބާކީ ކޮށްފައި. މިގެއަށް އަންނަ ފެމިލީ މީހުންނާއި ރައްޓެހިންނާއި އެންމެން ތައުރީފް ކުރަނީ އޭނައަށް." ސަންރާއަށް ރޮވޭ ގޮތް ވިއެވެ.
"އަހަރެން ވެސް ދެރަވޭ. އަހަރެން ވެސް ބޭނުންވޭ މީހުން އަހަރެން ރަނގަޅޭ ބުނަން. އެކަމަކު އެއްވެސް މީހަކު އެހެނެއް ނުބުނޭ. އަބަދު އަހަރެންގެ ފަރުވާ ކުޑަ ވާހަކަ. އަހަރެން ކަންނެތް ވާހަކަ. އެއް ފަހަރު ވެސް އަހަރެންނަށް ހިތްވަރެއް ދީބަލަ. އަހަރެންނާ އިޝްފާއާ އަޅާ ނުކިޔާ ބަލަ. އަހަރެންނަކީ ވަކި މީހެއް. އެއީ ވަކި މީހެއް. އެއް ގޮތެއް ނުވާނެ އެއްނު؟ އަހަރެން ހީކުރީ ބޮޑެތި މީހުންނަށް އެ ވަރު ވިސްނޭނެ ކަމަށް،" ސަންރާ ރޮމުން ކިޔައިދިނެވެ.
"މި ހުރިހާ ކަމަކަށް ކެތް ކޮށްގެން މި ހުރިހާ ދުވަހު އަހަރެން ހުރީ. އެކަމަކު ކެތްތެރިކަން ކޮޅުން ލީމަ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އަހަރެން ވިސްނަން ފެށީ. ރައްޓެއްސަކު ދިން އައިޑިއާއެއް އެއީ. އަހަރެން އިޝްފާއަށް ވެގެން ވީޑިއޯ ކޯލް ކުރީ މީހުންނަށް. އެންމެން އަބަދު ބުނެއެއްނު އަހަރެމެން ދެ މީހުން ވައްތަރޭ؟ އެހެންވެ އޭނަގެ އަގު ވައްޓާލަން. އެންމެން ކުރިމަތީ އޭނައަކީ ތި ބުނާހާ މޮޅު، ރަނގަޅު ކުއްޖެއް ނޫން ކަން ސާބިތު ކޮށްދޭން ކުރި ކަމެއް އެއީ. އަހަރެންގެ މަންމައަށް ވެސް ބައްޕައަށް ވެސް މިކަމެއް ނޭނގޭނެ." ސަންރާ ރޮމުން ރޮމުން އިށީނެވެ. އެންމެން ތިބީ ހައިރާން ވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެ ދެރަވީ އިޝްފާއެވެ. އެއްބަނޑު އެއްބަފާ ކުއްޖެއް ގޮތުގައި ދެކެމުން އައި ސަންރާގެ ހިތުގައި އެފަދަ ހަސަދައެއް އޮވެދާނެ ކަމަކަށް ފަހަރެއްގައި ވެސް ގަބޫލެއް ނުކުރެވުނެވެ.
"އަހަރެން އެންމެ ކުޑަ އިރުން ފެށިގެން ވެސް އިވެމުން ދިޔައީ އެ އަޑު. އަހަރެން ވެސް ދެރަވެއޭ. އެއްޗެއް ނުބުނެ އުޅުނަސް އަސަރު ވެސް ކުރޭ. ބޮޑެތި މީހުންނަށް ނޭނގި ތިބެ އަހަރެމެންނަށް ތި ދެވެނީ ކޮން ކަހަލަ އަނިޔާއެއް. އަޅާ ކިއުމަކީ ހާދަ ހިތުގައި ޖެހޭ ކަމަކޭ. ކޮންމެ ކަމެއްގައި ވެސް އަހަރެންގެ އުނިކަން، އަހަރެން ކާމިޔާބު ނޫންކަން ސާބިތު ކޮށްދޭން މަސައްކަތް ކުރީ ހަމަ ތިޔަ މީހުން. އަހަރެންގެ މަންމަ ވެސް އެންމެ ފަހުން އަހަރެންނަށް ދޭން ފެށީ އަދަބު. އެކަންކަމާ އަހަރެން ބޯ ގޮވައިގެން ކުރި ކަމެއް އެއީ. އާނ. އެ ވީޑިއޯތަކުގައި އެ ހުރީ ހަމަ އަހަރެން. އިޝްފާ ބަދުނާމް ކުރަން ކުރި ކަމެއް އެއީ." ސަންރާއަށް ގިސްލެވެމުން ގޮސް ހޭނެތުނެވެ. މާ ބޮޑަށް ހިތާމަ ކުރުމުން ހިތުގައި ޖެހުނީއެވެ.
އާއިލީ ގުޅުން ހީނަރުވާން ފެށިއެވެ. ދުވަހެއް ދުވަހަކަށް އެކަން ދިޔައީ ބޮޑުވަމުންނެވެ. މަޑުމަޑުން އެކަކު އަނެކަކާ ދުރުވެ މުޅި އާއިލާ ރޫޅެން ފެށިއެވެ. އެންމެ ފަހުން މުދަލާއި ގެ ވެސް ޝަމާން އާއި އަޝްރަފް ބަހާލިއެވެ. ދިރިއުޅުން ވަކި ކޮށްލިއެވެ. ދެބެންގެ ދޭތެރޭގައި ނަފްރަތު ނެތް ނަމަވެސް ހިތްހަމަނުޖެހުން އޮތެވެ. އަޒްފާ އާއި ރަފްހާ ވާހަކައެއް ނުދައްކައެވެ. ދެ މީހުންގެ ދަރިން ވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ.
ވީޑިއޯ ބެލި ފުރަތަމަ ވަގުތު ވެސް އެއީ އިޝްފާ ނޫން ކަން އަޒްފާއަށް ޔަގީންވިއެވެ. އެއީ އިޝްފާ މޫނުގައި އިންނަ ކަޅުތިލައަށް ވުރެ ބޮޑު ކަޅުތިލައެއް ވީޑިއޯގައި ހުރި ކުއްޖާ މޫނުގައި އިނުމުންނެވެ. އަދި ސަންރާގެ އަތުގައި އިންނަ ކަހަލަ ލަކުނެއް އެ ކުއްޖާގެ އަތުގައި ވެސް އިނުމުންނެވެ. ވީޑިއޯ ސާފު ނޫން ކަމުގައި ވިޔަސް އެ ވަރު އަޒްފާ އާއި ރަފްހާއަށް ފާހަގަ ކުރެވުނެވެ.
- ނިމުނީ -