ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

އެ މަންޒަރު ނުފެނުނަސް، އަޒްފާ އަށް އިޝްފާގެ ވާހަކަ ގަބޫލު ކުރެވެއެވެ. ދަރިފުޅަށް ދެވުނު ތަރުބިއްޔަތާ މެދު އެއަށް ވުރެ ބޮޑު އިތުބާރެއް އަޒްފާގެ އަބަދުވެސް އޮވެއެވެ.
15 ޑިސެމްބަރު 2022

އެޕިސޯޑް 13

އެ ވަގުތު ދެމައިންނަށް އެއްފަހަރާ ޝަމާންއާ ދިމާލަށް ބަލާލެވުނެވެ. ޝަމާންގެ ބޮޑުވެފައިވާ ދެ ލޯ ކުޑައެއް ނުވިއެވެ. އިޝްފާއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަޒްފާ އާއި އިޝްފާ ވެސް ބަލަހައްޓައިގެން ތިއްބެވެ.

"ޝަމާން ކިހިނެއްވީ؟" އަޒްފާ ތެދުވަމުން އެހިއެވެ.

ޝަމާން އެއްވެސް އެއްޗެއް ނުބުންޏެވެ. ކޮޓަރިން ނުކުމެގެން ދިޔައެވެ.

"މަންމާ. އަހަރެންނެއް ނޫން އެއީ. މަންމަ ގަބޫލް ކުރަން ދޯ؟" އިޝްފާ ގިސްލަމުން ބުންޏެވެ.

"ކޮބާތަ؟ ކިހިނެއް ވެގެންތަ މިއުޅެނީ؟ ދަރިފުޅުގެ ބައްޕަ ވެސް އެ ދިޔައީ އެއްޗެއް ނުބުނެ. ވެގެން އުޅޭ ގޮތެއް ނޭނގިގެން މަންމަ މި ސުވާލު ކުރަނީ. ދެން ވެސް ބުނެބަލަ،" އަޒްފާ އިށީންނަމުން ބުންޏެވެ.

ދަބަހުން ދެތިން ފޮޓޯގަނޑު އިޝްފާ ނެގިއެވެ. ނެގި އިރު ވެސް އިޝްފާ ތުރުތުރު އަޅާކަން އަޒްފާއަށް ފާހަގަ ކުރެވުނެވެ. ގެންފައިވާ ބިރު ވެސް އަޒްފާއަށް ފާހަގަވިއެވެ. ފޮޓޯތައް އަޒްފާގެ އަތަށް އިޝްފާ ދިއްކޮށްލިއެވެ. ނިތްކުރިއަށް ރޫތައް ގިނަ ކޮށްލަމުން އަޒްފާ އޭގައި ހިފިއެވެ. ލޮލަށް އެ ފެނުމާއެކު އެއަށް ނުބެލުނު ނަމައޭ އަޒްފާ ހިތަށް އެރިއެވެ.

ފޮޓޯގައި ހުރީ ނިވާކަން ކުޑަ ގޮތަކަށް ހެދުން ލާފައި ހުރި ކުއްޖެކެވެ. ފެންނަނީ މޫނުމަތިން އެއް ބަޔެވެ. ހަށިގަނޑުގެ ބޮޑު ބައެއް ހާމަކޮށް ފެންނަން ހުއްޓެވެ. ފަހަތުން ފެންނަމުން ދިޔައީ އަޒްފާ ދެކެފަރިތަ ކޮޓަރިއެވެ. އަޒްފާގެ ދަރިފުޅު ނިދާ ކޮޓަރިއެވެ. އެއީ އަޒްފާއަށް އާ ތަނެއް ނޫނެވެ. އާ ވީ ދަރިފުޅުގެ އެފަދަ ނުފެންނަ އަނދިރި ފަރާތެއް ފެނުމުންނެވެ. ލޮލުން ފާއްދާލި ކަރުނަތައް ބޭއިހުތިޔާރުގައި އޮހިގަތެވެ. އެއް ފަހަރު އިޝްފާއަށް އަނެއް ފަހަރު ފޮޓޯގަނޑަކަށް ބަލަމުން ދިޔައެވެ. އަޒްފާ ކަރުނަ ފޮހެލިއެވެ. އަދި ފުން ނޭވައެއް ލިއެވެ.

"މަންމާ! އަހަރެންނަށް އިތުބާރު ކުރަން ދޯ؟ މަންމަގެ ދަރިފުޅު ތިފަދަ ވިޔާނުދާ ކަމެއް ނުކުރާނެކަން. މަންމަ އަހަރެންނަށް ދިން ތަރުބިއްޔަތު މަތިން ހަނދާނެއް ނުނެތޭ. އަބަދުވެސް އަހަރެން ހަނދާން ބަހައްޓަން މަންމަ ދޭ އަގުހުރި ނަސޭހަތް." ރޮމުން ރޮމުން އިޝްފާ އަޒްފާ ގައިގައި ބައްދާލިއެވެ. ދަރިފުޅުގެ ބޮލުގައި އަޒްފާ ފިރުމާލީ ލޯތްބާއި ކުލުނާއެކުގައެވެ. ދެވުނު ތަރުބިއްޔަތާ މެދު ފަހުރުވެރިވަމުންނެވެ.

"ދަރިފުޅާ. މަންމައަށް އެނގޭ އެފަދަ ކަމެއް ދަރިފުޅު ނުކުރާނެކަން. މަންމަ ދަރިފުޅާ މެދު ފަހުރުވެރިވަން." އަޒްފާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

އަޒްފާ ކޮޓަރިއަށް ވަން އިރު ޝަމާން އޮތީ އެނދުގައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނީ އަޒްފާއެވެ. ހިނިތުންވެފައި އިން އަޒްފާ ފެނުމުން ޝަމާން ތެދުވިއެވެ. ހަމަހިމޭންކަމުގެ އެ ވަގުތުކޮޅުގައި އެކަކު އަނެކަކު ކިތަންމެ އެއްޗެއް ބުނެދިނެވެ. އަޒްފާ ޝަމާންގެ އަތުގައި ހިފާލީ ލޯބިންނެވެ. މާނަ ފުން ބެލުމަކުން ބަލަހައްޓައިގެން އިނދެވުނެވެ. ކިތަންމެ ސުވާލެއް ކުރަން ޝަމާން ބޭނުންވިއެވެ. ނަމަވެސް އަޒްފާއަށް އިތުބާރު ކުރިއެވެ. އެ ހިނިތުންވުމުގައި ހިތްހަމަޖެހުމެއް ވާކަން ޝަމާންއަށް ކަށަވަރެވެ.

"އަހަރެންނަށް ތި ކުރާ އިތުބާރު ދަރިފުޅަށް ވެސް ކުރާ ނަމަ،" އަޒްފާ އޯގާތެރިކަމާ އެކު ބުންޏެވެ. ޝަމާން އިސްދަށަށް ޖެހިއެވެ.

"އަހަރެން މިއަދު އުޅުނިން އެ ވާހަކަ ދައްކަން. އެކަމަކު ހިތްވަރެއް ނުލިބުނު،" ޝަމާން ކަރު އެލުވާލަމުން ބުންޏެވެ.

"އަހަރެން ނާހާނަން ޝަމާންއަށް އެނގުނީ ކޮން އިރަކު ކިހިނެއްތޯ ވެސް. އެންމެ މުހިންމު ކަމަކީ އެއީ އަހަރެމެންގެ އިޝްފާ ނޫންކަން. އެއީ އެޑިޓް ކޮށްފައި ހުރި އެއްޗެއްހެން ހީވަނީ. އުނހު. ހީވަނީއެއް ނޫން. ޔަގީން ވަނީ،" އަޒްފާ ބުންޏެވެ.

"ކިހިނެއް ތިހާ ޔަގީން ކަމާއެކު ތި ބުނަނީ؟ އަޒްފާއަށް އެ ވީޑިއޯ ފެނިއްޖެތަ؟" ޝަމާން އެހިއެވެ.

"ވީޑިއޯއެއް ނޫން. އިޝްފާ ދެއްކީ ފޮޓޯތަކެއް. އެއީ ހަމަ ހުސް ފޭކް. ކޮންމެވެސް ގޮތަކަށް ހަދާފައި ހުރި އެއްޗެހިތަކެއް އެއީ. މިހާރު ވެސް އެކްސްޕާޓެއް ލައްވާ ބަލާބަލަ،" އަޒްފާ ބުންޏެވެ.

"ކޮން ގޮތަކަށް ބަލާފަ ތިހެން ތި ބުނަނީ؟ އަޒްފާއަށް ވެސް ފެންނާނެ އޭގައި..." ޝަމާންގެ ވާހަކަ ހުއްޓުނެވެ.

"އޭގައި ހުރީ އަހަރެމެންގެ ދަރިފުޅު ނޫންކަން. ޝަމާންއަށް އެވަރު ނޭނގުނީތީ އަހަރެން ހައިރާން ވޭ،" އަޒްފާ ބުންޏެވެ. އަޒްފާ އެ ކިޔާ އެއްޗެއް ޝަމާންއަކަށް ނުވިސްނުނެވެ.

"ކުރަން ބޭނުން ކިތަންމެ ކަމެއް ނުކުރެވިދާނެ. ބުނަން ބޭނުން ކިތަންމެ އެއްޗެއް ނުބުނެވިދާނެ. އެކަމަކު އަހަރެން ބޭނުމެއް ނުވި އެ ވީޑިއޯ ލީކް ކޮށްލާކަށް. ނައުމާ ތި ކުރީ ވަރަށް ކަޑަ ކަމެއް،" ފިނި ފެން ފުޅިން ފައިބަމުން ދާ ފެން ތިކިތަކާ ދިމާލަށް ބަލަހައްޓައިގެން އިނދެ ރަފްހާ ބުންޏެވެ.

"އޭނ؟ ރަފްހާތަ ތިހެން ތި ބުނަނީ؟ މަ ގާތު އެ ރޭ ދެއްކި ވާހަކަ ހަނދާން ނެތުނީ؟" ނައުމާ ވިސްނާލާފައި ބުންޏެވެ.

""ވީޑިއޯ ލީކް ވީމަ ސަކަރާތޭ. ދެން އަސްލު ނޭނގެ އޭގައި އެ ހުރީ އިޝްފާ ކަމެއް ވެސް." ރަފްހާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ.

"ކީއްވެ ތިހެން ތި ބުނީ؟ އޭގެން އެނގޭނު އެއީ އިޝްފާކަން. އަނެއްކާ ރަފްހާ ބުނީމެއްނު އެއީ އެ ކުދިންގެ ކޮޓަރިއޭ! ތި ބުނީ ޝަމާން ރައްޓެހި، ކާކުތަ؟ އާނ. ހަލީމް، އޭނަ ވެސް ބުންޏޭ. ދެން ކީކޭ ތި ކިޔަނީ. މަށަކަށް ހަމަ އެއް ގޮތަކަށް ވެސް ނުވިސްނުނު،" ފޫހި ރާގެއްގައި ނައުމާ ވާހަކަ ދެއްކިއެވެ.

އަޒްފާ ދެއްކި ވާހަކަ ޝަމާންއަށް ގަބޫލެއް ނުކުރެވުނެވެ. ނޫނެކެވެ. ގަބޫލް ކުރަން ބޭނުން ނުވީއެވެ. އިތުރު ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތެވެ. ކަމުގެ އަޑި ފުންމިން ފެންނަން އޮތީ ޝަމާން ބޭނުންވާހާ ސާފު ކޮށެވެ.

ހަމަހިމޭން ދަންވަރުގެ ވަގުތުގައި، ޝަމާން ހުރީ ބެލްކަނީގައި އެކަންޏެވެ. އުންމީދުތައް ވިއްސިވިހާލިވެގެން ދާތަން ޝަމާންއަށް ފެންނަ ކަހަލައެވެ. ޝަކުވާތައް ގިނައެވެ. ސުވާލުތައް ގިނައެވެ. ހިތުގައި ވިންދު ޖަހާނެ ޖާގަ ނެތީ އެހެންވެއެވެ. އަޑު އަހަން ހުރީ ލޯބިވާ އަނބިމީހާއެވެ. އެ ހިތި ހަގީގަތް ކިޔައިދިން މީހާއެވެ. އެންމެ ފަހުން ލޮލުން ކަރުނަ ހުސްވީއެވެ. ރުއިމުގެ ބޭނުން ކެނޑުނީއެވެ. ކިތަންމެ ވަރަކަށް ރޮއި ހިތާމަ ކުރިޔަސް އެކަން އެއީ ނުވާ ކަމަކަށް ނުވާނެއެވެ.

އަލި ވިލުމާއެކު ޝަމާން އެނދުން ފުންމައިގެން ތެދުވިއެވެ. ބޭރަށް ނުކުމެ އެކި މީހުންނަށް ވަކިވަކިން ގޮވިއެވެ. ހުރިހާ އެންމެން ކޮޓަރިތަކުން ނުކުތެވެ. އިޝްފާ އާއި ސަންރާ ވެސް ނުކުތެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް