ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ޝަމާން ގަބޫލު ކުރީ އެ ވީޑިއޯއެއްގެ ވާހަކަ އަކީ ދޮގެއް ކަމަށެވެ. ނޫނީ ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށެވެ. ނަމަވެސް ހަލީމްގެ ވާހަކަތަކުން، އެކަމާމެދު އިތުރު ގޮތަކަށް ވިސްނާލަން ޝަމާނަށް މަޖުބޫރުވިއެވެ.
12 ޑިސެމްބަރު 2022

އެޕިސޯޑް 12

އެއް ދިމާލަކަށް ކަޅި ހުއްޓިފައި ރަފްހާއަށް ހުރެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ރަފްހާއަށް ބޭއިހުތިޔާރުގައި ލޯ މަރާލެވުނެވެ. އެނދު ކައިރިއަށް ތިރިވެވުނެވެ. އޭރު ފޯނު ދަނީ ރިންގު ވަމުންނެވެ. ގުޅަނީ ނައުމާއެވެ. ރަފްހާ ފޯނެއް ނުނެގިއެވެ.

"މަ ތިކަމުގެ އެންމެ އަޑިއަށް ދާނަން. ތިއީ ކާކު ކުރި ކަމެއްތޯ. ކީއްވެ ކުރި ކަމެއްތޯ ވެސް ބަލާނަން. ފުލުހުންނަށް ރިޕޯޓް ވެސް ކުރާނަން." ޝަމާން އާއި ހަލީމް ތިބީ ހުޅުމާލޭގެ ކެފޭއެއްގައި ސައި ބޯށެވެ. "ހަމަ ޔަގީނުން ވެސް އެއީ އަހަރެންގެ އިޝްފާއެއް ނޫން."

"ޝަމާން މަށަށް ވެސް އެނގޭ ގަބޫލް ކުރަން އުނދަގޫވާނެކަން. އެކަމަކު އެ ވީޑިއޯއިން އެނގޭ އެއީ..."

"ބުނެފީމެއްނު މަ އިޝްފާއެއް ނޫނޭ އެއީ،" ގޮށްމުށުން މޭޒުމަތީގައި ޖަހަމުން ޝަމާން ބުންޏެވެ. ހަލީމް ބަލާލީ ވަށައިގެން ތިބި އެހެން މީހުންނަށެވެ. ވައްކަޅިންނެވެ. ޝަމާން ހިމޭންވެލިއެވެ.

"މަ އެ ދުވަހު ތި ގެއަށް ގޮސް އެ ރޫމަށް ވަން އިރަށް މަށަށް ފެނުނު މަންޒަރުން މަ ނުކުމެގެން ދިޔައީ. ހަމަ އެ ތަން ފެނުނު އިރަށް ހަނދާނަށް އައީ އެ ވީޑިއޯތައް. ޝަމާން ރުޅި މަޑު ކޮށްފައި ފުންކޮށް ވިސްނާލަބަލަ. އެ ވީޑިއޯ ރަނގަޅަށް ބަލާލަބަލަ. އެއިން ފެންނަ ކުއްޖާއަށް ނޫނަސް، ބެކްގްރައުންޑަށް ބަލާލަބަލަ. އެ ރޫމްގެ އެއް ފަރާތުގެ ފާރުގައި ހުރީ ރޯސްތަކެއް. އެ ވީޑިއޯއިން ވެސް ހަމަ އެ ކުލައިގެ އެ ގޮތަށް އެލުވާފައި ހުރި ރޯސްތަކެއް ހުރި. ފުރަތަމަ މަ ހީކުރީ އެއީ ނެޗުރަލް އެއްޗެހި ކަމަށް. އެކަމަކު އެ ދުވަހު ތިގެއިން އެ އެއްޗެހި ފެނިގެން އަތްލީމަ އެނގުނީ އެއީ އާޓިފިޝަލް އެއްޗެހިކަން،" ތިކިތައް ގުޅުވައި ހަމަޖެއްސޭތޯ ހަލީމް ބެލިއެވެ.

"އަހަރެން ނުބުނާނަން އެއީ އިޝްފާއެކޭ. އޯކޭއެއްނު؟ އެކަމަކު އެ ރޯސްތަކުގެ ކުލަ އާއި ސައިޒާއި އަތުރާފައި ހުރި ތަރުތީބު ވެސް ހުރީ ހަމަ ސޭމްކޮށް. އޭގެ ކައިރީ ލިޔުންކޮޅެއް ވެސް ފެންނަން އިނދޭ. އޭތި ވެސް ތި ގޭ ރޫމްގައި އެބަ އިން،" ހަލީމް ޝަމާންއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.

ޝަމާން ހަނދާން އެބަ ހުއްޓެވެ. އެއީ އިޝްފާއަށް ޝަމާން ގަނެދިން ފިނިފެންމާތަކެކެވެ. ރަތް ކުލަ އާއި ރީނދޫ ކުލައެވެ. އެއް ދުވަހަކު ސުކޫލް ނިންމާފައި ގެއަށް ދަމުން ވަން ފިހާރަކުންނެވެ. އިޝްފާއަށް ރީތިވެގެން ގަތް މާތަކެކެވެ. މާތައް އެލުވާފައި ހުންނަނީ އިޝްފާ ނިދާ އެނދާ ދިމާލުގެ ފާރުގައެވެ. ޝަމާންގެ ބޮލުގެ ރިހުން ގަދަވިއެވެ.

"ޝަމާން. އެއް ކަހަލަ، އެއް ކުލައިގައި ހުންނަ މާ ވެސް ހުންނާނެ. އެއް ކަހަލަ ޑިޒައިނަށް އެއްޗެހި ވެސް ތައްޔާރު ކުރެވޭނެ. އެކަމަކު އެހާ އެއް ވައްތަރު އިންސާނުން ތިބެނީ ގިނަ ފަހަރު ޓްވިންސް ދޯ؟" ހަލީމްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެކަމުގެ އަޑި ފުންމިން ބަލާނަމޭ ޝަމާން ތި ބުނީ ވެސް ކޮންމެވެސް ކަމެއް ވެގެން. ޝަމާންއަށް ވެސް އެއްޗެއް ފެނި ނުވަތަ ގަބޫލް ކުރެވިގެން."

"އަހަރެން ގަބޫލެއް ނުކުރަން. އަދިވެސް ނުކުރަން. އެކަމަކު ތި ކިޔައިދިން އެއްޗެހިން އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ. އަހަރެންގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލަ. އަދިވެސް ހިތް ބުނަމުން ދަނީ ތިއީ ދޮގެކޭ. ތިއީ ކޮންމެވެސް ކަހަލަ އޮޅުމެކޭ ނޫނީ ރޭވުންގަނޑެކޭ." ޝަމާންގެ ލޮލުން މަޑުމަޑުން ކަރުނަ ފެވުނެވެ.

"ޝަމާން. ހިތްވަރުކޮށްބަލަ. އަހަރެން ނުބުނާނަން އަހަރެން މި ދައްކާ ވާހަކަ ގަބޫލު ކުރާށެކޭ. އެކަމަކު ޝަމާން އަމިއްލަ ލޮލުން ބަލާފައި އެކަމުގެ ތެދު ދޮގު ނިންމާނީ. އަހަރެންނަށް އިހުސާސް ކުރެވޭ ފުރާވަރުގެ އަންހެން ދަރިއަކު ހުންނަ އިރު ވިސްނަން ޖެހޭ ވަރު. ބޮލުގައި ރިއްސާ ވަރު،" ހަލީމް ވާހަކަ ދެއްކީ އޯގާތެރި ކަމާއެކުގައެވެ.

"ދައްކަބަލަ އެ ވީޑިއޯ،" ދެ ލޯ މަރާލަމުން ޝަމާން ބުންޏެވެ.

"ޔަގީންތަ؟" ހަލީމް އެހިއެވެ. ޝަމާން ބޯ ޖަހާލިއެވެ.

ރަފްހާއަށް ލިބުނު ހާސްކަމުން އަރައިނުގަނެވި އުޅެނިކޮށް ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނެވެ. އިތުރު ދަރިއަކު ބޭނުން ނުވެ ހުއްޓާ މާބަނޑުކަން އެނގުމުންނެވެ. ވީ ފޫހިން އަޝްރަފްއާ ދިމާލަށް އެއްޗެހި ކިޔުނެވެ. އެކަމަށް ތައްޔާރުނުވެ ހުއްޓައި، ބޭނުން ކަމެއް ނޫން ކަމުގައި ބުންޏެވެ. ދެ ކުދިން ލިބުމުން އިތުރު ކުއްޖަކު ބޭނުންނުވާ ކަމުގައި އަޝްރަފް ގާތު ރަފްހާ ބުނެފައި ވެއެވެ.

ޝަކުވާ ކުރި ނަމަވެސް ހައްލެއް ނުލިބޭނެކަން ރަފްހާއަށް އެނގެއެވެ. އެހެނަސް އާ ފެށުމަކުން ފަށަން ޖެހޭތީ ރަފްހާ ހުރީ ހިތްހަމަނުޖެހިފައެވެ. ދެ ދަރިން ތިބީ އަމިއްލައަށް ގިނަ ކަންކަން ކުރެވޭ ވަރު ވެފައެވެ. ރަފްހާ ބޭނުންވީ މިނިވަންކަމާއެކުގައި ދުވަސްތަކެއް ހޭދަ ކޮށްލާށެވެ. ނަމަވެސް އަނެއްކާވެސް އިތުރު ޒިންމާއެއް ބޮލުގައި އަޅަން ޖެހުމުން ރަފްހާގެ ފޫހިކަން އިތުރުވިއެވެ. މިނިވަންކަމަށް އެޅޭ އިތުރު ހުރަހެއް ކަމަށް ގަބޫލު ކުރެވެން ފެށުނެވެ. ހިތަށް އަރަމުން ދިޔައީ ބޭނުންނުވާ ކަންކަމެވެ. މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެ ކަމުގައި ރަފްހާ ކުށްވެރި ކުރީ އަޝްރަފެވެ. ރަފްހާގެ ހިނިތުންވުން ޖަހައިގަތީ ކަމުގައި ބުނަމުންނެވެ. ހަގީގަތުގައި ރަފްހާގެ ބޮލުގެ ރިހުމަކީ އެއެއް ނޫނެވެ. އަޝްރަފަކަށް އެކަމެއް ނޭނގެއެވެ.

ޝަމާން ވިސްނަމުން ދިޔައީ އަޒްފާއާ ވާހަކަ ދެއްކުމަށެވެ. އެފަދަ ކަމެއް ސިއްރުކޮށްގެން އުޅެން އުނދަގޫވިއެވެ. ވެ ދިޔަ ކަންތައް ހަނދާން ނައްތާލާކަށް ފަސޭހައެއް ނުވިއެވެ. ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މާޒީ ދޫކޮށް މުސްތަގުބަލަށް ވިސްނަން ކިތަންމެ މަސައްކަތެއް ކުރިޔަސް ތަގުދީރު އެކަމަކަށް ޖާގައެއް ނުދިނެވެ.

އިޝްފާ ސުކޫލުން ގެއަށް އައީ ރޮމުންނެވެ. އެއީ ޝަމާން އަޒްފާ ގާތުގައި އެ ވާހަކަ ދައްކަން އުޅުނު ވަގުތެވެ. ވާހަކަ ދައްކަން ނުފެށެނީސް އިޝްފާގެ ރުއިމުގެ އަޑު އިވުމުން ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ތެދުވިއެވެ. އަދި އިޝްފާ ފަހަތުން ކޮޓަރިއަށް ދިޔައެވެ. މޫނު މަތީ ބާލީސް އަޅައިގެން އޮވެ އިޝްފާ ރުޔެވެ.

"ދަރިފުޅާ. ކިހިނެއްވީ؟" އަޒްފާ ސުވާލު ކުރިއެވެ. އިޝްފާ އެއްވެސް އެއްޗެއް ނުބުންޏެވެ.

"ދަރިފުޅާ. މަންމަމެން ގާތު ބުނެބަލަ. ކިހިނެއްތަ ވީ؟ ކާކު ކީއް ކުރީ؟ މީހަކު އެއްޗެއް ބުނީތަ؟" ފަހަރަކު ސުވާލެއް އަޒްފާ ކުރިއެވެ. އިޝްފާއަށް ރުއިން ނޫން ކަމެއް ނުކުރެވުނެވެ. ޝަމާން އިނީ ހަރަކާތެއް ކޮށްލަން ނޭނގިފައެވެ. ހިތް ބުނަމުން ދިޔައީ ވީޑިއޯއާ ގުޅުން ހުރި ކަމެއް ކަމަށެވެ. ޝަމާން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

އަޒްފާ އިޝްފާގެ މޫނުމަތިން ގަދަކަމުން ބާލީސް ނެގިއެވެ. އަދި އިޝްފާއާ ގާތަށް ޖެހިލިއެވެ. އިޝްފާގެ މޫނުމަތި ވަނީ ރަތް ވެފައެވެ. ދެ ލޯ ހުރީ ރޮއިރޮއި ކުޑަ ވެފައެވެ. ވީ ކިހިނެއްތޯ އެތައް ފަހަރަކު އެހުމުން ވެސް އިޝްފާ ޖަވާބެއް ނުދިނެވެ. އަޒްފާގެ ގައިގައި ބައްދާލާފައި އިތުރަށް ރޯން ފެށިއެވެ.

"މަންމާ! އެއީ އަހަރެންނެއް ނޫން. ހަމަ ހުވާ އަހަރެންނެއް ނޫން،" އިޝްފާ މިހެން ބުނުމާ އެކު ޝަމާންގެ ދެ ލޯ ބޮޑުވިއެވެ. އަދި ފުންމައިގެން ތެދުވެވުނެވެ. އެ ވަގުތު ދެމައިންނަށް އެއް ފަހަރާ އެ ދިމާލަށް ބަލާލެވުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް