ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ޝަމާން އާއި ހަލީމް ދެއްކި ވާހަކަ ރަފްހާ އަށް އަޑު އިވުނެވެ. އެއަށް ވުރެ ރަފްހާގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ރަނގަޅު ފުރުސަތެއް ތަނަވަސްވީއެވެ.
8 ޑިސެމްބަރު 2022
3

އެޕިސޯޑް 11

ހަލީމްގެ ގިރުވާނުގައި ޝަމާން ހިފިއެވެ. އެ ވަގުތު ވެސް ހަލީމް އިނީ ދާހިއްލާ ފޯވެފައެވެ. ކުރިމަތީގައި އިން އެކުވެރިޔާއަށް ވިސްނައިދޭނެ އިތުރު ގޮތެއް ނޭނގުނެވެ. ކޮންމެ ބައްޕައަކު ނަމަވެސް ކަންތައް ކުރާނީ އެހެންނެވެ. ތިމާގެ ދަރިއަކާ ބެހޭ ގޮތުން އެފަދަ އަޑެއް އަހާކަށް އެއްވެސް ބައްޕައަކަށް ކެތެއް ނުވާނެއެވެ. ތިބެވުނު ތަން ހަނދާން ކޮށްދިނީ ހަލީމެވެ. ޝަމާން ހަލީމްގެ ގިރުވާނުން ދޫކޮށްލިއެވެ. ޝަމާންއަށް އިތުރު އެއްޗެއް ބުނެދޭނެހާ ހިތްވަރެއް ހަލީމްގެ ނެތެވެ.

"ހަލީމް. ތި ކަހަލަ އެއްޗެއް އަހަރެން ގާތު ބުނަން ކެރުނީތީ ހައިރާންވަން. އެއީ އަހަރެންގެ ދަރިފުޅޭ." ޝަމާން ވާހަކަ ދެއްކި އިރު ތުރުތުރުއަޅައެވެ.

"އެކަމަކު މިއީ ތެދެއް،" އިސް ޖަހާލަމުން ހަލީމް ބުންޏެވެ.

"ދެން މަ ވީ ގަބޫލް ކުރަން؟ ތިއަށް ވުރެ ހުތުރު އެއްޗެއް ބުނަން ނޭނގުނީތަ؟" ޝަމާންގެ ރުޅި އިހުނަށް ވުރެ ގަދަވިއެވެ.

"އޭރު ވެސް މަ ހިތަށް އެރި ޝަމާން ގަބޫލެއް ނުކުރާނޭ. މި އޮތީ ހެކި. މި ފޯނުގައި. އަން ބަލާބަލަ ކެރެންޏާ،" ހަލީމް ފޯނު ދިއްކޮށްލަމުން ބުންޏެވެ.

ޝަމާން ވަގުތުން ފޯނުގައި ޖެހިއެވެ. ފޯނު ވެއްޓުނީ ވެލިގަނޑު މައްޗަށެވެ. އެހެންކަމުން ހަލާކެއް ނުވެއެވެ. ހަލީމްއަށް ހީވީ ރަނގަޅަށެވެ. ޝަމާން ގާތުގައި ވާހަކަ ދެއްކުން ވީ ކަނޑުގައި އަޅާލި ރޮނގެއް ފަދައިންނެވެ. ޝަމާން އަޑުއެހީ ހިތް ވިސްނައިދިން ގޮތެވެ. ގަބޫލް ކުރީ ސިކުނޑި ވިސްނައިދިން ގޮތެވެ. ތަނުގައި ހުރުމުގެ ބޭނުމެއް ނެތޭ ޝަމާން ހިތަށް އެރިއެވެ. ވުމާއެކު ގެއަށް ދާން ހިނގައިގަތެވެ. ސައިކަލުގައި އިން އިރު ވެސް ވިސްނެމުން ދިޔައީ ހަލީމް ދެއްކި ވާހަކަ އަށެވެ. ނުވިސްނަން ބޭނުން ވިޔަސް ވިސްނެނީއެވެ. ހަލީމް އެ ވަރަށް އެ ހާސްވީ ކޮންމެވެސް ކަމެއް އެ ކަމުގައި އުޅޭތީ އެވެ. ޝަމާންއަށް ކުރެވެމުން ދިޔައީ މަސްހުނި ހިޔާލުތަކެކެވެ. ހިތާއި ސިކުނޑި ތަޅާފޮޅަމުން ދިޔައެވެ. ސައިކަލުގެ ސްޕީޑް ކޮންޓްރޯލް ނުވާހެން ޝަމާންއަށް ހީވިއެވެ. ވަގުތުން ސައިކަލް މަޑު ކުރިއެވެ. ކައިރީގައި ހުރި ފިހާރަކަށް ވަދެ ފެން ފުޅިއެއް ގަނެގެން ނުކުމެ މުޅި ބޮލަށާއި މޫނަށް ފެން އަޅާލިއެވެ. މަގުމަތިން ދިޔަ މަދު މީހަކަށް އެ މަންޒަރު ފެނުނެވެ.

ރަފްހާ ޕާކުން ނުކުމެގެން ދިޔައެވެ. ޒުކާން މަތިން ހަނދާންވީ ނައުމާ ގުޅާފައި ބުނުމުންނެވެ. އަނބުރާލާފައި އަނެއްކާ ޒުކާން ބަލައި ރަފްހާ ވަނެވެ.

"އޭތް! ކިހިނެއް ވެފަ ތި ހުންނަނީ ނެގި މަޑުވެފަ." ރަފްހާގެ މަޑުމައިތިރިކަން ނައުމާއަށް ފާހަގަވިއެވެ. ރަފްހާ އެއްވެސް އެއްޗެއް ނުބުނެ ޒުކާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ނައުމާ އެތައް ފަހަރަކު ގޮވުމުން ވެސް ނުހުއްޓުނެވެ.

ހަލީމް ދެއްކި ވާހަކަތައް ޝަމާންގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. އެ ވާހަކަތައް އަޒްފާއަށް ކިޔައިދޭން ހިތަށް އެރިއެވެ. އެއަށް ފަހު ހުއްޓުން އެރިއެވެ. އެކަން ކިޔައިދޭ ފަހުން އެއީ ހަގީގަތެއް ނޫންކަން އެނގިއްޖެއްޔާ އަޒްފާ ދެރަވާނެއެވެ. އެންމެ ދެރަވާނީ ޝަމާން އިޝްފާއަށް އިތުބާރު ނުކުރަނީއޭ ހީވުމުންނެވެ. ތަފާތު ސުވާލުތައް ޝަމާންއާ ކުރިމަތި ކުރުވާނެއެވެ. ވަރުބަލިވަންދެން ޖަވާބު ދިނަސް އަޒްފާއަށް ގަބޫލު ކުރަން އުނދަގޫވާނެއެވެ. އެހެން މީހަކަށް މިކަން އެނގިއްޖެ ނަމަ މުޅި ރަށު ތެރެއަށް މިކަން ފެތުރޭނެއެވެ. ދަރިފުޅާ ދޭތެރޭ ދެކެމުން އައި ގޮތް ބަދަލުވާން ނަގާނީ ފަޅި ސިކުންތުކޮޅެކެވެ. އެންމެ ރަނގަޅުވާނީ މޮޔަ ކަމެއް ނުކޮށް މަޑުމަޑުން ހުރިއްޔާއެވެ. އެކަމަކު ހަލީމް އެ ދެއްކި ވާހަކައިގެ ހަގީގަތް އޮޅުންނުފިލުވާ ހުރުމަކީ ޝަމާންގެ ލޮލަށް ހަމަ ނިދި ލިބޭނެ ކަމެއް ނޫނެވެ.

"ހަމަ ހުވާ. މަ ހުރީ ގުޑާލަން ވެސް ނޭނގިފައި. އެ ކުއްޖާ އެ ކަހަލަ ކަމެއް ކޮށްފާނެ ކަމަށް ކާކު ގަބޫލު ކުރާނީ؟" ރަފްހާ ވާހަކަ ދައްކަމުން ދިޔައީ ނައުމާއާއެވެ. ދެ މީހުން ނުކުމެ އުޅުނީ ކަސްރަތު ކުރާށެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ.

"އާނ. މަށަށް އަދިވެސް މި ހުންނަނީ ގަބޫލު ނުކުރެވިފަ. މިހާރު އުޅޭ ކުދިންގެ ހަގީގަތެއް ނޭނގޭނެ. ބުނެއެއްނު ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ. މި ފަހަރު އިޝްފާ ތި ވީ އޭގެ ގުރައަކަށް ތާ ދޯ؟" ނައުމާ އާއި ރަފްހާގެ ދުވުން މަޑުވިއެވެ. "ހިނގާބަލަ މި ދިމާލަށް. މަ ވަރަށް ވަރުބަލިވެއްޖެ."

މާ ނޭވާލަމުން ދެ މީހުން ގޮސް އިށީނީ ރަސްފަންނުގައި ހުރި ޖޯލިފައްޗެއްގައެވެ. އެކި ހިސާބުގައި އެކި އުމުރު ފުރާގެ މީހުން ގިނައެވެ. މަޑުމަޑުން ވައިޖެހެމުން ދިޔައެވެ. އުދަރެހުން އަންނަ ވައިރޯޅި އެއްވެސް ހުރަހަކާ ނުލައި ހަށިގަނޑުގައި ބީހިލަމުން ދިޔައެވެ. ކަނޑުގެ މެދުން ފެންނަމުން ދިޔައީ އެކި ވަރު ދޯނިތަކާއި ލޯންޗުތަކެވެ. އެންމެ ގާތުން ފެންނަން އޮތީ ބޮޑު ސަފާރީއެކެވެ. ދިއްލާފައި ހުރި އެކި ކުލައިގެ ބޮކިތަކުން ކަނޑުގެ ލޮނުގަނޑަށް ވެސް ކުލަވަރު އަރާފައި ހުއްޓެވެ. ދެ ބަޔަކަށް ހަދާފައިވާ އެ ސަފާރީ އަކީ މުއްސަނދިން ދަތުރު ކޮށްލަން ހިތްގައިމު އުޅަނދަކަށް ވާނެއެވެ.

"މަ ހާދަ ދަތުރު ކުރާ ހިތްވެއޭ އެ ކަހަލަ އެއްޗެއްގައި،" ރަފްހާ ބުންޏެވެ.

"އޭނ؟ މީނަ ކޮން ވާހަކައެއް މި ފެށީ،" ނައުމާ ޖޯލީގައި ހަމަ ޖެހިލަމުން ބުންޏެވެ.

"ދެން ކޮން ވާހަކައެއްތަ ދައްކަންވީ؟ އިޝްފާ ވާހަކަ ދައްކައިގެން ވާނެ ކަމެއް ނޯންނާނެ. ބަލަންވީ އޭނަ އެ ބުނާ ވީޑިއޯއެއް ފެނޭތޯ. އެ ހަލީމް އަތުން އޭތި ހޯދާނީ ވެސް ކިހިނެއް؟" ރަފްހާ ފެން ފުޅި ނަގަމުން ބުންޏެވެ.

"މަށަށް ތިކަން ކުރެވިދާނެ. ރަފްހާ ބޭނުންތަ އޭތި ބަލަން؟" ނައުމާ އެހިއެވެ.

"ބަލާކަށް ނޫން. މަ ބޭނުންވަނީ އޭތި ލީކް ކޮށްލަން. އެންމެންނަށް އަންގަން އަޒްފާގެ ތަރުބިއްޔަތު ކިހާ ފުރިހަމަވެފައި ރަނގަޅުކަން. އާއިލާ އާއި ރައްޓެހިން ކުރިމަތީ ފަލީހަތް ކޮށްލަން މަ އެންމެ ބޭނުންވަނީ." ރަފްހާ ފެން ފުޅިއަށް ބާރުލަމުން ދަތްކުނޑި ވިކައިގަތެވެ.

"ހަމަ މިހާރު ތިކަމާ މި އުޅެނީ. މިރޭ ނިދަން އޮންނާނީ ތި ވީޑިއޯއެއް ހޯދައި ތީތި ލީކް ކޮށްލާފައި. ރަފްހާ ދޭ ގެއަށް،" ޖޯލިން ތެދުވަމުން ނައުމާ ބުންޏެވެ.

ޝަމާންގެ ލޮލަކަށް ނިންޖެއް ނައެވެ. ހަލީމްއާ ވާހަކަ ދައްކަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް ގުޅާކަށް ބޭނުމެއް ނުވިއެވެ. އެކަން ހަގީގަތަކަށް ވެއްޖިއްޔާ ޝަމާން އާއި އަޒްފާ އާއި އިޝްފާގެ މުޅި ހަޔާތް ބަނަވީއެވެ. އިޝްފާގެ މުސްތަގްބަލު ވެއްޔާ މޮޑެވުނީއެވެ. ދެމަފިރިން ދެކެމުން އައި ހުވަފެން ކުލަނުޖެހި ބިލާހަކަށްވީއެވެ. ނަމަވެސް ހަމަ ނިދި ލިބޭނީ އެކަމުގެ ހަގީގަތް ހޯދުމުންނޭ ޝަމާންގެ ހިތަށް އެރިއެވެ. ދެ ހިޔާލެއްގައި ހުރެ ހަލީމަށް ގުޅިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ޝަމާން ހިތްހަމަނުޖެހުނެވެ. އެނދުގައި ޖައްސާލީ ނިދޭނެ ކަމަކަށް ނޫނެވެ.

ރަފްހާ އިންތިޒާރު ކުރަމުން ދިޔައީ ނައުމާގެ ހަބަރެއް ވޭތޯއެވެ. ބަރާބަރު ބާރަ ޖެހި އިރަށް ނައުމާ ގުޅިއެވެ.

"ޗެކް ވައިބާ. ހުރިހާ ގްރޫޕްތަކަށް ވެސް އަޅާފައި މިހާރު ހުންނާނީ،" ނައުމާ ފޯނު ބޭއްވިއެވެ.

ރަފްހާގެ އަތްމަތި އަވަސްވިއެވެ. އަވަސް އަވަހަށް ފޯނު ކަނޑާލާފައި ވައިބާ ބަލާލިއެވެ. ޑައުންލޯޑްވާން ކުޑަ އިރުކޮޅެއް ނެގިއެވެ. ރަފްހާގެ ހިތުގެ ވިންދު އަވަސްވިއެވެ. ނޭވާލެވުން އަވަސްވިއެވެ. ވީޑިއޯ ލޯޑް ވުމާއެކު ރަފްހާ ހުޅުވާލިއެވެ. އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ކަޅި އެއް ދިމާލަކަށް ހުއްޓިފައި ރަފްހާއަށް ހުރެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (3)

ލެވެންޑާ

8 ޑިސެމްބަރު 2022
ވަރަށް ފޫހި މި ބައިގަވެސް އިޝްފާ ކުރީ ކީއްކަން ބުނެފަ ނެތީމަ..ވާހަކަ ކިޔާ ހިތް ވެސް ކެނޑިއްޖެ ހާސަރު ދިގުވީމަ
1 1

އަޅިކެނޑި

8 ޑިސެމްބަރު 2022
@ލެވެންޑާ ކާކު ބުނެގެން ކާކު މަޖުބޫރު ކޮށްގެން ތަ ތި ކިޔަނީ؟
1 2

ރާއިދު

25 ފެބްރުއަރީ 2023
@އަޅިކެނޑި ރީތި ވާހަކައެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް