ސްކައިރޮކް: މި ބޭންޑުގައި ތިބީ ފުލްޓައިމްކޮށް މިއުޒިކް ކުޅޭ ފަންނާނުން (ފޮޓޯ/ބައިސްކޯފު)

މިއުޒިކް

ސްކައިރޮކް: ގަދީމީ ދިވެހި ގޮތްތަކެއްގައި ޒަމާނީ ދިވެހި ރަހައެއް

ޗަނާޗާގައި މިއުޒިކް ކުޅެން ތައްޔާރުވަމުން އަންނަ މި ބޭންޑް ފައްކާވެފައިވަނީ ތަފާތު ހުނަރުތަކުން
18 އޮކްޓޯބަރު 2022
3

މުހިންމު ނުކުތާތައް

'ސަމުގާ' އަކީ ސްކައިރޮކްގެ އޮރިޖިނަލް ލަވައެއް

ބޭންޑަށް އައި ބޮޑު ބަދަލާ މެދު އެންމެންވެސް ތިބީ ހިތްހަމަޖެހިގެން

ޗަނާޗާގައި ބޭންޑްގެ އާ ފަސް ލަވަައެއް ހުށައަޅައިދޭނެ

ސްކައިރޮކްގެ މިއުޒިކުން އިހްސާސްކޮށްލެވޭނީ ގަދީމީ ދިވެހިވަންތަކަން މި ޒަމާނަށް ހެޔޮވަރުކޮށްލާފައި އޮންނަ އޮތުމެވެ. އެއީ އަޑުއަހާލަން ފަސޭހަ ތަފާތު ހިތްގައިމުކަމެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ހަ މެންބަރުން ހިމެނޭ މި ބޭންޑްގެ ކޮންމެ ފަންނާނަކު ވެސް ދައްކައިދެނީ ތަފާތު ހުނަރަކާއި ވަންތަކަމެކެވެ.

ސްކައިރޮކްގެ ބައިވެރިންނަކީ ފުލްޓައިމްކޮށް މިއުޒިކް ކުޅެގެން އާމްދަނީ ހޯދަމުން އަންނަ ބައެކެވެ. ބައިސްކޯފުގެ ސްޓޫޑިއޯ އިން އެ ބޭންޑާ ބައްދަލުވި އިރު ބޭންޑްގެ ލަވަކިޔުންތެރިޔާ އިންޝާ އަހުމަދު، 25، ލަވަކިޔަމުން ގެންދެ އެވެ.

ބޭންޑްގެ އެހެން މެންބަރުން ކުޅެމުން އައި މިއުޒިކާ އެއްވަރަށް އޭނާގެ 'ފެމިނިން ވޮއިސް' ބޭނުންކޮށްގެން މަތީ ނޯޓުތައް ކިޔާލީ ފަސޭހަކަމާ އެކު އެވެ. އިންޝާގެ އަޑު މިއުޒިކާ އެއްވެގެން ނުކުންނަ އިރު އިހުސާސްތަކާ ކުޅެލަ އެވެ. ސްޓްރެސް ބޮޑުވެފައި ހުރި އަހަރެންގެ ސިކުނޑީގެ އޮޅުންބޮޅުން ހިޔާލުތަކުން ދުރުވެވުނެވެ.

އެ އަޑާއި އެ މިއުޒިކުން މީހާ ހަމަޖައްސާލައި، ހިމޭންކޮށްލަ އެވެ.

އުމުރުން 25 އަހަރުގެ އިންޝާ އަކީ ސްކައިރޮކްގެ އަންހެން ވޯކަލިސްޓް (ފޮޓޯ/ސްކައިރޮކް ފޭސްބުކް)

ބޭންޑްގައި ހިމެނެނީ މިހާރު ވެސް މަޝްހޫރު، ގިނަ މީހުން ދަންނަ ފަންނާނުންނެވެ. ޑްރަމަރަކީ އަހުމަދު ފައިޒަން އެވެ. ހުސެއިން ތައުފީގް ބަލަހައްޓަނީ ކީބޯޑެވެ. ލީޑް ގިޓާ ކުޅެނީ ޒަޔާން ފައިސަލް އެވެ. ބޭސް ގިޓާގެ ހުނަރުވެރިޔަކީ މުހައްމަދު އިނާން އެވެ. ރިދަމް ކުޅެމުން، ފިރިހެން ލަވަކިޔުންތެރިއެއްގެ ޒިންމާ ނަގަނީ އަބްދުﷲ ފަރުހާން އެވެ. 

ބޭންޑްގެ އެކި މީހުންގެ ހުނަރު، ސަމުގާއެއްގެ އީރާނު ފަޅި އާއި އަސްތަމާނު ފަޅިހާ ތަފާތެވެ. އެކަމަކު ބޭންޑްގެ ސަމުގާގެ މިސްރާބު ހުރީ އެއްދިމާލަކަށެވެ. 

"މިއުޒިކް ސްޓައިލްގެ ގޮތުން އެންމެން ވެސް ތަފާތު، އެންމެން ވެސް މި އުޅެނީ ހަމަ ޖާނީއެއްގައި. އެކްސްޕްލޯ ކުރަން. އެކަމަކު އެންމެންގެ މަގްސަދަކީ އެކައްޗެއް،" ފައިޒަން ބުންޏެވެ.

މި ފަންނާނުންގެ މަސައްކަތުގެ އަސްލު ބިނާވެފައި އޮތީ ކުރިއަށް އޮތް ޖީލުތަކަށް ވެސް ދިރުން ގެނުވާނެ ތަފާތު އުފެއްދުންތަކެއް ހުށައެޅުމުގެ މައްޗަށެވެ.

އިންޝާގެ އަޑާއި އީސާގެ މޮޅު ޅެންވެރިކަން ހިމެނޭ ސްކައިރޮކްގެ އޮރިޖިނަލް 'ސަމުގާ' ވަނީ  މިދިޔަ މެއި މަހު ޓީވީއެމްގެ 'އަދިވެސް ރީތިީ' ޕްރޮގްރާމްގައި ގެނެސްދީފަ އެވެ. އެއާ އެކު ފޭނުން އިންޝާ ބަލައިގަތެވެ.

ސްކައިރޮކްގެ އޮރިޖިނަލް 'ސަމުގާ' އިންޝާ ހުށަހަޅައިދެނީ

ބޭންޑްގެ ހުންގާނުގައި ހުރީ ފައިޒަން އެވެ. ޑްރަަމަރުގެ އިތުރުން އޭނާއަކީ ބޭންޑްގެ މެނޭޖަރު ވެސް މެ އެވެ.

"ސްކައިރޮކް ސިފަކުރަނީ ވޯލްޑް މިއުޒިކް ރޮކް ފިއުޝަނެއް ކުޅޭ ބައެއްގެ ގޮތުގައި. އަހަރެމެން ބަލަނީ ޓްރެޑިޝަނަލް މިއުޒިކަށް މޮޑަން ޓުވިސްޓެއް ގެނެސްދެވޭތޯ،" ފައިޒަން ބުންޏެވެ. 

ކުޑައިރުއްސުރެ މިއުޒިކަށް ލޯބިކުރާ ފައިޒަންގެ ތަޖުރިބާ އެބަ ހުއްޓެވެ. އޭނާ ވަނީ 2000ގެ އަހަރުތަކުގެ ކުރީކޮޅު އަމިއްލަ ބޭންޑް 'ސެރެނިޓީ ޑައިސް'ގައި ގިނަ ޝޯތަކެއް ދީފަ އެވެ.

ސްކައިރޮކްގެ ހުންގާނުގައި ހުރީ މިއުޒިޝަން ފަައިޒަން (ފޮޓޯ/ސްކައިރޮކް ފޭސްބުކް)

މިހާރު އޭނާއަކީ ހޭންޑްޕޭން ޕްލޭޔަރެއް ވެސް މެ އެވެ. މިފަހަކަށް އައިސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ މި އާލާތަކީ އަތުން ކުޅެވޭ ވައްތަރުގެ ސްޓީލް ޑްރަމެކެވެ. އޭގެ އަޑުތައް ހިތްގައިމެވެ.

ބޭންޑްގެ މެންބަރުން ބުނާ ގޮތުގައި ކޮންމެ ކަމެއް ޖެހުނަސް އެންމެ ބޮޑަށް ބަރޯސާވެވޭނެ އެކަކީ ފައިޒަން އެވެ.

ކަންކަމާ މެދު އުއްމީދު ކަނޑާނުލާނެ މެންބަރެއްގެ ގޮތުގައި އެމީހުން ފާހަގަކުރަނީ ރިދަމް ގިޓަރިސްޓް އަދި ލަވަކިޔުންތެރިޔާ ފަރުހާން (ފައްފު) އެވެ.

ބޭންޑަށް އައި ބޮޑު ބަދަލު

ސްކައިރޮކް ބޭންޑްގެ އަމާޒަކީ ދެން އަންނަ ޖީލަށް ހިތްވަރަކަށް ވުން

ސްކައިރޮކްއަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފޭނުންނަށް ފާހަގަކުރެވޭނެ އެވެ. ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދަކީ ކުރިން އެ ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާ އެވެ. ނަމަވެސް އޭނާއަކީ މިހާރު ސްކައިރޮކްގެ މެންބަރެއް ނޫނެވެ. ބޭންޑްގެ މުސްތަގުބަލާ މެދު ފޭނުންގެ ހިތުގައި ސުވާލުތައް އުފެދިފައި އޮތުން އެކަށީގެންވެ އެވެ.

ފަރްހާން ބުނާ ގޮތުން ބޭންޑުގެ ކުރިމަގު އޮތީ ރަނގަޅަށެވެ. ބޭންޑަށް އައި ބަދަލާ މެދު އެމީހުން ތިބީ ހިތްހަމަޖެހިގެންނެވެ.

"މި ޖާނީ ކުރިއަށް ދިއުން ޕްލޭނަކީ. އެކަކު އަނެކަކަށް އެއްވެސް މައްސަލަތަކެއް ނުޖެހި ޓީމް ސްޕިރިޓުގައި،" ފަރުހާން ބުންޏެވެ.

ބޭންޑްގައި ވަރަށް ލޯބި ގުޅުމެއް ވެސް އޮވެ އެވެ. އިންޝާ އާއި ބޭސް ގިޓަރިސްޓް އިނާންއަކީ ދެމަފިރިންނެވެ. 'ދައުރު' އިން މީގެ ކުރިން މި ދެ މީހުންގެ ލަވް ސްޓޯރީ ގެނެސްދީފައިވާނެ އެވެ. އަހަރެން އިންޝާ ގާތު އަހަން ބޭނުންވީ އިނާންއާ އެކީގައި މަސައްކަތްކުރުމަކީ ކޮން ކަހަލަ ކަމެއްތޯ އެވެ.

މޭލް ވޯކަލިސްޓް އަދި ރިދަމް ގިޓަރިސްޓް ފަރުހާން

އިންޝާ ބުނީ އުނދަގޫވާނެ ކަމަށް ކުރިން ހީކުރިޔަސް، ފިރިމީހާއާ އެކީގައި މަސައްކަތްކުރަން ފަސޭހަ ކަމަށެވެ. 

އިނާންއަކީ އެންމެ ބިޒީ އެއް ފަންނާނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސަބަބަކީ އޭނާ ބޭސިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަނީ ހަމައެކަނި ސްކައިރޮކްގައެއް ނޫނެވެ. ފަސީލައިވް، ރެވިއޯ އަދި ނަން ސިއްރުކޮށްފައިވާ ބޭންޑެއްގައި ވެސް އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.

ބޭންޑްގައި އެންމެ "އަޑުގަދަ މީހާ" އަކީ ހުރިހާ ގޮތުން ވެސް ޒަޔަން ކަމަށް ބޭންޑް އިއްތިފާގުވެ އެވެ. އޭނާ ބުނީ ހުރިހާ އެންމެންގެ މަސައްކަތް ބޭންޑުން ފެންނަނީ އެއްވަރަކަށް ކަމަށެވެ. 

"ރަނގަޅު އެއްޗެއް ނުކުންނަނީ ހުރިހާ އެންމެންގެ ހިޔާލުތައް އެއްކޮށްލައިގެން،" ޒަޔަން ބުންޏެވެ. 

ހުސެއިން އަކީ މަލްޓި އިންސްޓުރުމަންޓް ޕްލޭޔަރެއް. އޭނާ ކީބޯޑްގެ އިތުރުން ސެކްސަފޯން ކުޅޭ

ގިނަ މީހުން އުޅޭ ބޭންޑެއް ކަމުން ބޭންޑްގައި އޮންނަނީ އެކަކު ބޭނުންވާ ގޮތެއް ނޫނެވެ. އެކަމެއްގެ އެންމެ ރަނގަޅު ހިޔާލުދޭ އަދި އެންމެ ރަނގަޅު މިސްރާބު ދައްކާ މީހާގެ ކޮޅަށް އަރަނީ އެވެ.

ހުސެއިންއަކީ އެތައް އާލާތެއް ކުޅޭ ފަންނާނެކެވެ. ކީބޯޑްގެ އިތުރުން ސެކްސަފޯނު ވެސް ކުޅެ އެވެ. ހުސެއިން އަމާޒު ހިފާފައި ހުރީ ބޮޑު ޕްލެޓްފޯމަކަށް ސްކައިރޮކް ހަދާށެވެ. އަދި ކޮމްޕޯޒަރެއްގެ ގޮތުން ވެސް ކުރިއަށް ދާށެވެ.

އިނާން ވާނީ އެންމެ ބިޒީ އެއް މިއުޒިޝަނަށް. އޭނާ ހަތަރު ބޭންޑެއްގެ ބޭސިސްޓްގެ ގޮތުގައި މަސައްކަތް ކުރޭ

ޗަނާޗާގައި ބޭންޑްގެ އާ ލަވަތަކެއް އިއްވާނެ

މި މަހު 29 ގައި ހުޅުމާލޭ ޓްރެކް ދަނޑުގައި ބާއްވާ ބައިސްކޯފްގެ ޗަނާޗާގައި ސްކައިރޮކްގެ ފުރަތަމަ އަލްބަމްގެ ފަސް ލަވައެއް މުޅިން އަލަށް ކުޅޭނެ އެވެ. އެމީހުންގެ މި ލަވަތަކަށް ދަގަތްފާނަށް ދަގަނޑު ދަމާހެން ފޭނުން ދަމާނެ ކަމަށް ބެލެވެ އެވެ.

"އެއް ލަވައެއް ނޫން [ގިނަ ލަވަތަކެއް] އަޑުއިވޭނެ ޗަނާޗާގައި،" ފަރުހާން ބުންޏެވެ.

ޗަނާޗާ އަށް ތައްޔާރުވުމުގެ ގޮތުން ބައިސްކޯފުގެ ސްޓޫޑިއޯގައި ސްކައިރޮކް ޕްރެކްޓިސް ކުރަނީ

ފައިޒަން ބުނި ގޮތުގައި މިފަދަ ފުރުސަތެއް ބައިސްކޯފުން ދިނުމަކީ ވެސް ބޮޑު އުފަލެކެވެ. ދިވެހިންް އުފާކޮށްލަން ދިވެހިރާއްޖޭގެ ބިއްލޫރިކޮޅެއްހާ ސާފު މޫދާއި ހުދު ދޮންވެލިގަނޑު ނުލިބެންޏާ އެ ރީތިކަމުގެ ހަގީގީ އިހުސާސެއް ނުކުރެވޭނެ އެވެ. ހަމަ އެގޮތަށް މިފަދަ ޝޯތައް ނުބާއްވާ ނަމަ ދިވެހި ފަންނާނުންގެ ހިތްގައިމު މިއުޒިކް އަޑުއަހާލުމުގެ ހިތްހަމަޖެހުމެއް ވެސް ނުލިބޭނެ އެވެ. 

"ޗަނާޗާ އަކީ ވަރަށް ސަޅި ޕްލެޓްފޯމެއް. މި ކަހަލަ އިވެންޓްތައް ގިނައިން ބާއްވާ ނަމަ މިއީ ދިވެހި ހުނަރު ތަރައްގީވެ މިއުޒިޝަނުން އުފެއްދުމަށް ކުރެވޭ ބޮޑު ކޮންޓިރިބިއުޝަނެއް،" ފައިޒަން ބުންޏެވެ.

ކޮމެންޓް (3)

ލަވަ ހަސަނު

18 އޮކްޓޯބަރު 2022
ސްކައި ރޮކް ސަޅި
1 0

ނުވާލާ

18 އޮކްޓޯބަރު 2022
ހަމައެކަނި ސުރުޚީ ފެނުނީމަ ހީވަނީ ކޮންމެވެސް ރެސްޓޯރަންޓެއް ހުޅުވައިގެން އެތާ ކެއްކި ކާއެއްޗެެއްގެ ވާހަކަ ދެއްކިހެން!!!
1 1

ސަކީނާގެ ހިތްދަތިކަން

18 އޮކްޓޯބަރު 2022
@ނުވާލާ އެހެންވެ ބުނަނީ ހަމައެކަނި ސުރުހީ ނުކިޔާށެ ބްރޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް