މިއަދު ބޭއްވި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ (ފޮޓޯ/ވީއެމްސީ)

އެންމެ ކާމިޔާބު އަހަރު؛ ވިޒިޓް މޯލްޑިވްސް ކުންފުންޏަށް މިދިޔަ އަހަރު 32 މިލިއަން ރުފިޔާގެ އާމްދަނީއެއް

ޓޫރިޒަމް ރިސިޓްސް ނުވަތަ ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 5.57 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބިފައިވާ ކަމަށް ވީއެމްސީން ބުނި؛ މިއީ 2024އާ އަޅާބަލާއިރު %16 އިތުރު އަދަދެއް
1 ގަޑިއިރު ކުރިން

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އަށް އެންމެ ކާމިޔާބު އަހަރު ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ވީއެމްސީގެ އަހަރީ އާންމު ޖަލްސާ މިއަދު މީރުމާ ހޯލުގައި ބާއްވާފައިވާއިރު، އެ ކުންފުނިން ބުނީ ހުސްވި އަހަރަކީ ފާއިތުވި 9 އަހަރު ތެރޭ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

ތަފްސީލް - އެ ކުންފުނީގެ އަމިއްލަ މަސައްކަތުން ހޯދި އާމްދަނީއަށް 32.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އާމްދަނީ ލިބިފައިވަނީ މެމްބަޝިފް ފީ އާއި ޕަބްލިކޭޝަންތައް އަދި އެ ނޫން ވެސް އިތުރު ހަރަކާތްތަކުން ކަމަށް ވީއެމްސީން ބުންޏެވެ.

ވީއެމްސީން ބުނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް މިދިޔަ އަހަރު ގިނަ ހަރަކާތްތައް ހިންގި ކަމަށާއި ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިރު، ޓޫރިޒަމް ރިސިޓްސް ނުވަތަ ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 5.57 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %16 އިތުރު އަދަދެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބުނީ ކީކޭ؟ - މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ވީއެމްސީގެ ޗެއާމަން އަބްދުﷲ ގިޔާސް ވިދާޅުވީ 2025 ވަނަ އަހަރު ލިބުނު ކާމިޔާބީއަކީ ދާއިރާގެ ހުރިހާ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން، ސަރުކާރާއި ޓޫރިޒަމް ސިނާއަތް އަދި ސިނާއަތުގެ ބައިވެރިންނާއި ބަައިނަލްއަގުވާމީ ޕާޓްނަރުންގެ އެއްބާރުލުން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވުމަކީ ވިޔަފާރީގެ ގޮތުން ލިބުނު ކުރިއެރުމެއް ނަމަވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ދަމަހައްޓާ، ގައުމުގެ އިގްތިސޯދަށް އޭގެ މަންފާ ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - މިދިޔަ އަހަރު ރާއްޖެއިން ވަނީ ޖެހިޖެހިގެން ހަވަނަ ފަހަރަށް ދުނިޔޭގެ ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލުގެ އެވޯޑު ހޯދައިފަ އެވެ.

މީގެ އިތުރުން، ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ވީއެމްސީން ވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކްލަބު، ލިވަޕޫލާ އެކު އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ތިން އަހަރުގެ މުއްދަތަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބި ލިވަޕޫލްގެ އެތައް މިލިއަން ސަޕޯޓަރުންނަށް ރާއްޖޭގެ ބްރޭންޑު އިޝްތިހާރުވި ކަމަށް ވީއެމްސީން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް