ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް (ފޮޓޯ/ރައީސް އޮފީސް)

މަސްވެރިކަން

މަސް ފިނިކޮށް ރައްކާކުރެވޭ ކެޕޭސިޓީ 25،000 ޓަނަށް އިތުރު ކުރަނީ

މަސް ޕްރޮސެސް ކުރާ ކެޕޭސިޓީ ނުވަ ގުނަ އިތުރު ކުރުމަށް ވެސް ސަރުކާރުން އަމާޒުކުރޭ. ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް މަސްވެރި ސިނާއަތަށް ސަރުކާރަކުން ގެންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލު ކަމަށް

މަސްވެރިކަމުގެ ސިނާއަތަށް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ރައްކާކުރާނެ ކެޕޭސިޓީ މަދުވުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މި ސަރުކާރުގެ ފުރަތަމަ ފަސް އަަހަރު ނިމޭއިރު ރާއްޖޭގައި މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރު 8،500 ޓަނުން 25،000 ޓަނަށް އިތުރު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ އެކަށީގެންވާ ސްޓޯރޭޖު ކެޕޭސިޓީ ނެތުމަކީ ރާއްޖޭން ބޭނުންވާ އަގުގައި މަސް ބޭރު ކުރުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިފްކޯއަށް ކިރާ މަހުގެ ބޮޑު އިންސައްތައެއް ރޯމަހުގެ ގޮތުގައި ބޭރުކުރާއިރު އެ މަސް ވިއްކަން ޖެހެނީ ރާއްޖެއިން ބޭނުންވާ އަގަށްވުރެ ބޮޑަށް ގަންނަ މީހުން ބޭނުންވާ އަގުގައި ކަމަށެވެ.

"ރާއްޖެއަށް [މަސްވެރިކަން] ރަނގަޅު އަހަރެއްގައި މިފްކޯއަށްް މި ކިރަނީ 72،000 ޓަނު ކަމަށް ވަންޏާ [މަސް] ބޭރުކުރާއިރު ރޯ މެޓީރިއަލްގެ ގޮތުގައި ބޮޑު އަދަދެެއް މި ބޭރުކުރަނީ. ގާތްގަނޑަކަށް %65 ބޭރުކުރަނީ ރޯ މެޓީރިއަލްގެ ގޮތުގައި،" ޝިޔާމް ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރަން މަޖުބޫރު ކަމަށާއި ބާނާ މަސް ރައްކާކުރާނެ ކެޕޭސިޓީ ނެތުމުން ޖެހެނީ މަސް ބޭނޭ ވަރަކަށް އެ ބޭރުކުރަން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އަތުން [މަސް] ގަންނަ މީހުން، އެ މީހުންގެ ބޭނުން ނެތަސް ޖެހެނީ ބޭރުކުރަން، އެހެންވާތީ ޖެހެނީ އަޅުގަނޑުމެން ބޭނުންވާ އަގަށްވުރެ ބޮޑަށް އެ މީހުން ބޭނުންވާ އަގުގައި މަސް ބޭރުކުރަން،" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި މަސް ރައްކާކުރުމަށް މިވަގުތު ހުރި ތިން ފެސިލިޓީ ކަމަށްވާ ޅ. ފެލިވަރާއި ގއ. ކޫއްޑޫ އަދި ސ. ހުޅުދޫގެ ޖުމްލަ ކެޕޭސިޓީއަކީ 4،250 ޓަނެވެ. އަދި މިފްކޯގެ މަސްކިރާ ބޯޓުތަކާ އެކު ކެޕޭސިޓީއަކީ 8،500 ޓަނު ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މަސް ރައްކާކުރާނެ ސްޓޯރޭޖު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމް ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އެކަމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ:

  • ގދ. ތިނަދޫގައި މަސް ރައްކާ ކުރުމަށް 1،000 ޓަނުގެ ފެސިލިޓީއެއްގެ މަސައްކަތް އަންނަނީ ކުރަމުން. އެ މަސައްކަތް އަންނަ އަހަރުގެ މެދާ ހަމައަށް ނިމޭނެ

  • ގދ. ފިޔޯރީގައި 3،000 ޓަނުގެ މަސް ރައްކާކުރާ ފެސިލިޓީއަކާ އެކު 100 ޓަނުގެ މަސް ޕްރޮސެސް ކުރާ ފެސިލިޓީއެއް ގާއިމްކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު މަސައްކަތް ކުރަމުންދޭ

  • ގއ. ކޫއްޑޫގައި މިހާރު ރައްކާކުރެވެނީ 2،000 ޓަނު. އެ ރަށުގައި އިތުރު 4،000 ޓަނުގެ ސްޓޯރޭޖު ފެސިލިޓީ ގާއިމް ކުރުމަށް މާދަމާ ސޮއިކުރާނެ. އެއާއެކު ކޫއްޑޫގެ ސްޓޯރޭޖު ކެޕޭސިޓީ 6،000 ޓަނަށް އިތުރުވާނެ

  • ސ. ހުޅުދޫގައި މިހާރު ހުރީ 500 ޓަނުގެ ކެޕޭސިޓީ. އެ ރަށުގައި އިތުރު 500 ޓަނުގެ ކެޕޭސިޓީ ގާއިމް ކުރުމަށް އައިއެސްޑީބީގެ ފަންޑު މިފްކޯއަށް ވަނީ ލިބިފައި. އެ މަސައްކަތް 2026 ވަނަ އަހަރުގެ މެދާ ހަމައަށް ނިމޭނެ

  • ފ. ނިލަންދޫގައި 1،500 ޓަނު އަދި މ. މުލަކުގައި 500 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ގާއިމް ކުރާނެ. މުލަކުގައި ގާއިމް ކުރާ ސްޓޯރޭޖު ކެޕޭސިޓީގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުގެ އެހީގައި. އެ މަސައްކަތް ވަނީ ސައުދީ ކުންފުންޏަކާ ހަވާލުކޮށްފައި؛ އެއީ 300 ދުވަހުން ނިންމަން

  • ހއ. އިހަވަންދޫގައި 1،000 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ގާއިމް ކުރާނެ. އެ މަސައްކަތް ވެސް 2026ގެ މެދާ ހަމައަށް ނިމޭނެ

  • ޅ. ފެލިވަރުގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 800 ޓަނަށް ވުރެ މަދު. އެ ރަށުގައި މަސް ރައްކާކުރުމަށް 4،000 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރާނެ. މީގެ އިތުރުން މިހާރު 35 މެޓްރިކް ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއަށް 100 ޓަނު އިތުރު ކުރާނެ

"އިރާދަ ކުރެއްވިއްޔާ މިހާރު ރާއްޖޭގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ 8،500 ޓަނުން އިރާދަ ކުރެއްވިއްޔާ ބަދަލުވާނީ 25،000 ޓަނަށް. އަޅުގަނޑުމެން މި އިތުރު ކުރަނީ ގާތްގަނޑަކަށް 15،500 ޓަނު. ރައީސް މުއިއްޒުގެ ފުރަތަމަ ދައުރުގެ ފަސް އަހަރު ނިންމާލާނީ އިރާދަކުރެއްވިއްޔާ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާ އެކު،" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ޕްރޮސެސިން ކެޕޭސިޓީ ވެސް އިތުރު ކުރަނީ

ޝިޔާމް ވިދާޅުވީ ރާއްޖެއިން ބޭރުކުރާ މަހުގެ ބޮޑު ބަޔެއް ރޯމަހުގެ ގޮތުގައި ބޭރުކުރާތީ މަސް އެކްސްޕޯޓުކޮށްގެން އެކަށީގެންވާ އަގެއް ނުލިބޭ ކަމަށެވެ.

"އެ މަސް ރާއްޖޭގައި އަގު އެއްކޮށްގެން އަޅުގަނޑުމެންނަށް ބޭރުކުރެވޭ ނަމަ އަޅުގަނޑުމެންނަށް މަސް އެކްސްޕޯޓުކޮށްގެން ރާއްޖެއަށް ވައްދާ ބޭރު ފައިސާ އެތައް ގުނައެއް އިތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޕްރޮސެސިން ކެޕޭސިޓީ އިތުރު ކުރުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލް ވުމުން ރާއްޖެއަށް މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ދެގުނަ ނޫނީ ތިން ގުނަ އިތުރު ކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެގޮތުން:

  • ޅ. ފެލިވަރުގައި އިތުރު 100 ޓަނުގެ ޕްރޮސެސިން ކެޕޭސިޓީ ގާއިމް ކުރާނެ

  • ފ. ނިލަންދޫގައި 100 ޓަނުގެ ޕްރޮސެސިން ކެޕޭސިޓީ ގާއިމް ކުރާނެ

  • ގދ. ފިޔޯރީގައި 100 ޓަނުގެ ޕްރޮސެސިން ކެޕޭސިޓީ ގާއިމް ކުރާނެ

މިއާއެކު ރާއްޖޭގައި މަސް ޕްރޮސެސް ކުރާ ކެޕޭސިޓީ ނުވަ ގުނަ އިތުރު ވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ތާރީހުގައި ވެސް މަސްވެރި ސިނާއަތަކަށް ސަރުކާރަކުން ގެންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލު،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް