ފިނޭންސު މިނިސްޓްރީގެ އިމާރާތް (ފޮޓޯ/ފިނޭންސް މިނިސްޓްރީ)
އެސްއޯއީތަކުގެ ބަޖެޓު ޕީސީބީ އާއި ފިނޭންސަށް ހުށަހަޅަން ޖެހޭ ގޮތަަށް ހަދައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަހަރުގެ ބަޖެޓު ތައްޔާރުކުރުމަށް ފަހު، ރިވިއު ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީން އިއްޔެ ވަނީ މިކަމާ ގުޅޭ ހާއްސަ އުސޫލެއް އެކުލަވާލައި އެ އުސޫލާ ގުޅޭ ސާކިއުލާއެއް ނެރެފަ އެވެ.
ތަފްސީލު - ޕީސީބީގެ ސާކިއުލާގައިވާ ގޮތުން، އެ އުސޫލު ހަދާފައި ވަނީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތައް އަދި ވިޔަފާރީގެ އުސޫލުން ހިންގާ ތަންތަނުގެ ބަޖެޓު އެއްހަމައަކުން ދިރާސާކޮށް، ލުއިފަސޭހަ ކުރުމަށްޓަކައި އާންމު އުސޫލަކުން އަމަލު ކުރުމުގެ ބޭނުމުގަ އެވެ.
'ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު'ގެ ނަމުގައި ޝާއިއުކޮށްފައިވާ އެ އުސޫލުގައި:
-
އެ ތަންތަނުން ބަޖެޓު އެކުލަވާލުމުގައި ހަދަން ޖެހޭ އާންމު ދިރާސާތަކާއި ޕްރޮސެސް ކަނޑައަޅާފައިވާނެ ކަމަށް ސާކިއުލާގައި ބުނެފައިވޭ
-
ބަޖެޓު ރިވިއުކުރުމަށް ޕީސީބީ އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް ބަޔާންކޮށްފައިވާނެ
"2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަރުހަލާ ކުންފުނިތަކުން މިހާރު ފަށާފައިވާތީ، އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާ ގުޅޭ ލިޔުންތައް އެކުލަވާލަން ފަށާނީ 2026 ވަނަ" އަހަރުން ފެށިގެން ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.
ނަމަވެސް، އިއްޔެ އިން ފެށިގެން ބަޖެޓު ހާމަކުރުމުގެ މަސައްކަތާއި ބަޖެޓު ރިވިއު ފޮނުވުމުގެ މަސައްކަތްތާއި ބަޖެޓަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެ ހާލަތުގައި އާ އުސޫލަށް ރިއާޔަތް ކުރުމަށް ޕީސީބީން އަންގާފައިވެ އެވެ.
މި އުސޫލުގެ އަށް ވަނަ މާއްދާގައި ބުނި ގޮތުގައި، ފިނޭންސް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ބަޖެޓު ރިވިއު ރިޕޯޓު އެ މިނިސްޓްރީއަށް ކުންފުނިތަކުން ފޮނުވަން ޖެހެ އެވެ. އަދި ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ޖުލައި މަހު ޕީސީބީއަށް ބަޖެޓު ރިވިއު ރިޕޯޓު ހުށަހަޅަން ޖެހެ އެވެ.
އޭގެ އިތުރުން، ބަޖެޓުގައި ހިމަނަން ޖެހޭނެ މައުލޫމާތާއި ހުށަހަޅަން ޖެހޭ ޓެމްޕްލޭޓް ވެސް އުސޫލުގައި ހިމަނާފައިވެ އެވެ. އަދި ކޮންެމެހެން މަޖުބޫރީ ހާލަތެއްގައި މެނުވީ ކުންފުނިން ފާސްކޮށްފައިވާ ބަޖެޓަށް ބަދަލު ގެނެސްގެން ނުވާނެ ކަމަށް އުސޫލުގައި ބުނެ އެވެ.
ކޮމެންޓް