24 އޮކްޓޯބަރު 2024: ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަނީ (ފޮޓޯ/މަޖިލިސް)
މައްސަލަތައް ހައްލުކުރުމަށް ފަހު މާލީ ހިސާބުތައް އާންމުކޮށްފި
މިދިޔަ އަހަރު ދައުލަތުން ކޮށްފައިވާ ހަރަދުތައް ރެކޯޑު ކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު މާލީ ހިސާބުތައް މިއަދު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ ހަފްތާއެއްގެ ވެސް ދައުލަތުގެ ހަރަދާއި އާމްދަނީގެ ރިޕޯޓު އާންމުކުރުން ފިނޭންސް މިނިސްޓްރީ އިން މެދުކަނޑާލީ މިދިޔަ ޖޫން މަހު އެވެ. ޖޫން 20 ވަނަ ދުވަހުގެ ފަހުން އެ ރިޕޯޓުތައް އާންމު ކުރުން ހުއްޓާލާފައި އޮތީ ރީކޮންސިލިއޭޝަންގެ މަސައްކަތްތަކެއް ކުރިއަށްދާތީ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ތަފްސީލް - އާމްދަނީ އާއި ހަރަދުތަކުގެ ތަފާސްހިސާބު އާންމުކޮށް ފިނޭންސް މިނިސްޓްރީ އިން މިއަދު ބުނީ މިދިޔަ އަހަރުގެ ހަރަދުގެ ތެރެއިން ރިކޯޑުނުކޮށް އޮތް ކަމަށް ފާހަގަވެފައިވާ 2 ބިލިއަނެއްހާ ރުފިޔާގެ ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް އޮޑިޓް އޮފީހުން ކުރަމުންދާ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ހަރަދުތަކުގެ އަދަދުތަކަށް ބަދަލު އަންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެ އަހަރެއްގެ ހަރަދު އެ އަހަރެއްގެ މާލީ ހިސާބުތަކުގައި ހިމެނުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ 2023 ވަނަ އަހަރުގެ ހަރަދުތައް އެ އަހަރުގެ މާލީ ހިސާބުތަކުގައި ހިމަނާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީ އިން މިއަދު ވަނީ ޖޫން މަހުން ފެށިގެން މިއަދާ ހަމައަށް ފާއިތުވި ހުރިހާ ހަފްތާއެއްގެ ވީކްލީ އަޕްޑޭޓު އާންމުކޮށްފަ އެވެ.
އެންމެ ފަހުގެ ވީކްލީ އަޕްޑޭޓަށް ބަލާއިރު:
-
ދައުލަތުގެ ހަރަދުތައް ހުރީ 37 ބިލިއަން ރުފިޔާގައި
-
އާމްދަނީ އާއި ހިލޭ އެހީއަށް 28 ބިލިއަން ރުފިޔާ ލިބިފައިވޭ
-
ލޯނު ދެއްކުމަށް 2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
-
ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވަނީ 7.9 ބިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް 9.6 ބިލިއަން ރުފިޔާ ޕީއެސްްއައިޕީއަށް ހޭދަކޮށްފައިވޭ
-
އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހާއްސަ ބަޖެޓުން؛ އެއީ 11 ބިލިއަން ރުފިޔާ
-
މުސާރަ އާއި އިނާޔަތްތަކަށް 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ، މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ހޭދަވީ 8.9 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު
މުސާރައަށް ކުރާ ހޭދަ އިތުރުވެފައި ވަނީ ސިފައިންނާއި ފުލުހުން އަދި ކުރިން މުސާރަ އެއްގޮތް ކޮށްފައިވާ އެހެނިހެން ދާއިރާތަކުގެ މުސާރައަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަރަދުތައް ނިސްބަތުން ހިފެހެއްޓިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މުޅި ހަރަދަށް އިތުރުވެފައިވަނީ 700 މިލިއަން ރުފިޔާ ކަމަށެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހުސްނުވާ ކަމަށާއި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރީ މި އަހަރަށް ބަޖެޓު ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް އަންދާޒާކުރެވޭތީ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ކޮމެންޓް (1)
ސިކުނޑި