ޕީސީބީގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި:(ފޮޓޯ/މަޖިލިސް)
ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް؛ ޑޮލަރުން މުސާރަ ދިނުން މަނާ
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމްދަނިީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލާ، ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ކުންފުނިތަކަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ނިންމިކަން އަންގައި ޕީސީބީން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިޔުލާގައި ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެކަމަށް އެއްބާރުލުން ދިނުމަށް ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން ވެސް ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ސާކިއުލާގައި ފާހަގަކުރި އެވެ.
ތަފްސީލް - ސަރުކާރުގެ ވިޔަފާރި ތަންތަނާއި ކުންފުނިތައް އަދި އެ ކުންފުނިތަކުގެ ސަބްސިޑަރީތަކުން ހަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރު ހަރަދާއި މުވައްޒަފުންގެ ހަރަދު ކުޑަކުރަން އަންގާފައިވެ އެވެ.
އެގޮތުން ދަތުރު ހަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
-
ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަން ޖެހޭ ރަސްމީ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް މިވަގުތަށް ނުކުރުން
-
ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
-
ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތައް ހަ ގަޑިއިރަށް ވުރެ ދިގު ނުވާ ނަމަ ފަސްޓް ކްލާހުން ދަތުރު ނުކުރުން
-
ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދީގެން ކުރާ ދަތުރުތަކުގައި ކުންފުނިން ކުރަން ޖެހޭ ހަރަދުތައް ވީހާވެސް ކުޑަކުރުން
-
ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަން ޖެހޭ ދަތުރުތައް ފެރީގައި ކުރުން
-
އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެ ގޮޮތަށް ދަތުރު އިންތިޒާމު ކުރުން
-
ކުންފުންޏަށް ސީީދާ ގޮތުން ފައިދާވާ ފެއާތަކާއި މަހާސިންތާތަކުގައި ނޫނީ ބައިވެރި ނުވުން
މުވައްޒަފުންގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ނަމަވެސް ކުންފުނި ހިންގުމަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނޫނީ އެހެން މުވައްޒަފުން ނުނަގަން ވެސް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން ޕީސީބީގެ ހުއްދައާ އެކު ނޫނީ މުވައްޒަފުުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން ވެސް އެންގި އެވެ.
މީގެ އިތުރުން:
-
ރަސްމީ ގަޑީގައި މަސައްކަތް ނިންމޭނެހެން މަސައްކަތްތައް ރޭވުމާއި ކޮންމެހެން ބޭނުންވެގެން ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން
-
ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރަ އާއި އިނާޔަތް ދިނުން ހުއްޓާލުން
-
ތަމްރީނުތައް ހިންގަން ކުންފުނީގެ ކަމާ ގުޅުން ހުރި މުވައްޒަފުންނާއި ރާއްޖެއިން ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރުން
މީގެ އިތުރުން ކަރުދާހުން ކުރާ މުއާމަލާތްތައް ކުޑަކޮށް، ޑިޖިޓަލްކޮށް މުއާމަލާތް ކުރުން އިތުރު ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ. ހަފްލާތަކުގެ ރިފްރެޝްމެންޓުތަކަށް ކުރާ ހަރަދުތައް ކުޑަކޮށް ސީއެސްއާރާއި ސްޕޮންސާޝިޕްތަކަށް ކުރާ ހަރަދުތައް ކުޑަކުރަން ވެސް ވަނީ އަންގައިފަ އެވެ.
ފާހަގަ ކުރެވޭ - ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ބައެއް ކުންފުނިތައް އުވާލަން ނިންމާފައިވާއިރު އެއްކަހަލަ މަސައްކަތް ކުރާ ކުންފުނިތައް އެއްކޮށްލަން ވެސް ވަނީ ނިންމައިފަ އެވެ.
ކޮމެންޓް