އިކޮނޮމިކް މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސްް އޮފީސް)
ފޮރިން އިންވެސްޓުމެންޓުގެ އާ ގާނޫނަކީ އިންވެސްޓަރުުންނަށް ކުރިއެރުމެއް: ސައީދު
ފޮރިން އިންވެސްޓުމެންޓުގެ ގާނޫނަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށާއި ރާއްޖޭގައި އިންވެސްޓުކޮށްގެން ތިބި ބޭރުގެ ވިޔަފާރިވެރިންނަށް ލިބުނު ކުރިއެރުމެއް ކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރު މުހައްމަދު ސަައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 22ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފޮރިން އިންވެސްޓުމެންޓާ ބެހޭ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ބިލު ގާނޫނަކަށް ވުމާ އެކު ރާއްޖޭގައި މި ޒަމާނަށް ފެތޭ ފޮރިން އިންވެސްޓުމެންޓާ ބެހޭ ގާނޫނެއް އޮންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މީގެ ކުރިން ރާއްޖޭގައި އަމަލު ކުރަމުން ދިޔައީ 1979 ވަނަ އަހަރު އެކުލަވާލާފައިވާ ފޮރިން އިންވެސްޓުމެންޓާ ބެހޭ ގާނޫނަކަށެވެ. އަލަށް އެކުލަވާލާފައިވާ ގާނޫނަށް އަމަލު ކުރަންޖެހޭނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ.
ތަފްސީލް - ފޮރިން އިންވެސްޓުމެންޓުގެ ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ގައުމެއްގެ ކަންކަން ދެ ފުށް ފެންނަ ގޮތަކަށް ކުރުމާއި ވާނެ ކަންކަން ޔަގީންވުމަކީ އެފަދަ ގާނޫނެއް އަންނައިރު އޮންނަން ޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވިޔަފާރި ފުޅާކޮށް، އިގްތިސޯދު ކުރިއެރުވުމަށް ބޮޑެތި ވައުދުތަކާ އެކު ކަމަށެވެ.
"ވިޔަފާރި ފުޅާކުރުމާއި ރާއްޖެ އަކީ ވިޔަފާރި ކުރަން ފަސޭހަ ތަނަކަށް ހެދުމާއި ރިއަލް އެސްޓޭޓު ފަދަ ދާއިރާތަކަކީ ވެސް ވިޔަފާރީގެ ދާއިރާއަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު މުހައްމަދު އުޝާމް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އޮތް ފޮރިން އިންވެސްޓުމެންޓުގެ ގާނޫނަކީ އެ ޒަމާނަށް ބަލާއިރު ވެސް ފުރިހަމަ ގާނޫނެއް ކަމަށެވެ.
"ނަމަވެސް އެ ގާނޫނަކީ މިއަދު ރާއްޖޭގެ ހާލަތުގައި އިންވެސްޓުކުރަން އަންނަން ބޭނުންވާ ފަރާތްތަކަށް އެ ލިބެން ޖެހޭ ހައްގުތަކާއި ރައްކާތެރިކަމަށް ބަލާއިރު އެންމެ ރަނގަޅު ގާނޫނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ފޮރިން އިންވެސްޓުމެންޓުގެ ގާނޫނު ޒަމާނަށް ފެއްތުމުގެ މަސައްކަތް އެކި ސަރުކާރުތަކުން ކުރަން ފެށި ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖެ އަކީ އިންވެސްޓަރުންނަށް ފަހި ގައުމަކަށް ހެދުމަށް ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރެއްވި ގާނޫނު އެކުލަވާލާފައިވަނީ:
-
ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް އެކުލަވާލުމަށް
-
އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތައް އެކުލަވާލުމަށް
-
އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތައް ބަޔާންކުރުމަށް
ގާނޫނުގެ މަގުސަދަކީ، ރާއްޖޭގައި ބޭރުގެ އިންވެސްޓުމެންޓުތައް އިތުރުކޮށް، އެ އިންވެސްޓުމެންޓުތައް މެދުވެރިކޮށް ރާއްޖެ އަށް ކެޕިޓަލް އާއި ޓެކްނޮލަޖީ އަދި އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް ގާއިމް ކުރުމެވެ.
އެ ގާނޫނުގެ ދަށުން ރާއްޖޭގެ އިގްތިސޯދު ތަރައްގީ ކުރުމަށް ރާވާފައިވާ ކަންތައް:
-
ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން އުފައްދައި އެ ޝައުގުވެރިކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މައިދާނުގައި އިންވެސްޓުމެންޓު ޕްރޮމޯޓު ކުރުމަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން
-
ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތަކާއި އިންވެސްޓު ކުރެވޭނެ ޝަރުތުތައް ކަނޑައެޅުން
-
ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުން
-
ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ އިންވެސްޓަރުންގެ އިންމާ އާއި އެފަރާތްތަކަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުން؛ ގާނޫނާއި ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުން
ގާނޫނުގެ ދަށުން ރާއްޖޭގައި ބޭރުގެ އެއްވެސް އިންވެސްޓުމެންޓެއް ކުރެވޭނީ، އެ ގާނޫނުގެ ދަށުން ކަނޑައަޅާ ދާއިރާތަކުގައި އިންވެސްޓުކުރަން ހުއްދަ ހޯދައިގެންނެވެ.
ހުޅުވާލެވިފައިވާ ދާއިރާތަކުން އަދި ޝަރުތުުތަކަކާ އެކު އިންވެސްޓު ކުރެވޭނެ ދާއިރާތަކުން އިންވެސްޓު ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށް ވެސް އިންވެސްޓު ނުކުރެވޭނެ ދާއިރާތަކާއި ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ނޫނީ އިންވެސްޓު ނުކުރެވޭނެ ދާއިރާތައް ކަނޑައަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓަރެވެ.
އެ ދާއިރާތައް ނޫނީ ހުރިހާ ދާއިރާތަކެއްގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ގާނޫނުގެ ދަށުން އިންވެސްޓު ކުރުމުގެ ހުއްދައަށް އެދެވޭނީ:
-
ބޭރު ގައުމެއްގެ ރައްޔިތުން
-
ހަމައެކަނި ބިދޭސިން ހިއްސާވާ ކުންފުނި
-
ދިވެހިންނާއި ބިދޭސީން އެކުގައި ހިއްސާވާ ކުންފުނި
-
ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން %100 ދިވެހިން ހިއްސާވެގެން ރާއްޖެއިން ބޭރުގައި އުފައްދާފައިވާ ކުންފުނި
-
ރާއްޖޭގައި ގާއިމްވެފައިވާ ބިދޭސިން ހިއްސާވާ ޕާޓްނާޝިޕް
-
ރާއްޖޭގައި ގާއިމްވެފައިވާ ބިދޭސިން ހިއްސާވާ ކުންފުނި
-
ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް
-
ދިވެހިންނާއި ބިދޭސީން ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ އެރޭންޖުމެންޓުތައް
-
ބޭރުގެ ޖަމާއަތްތައް
-
އެހެން ގައުމެއްގައި، އެ ގައުމެއްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ވަކި ގާނޫނީ ޝަހުސުތައް
ފޮރިން އިންވެސްޓުކުރުމުގެ ލައިސަންސް ދިިނުމާއި ލައިސަންސް ހިފެހެއްޓުން އަދި ބާތިލް ކުރުމާ ގުޅޭ މާއްދާތައް ވެސް ގާނޫނުގައި ވަނީ ހިނަނައިފަ އެވެ.
ގުޅުން ހުރި - ބަންޑާރަނައިބު އުޝާމް މިއަދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ކޮމެންޓް (1)
ކިލަމަންޑާ