ދައުލަތުގެ ޓެކްސް އިދާރާ މީރާ ހުންނަ ފިނޭންސް މިނިސްޓްރީ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މީރާ

ބޭންކުތަކުން ދުރާލާ ޓެކުހެއް ދެއްކުމުން މީރާގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ޖެނުއަރީ 2025އަށް ސުންގަޑި ހަމަވާ އިންޓެރިމް އިންކަމް ޓެކްސް މިދިޔަ މަހު ދެއްކުމުން، މީރާއަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ %16.7 ބޮޑު އަދަދެއް ވަނީ ލިބިފައި
15 އޯގަސްޓު 2024

ބޭންކުތަކުން އަންނަ އަހަރު ދައްކަން ޖެހޭ ޓެކުހެއް އެއަށް ވުރެ ކުރިން ދެއްކުމުން މީރާއަށް މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މީރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައިގައި އެ އިދާރާއަށް 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ބަލައިގެންފަ އެވެ.

އެއީ ޖުލައިގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ %16.7 ބޮޑު އަދަދެކެވެ.

ތަފްސީލު - އާމްދަނީ އިތުރުވި އެއް ސަބަބަކީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޭންކުތަކުން މި އަހަރުގެ ދެ ވަނަ އިންޓެރިމް އިންކަމް ޓެކްސް ދެއްކުމެވެ. އެ ޓެކްސް ދައްކަން އަސްލު އޮތް ސުންގަޑިއަކީ ޖެނުއަރީ 2025 އެވެ.

ބޭންކުތަކުން ދުރާލާ އެ ޓެކްސް ދެއްކީ ސަރުކާރުން އަންގައިގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް އެކަން ޔަގީންކޮށްދޭން ބޭންކުތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ޖުލައިގައި މީރާގެ އާމްދަނީ

މީރާއަށް ޖުލައިގައި ލިބޭނެކަމަށް ލަފާކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، އެއީ ޖުލައި 2023އާ އަޅާބަލާއިރު %17.1 ދަށް އަދަދެކެވެ. އާމްދަނީ ދަށްވި ސަބަބަކީ، ޖޫން 2023އަށް ދައްކަން ޖެހޭ ބައެއް ޓެކްސްތައް ޖުލައި 2023އަށް ފަސްކޮށްދިން ނަމަވެސް، މިއަހަރު އެ ގޮތަށް ފަސްކޮށްދީފައި ނެތުމެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ ހުންނަ ފިނޭންސް މިނިސްޓްރީ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިދިޔަ މަހު މީރާގެ އާމްދަނީ ބެހުނު ގޮތް

  • އިންކަމް ޓެކްސް - 1.4 ބިލިއަން ރުފިޔާ (އާމްދަނީގެ %50.07)

  • ޖީއެސްޓީ - 977 މިލިއަން ރުފިޔާ (އާމްދަނީގެ %33.33)

  • ޓޫރިޒަމްގެ ބިމު ކުލި - 116 މިލިއަން ރުފިޔާ (އާމްދަނީގެ %3.96)

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 77.8 މިލިއަން ރުފިޔާ (އާމްދަނީގެ %2.65)

  • ޑިޕާޗާ ޓެކްސް - 75 މިލިއަން ރުފިޔާ (އާމްދަނީގެ %2.56)

މީގެ އިތުރުން ޖުމްލަ އާމްދަނީގެ %7.4 ހިއްސާކޮށްފައިވަނީ އާމްދަނީގެ އެހެނިހެން ބައިތަކުންނެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 75.7 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. މިއީ ޖުލައި 2023ގައި ޑޮލަރުން ލިބުނު 104.8 މިލިއަނާ އަޅާބަލާއިރު %27 ދަށް އަދަދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް