ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)
އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ޗައިނާގެ އެހީ ލިބޭނެ: ޒަމީރު
ރާއްޖޭގެ އިގްތިސޯދު މިވަގުތު އޮތް ހާލަތު ގަބޫލު ކުރައްވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒަށް ފޮނުއްވި ނޯޓެއްގައި ވިދާޅުވި ކަމަށާއި ރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އަސްލު ޓީވީ'ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެންމެ ފަހުުން ޗައިނާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވި އިރު އަލްވަދާއު ކިޔުމަށް ވަޑައިގެންނެވި ޗައިނާ ސަރުކާރުގެ އޮފިޝަލުން، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ ނޯޓެއް ރައީސް މުއިއްޒަށް ރައްދު ކުރުމަށް ހަވާލު ކުރެއްވި ކަމަށެވެ.
ތަފްސީލް - ރައީސް މުއިއްޒަށް، ޗައިނާގެ ރައީސް ފޮނުއްވި ނޯޓުގައި، ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ހަލަތު މިހާރު އޮތް ހާލަތުން ބަދަލުވާނެ ކަމަށް ރައީސް ޝީ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މި ވަގުތީ ގޮތުން ދިމާވެފައިވާ ކަންތައްތަކުގައި ޗައިނާ ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނަމޭ،" އެ ނޯޓާ ހަވާލާ ދެއްވައި ޒަމީރު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏާއި އެ ދަރަންޏަށް އަރާ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދައްކަން ނުޖެހޭ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ.
ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކަ އެވެ. މިއީ ރާއްޖޭގެ ބޭރު ދަރަނީގެ %20 އެވެ.
ގުޅުން ހުރި - ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް މިނިސްޓަރު ޒަމީރު އެ ގައުމަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުގައި އޭނާ ވަނީ ޗައިނާގެ ބޭންކުތަކާ ވެސް ބައްދަލުކުރައްވާފަ އެވެ.
ޗައިނާގެ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފޫލިންއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ފަހުގެ އިގްތިސާދީ އަދި މާލީ މައުލޫމާތު ޒަމީރު ދެއްވި އެވެ. އަދި ރައީސް މުއިއްޒުގެ އިސްލާހީ ޕްރޮގްރާމާއި މުސްތަގުބަލުގައި އެ ބޭންކާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.